Vote Karudhaas Thah Miadhu Nahthaalanee
image
އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---
0 ކޮމެންޓް
 

ވޯޓު ކަރުދާސްތައް މިއަދު ނައްތާލަނީ

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްތައް މިއަދު ނުވަތަ މާދަމާ ނައްތާލަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އެމްއެންޑީއެފްގެ ފަޔާރ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު މިއަދު ނުވަތަ މާދަމާ އެކަރުދާސްތައް ނައްތާލަން ނިންމާފައިވާކަމަށެވެ.

ޝަރީފް ވިދާޅުވީ، ވޯޓު ކަރުދާސްތައް މިހާ ގިނަ ދުވަސްތަކެއް ވަންދެން ނައްތާނުލާ ބަހައްޓާފައިވަނީ އިންތިހާބާއި ގުޅޭގޮތުން ސްޕްރީމު ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންކަމަށެވެ.

"މި އިންތިހާބާއި ބެހޭ ގޮތުން ޝަރީއަތަށް ނުވަތަ ސުޕްރީމު ކޯޓަށް މައްސަލައެއް ހުށަހެޅި އެމައްސަލަ ނިމި އަދި އޭގެ ފަހުން ވެސް ގާތްގަނޑަކަށް ގާނޫނީ ގޮތުން ބަހައްޓަން ޖެހޭ މުއްދަތު ފާއިތުވެ މިހާރު އެތައް ދުވަހެއް ހިނގައްޖެ." ޝަރީފް ވިދާޅުވިއެވެ.

އިންތިހާބާއި ގުޅޭ ލިޔެކިޔުންތަކާއި ވޯޓުލީ މީހުންގެ ރަޖިސްޓްރީ ފަދަ ލިޔެކިޔުންތައް ނައްތާލާފައި ނުވާނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ވޯޓު ކަރުދާސްތައް ނައްތާލަން ނިންމާފައިވާކަމަށް ޝަރީފް ވިދާޅުވެފައިމިވަނީ ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސްތައް ނައްތާލުމުގެ ކުރިން ކަރުދާހުގައި ޖަހާ ފާހަގަ ދުވޭތޯ ބަލަން ބާކީހުރި ހުސް ކަރުދާހުގައި ފާހަގަ ޖެހުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމަށް ގަސްތުކުރައްވާކަމަށް މީގެކުރިން އޭނާ ވިދާޅުވެފައިވަނިކޮށެވެ.
ހިޔާލު