Mifco dhe vana faharah bangurootuvun, vee goi haamakurey!
image
މިފްކޯ މަސްފިހާރަ: އެ ކުންފުނި ވަނީ ދެ ވަނަ ފަހަރަށް ބަނގުރޫޓުވެފައި.
0 ކޮމެންޓް
 

މިފްކޯ ދެ ވަނަ ފަހަރަށް ބަނގުރޫޓުވުން، ވީގޮތް ހާމަކުރޭ!

ރާއްޖޭގެ ދެ ވަނަ އަށް އެންމެ ބޮޑު އިންޑަސްޓްރީ އަކީ މަސްވެރި ކަމެވެ. މިފްކޯ އަކީ އެ އިންޑަސްޓްރީ އަށް އަމާޒުކޮށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ؛ ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރުމަށް މަޝްހޫރު ގައުމުގެ، މަސް ކުންފުންޏެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތުގައި އެ ކުންފުނި ހިންގުމަށް މި ވަނީ ސަރުކާރުން ނުކުޅެދިފަ އެވެ. ދެ ވަނަ ފަހަރަށް ކުންފުނި ބަނގުރޫޓުވުމުން މިކަން ފެނި ހާމަވީ އެވެ.
މައްސަލަ އަކީ ކޮބައި ހެއްޔެވެ؛ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވެއްޓުނީ ހެއްޔެވެ؟ ނުވަތަ ހިންގުމުގެ މައްސަލައެއް ހެއްޔެވެ؟ ނުވަތަ ކޮރަޕްޝަން އިންތިހާ އަށް ދިޔައީ ހެއްޔެވެ؟ - މި ސުވާލުތަކުގެ ޖަވާބު އެ ކުންފުނީގެ އިސް ވެރިން، ދިވެހި ރައްޔިތުންނަށް ދޭން މިހާރު ލަސްވެއްޖެ އެވެ؛ ނަމަވެސް އަދިވެސް އެކަމެއް ނުކުރެ އެވެ. މައުލޫމާތު ހޯދަން އެ ކުންފުނީގެ ވެރިންނަށް ގުޅުމުން ފޯނަށް ޖަވާބެއް ވެސް ނުދެއްވަ އެވެ.

ނަމަވެސް އަޅުގަނޑުމެންނަށް އެނގޭ، މިހާތަނަށް ހާމަވެފައިވާ މައުލޫމާތުތަކަށް ބަލާލަމާ ހިނގާށެވެ. މީގެ ފަސް ވަރަކަށް އަހަރު ކުރިން 334 މިލިޔަނަށް ވުރެ ބޮޑު ދަރަންޏަކާއި އެކު އެ ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލު ކުރީ އެވެ. ދަރަނީގެ ބޮޑު ބަޔަކީ، އެސްޓީއޯ އަށް، މިފްކޯ އިން ދައްކަން ޖެހި ނުދެއްކިވާ ފައިސާ ކަމަށް ވެއެވެ. އެސްޓީއޯގެ ދަށަށް އެ ކުންފުނި ގެންގޮސް، އާ ފެށުމަކުން ފެށީ އެވެ.

އޭރު އޮތް ބޮޑު ދަރަނި ސަރުކާރުން އަދާކޮށްދީ ނިންމި އެވެ. ދަރަނީގައި އޮތް ކުންފުނީގެ ހުރިހާ ދަރައްޖެއް ސަރުކާރުން ދައްކައިދީ، ފައިދާ ނެރުމަށް އިންވެސްޓް ކުރާނެ ފައިސާ ވެސް ސަރުކާރުން ދިނެވެ. ނަމަވެސް އަނެއްކާ މިއޮތީ ކުރީގެ މާޒީ އަށް އިޔާދަ ވެފަ އެވެ.

2013 ވަނަ އަހަރުން ފެށިގެން މިފްކޯ އަށް ސަރުކާރުން ދިން ފައިސާ:

- ނެގެޓިވް ރައުސުލްމާލު ޕޮޒިޓިވް ކުރުމަށް 334 މިލިޔަން ރުފިޔާ.
- މަސްވެރިކަން ކުރިއެރުވުމަށް އުފެއްދި 100 މިލިޔަން ރުފިޔާގެ ފަންޑަށް ސަރުކާރުން ދިން 50 މިލިޔަން ރުފިޔާ.
- ކުންފުނި ހަރުދަނާކޮށް މާލީ ހާލަތު ރަނގަޅު ކުރުމަށް 142 މިލިޔަން ރުފިޔާ.
- 100 ޕަސެންޓް ވެލިއު އެޑިޝަނަށް މިފްކޯ ގެންދިއުމަށް 15 މިިޔަން ޑޮލަރު (232 މިލިޔަން ރުފިޔާ). މީގެ ތެރެއިން ތިން މިލިޔަން ޑޮލަރު މިހާރު ވަނީ ދީފައި. ބާކީ 12 މިލިޔަން ޑޮލަރު ދިނުމަށް ވަނީ ތައްޔާރުވެފައި.

މަތީގައި ބުނެފައިވާ ފައިސާގެ ޖުމްލަ 750 މިލިޔަން ރުފިޔާ އަށް ވުރެ ބޮޑެވެ. މިއީ މިހާ ބޮޑު އަދަދެއް ހޭދަކޮށްގެން ސަރުކާރު ކުންފުންޏެއް ސަލާމަތް ކުރަން އުޅޭ ފުރަތަމަ ފަހަރު ކަމަށް ވެދާނެ އެވެ. ނަމަވެސް މިއީ ހައްލެއް ހެއްޔެވެ؟ ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ކުރިއަށް ނުގެންދެވޭނަމަ ހުއްޓާލުމަށް ފަހު، މަސްވެރިންނަށް އެހެން ގޮތްތަކެއް ހޯދައިދޭން މިހާރު މި ވަނީ ލަސްވެފަ އެވެ.

ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާގައި ޕްރައިވެޓް ކުންފުނިތައް ވެސް ހަރަކާތްތެރިވަމުން ދާއިރު، އޭގެ ތެރެއިން ގިނަ ކުންފުނިތަކަކީ ފުދުންތެރި ކުންފުނިތަކެކެވެ. ސަރުކާރު ކުންފުންޏަށް ހިންދެމިނުލެވެންވީ ސަބަބެއް ނެތެވެ. ހެޔޮ ނިޔަތުގައި މަސްވެރިންނަށް ހެޔޮ އެދިގެން ވިޔަފާރި ކުރާ ނަމަ، ކުންފުނި ކޮޅަށް ނުޖެހެންވީ ސަބަބެއް އޮތް ކަމަކަށް ނުފެނެ އެވެ.

މިފްކޯގެ މާލީ އެއްވެސް ދިރުމެއް ނެތްކަން ހާމަވީ އިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެސްޓީއޯ އިން ވަނީ އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރެވިފައި ކަމަށް ބުނެފަ އެވެ. ނަމަވެސް އޭރު އެކަމާ ގުޅޭ އެއްވެސް ތަފާސްހިސާބެއް ހާމައެއް ނުކުރެ އެވެ؛ މިއަދާ ހަމަ އަށް ވެސް އެކަން ވެފައި އޮތީ އެސްޓީއޯ އިން ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެލި ބުނެލުމަކަށެވެ.

ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މިފްކޯ އަކީ ހުރިހާ ސަރުކާރަކުން ވެސް ޒިންމާވެފައި އޮތް ކުންފުންޏެކެވެ. ނަމަވެސް އެހެން އެއްވެސް ސަރުކާރަކުން އެ ކުންފުންޏަށް މި ސަރުކާރުގައި ހޭދަކުރި ވަރާ ގާތަށް ވެސް ހަރަދު ކޮށްފައި ނުވާކަން ފާހަގަ ކުރެވެ އެވެ.

ސަރުކާރުން އެ ކުންފުންޏަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރިކަން ރޭ ފިނޭންސް މިނިސްޓްރީން ހާމަކުރި އިރު، އެ ކުންފުނި އިންތިހާ އަށް ސިޔާސީ ވެފައިވާ ކަމަށް އެ ކުންފުނީގެ ގިނަ މުވައްޒަފުން ބުނެ އެވެ. އެގޮތުން ސިޔާސީ ކަންކަމަށް އެ ކުންފުނިން އެތައް މިލިޔަނެއް ހަރަދު ކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ފަރާތަތްކުން ކުރެ އެވެ.

ވާނީވެސް އެހެންތާ އެވެ؛ އެ ކުންފުނީގެ ސީއީއޯ އަދުލީ އަކީ ރައީސް ޔާމީނުގެ އިންތިހާބީ އެޖެންޓެވެ. އަދި އޭނާ އުޅުއްވީ އިންތިހާބުގެ ތެރޭގައި އުޅުއްވީ ކުންފުނި ބަނގުރޫޓުވަމުން ދިޔަ އިރު، ރައީސް ޔާމީނުގެ ކެމްޕޭނުގައި ކަމަށް ގިނަ މީހުން ބުނެ އެވެ.

ކަމާބެހޭ ފަރާތްތަކުން މި ކަން ރަނގަޅަށް ބަލަން ޖެހެ އެވެ. ދާދި ފަހުން ނިދިން ހޭލި އޭސީސީ ފަދަ ވުޒާރާތަކުން މިހާރުން މިހާރަށް މި މައްސަލަތުގެ ތެރެއަށް ވަންނަން ނުޖެހޭ ހެއްޔެވެ؟ ސަރުކާރުން އެތައް ސަތޭކަ މިލިޔަން ރުފިޔާ އެއް މިފްކޯގެ "ފޫނެތް ފަޔަށް ފެން ފުރައިދޭން" ހޭދަކު އިރު އެ ފައިސާ އަށް ވީ ގޮތެއް ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭނެ އެވެ.
ހިޔާލު