Firumaaladheyshey, Episode 60
image
ފިރުމާލަދޭށޭ..
ފުނަމާ
1 ކޮމެންޓް
 

ފިރުމާލަދޭށޭ..

60 ވަނަބައި
މޭޒުމަތީގައި ބަރިޖަހައިލާފައިވާ ފައިލްތައް މާޔާގެ ލޮލުގައި އަޅައިގަތެވެ. އޮފީހުން ނިކުތްއިރަކު އެ ފައިލްތަކެއް ނެތެވެ. މަތިން ތިރިއަށް އަދި ތިރިން މައްޗަށް ފައިލްތަކުގައި އިނގިލިތަކުން މިއުޒިކެއް ކުޅެލަމުން ތުންދަމާލިއެވެ. އެމަންޒަރު ބަލަން މީހަކު އިންނާނެކަން އިނގޭތީ، ވަރަށް ފަރުވާކުޑަގޮތަކަށް ގޮނޑީގައި އިށީނެވެ. މޭޒުމަތީގައި އިން ފޯނު ރިންގުވީ އެވަގުތުއެވެ.

"ވަރަށް މުހިއްމު މަސައްކަތްތަކެއް ނިންމަންޖެހޭ ދުވަހެއް މިއަދުމިއީ.. މާދަމާގެ ވަރަށް ހެނދުނާއި މީރާއަށް ހުރިހާ ތަފްސީލެއް ފޮނުވަންޖެހޭ.. ރަސްމީ އުސޫލުން އިތުރުގަޑިވެސް ހަމަޖައްސައިދޭނަން.. މިއަދު ތި މަސައްކަތްތައް ނިންމާލަދެއްޗޭ.." މާޔާ އެއްޗެކޭ ބުނޭތޯ ޒިޔާން މަޑުކޮށްލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނުމުން، އަނެއްކާވެސް ވާހަކަދެއްކިއެވެ.

"އެކަމަކު މާޔާގެ މަންމައަށް ޚިދުމަތްކުރުމަށް އާންމުކޮށް ދީފައި އޮންނަ 'ލުއި' ހަމައެގޮތަށް ބޭނުންކުރެވޭނެ.. ގެއަށް ދާގަޑިތަކަށް ދެވޭނެ.. ނަމަވެސް ރޭގަނޑު ނިކުމެގެން ނަމަވެސް ހުރިހައި މަސައްކަތެއް ނިންމާފައި، ހެނދުނުގެ މީޓީންއަށް ރިޕޯޓް ހުށަހެޅޭވަރުކުރަންވާނެ" ޒިޔާން ވާހަކަދެއްކީ ވަރަށް މަޑުންނެވެ. މާޔާ ރުޅިއައިސްގެން އެއްޗެއް ބުނުމަށް ޖާގަދޭން ޒިޔާން ބޭނުމެއްނޫނެވެ. މަޤުޞަދަކީ ހިފެހެއްޓުނު އެންމެ ގިނައިރަކު، އޮފީހުގައި މާޔާ ހިފެހެއްޓުމެވެ. ޒިޔާންއަށް ފެންނަ ހިސާބުގައި މާޔާ ބެހެއްޓުމެވެ. އެކަން މާޔާއަށް އެނގިއްޖެނަމަ، ނުވަތަ ޝައްކެއްވެސް ވެއްޖެނަމަ ދެންވާނެގޮތް ޒިޔާންއަށް އޮޅިފައެއްނެތެވެ.

"އެއްވެސް އެއްޗެއް ނުބުނާނަންތަ؟" ނުހަނު އަސަރާއެކު ޒިޔާން ސުވާލުކޮށްލިއެވެ.

މާޔާ އިންތިޒާރުކުރީ ޒިޔާންގެ ހުށަހެޅުން ނުވަތަ ބޭނުންވާ ކަންކަން ބުނެ ނިންމާނެ ވަގުތަކަށެވެ. މިފަހަރު ކުރި ސުވާލަކީ އެކަން ނިމިއްޖެކަމުގެ ހެއްކެކެވެ. އެއްޗެއް ނުބުނެ ފޯނު ބޭއްވީ އެހެންވެއެވެ. ކޮންމެ ގޮތެއްވިޔަސް، އެއްފަހަރާ ހަވާލުކުރިޔަސް، އަދި ވަކިވަކީން ހަވާލުކުރިއަށް އެއީ މާޔާ ނިންމާންޖެހޭ މަސައްކަތްތަކެކެވެ. ނުވިސްނުނީ ހުރިހައި އެއްޗެއް 'ގަނޑުކޮށް' ހަވާލުކުރި ސަބަބެކެވެ.
***
ހަވީރު ހަތަރެއް ޖަހައިފިއެވެ. ގިޔާދާ އަވަދިނެތި އުޅުނީ ބާޒާރުކުރުމުގައެވެ. ޕާޓީއަކަށް ދަޢުވަތު ލިބިގެންނެވެ. ސަވާނާގެ ޚަބަރެއް ނުވެގެން ރޯން އޮއްވައި ރައްޓެއްސަކު ގުޅުމުން ނިކުތީ ބާޒާރަށެވެ. ނަވީން ގުޅި ވަގުތެއްގައި އެވާހަކަ ބުނުމުން ނުހަނު މަލާމަތްކޮށްފައި ފޯނުބާއްވައިފިއެވެ. ނަމަވެސް ގިޔާދާއަށް އެއްޗެއް ގަނެލޭވޭވަރަށް ފައިސާއަށް އެދުމުން، އެކަން ހަމަޖައްސައިދިނެވެ.
ފެންނަ ފެނުމަށް، ގިޔާދާގެ މޫނުމަތީގައި ހިތާމައެއްވެސް، ނުވަތަ މާޔޫސްކަމެއްވެސް މިހާރަކު ނެތެވެ. ނުކައި ހުރުމުގެ ލޮޑުކަމެއްވެސް ނެތެވެ. ބާޒާރުކޮށްލަން ފައިސާކޮޅެއް ލިބުނީ ވަރަށް ދުވަސްފަހުންނެވެ. އެކަމުގެ ޖޯށުގައި ސަވާނާގެ މަތީންވެސް ގިޔާދާ ހަނދާން ނެތުނީކަމަށްވެދާނެއެވެ. ދެއަތުން ކޮތަޅުތައް ހިފައިގެން ވެއްލަވައްތަ ނޯލިމިޓުން ނިކުންނަނިކޮށް، ދަބަހުގެ ތެރެއިން ފޯނު ވައިބްރޭޓްވާން ފަށައިފިއެވެ. އެވަގުތު ފޯނުނެގުމަކީ ފަސޭހަކަމަކަށް ނުވިއެވެ. ބާޒާރަށް ދިޔައީ ހަމައެކަނި ގިޔާދާއަށް ބޭނުންވާ ތަކެތިގަންނާށެވެ. އެހެންމީހަކަށް އެކަށްޗެއްވެސް ނުގަނެއެވެ. ނަމަވެސް ދެއަތް ފުރެންދެން އޮތީ ކޮތަޅުތައް އަޅުވާފައެވެ. ނަވީން ހުއްދަ ދިންވަރަށްވުރެން ދެތިން ގުނަ ބޮޑުކޮށް ޚަރަދުކުރެވިއްޖެއެވެ.

"ހިތްހަމަޖެހޭވަރަށް ބާޒާރުކުރެވިއްޖެ ދޯ؟" ގިޔާދާގެ ރައްޓެހި ކުއްޖާ ސުވާލުކޮށްލިއެވެ. ޒިޔާނާއަކީވެސް ދިވެއްސެކެވެ. ބައެއް ތަންތަނަށް ދިއުމަށް ޒިޔާނާގެ އެހީތެރިކަމަށް ގިޔާދާ އެދެނީ ކޮންމެ ކޮންމެ ވަގުތެއްގައި ނަވީންއަށް ވަގުތު ނުލިބޭތީއެވެ.

"ހިތްހަމައެއް ނުޖެހޭ... އެއީ ވާނެ ކަމެއްތަ؟ އަހަރުމެން އަންހެނުން ހިތް ފުރެންދެން ބާޒާރުކުރާނެ ފައިސާ، އަހަރުމެންގެ ފިރިންނަށް ދެވޭނެތަ؟ ހުއްޓަސް ނުދޭނެ!" ދެމީހުން އެކުގައި ހީނގަތެވެ.

ގިޔާދާގެ ފޯނު ރިންގުވަނީއެވެ. ނަމަވެސް ކޮރޮޅިއަކަށް އަރާފައި ކޮތަޅުތައް އަތުން ދޫކޮށްލެވިގެން ނޫނީ ފޯނު ނެގޭކަށްވެސް ނެތެވެ. ގޯލް ރޯޑުގައި ދުއްވަމުންދިޔަ، ވެހިކަލްތަކުގެ ތެރެއިން ޒިޔާނާގެ ސަމާލުކަން ހޯދި ކުރޮޅި އެމީހުންނާއި ދާދި ގާތަށް ހުއްޓިއެވެ.

"އަވަހަށް އަރާ! މީގެ ތެރޭގައި ތި އެއްޗެހިތައް ބެހެއްޓޭތޯ ބަލާބަލަ! ލޫޅާފަތި ތި ދެއަތް ދުޅަނުވާކަމެއްވެސް ނޭގެ.." ސަމާސާކޮށްލުމަށް ޒިޔާނާ ބުންޏެވެ.

***
ކާމިޔާބު ދުވަހަކަށްފަހު ޔާދު އޮފީހުން ގެއަށްއައީ ވަރަށް ހިތްހަމަޖެހިގެންނެވެ. އީތަންގެ އެހީތެރިކަން ވަރަށް ބޮޑަށް ނަވީންއަށް ލިބެއެވެ. ގޯތީގައި ހުރި ބާ އިމާރާތް ތަޅާލުމުގެ މަސައްކަތް މިރޭ ފަށާނެއެވެ. ކޮނޑުގައި އަޅުވާލާފައި އޮތް ސައިޑް ބޭގް، ނެގުމަށްފަހު ސޯފާ މަތީގައި ބާއްވައިލިއެވެ.

"ދަރިފުޅު ހާދަހައި ވަރުބަލިވެފައި.. އެއްޗެހި ބަދަލުކޮށްލައި، ނަމާދުކޮށްލައިގެން އަވަހަށް އާދޭ ކާން" އެއީ ގައިސަރުގެ އާދައެވެ. ހިތްވަރުގަދަ މުރާލި މަންމަ، ގޭތެރޭގެ މަސައްކަތުގައި ޝާމިލުވެ އުޅޭނީ ވަރަށް މުރާލިކަމާއެކުއެވެ. ހިރަފުސްކޮޅެއް ތަނެއްގައި ޖެހިދާނެތީވެސް ގައިސަރު ކަންތައްބޮޑުވާނެއެވެ. އެލީއާއި ޔާދު އޮފީސް ނިމިގެން އަންނައިރު ހުންނާނީ މޭޒުމަތީގައި ތަށިތައް އަތުރާލާފައެވެ. އޮފީހުން އައިސް، ކާން ބޭނުންވާނެތީއެވެ.

"މިއަދު މިއައީ މިސްކިތައްވެސް އަރާފައި.. އީތަން ހުރިއްޔާ، ބަންގީގެ އަޑަށް މިސްކިތާއި ދިމާއަށް މިސްރާބު ބަދަލުކުރާންޖެހޭނެ.. ދެމީހުން އެކުގައި މިސްކިތައް އެރީ.. ދާދި ދެންމެއަކު ކޮފީއެއްވެސް ލިބުނު.. އެހެންވީމައި އެހައިބޮޑަށް ބަނޑުހައެއްވެސް ނުވޭ.. މަންމަ ކައިފިންތަ؟" ވަރަށް ލޯބިން ޔާދު އަހައިލިއެވެ. ދަރިފުޅުގެ ހިނިތުންވުމާއި އުފާވެރިކަމާއި ގުޅިފައިވާ ޚާއްޞަކަމެއްވާނެކަން ގައިސަރަށް ޔަގީނެވެ. ސުވާލުކުރާން ނުކެރި ހުރެވެސް، މިސްރާބަށް އަމާޒުހިފިއެވެ.

"މަންމަގެ ދަރިފުޅުގެ ހިނިތުވުން ހާދަ ރީއްޗޭ.. ހީވަނީ ކުރިމަތީން އާންޔާ ފެންނަހެން.. އެ މަންޖެ ނެތިއްޔާ މަންމައަށް ހީވަނީ ގައިގައި އެއްބައި މަދުހެން" ޔާދުގެ ބޫޓް ބޭރަށް ފޮޅައިލުމަށްފަހު ރެކްގެ ތެރެއަށް ލަމުން ގައިސަރު ބުންޏެވެ.

"މަންމަ ހާދަ މޮޅޭ! ހަގީގަތުގައިވެސް އަހަރެން މިހިރީ ވަރަށް އުފާވެފައި.. މިއަދު މިހުރީ ވަރަށް ހިތްހަމަޖެހިފައި.. ވަރަށް ބޮޑު ޝުކުރެއް ހައްގުވަނީ އީތަންއަށް..މިއީ ހަމަ މަންމަގެ މަސައްކަތް އިނގޭ" ކުޝަން ނަގާފައި އުނގުމަތީގައި ބާއްވާލާފައި ޓީވީ ހުޅުވައިލިއެވެ. ފުރަގަހުގައި އެލީ ހުރިކަމެއް ޔާދުއަކަށް ނޭގެއެވެ. ފިރިމީހާގެ އަޑަކީވެސް އެލީއަށް މިހާރު މިއުޒިކެކެވެ. ހިނިތުންވެފައި ޔާދު ބުނެލާ ކޮންމެ ޖުމުލައެއްގެ ބާރު އެލީގެ ހިތުގެ އެންމެ ހިމަނާރާއި ކުޅެލައެވެ.

"މިއަދު ވަރަށް ބޭނުން އެލީއަށް ހުރިހައިކަމެއް އަންގަން! އެއްވެސް ކަމެއް އެލީއާއި މަޝްވަރާނުކޮށް، ނުކުރުމަށް އީތަން މިއަދު ބުނި.. މަންމަވެސް ކިތަންމެ ދުވަހަކު އެވާހަކަ ބުނެފިންދޯ! ވަރަށް ނަސޭހަތްވެސް ދީފި.. އެކަމަކު އަހަންނަށް ހަމަ ފަހަތައް ޖެހެވުނީ، އެލީއާއި މެދު ޔަގީންކަން ކުޑަކަމުން.. ދެން އޭރު އެއުޅުނު ގޮތަކުން ދޯ މަންމާ" ކޮޓަރިއާއި ދިމާއަށް ފުރަގަސްދީގެން އިނީތީވެ، އެލީ އެތަނުގައި ހުރިކަމެއް ޔާދުއަށް އަދިވެސް ނޭގެއެވެ. ފުރަގަހުން ދާދި ގާތުގައި އެލީ ހުރީތީ، ލޮލުންވެސް އިޝާރާތެއް ކޮށްލާން ގައިސަރަށް ނުކެރުނެވެ. ނަމަވެސް ވަގުތާއި ހާލަތަށް، ތަޖުރިބާގެ ބޭނުންހިފަން ގައިސަރަށް މަޖުބޫރުކުރީ އޭނާގެ ޟަމީރެވެ.

"ދަރިފުޅާ އެލީ! މިއަދު މިއީ ވަރަށް ޚާއްޞަ ދުވަހެއް.. ވެގެންއުޅޭގޮތެއް މަންމައަށްވެސް އަދި ނޭގިގެން މިއުޅެނީ" އެލީ ހުރިކަން ޔާދުއަށް އަންގައިލުމަށް ގައިސަރު ބޭނުންވިއެވެ. އެލީ ހިތުގައި ޖެހި، ލަދުވެތިވާނެފަދަ އެއްޗެއް އިތުރަށް ޔާދު ބުނުން، ގައިސަރުގެ ހިތްހަމަނުޖެހެއެވެ.

"އެބައުޅޭތަ؟ އޮފީހުން އައިކަމެއްވެސް ނޭގެ..!" ފުރަގަހަށް އެނބުރެމުން ޔާދު ބުނެލިއެވެ. އެލީގެ އަތުގައި ހިފާލާފައި ޔާދު އެދުނީ ގާތުގައި އިށީނުމަށެވެ.

***
ދަބަސް ހާވައިގެން ފޯނުނެގުނީ، ގިޔާދާގެ ނޭވާ ހަމަޔަކަށް އެޅުނުފަހުންނެވެ. ގަތް އެއްޗެހީގެ ވާހަކަ އޭރުވެސް ނުނިމެއެވެ. ސަވާނެ މިސްކޯލްތައް ފެނުމުން ގިޔާދާގެ މޫޑް ބަދަލުވެގެންދިޔަކަން ޒިޔާނާއަށްވެސް ފާހަގަކުރެވުނެވެ. ސަވާނާގެ އުޅުމަކީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި 'އެންމެން ދަންނަ ބޮޑު ސިއްރު'އެވެ.

"ކިހިނެއްވީ؟ ކީއްވެ ނުގުޅާ، ފޯނު އަނެއްކާވެސް ދަބަހަށްލީ؟" ޒިޔާނާގެ ސުވާލު ގިޔާދާއަށް އަޑެއް ނީވުނެވެ. ނުވަތަ އަޑުއިވުނުކަމަކަށް ނުހެދިއެވެ. ދެވަނަ ފަހަރު ސުވާލުކުރީ، ގިޔާދާ އެގޮތަށް ކަންތައްކުރި ސަބަބެއް އެނގެން ޒިޔާނާ ބޭނުންވާތީއެވެ.

***
"ކޮންކަމެއް ސިއްރުކޮށްގެން ތިއުޅެނީ؟ އަހަރެން ކިތަންމެ ބަސް އެހިޔަސް، ޔާދުގެ އިތުބާރެއް އަހަރެންގެ މައްޗަކަށް ނުލިބޭނެ! ދެރަވާނެ ދޯ މަންމާ!" އެލީ ދެރަވިއެވެ. ޝަކުވާވެސް ކުރިއެވެ. ނަމަވެސް އޭގެ ޖަވާބު، ޔާދުގެ ކިބައިން ލިބުނީ އުފާވެރި ހިނިތުންވުމަކުންނެވެ.

"އެއް އިރެއްގައި ސިއްރުކުރީން.. އެކަމަކު މިހާރަކު ނުކުރަން.. މައްސަލައަކީ ބައެއް ވާހަކަތައް ދައްކަން އަދިވެސް އުނދަގޫވާތީ.. އެކަމަކު މިއަދު ވަރަށް ހިތްވަރު ލިބިއްޖެ.. ދެން ނޯންނާނެ ސިއްރެއް.. ދޯ މަންމާ" ދަރިފުޅަށްޓަކައި ގައިސަރުގެ ދެ ލޯ ފެންކަޅިވީ އުފަލުންނެވެ.
***

"ދެން މީގެ ތެރޭގައި އިނދެފައި ކިހިނެއް ގުޅައިގެން ވާހަކަ ދައްކާނީ، އަހަރެން ފޯނުގައި އިނީމައި، ޒީޔާވެސް ކިހައި އެކަނިވެރިވާނެ.. ގުޅައިފިއްޔާ ސަވްގެ ފޯނު ކަނޑާލަން ލާހިކު، ކުޅަދާނައެއް ނޫން.. ކޮންމެވެސް ސަކަރާތެއްޖަހަން އަބަދުވެސް އުޅޭނީ!" ގިޔާދާ ބުނެލިއެވެ.

ބުނަން އޮތް އެތި ބޮޑުކަމުން ޒިޔާނާ ހިމޭނުން އިންނަން ބޭނުންވިއެވެ. ދެވަނަ ފަހަރަށް ސުވާލުކުރެވުނު މޮޔަ ހިތައްއެރިއެވެ. ގިޔާދާއަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން އެނގިހުރެވެސް ޒިޔާނާ އޭނާއާއިއެކު މަދުންނަމަވެސް ބޭރަށްދަނީ، އެހެން އެއްވެސް މީހަކު ގިޔާދާއާއި ގާތްގުޅުމެއް ބާއްވާތަން ނުފެންނާތީއެވެ. ދިވެއްސަކަށްވާތީ، އިޙްތިރާމް ޒިޔާނާގެ ހިތުގައި އުފެދިފައިވެއެވެ. ނަމަވެސް ގިޔާދާއަށް ލަނޑެއްދޭން ޒިޔާނާ މިފަހަރު ބޭނުންވިއެވެ. ގަސްތުގައި ހަގީގަތް އޮޅުވާލިކަން، ޒިޔާނާއަށް އެނގުނުކަން އަންގާލަން ބޭނުންވިއެވެ.

"ކޮންމެވެސް ކަންތައްގަނޑެއް ހިންގާލަން މާލެއަށް ގޮސް ދޯ އެއުޅެނީ..! ކޮން އިރަކުތަ ދިޔައީ؟ އެފްބީގައި ހުރޭ ވަރަށް ސަޅި ބިޓެއްގެ ފޮޓޯތައް އަޅާލާފައި.. މޮޅެތި އެއްޗެހި ލިޔެލާފައި ހުރޭ ދޯ" ވަރަށް އެނގިގެން ޒިޔާނާ ބުނެލިއެވެ. ބޭރުބަލަން، ޝައުގުވެރިވެ އިން ގިޔާދާ ދެލޯ އަޅާލާފައި، ބުމައަށް ރޫ އަރުވާލާފައި ޒިޔާނާއަށް ބަލައިލިއެވެ. ކަލެއަށް އެނގުނީ ނިހިނެއްހޭ ބުނެލާފަދަ ގޮތްތަކެއް ގިޔާދާގެ މޫނުމަތީން ފެނުނެވެ.

"ސާބަސް! ގިޔާދާއަށް ނޭގޭތަ؟ އަހަރުމެންގެ އުމަރުގެ ކްލަބް ޕާޓްނަރެއްނުން ސަވާނާއެއީ.. ބައެއް ރޭރޭ އަހަރުމެން ގޭތެރެއަށްވެސް ތިބޭނެ ދެމިފައި.. ރޭގައިވެސް ދަންވަރު އުމަރު ކާން އިންދައި ވަރަށް ގިނައިން ސަވާނާ ގުޅި.. ކޮންމެވެސް އެއްޗެއް ގަންނާން ނުލިބިގެންނޯ.. ދެން ކޮންމެއަކަސް، މަށާއި ދުރައްގޮސް، އުމަރު އެ ދެއްކި ވާހަކައެއް ދެއްކީ! މަށެއް ނުވެސް އަހަން، ދެއްކި ވާހަކައެއް.. އެކަމަކު އުމަރު އަމިއްލަޔަށް ވާހަކަދައްކަމުން ބުނެލިއަޑު އިވުނު، މިރޭ އޮންނާނީ ހޭއަރާފައޭ! މަވެސް ހިތައްއެރި ކޮންފަދަ ކަންތައްގަނޑެއްބާއޭ.. އެކަމަކު އެމީހުންގެ ކަންތައްތަކާއި ވަރަށް ނުބެހެން.. ދޮންތައަށް ދުވަހަކުވެސް އުމަރުގެ ކުށެއް ނުފެންނާނެ.. ގޭތެރެއަށް ދެމިފައި އޮތަސް، އެއްޗެކޭ ނުބުނާނެ.. މަގޭ ބޯ ފަޅައިގެން ދާވަރުވޭ!" ޒިޔާނާގެ ވާހަކަތައް ގިޔާދާއަށް ކަމަކު ނުދިޔައެވެ.
ވަރަށް ހިތްހަމަނުޖެހުނެވެ. ނުތަނަވަސްކަން ނުހަނު ބޮޑުވިއެވެ. ނަމަވެސް އިތުރުމީހަކަށް އެކަން އެނގިފައި އޮތުމަކީ ގިޔާދާއަށް ތަހަންމަލްކުރެވޭނެ ކަމެއްނޫނެވެ. އަމިއްލަ ނަފުސަށް ރުޅިގަދަވިއެވެ. އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޒިޔާނާގެ ގެއާއި އަރާހަމަވެއްޖެއެވެ.

"އޭ ތެންކިޔު އިނގޭ.. ބޭނުމެއްޖެހިއްޖެއްޔާ މަވެސް ގުޅާނަން" ޒިޔާނާގެ ކޮތަޅު ހިފައިގެން އޭނާ ފޭބިއެވެ. ބޮލުން ހަރަކާތްކޮށްލުން ފިޔަވައި އިތުރު އިޝާރާތެއްވެސް ގިޔާދާގެ ކިބައިން ނުފެނުނެވެ. އެއިނީ ނުހަނު ހިތްހަމަނުޖެހިފައިކަންވެސް އެނގެއެވެ. ނަމަވެސް ޓާޓާކިޔާލާފައި ޒިޔާނާ ހިގައްޖެއެވެ.

***
"އަހަރެން ކައިރީގައިވެސް މަންމަ ނުބުނޭ.. އެކަމަކު ހުރިހައި ޑޮކިއުމެއްޓެއް އަހަރެން އަތައްދިނީ މަންމަ.. އަމިއްލައަށް ލޯޔަރެއް ހޯދައިގެން ވަރަށް ކަންތައް ހިންގާލާފައި މަންމަހުރީ.. ހިއްސާކޮށްލާނެ މީހަކުވެސް ނުވިސްނުނު.. މަންމައާއި ވާހަކަދައްކަން ހިތްވަރެއް ލިބުނީވެސް ދެދުވަހު، މަންމަ ވަށައިގެން މުގޯލިއަޅާފައި.. އެވަރުކަމެއް މަންމަ ކޮށްފާނެކަމަށް ގަބޫލުނުކުރެވުނީތީވެސް އަހަރެން ހިތާމަކުރީން.." ފުންނޭވާއެއް ދޫކޮށްލިއެވެ. އަސަރުން ފުރިގެންވާ ބެލުމަކުން މަންމައާއި ދިމާއަށް ޔާދު ބަލައިލިއެވެ. އެބަލައިލުމުގެ ސަބަބުން، ގައިސަރުގެ ގައިން ހީނބިހި ހިލުވައިލިއެވެ.

"މިއީ އަހަރެންގެ މަންމަ! އަހަރެންގެ ނަސީބު.. އަހަރެންގެ ލޯބި ލޯބި ދަރިފުޅުގެ ނަސީބު.. އަހަރުމެން ތިން މީހުންގެ ނަސީބު.. އާންޔާގެ މުޅި ދިރިއުޅުން އުޖާލާކޮށްދިން އެންމެ ފުރިހަމަ މާމަ.. ބައްޕަގެ ފަރާތުން މިދުނިޔޭގައި ހުރި ހުރިހާ މުދަލެއް މަންމަ އެވަނީ އަހަރުމެންނަށް ދީފައި.. އާންޔާގެ ނަމަށް ގެ ރަޖިސްޓްރީކޮށްފައިވަނީ އަހަރެންގެ ނަމަށް ބަދަލުކުރިނަމަ، ހުޅުމާލެކަހަލަ ތާކުން ލިބެން އޮންނަ ފުރުސަތެއްވެސް އަހަންނަށް ގެއްލިދާނެތީ.. އެލީ! މިއީ އަހަރެންގެ މަންމަ! ދުވަހަކުވެސް މަންމައަށް ހިތް ގޯސް ނުކުރައްޗޭ މައި ކުއީން..! އެލީގެ މޫނުގެ ދެފަރާތުން ޔާދު ހިފަހައްޓާލިއިރު، ދެއަތް ތުރުތުރުއަޅައެވެ.

" މަންމަދެކެ ވަރަށް ލޯބިވައްޗޭ.. އަހަރެން ދުނިޔޭގައި ނެތަސް، އަހަރެންގެ މަންމައަށް އަޅާލައްޗޭ.. އެއީ އަހަރުމެންގެ އަނދިރި ދުނިޔެއިން ނެރި، އަލިކަމާއި އުޖާލާކަން އަހަރުމެންނަށް ގެނެސްދިން، އަހަރެންގެ ލޯބިވާ މަންމަ.. އަހަރެންގެ މުޅި އުމުރު މަންމައަށް ޚިދުމަތްކުރުމަށް ހުސްކޮށްލިޔަސް، މަންމަގެ އޭނދަ، އިނގިލީގެ ގުރުބާނީގެ އަގުވެސް އަދާނުކުރެވޭނެ.. އެލީ އަހަރެންގެ މަންމަ އަހަންނަށްޓަކައި މިދުނިޔެ، މިހައި ފުރިހަމަ ތަނަކަށް ހެދިއިރުވެސް އަހަރެންގެ ލޮލަކަށް އެމަންޒަރުތައް ނުފެނުނު.. ދެން ދުވަހަކުވެސް މަންމަ ހިތުގައި ނުޖައްސާނަން.. އަހަރެން ވަރަށް އުފާވާނެ އަހަރެންގެ ކުރިމަތީގައި، މަންމަގެ ކިބައިން އެލީ މަޢާފަށް އެދެފިއްޔާ" ޔާދު ރޮނީއެވެ.

ކަރުނައަކީ އަޖައިބެއްކަހަލަ އެއްޗެކެވެ. އިހުސާސެއް ނުދަންނަ ސަމާސާކުރުމެކެވެ. ޔާދުގެ ނާރުތަކުގައި ހިނގަނީ ކޮން އަސަރެއްކަން ޚުދު ޔާދުއަށްވެސް، ބުނެނުދެވޭނެއެވެ. އެލީގެ ދެލޯ ފޮހެލަމުން، ސޯފާއިން ތެދުވިއެވެ. ގައިސަރަށް ތެދުވެވުނީ އެލީ އެއަންނަނީ ގައިސަރާއި ދިމާއަށްކަން އިނގޭތީއެވެ. ދެއަތް ޖޯޑްކޮށް އުފުލާލިއިރު، އެލީގެ ކޯތާފަތުން ކަރުނައިގެ އޮއެވަރު ބާރުވިއެވެ.

"ދަރިފުޅާ.. މަންމަ.. މަންމަ.. މަންމަ.. ގެ .. ހިތް.. މަންމަގެ ހިތް.. ސާ" އެލީ އައީ ވަރަށް މަޑުމަޑުންނެވެ. މަންޒަރުބަލަން މިފަހަރު އެއިނީ ޔާދުއެވެ. އިރުއިރުކޮޅުން ކަރުނަ ފޮހެލައެވެ. އެލީ އައިގޮތަށް އައިސް ހިފީ، ގައިސަރުގެ ކަނާއަތުގައެވެ. ނުހަނު އަސަރާއެކު ފިރުމާލީ އައިބު އިނގިލީގައެވެ. ތިންމީހުންގެ ރުއިމުގެ އަޑު އިވުނުނަމަ، ވާނުވާ ބަލަން އަވައްޓެރީންވެސް އެއްވީހެވެ. އިހުސާސްކުރުމުގެ ބާރެއް ލިބިފައިވާނަމަ، ގޭގެ ހަތަރުފާރުވެސް މިއަދު ރޯނެކަން ޔަގީނެވެ. މަންމަގެ އަތް އުފުލާލުމަށްފަހު އެއިނގީލައި އެލީގެ ތުންފަތް ޖައްސައިލިއެވެ. ގައިސަރަކަށް ކެތެއްނުވިއެވެ. އެލީގެ ގައިގައި އޮޅުލައިގަތެވެ.

***
އަވަސްއަރުވާލައިގެން މާޔާ އުޅޭތީ ހައްވާފުޅު އެއިންނަނީ އެއްޗެކޭ ނުބުނާށެވެ. ނަމަވެސް އައިނުގެ މަތީން، ބަލަހައްޓައިގެން އެއިންނަނީ ނިކަން ބޮލަށް އުނދަގޫވެފައިކަން އިނގެއެވެ. އަތުންޖެހިފައި ޓީޝޫފޮށި ވެއްޓުނީ ރުންކުރު ގޮތަކަށް މަސައްކަތްތައް ކުރަން މާޔާ އުޅުނީތީއެވެ.

"އެއްޗެކޭ ނުބުނަން މަންމަ މިއިނީ.. އެކަމަކު މިހާރުދެން ހިމޭނުން ނީންދެވޭނެ.. ތި މަސައްކަތް ހުއްޓާލާފައި ގޮސް، އީތަންއަށް ގުޅާލަބަލަ.. ދަރިފުޅު އޮފީސް ނިމިގެން ނުގުޅައިގެން މިތާ، މަންމަ ކައިރީގައި ވާހަކަދައްކަން އިނދެފައި ވަރަށް ފަހުން ގެއަށް އެދިޔައީވެސް.. ވަރަށް ސަމާސާވާހަކަވެސް ދައްކާނެ.. މަންމަ ވަރަށް ހިތްހަމަޖެހޭ އެސޮރަށް! ހާދަ ހިތްހެޔޮ ދަރިއެކޭ އެއީ.. ދަރިފުޅަށް ލިބިފައިހުރި ރަންގަނޑެއް އެއީ" މާޔާ ހިނިތުންވެލައިފައި ބަލާލާނެކަމުގެ އުންމީދުގައި ހައްވާފުޅު ނިކަން ވާހަކަދެއްކިއެވެ.

-- ނުނިމޭ --
ހިޔާލު

ދިޔެ

އުފާވޭ އެއްމެންވެސް އުފަލުން އުޅޭތަން ފެނުނީމަ🙂