Attorney General Ge Maqaamun Jeff Vakikurahvaifi
image
ޖެފް ސެޝަންސް
0 ކޮމެންޓް
 

އެޓާނީ ޖެނެރަލްގެ މަގާމުން ޖެފް ވަކިކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެގައުމުގެ އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޖެފް ސެޝަންސް އެ މަގާމުން ވަކިކުރައްވައިފިއެވެ.
އެޓާނީ ޖެނެރަލްގެ މަގާމުން ޖެފް ސެޝަންސް މަގާމުން ވަކި ކުރެއްވުމަށްފަހު ރައީސް ޓްރަމްޕް ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ ޖެފް ސެޝަންސް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

ޖެފް ސެޝަންސް މަގާމު ވަކިކުރުމަށްފަހު، އެޓާނީ ޖެނެރަލްގެ މަގާމަށް ވަގުތީ ގޮތުން އައްޔަންކޮށްފައިވަނީ ޖެފް ސެޝަންސްގެ ޗީފް އޮފް ސްޓާފް މެތިއު ވިޓޭކާއެވެ.

އެޓާނީ ޖެނެރަލްގެ މަގާމަށް ޖެފް އައްޔަން ކުރެވުނީތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ޓްރަމްޕް މިދިޔަ އަހަރު ވަނީ ވިދާޅުވެފައެވެ.

ނިއުޔޯކް ޓައިމްސަށް އޭރު ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ މަގާމު ކަށަވަރުކުރުމަށް ސެނޭޓްގައި ބޭއްވި އަޑު އެހުމުގައި ތެދު މައުލޫމާތު ދީފައި ނުވާތީ ސެޝަންސް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

ސެނޭޓް އަޑުއެހުމުގައި ސެޝަންސް ވަނީ ރަޝިއާއާ އެއްވެސް ސިފައެއްގައި އެއްވެސް މުއާމަލާތެއް ނުކުރާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރަޝިއާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަރްގެއި ކިސްލިޔާކްއާ ޖެފް ބައްދަލުކުރިކަން ވަނީ ފަޅާ އަރާފައެވެ.

ސަރްގެއި ކިސްލިޔާކް އާއި ޖެފް ސެޝަންސް ބައްދަލުކުރި ކަން ފަޅާ އެރުމުން އޭނާވަނީ، މަގާމުގެ މައްސަލަތުގެ ފުށު އެރުންތަކެއް ހުރުމުން ކަމަށް ވިދާޅުވެ، އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިއާއިން ނުފޫޒު ފޯރުވިކަމަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތަހުގީގުތަކުން އަމިއްލަފުޅަށް ބަރީއަވެގެންފައެވެ.
ހިޔާލު