White House ah CNN ge Noosverieh Nuvadhan Nimmaifi
image
ސީއެންއެންގެ ޗީފް ވައިޓް ހައުސް ކަރެސްޕޮންޑެންޓް އަކޯސްޓާ އިއްޔެ ޓްރަންޕާއި ސުވާލު ކުރަނީ.-- ފޮޓޯ: ރޮއިޓާސް
0 ކޮމެންޓް
 

ވައިޓް ހައުސް އަށް ސީއެންއެން ނޫސްވެރިއެއް ނުވައްދަން ނިންމައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރުގަދަ ސުވާލުތަކެއް ކުރިމަތި ކުރުވި ސީއެންއެންގެ ނޫސްވެރިޔަކު، ވައިޓް ހައުސް އަށް ނުވަދެވޭ ގޮތަށް ސަސްޕެންޑް ކޮށްފި އެވެ.
ވައިޓް ހައުސް އަށް ނުވަދެވޭ ގޮތަށް ސަސްޕެންޑް ކުރީ ސީއެންއެންގެ ޗީފް ވައިޓް ހައުސް ކަރެސްޕޮންޑެންޓް އަކޯސްޓާ އެވެ. ޓްރަންޕް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކޯސްޓާ އަށް ރައީސްގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒު ކުރި އެވެ.

ޓްރަންޕްގެ ފާޑުކިޔުމަށް ފަހު، އަކޯސްޓާ ސަސްޕެންޑް ކުރި އިރު، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ވިދާޅުވީ އެކަން ކުރީ އަކޯސްޓާ "ޒުވާން އަންހެނެއްގެ ގަޔަށް އަތް ލުމުން" ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، އަކޯސްޓާ އާ މެދު ޓްރަންޕް ހިތްހަމަނުޖެހުނީ އޭނާ މާ ގިނައިން ސުވާލު ކުރަން އުޅުމުން ކަމަށް ބައެއް ނޫސްވެރިން ބުނެ އެވެ. އަދި އެ މައްސަލަ އެންމެ ހޫނުވީ، ޓްރަންޕް އޭނާގެ ސުވާލުތައް ނިންމާލުމަށް ބުނުމުން ވެސް ހުއްޓާނުލާ، ރަޝިޔާ އިންވެސްޓިގޭޝަނާ ގުޅޭގޮތުން ސުވާލު ކުރުމުންނެވެ.


އެ ވަގުތު އޭނާގެ އަތުން މައިކް އަތުލުމަށް، ވައިޓް ހައުސްގެ ސްޓާފުން މަސައްކަތް ކުރާ މަންޒަރު ފެނެ އެވެ. ބެލެވޭ ގޮތުގައި ވައިޓް ހައުސް އިން އޭނާ ސަސްޕެންޑް ކުރުމަށް ދެއްކި އުޒުރަކީ މައިކް އަތުލަން އުޅުނު އަންހެން ސްޓާފުގެ ގަޔަށް އަތް ލުމެވެ، ނަމަވެސް އޭނާ އެ އަންހެން މީހާގެ ގަޔަށް އަތް ލާ މަންޒަރެއް ވީޑިއޯ އިން ނުފެނެ އެވެ.

މައިކް އަތުލަން އެ އަހެން މުވައްޒަފު މަސައްކަތް ކުރުމުން، އޭނާ މައިކް ނުދީ މައިކުގައި ހިފަހައްޓައިގެން ހުންނަ އިރު، އެ މުވައްޒަފު އޭނާގެ ގައިގަ އަތްލާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.

ޓްރަންޕް ސަރުކާރަކީ ނޫސްވެރިންނާ ދެކޮޅު ސަރުކާރެއްގެ ގޮތުގައި ސިފަކުރެވޭ ސަރުކާރެކެވެ. އަދި ނޫސްވެރިންގެ އިތުރުން ޓްރަންޕް ގެންދަވަނީ ބައެއް ނޫސްތަކާއި، ނޫސް އެޖެންސީތަކާއި ވަރަށް ބޮޑަށް ޒާތީވެ، ބަހުގެ ހަމަލާތައް އަމާޒު ކުރަމުންނެވެ.
ހިޔާލު