Bridge taxi aguthah reyhakah, transport aguthah park kohfai!
image
4 ކޮމެންޓް
 

ބްރިޖް ޓެކްސީ އަގުތައް ރޭހަކަށް، ޓްރާންސްޕޯޓުގެ އަގުތައް ޕާކް ކޮށްފައި!

މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅާލަދިން ސިނަމާލެ ބްރިޖާއި ލިންކްރޯޑުން އެތައް ފަސޭހަތަކެއް ލިބިއްޖެ އެވެ. ހުޅުމާލޭ ފެރީ ޓާމިނަލް ފަޅުކޮށްލާ، އެންމެން އެ މަގުން ދަތުތުތައް ފަށާނީ އެކަމުން ބޮޑު ލުޔެއް ލިބޭތީ އެވެ. ވިޔަފާރީގެ ގޮތުން ބަލާއިރު ވެސް އެތައް ފަސޭހަ ތަކާއި، ފުރުސަތުތަކެއް މި ދިގު މާގާއި ބްރިޖުގެ ސަބަބުން ހުޅުވިއްޖެ އެވެ.
މިފަދަ އެއް މިސާލަކީ، ޓެކްސީ ދަތުރުތަކެވެ. ޑިމާންޑް ބޮޑުވެ، ވާދަވެރިކަން އިންތިހާ އެވެ. އެގޮތުން މާލޭގައި މީގެ ކުރިން އާންމުކޮށް، ޕްރައިވެޓް ކާރުތައް ޓެކްސީ ދަތުރުތަކަށް ނިކުމެގެން ނޫޅުނު ނަމަވެސް، މިހާރު އެކަން މި ވަނީ ފެށިގެން ގޮސްފަ އެވެ.

ދެން އޮތީ ދަތުރުތަކުގެ އަގުތަކެވެ. ޓްރާންސްޕޯޓް އޮތޯރިޓީން އިއުލާނުކޮށްފައިވަނީ، ރިޖު ހުރަސްކޮށް ހުޅުމާލޭން މާލެ އަށް އަދި މާލޭން ހުޅުމާލެ އަށް ކުރާ ދަތުރު ތަކަށް ނެގޭނީ ގިނަ ވެގެން 40ރ. ކަމަށެވެ. އަދި ރޭގަނޑު 12 ގެ ފަހުން ނުވަތަ ޑިކީ އަށް އެއްޗެއް ލައިގެން ކުރާ ދަތުރެއް ނަމަ 45 ރުފިޔާ ނެގިދާނެ އެވެ. ހުޅުމާލޭން ހުޅުލެ އަށް އަދި މާލޭން ހުޅުލެ އަށް ކުރާ ދަތުރުތަކަށް ނެގޭނީ 35ރ. ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެ އެވެ.

ނަމަވެސް މި އަގުތަކަކީ ހަމައެކަނި ޓްރާންސްޕޯޓުން އިއުލާނު ކޮށްފައި އޮތް އަގުތަކެކެވެ. ޓެކްސީ ޑްރައިވަރުން ވަނީ އެއްބަސް ކިޔާފައި މި އަގުތައް "ޕާކަށް ޖަހާފަ" އެވެ. އެ މީހުން ދަތުރުތައް ކުރަނީ 100ރ. އަށެވެ. ކުރީގައި އާންމުކޮށް ދަތުރުތައް ކުރީ 150ރ. އިން ފެށިގެން 200ރ. އާ ދެމެދުގަ އެވެ.

ދެން އޮތީ ޕްރައިވެޓް ކާރުތަކުން ދަތުރު ކުރާ އަގުތަކެވެ. ޓެކްސީ ތަކަށް ވުރެ މާ ރަނގަޅެވެ؛ ބައެއް ޕްރައިވެޓް ކާރުތަކުން މާލޭގެ ހެންވޭރުން ހުޅުމާލެ އަށް ކުރާ ދަތުރެއް ނަމަ 50ރ. ވެސް ނަގަ އެވެ. އަނެއް ބަޔަކު 60ރ. އާއި 70ރ. އަދި 80ރ. އަށެވެ؛ ޓެކްސީތަކުން ނަގާ 100ރ، އަށް ވުރެ އަގުތައް ރަނގަޅެވެ.

ޓްރާންސްޕޯޓުން ބުނެފައިވާ ގޮތުގައި އެ ތަނުން އިއުލާނުކޮށްފައިވާ އަގުތަކަށް ވުރެ ބޮޑު އަގުތަކުގައި ޓެކްސީ ދަތުރުތައް ކުރާނަމަ ޓެކްސީ ހުއްދަ ބާތިލް ކުރާނެ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ޓެކްސީއަކާ ދެކޮޅަށް ފިޔަވަޅު އެޅިކަމެއް ސާފެއް ނުވެ އެވެ.

ޓެކްސީ ސެންޓަރުތަކުން، ބްރިޖް ދަތުރުތަކުގެ ޒިންމާ ނުނަގަ އެވެ. ގިނަ ފަހަރަށް ޓެކްސީ ސެންޓަރަކަށް ބްރިޖް ދަތުރަކަށް ގުޅުމުން އެތަނުން ދޭނީ ޓެކްސީ ޑްރައިވަރެއްގެ ނަންބަރެވެ. އަދި އޭނާ އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ބުނާނެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިކަމަށް ހައްލެއް ހޯދާދޭން ޖެހެ އެވެ. ޓެކްސީ ތަކުގެ އަގުތައް ކޮންޓްރޯލް ކުރާނެ އެހެން މެކޭނިޒަމެއް ގާއިމް ކޮށްގެން ނަމަވެސް، ޓްރާންސްޕޯޓުގެ އަގުތަކަށް އެ މީހުން އިހުތިރާމް ކުރާނެ ގޮތްތަކެއް ހަދަން ޖެހޭ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ހިޔާލު

ނަށި

ކޮބާ މައްސަލައަކީ. ޓެކްސީ އަގު ނުހިފޭޓިއްގެން ހޭބަލިވާވަރެއްނުވޭ. ބޯހިޔާވަހި ކަމުގެ އަގު ހިފޭއްޓިއްޔާ މާތާހިރުވާނެ

ވިސްނުން

ބަހުގަ މިވަގުތު ހިލޭ ދަތުރު ކުރެވޭ. 10ރ ނަގަން ފެށިޔަސް 4 މީހުނަށް 40ރ. ގެއިން ބަހަށް ކާރުގަ 25ރ، ބަހުން ގެއަށް 25ރ. ޖުމްލަ 90ރ. 4 މީހުން ޖާގައިގެ އެއަރކޯން ކާރުގަ ގެއިން ގެއަށް 90ރ އަށް ތުރެން ކުޑަ އަގުގަ ދާން ބޭނުމިއްޔާ ތީ ސިކުޑީގެ މައްސަލައެއް.
ބަސް ނުވަތަ ފެރީ ޚިޔާރު ކުރައްވާ.

ދޮންތަ

އަތްފޯރާ ޢަގެއްގައި ސަރުކާރުން ބަސްދަތުރު ތައާރަފު ކުރަން ފެނޭ. ޢޭރުން ލާރި ހޯދާނެ މޮޅު ގޮތެއް ޓެކްސީ ޑްރައިވަރުން ވިސްނާނެތާ،މިހާރު އެމީހުންނަށް އެނގޭ އެނޫން ބަޔަކު ނެތްކަން.ޕަބްލިކް ޓްރާންސްޕޮޓޭޝަން އޮންނަ ނަމަ އަގު އުފުލިގެންނުދާނެ

ޫުއުބާ

ބްރިންގް އުބާ... ވީނީޑް އޫބާ... ޓެކްސީ ސެންޓަރުތަކައި އަގު ތައް އަމިއްލަޔައް ޑިސައިޑު ކުރުން ނިމާލާ.. އެކްޗުއަލް ޓްރެވެއް ޑިސްޓެންސް އިން ޗާޖުވާގޮތައް އުބާ ނޫނީ ސިމިލާ ޕްރޮޑަކްޓެއް ގެނޭ.. ޕްރޮޓެކްޓް ކޮންޒިއުމާސް...