3 Dhuvahuge Thereygai Aamir Ge Thugs of Hindostan 100 Crore Club Ah
image
ތަގްސް އޮފް ހިންދުސްތާނީގެ ޕޯސްޓަރެއް--
0 ކޮމެންޓް
 

ތިން ދުވަހުގެ ތެރޭގައި އާމިރުގެ ތަގްސް އޮފް ހިންދުސްތާން 100 ކްރޯޑު ކްލަބަށް

މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ފިލްމު "ތަގްސް އޮފް ހިންދުސްތާން" ތިން ދުވަހުގެ ތެރޭގައި 100 ކްރޯޑު ކްލަބުން ޖާގަ ހޯދައިފިއެވެ.
ވިޖޭ ކްރިޝްނާ ޑައިރެކްޓުކޮށް ނެރެފައިވާ އެފިލްމު ރިލީޒްކުރި ދުވަހު ވަނީ ބައެއް ރެކޯޑުތައް މުގުރާލާފައެވެ. ފިލްމު ސިނަމާތަކުގައި އެޅުވި ދުވަހު މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ފިލްމުގެ ޝަރަފު މިހާރު އޮތީ އެފިލްމަށެވެ. އެގޮތުން އެފިލްމު އެޖާގަ ކަށަވަރުކޮށްފައިވަނީ 50 ކްރޯޑު ރުޕީސް ފިލްމު އެޅުވި ދުވަހު އެކަނި ވެސް ހޯދައިގެންނެވެ.

އިންޑިއާގެ ފިލްމު ޓްރޭޑް އެނަލީސްޓެއްކަމަށްވާ ތަރަން އާދާޝް މިއަދު ކުރި ޓްވީޓެއްގައި ބުނީ، ބުރާސްފަތި ދުވަހު އެފިލްމަށް 50.75 ކްރޯޑު ރުޕީސް ލިބިފައިވާކަމަށެވެ. އަދި ހުކުރު ދުވަހު 28.25 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ފިލްމަށް ލިބިފައިވާއިރު ހޮނިހިރު ދުވަހު ވަނީ 22.75 ކްރޯޑު ރުޕީސް ލިބިފައެވެ. އަދި ތެލޫގޫ އާއި ތަމަޅަ ކޮޕީއަށް 3.25 ކްރޯޑު އެތިން ދުވަހުގެ ތެރޭގައި ލިބިފައިވެއެވެ. އެހެންކަމުން އެފިލްމު މިވަނީ ޖުމްލަ ތިން ދުވަހުގެ ތެރޭގައި 105 ކްރޯޑު ހޯދާފައެވެ.

އެފިލްމު ލީޑު ރޯލުން ފެނިގެންދަނީ ބޮލީވުޑުގެ މަޝްހޫރު އެކްޓަރު އާމިރު ހާނާއި ކެޓްރީނާ ކައިފް އަދި އަމީތަބް ބައްޗަން އާއި ފާތިމާ ސަނާ ޝައިހެވެ. އެފިލްމަކީ އިންޑިއާއަށް ބަޔަކު އަތްގަދަކޮށްގެން އުޅުން ދުވަސްވަރެއްގައި ހިނގާ ކުރިމަތިލުންތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ޔަޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށް ނެރެފައިވާ އެފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އައި ނަމަވެސް ގިނަ ބަޔަކު ވަނީ އެފިލްމަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އެގޮތުން ފިލްމުގައި ހަމަނުޖެހޭ ބައެއް ކަންކަން ހުރިކަމަށް އެއްބަޔަކު ބުނަމުން އަންނަނައިރު ފިލްމު މާބޮޑަށް ދިގުކަމަށް ބުނެ ވެސް އަނެއް ބަޔަކު ފާޑުކިޔާފައިވެއެވެ.
ހިޔާލު