Firumaaladheyshey, Episode 61
image
ފިރުމާލަދޭށޭ..
ފުނަމާ
3 ކޮމެންޓް
 

ފިރުމާލަދޭށޭ..

61 ވަނަބައި
އެކަނިވެލާނެ ވަގުތުކޮޅެއް ހޯދުމަށްފަހު، މާޔާ ބޭނުންވި ފަރާތަށް ފޯނުންގުޅައިލިއެވެ. ބޭނުންވާނެ މުހިއްމު ހުރިހައި މައުލޫމާތެއް ހިއްސާކުރިއެވެ. މަސައްކަތުގައި ކާމިޔާބާއި ހަމައަށް ދެވެންދެން، ކެތްތެރިވުން ނޫންގޮތެއްނެތެވެ. ކިތަންމެ މިނިވަންވެފައި ރައްޔިތުންގެ ސަލާމަތޭ، ނުވަތަ ރައްކާތެރިކަމޭ ބުންޏަސް ކަމެއްޖެހުމުން އެކަން އޮންނަނީ އެކޮޅުކޮޅުން ޖެހިފައެވެ.

އީތަންގެ މަންމައަށް ގުޅަން މާޔާ ނުހަނު ބޭނުމެވެ. ނަމަވެސް ގުޅާނެ ހިތްވަރެއް ނުލިބުނެވެ. ބުނެލަން ބޭނުމީ، ލިބޭ އެއްވެސް މެސެޖަކަށް ޖަވާބުނުދިނުމާއި ލިބޭ ކޯލްތަކަށް އިޖާބަ ނުދިނުމަށެވެ.

***
ގިޔާދާ ޝަކުވާކުރުމުން ފޯނުކަނޑާލާފައި އެނދުމައްޗަށް ފޯނު އެއްލާލިގޮތަށް ސަވާނާ އެއިންނަނީ ފޯނުގައި އަތްނުލާށެވެ. ނަމަވެސް ރިންގުވެސް ކަނޑާނުލައެވެ. ކޮންމެ ކޯލެއް ކެނޑެންދެން ސްކްރީންއަށް ބަލަހައްޓައިގެން ސަވާނާއެއޮންނަނީ އަމިއްލަ ނަފުސާމެދުވެސް ޔަގީންކަމެއް ނެތިފައެވެ. މިފަހަރު ރިންގްވާންފެށީ ކޮޓަރީގެ ކުޑަމޭޒުމަތީގައި ބަހައްޓާފައި ހުރި ފޯނެވެ. ކާނެ އެއްޗަކަށް އޯޑަރުކޮށްގެން އޮތީތީވެ، އެފޯނު ނުނަގައެއް ނުކެރުނެވެ.

"ފޯނު ކަނޑާލައިގެންނުވާނެ، އަހަރެން މިދައްކާ ވާހަކަ ސަވާނާޖެހޭނީ އަޑުއަހަން.. އެހެންނޫނީ ތިތަނުގައި އޮވެ ކޮންމެފަދަ ކަމެއްވިޔަސް އަހަރުމެން އަޅައިނުލާނަން" އަމުރުވެރި ގޮތަކަށް ނަވީން ބުންޏެވެ. ސަވާނާގެ ދެލޯ ތަންކޮޅެއް ބޮޑަށް ހުޅުވުނެވެ. އެއީ ގަސްތުގައި ދެލޯ ބޮޑުކުރީއެއްނޫނެވެ. ނަވީންގެ އަޑުގައި ހުރި ހަރުކަށިކަމެއްގެ ސަބަބުން ސަވާނާ ޖެހިލުންވީއެވެ.

"ކޮންއިރަކުތަ އަޑު ނޭހީ؟ މަންމަ ހަޅޭއްލަވައިގަތީ! އެހެންވެ ފޯނުނުނަގަން މިއޮންނަނީ" ޖެހިލުންވެފައި ސަވާނާ ބުންޏެވެ. ނަވީންގެ އަމުރުތަކާއި ޝަކުވާތަކާއި އަޑުއަހަން ފަސޭހަނޫނަސް، ސަވާނާއަށް ޖެހުނީ އެއަޑު އަހާށެވެ. ސްޕީކަރއަށް ލައިގެން ފޯނު ގާތުގައި ބާއްވައިގެން އޮތީ، ދެލޯމަރައިގެންނެވެ. އެއްޗެކޭ ކޮންމެހެން ބުނަންޖެހިއްޖެނަމަ 'ހޫމ' ލައްވާލާފައި އޮންނަނީއެވެ.

"އަހަރެން މިއަހަނީ ސަވާނާއަށް ދިން ފައިސާތައް ކޮބާހޭ؟ އެއަށް ކީއްހޭ ކުރީ؟ އަދި މިއުޅެނީ ހަތަރުދުވަސް ނުވެގެން، ހަތަރުހާސް ޑޮލަރަށް ހެދިގޮތެއް އޮންނާނެނުން؟ މަންމައަށް މެސެޖްކޮށްފައި އެއޮތީ ލާރި ޓްރާސްފަރކޮށްދޭށޭ ކިޔާފައި.. މީހަކު ހައިރާނެއް ނުވާނެތަ؟ މަ މިބުނަނީ ހަމަމިހާރު މި ސުވާލުތަކުގެ ޖަވާބު ދޭށޭ؟ އެހެންނޫނީ ތިތަނަށް ފުލުހުން ފޮނުވައިގެންވެސް އެފައިސާއަށް ހެދިގޮތެއް ހޯދާނަން" ސަވާނާ ބިރުގަންނަވާލުމުގެ ގޮތުން ފުލުހުންގެ ވާހަކަ ނަވީން ބުނެލިއެވެ. ހަގީގަތުގައިވެސް ނަވީން މިވަގުތު އެހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އަތްނުލާން ބުނެފައިވަނިކޮށް އެހައިގިނަ އަދަދެއް ސަވާނާއަށް ދިނުމުން ގިޔާދާދެކެ ނަވީން އައިސްފައިވަނީ ގަދަރުޅިއެކެވެ.

"ހަޅޭއްލަވާކަށް ނުޖެހޭނެ.. މައެ ބޯ ގޮވައިގެން ހެދުނު ނެހެދުނު އެއްޗެއް ނޭގުނީ.. އެމީހުން ވަރަށް ބޮޑަށް އިންސަލްޓްކުރި.. އެހެންވެ ކެޓީ! ދެން މިތަނަކުން ހެލްޕެއްވެސް ނުލިބުނު.. އެހެންވެ އުމަރަށް ގުޅީ! މަށަށްއިނގޭ އުމަރުގެ ކަނެކްޝަންސްތައް މާލޭގައި ހުންނަކަން.. އޭނަ ފޮނުވައިގެން އައި ގޮލަޔެއް މައެކައިރީގައި ބުނި އަގު މަ ދިނީ.. މާރުކުރީ ވަރަށް މަދުން.. އެހެންވެ ރުފިޔާނެތިގެން ޑޮލަރުން ޕޭ ކުރީ! ދެން އޭނާބުނީ ވަރަށް ޗީޕްކޮށް ހޯދައިދޭނަމޭ.. އެޑްވާންސަށް ދޭށޭ! ރިސްކީ ކަމެއްވީމައި އެޑްވާންސް ލިބިގެންނޫނީ ނުކުރެވޭނޭ.. ދެން ޖެހުނީ ދޭން! އޭރު މަ ހުރީ ހަމަޔަކު ނޫން! އޭނާ ބުނިވަރަކަށް ދިނީ.. ބުނި ވަރެއްވެސް މިހާރު ހަނދާނެއް ނެތް.. ދެން، ދެންމެ ނިދާ ހޭލެވިގެން މި ބެލީ! ސޭފްއަށް ލާފައިހުރި ހުރިހާ ޑޮލަރެއް އޭނާއަށް ދެވުނީ.. މިހާރަކު ފޯނެއްވެސް ނުނަގާ.. އުމަރަށް ގުޅީމައިބުނީ މަ އޭނަޔާއި ހަވަލުކުރިކަމުގެ ހެއްކަކީ ކޮބައިހޯ؟ މަ ކިހިނެއްތަ ހެކި ހޯދަނީ؟ ހެކިން ބަހައްޓާފައިތަ 'އެ' ގަންނަށް ވަގަށް ޑީލްހަދަނީ؟ މަށަކަށް ނޭގެ އެއީ ކޮންތާކުއުޅޭ ކާކުކަމެއްވެސް.. އޭނާ މިތަނަކަށްވެސް ނުވަދޭ.. މަގުމަތީގައި ހުރެފައި ޑީލްނިންމީ.. ދެވަނަ ފަހަރު މިތަނަށްވަދެ، ދެންހުރިބައި ގެންގޮސްދިންއިރުވެސް އޭނާއެއް ނުވަދޭ.. އެހެންވެ ކެމެރާއިންވެސް ނުބެލޭނެ.. ހުރީވެސް ބޮލާއި އެއްކޮށް ހުޑްއަޅާއިގެން.. އެންމެ ތިންފުޅި މަށަށް ދީފައި އޭނާ އެ ބެޗީ! ދެން މަ ކީއްކުރާނީ؟" ސަވާނާގެ ކޫލް ކަމުގައި އޭނާގެ ގޮތެއްފޮތެއް ނެތްކަން އޭނާގެ ބައްޕައަށް ކިޔައިދިނެވެ.
މިފަހަރު ފޯނު ސްޕީކަރަށް ލައިގެން އަޑުއަހަންތިބީ ސަވާނާގެ މަންމައާއި ބައްޕައެވެ. ރުޅިއައިސްގެން ދެ ކަންފަތުން ދުން އެރިޔަސް، ސަވާނާގެ ވާހަކަ ނިމެންދެން މިފަހަރު އަޑުއެހިއެވެ.

ނަވީންގެ ރުޅިގަނޑު ކޮންޓްރޯލްކުރަމުންދިޔައީ އޭނާގެ ތަގުޅިކޮށްލާފައިވާ ދެ އިނގިލިންނެވެ. ހުޅުބިންދައިގެން ހިނގައިދާނެހެން ހީވުމުން ގިޔާދާ އުޅުނީ ދެއިނގިލި ދުރުކޮށްލާށެވެ. ނަމަވެސް ދުރިވީ ނަވީންއާއި ގިޔާދާއާއި ދެމެދުގައި ހުރި ކައިރިމިނެވެ. ހޫރުވައިލިއަތުން ޖެހިފައި ގިޔާދާ ވެއްޓުނެވެ. އެއަޑު ފާހަގަކުރާން ނޭގުނަސް، ގޯހެއް ހިނގައިފިކަން ސަވާނާއަށް އެނގުނެވެ.

"ކިހިނެއްވީ؟ ކޯންޗެއް ވެއްޓުނީ؟" ސުވާލުއައީ ނަވީންއަށެވެ. އެތަނުގައި މަންމަހުރިކަމެއް ސަވާނާއަށް ނޭގެނީއެވެ.

"މިތަނުގައި ހިނގާ އެއްވެސްކަމެއް ކަލެއަށް އިނގޭކަށްނުޖެހޭނެ.. ހުރިހައި ކަމެއްގެ ޒިންމާއުފުލަންޖެހޭނީ ސަވާނާ" ނުރުހުންވެފައި ނަވީން ބުނެޏެވެ. މައިތިރިވެފައި ހުރުމަށްފަހު އަނެއްކާވެސް ސަވާނާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

"މަށެއް ނުޖެހޭނެ އެއްކަމަކާވެސް ޒިންމާވާކަށް.. މަށަށް މިހެން ހެދީ ކަލޭމެން.. މަ މިތަނަށް އަންނާން މަޖުބޫރުވީވެސް ކަލޭމެންގެ ޒިންމާ ކަލޭމެންނަށް އަދާނުކުރެވުނީމައި.. ބައްޕަވެސްބެލީ، ރާނިޔާއައި ތަތްތެޅެވޭތޯ! އެހެންއެއްކަމެއްވެސް ވިތަ؟" އިޙްތިރާމްކުޑަކޮށްފައި ސަވާނާ ބުނެލި ޖުމުލަތަކުގެ ބާރުމިން އޭނާއަށް އަންދާޒާވެސް ނުކުރެވޭނެއެވެ.

"ތަތްތެޅުނީ ސަވާނާގެ މި ބައްޕަ! އެކަމަކު އެމީހުންއަތުން އޭގެ ބަދަލުގައި އަހަރެން ހޯދި ފައިދާތަކުން ހުރިހައި މޮޅަކާއި އަރާމެއް ލިބިގަތީ ސަވާނާއާއި ސަވާނާގެ މަންމަ! އެހެންވީމައި ތަތްތެޅުނީމައިވެސް ކޮންމެވެސް ބަޔަކަށް ފައިދާވެއްޖެނުން!" ނަވީން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނީއެވެ. ސަވާނާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ނަވީންގެ ހަމަލާގެ ބާރުގަދަކުރިއެވެ.

"އަހަރެންގެ އަތުން ލިބޭނެ ހުރިހައި އެއްޗެއް ލިބިނިމިފައި ތިހުރީ! އިންވޮއިސްތަކަށް ޕޭމަންޓްހަދަންވެގެން ލަންކާ މީހެއްގެ އަތުން އާދޭސްކޮށްގެން ހޯދި ހަތަރުހާސް ޑޮލަރު ތި ތަޅައިބުރުވާލީ! ދެން ހުންނާނީ ބޯންވީ އެއްޗެހި ބޮވިފައި، ކާންވީ އެއްޗެހި ކެވިފައި.. މަގޭ އަތުން ޒައްރެއްގެ މިންވަރުވެސް ނުދޭނަން ތިތަނުގައި ހުއްޓައި.. ހަދާނެ އެއްޗެއް ހަދާ.. ހޯދާނެގޮތަކަށް ލާރިހޯދާ.." ސަވާނާ ބުނެފާނެ އެއްޗެއް ބެލުމެއްނެތި ނަވީން ފޯނު ކަނޑައިލިއެވެ.

***
ނުވައެއްވެސް ޖަހައިފިއެވެ. ވަރުބަލިވެގެން އަވަދިވަނީއެވެ. އީތަންގެ ޝަކުވާގެ މެސެޖްތައް ބަލައިލާ ކޮންމެ ފަހަރަކު ލޯބިގޮތަކަށް ތުން އަނބުރާލައެވެ. ކިތަންމެ މަސައްކަތުގައި ބުރަކޮށް އިނަސް، އީތަންގެ ކޮންމެ މެސެޖްއަކަށް ޖަވާބު ފޮނުވައިލައެވެ. ވައިބާގެ މެސެޖްތަކުގެ އަޑަކީ މިވަގުތު މާޔާގެ ހިތުގެ މިއުޒިކެވެ.
މިވަގުތު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، މިއަދު ހުށަހެޅި މައްސަލައިގެ ކަންކަމުގައި އެންމެ އިސްކޮށްއުޅެނީ މާޔާގެ ގާތް ރައްޓެއްސެއްކަމަށްވާތީއެވެ.

"ލޯބިވަންޏާއި ތިރީސް މިނެޓްތެރޭގައި ހުންނާންވާނީ އަހަރެންގެ ކުރިމަތީގައި" އީތަންގެ މެސެޖްގައިވެއެވެ. ބުމަ މައްޗަށް ހިއްލާލާފައި މާޔާއަށް ބަލައިލެވުނީ ފައިލްތަކަށެވެ. ބައިވަރެއްނެތެވެ. ނަމަވެސް 30މިނެޓްތެރޭގައި އެމަސައްކަތްތައް ނިންމުމަކީ އިންސާނަކަށް ކުޅަދާނަކަމެއްނޫނެވެ. ޖަވާބުގައި ލިޔެލާނެ އެއްޗަކާއިމެދުގައި ވިސްނައިލިއެވެ.

އަތުން ފޯނު ދޫކޮށްނުލައި އީތަން އެއިނީ ޖަވާބުއަންނާނެކަން ޔަގީންވާތީއެވެ.

"ފަރުބަދައަކުން ހިލަ ކަނޑާށޭ ބުންޏަސް، ކޯރާޑި ހިފައިގެން ގޮސް، އެކަންކުރެވޭތޯ ހިތްވަރުކުރާނަން" ޖަވާބު ލިބުމާއެކު އީތަންގެ މޫނުމަތީގެ އުފާވެރިކަން ފެނުނެވެ.

ކުރިމަތީގައި އިން ސްކްރީންއާއި ދުރައް އަރިވެލުމަށްފަހު މާޔާ ބަލައިލީ ޒިޔާން އިންތޯއެވެ. އޭރު އިނީ ފޯނާކުޅޭށެވެ. ނުނިމި ހުރި ފައިލްތައް ހިފައިގެން ތެދުވިއެވެ. ސެކްޝަންގައި ޒިޔާން ނޫންމީހަކު ނެތެވެ. މާޔާގެ ހިތް ބިރުގަތެވެ. އެހެންމީހަކު ނެތި، ޒިޔާންގެ ކެބިންއަށް ވަންނާކަށް ބޭނުމެއްނޫނެވެ. ނަމަވެސް ހަވާލުކޮށްފައިވާ މަސައްކަތުގެ ގޮތުން، އެކަންނުކޮށްވެސް ވާކަށްނެތެވެ. އީތަންއަށް މެސެޖްކޮށްލީ، ކޮޅަށް ހުރެގެންނެވެ. ދިހަމިނެޓްތެރޭގައި ބަލައިއައުމަށް ބުނެލުމަށެވެ.

ޒިޔާންގެ ކެބިންގައި މާޔާ ޓަކިޖަހައިލިއެވެ. ފޮނިގޮތަކަށް ބަލައިލަމުން އަތުގެ އިޝާރާތުން އަންގާލީ އެތެރެއަށް ވަނުމަށެވެ. ޖެހިލުންވުމުގެ އެއްވެސް އަސަރެއް ނުދައްކައި މާޔާ ވަދެއްޖެއެވެ.

"ރޮބަޓަކަށްވެސް މަސައްކަތްކުރެވޭނީ އޭތި ޕްރޮގްރާމްކޮށްފައި ހުންނަވަރަކަށް.. އިންސާނުންނަކީވެސް ވަރުބަލިވާނެބައެއް! އެކަމަކު އަހަރެން ލައްވާ މަސައްކަތް ތިކުރުވަނީ އިންސާނުންލައްވާ ކަންކަންކުރުވާންވާނެ މިންވަރަކަށްނޫން.. އޮފީހަށް އައިސްފައި ބޭކާރުވާހަކަދައްކަން އަހަރެން ވަގުތު ހޭދައެއްނުކުރަން.. އިރުއިރުކޮޅުން ކޮފީއަކަށް ނުނިކުންނަން.. އެހެންމީހުންގެ މަސައްކަތްތައް މޭޒުމަތީގައި އެއޮންނަނީ ފުނިޖެހިފައި.. އެކަމަކު އިތުރުގަޑިއަށްވެސް އަހަރެން މަޑުކުރުވާ ސަބަބެއް ނޭގެ.. މިހަފްތާގައިވެސް އެންމެ ދުވަހަކުވެސް އެހެންމީހުން ގެއަށްދާ ގަޑީގައި ދެވިފައެއްނެތް.. ރަސްމީ ގަޑީގައިވެސް ކޮންމެހެން ދާންޖެހިގެން ގެއަށްދާ ބައިގަޑީރު ނޫނީ އަހަރެން އުޅޭނީ މަސައްކަތުގައި.. ނުވިސްނުނު މިހުރިހައި އެއްޗެއް އެއްފަހަރާ އަހަރެން ނިންމާންޖެހުނު ސަބަބެއް.. އެހެންޏާވެސް ނިންމަންޖެހެނީ ފަނަރައަށް.. މިފަހަރު މިއުޅެނީ ކިހިނެއްވެގެން؟" ތަންކޮޅެއް ހިތްހަމަނުޖެހިފައި މާޔާ ވާހަކަދެއްކިއެވެ.

އޮފީހުން ނިކުންނާން އެބަޖެހެއެވެ. އެންމެ ބުއްދިވެރިގޮތަކީ ކޮބައިކަން މާޔާއަށް ވިސްނުނީއެވެ. މޮޔައެއްހެން ހިނިއައިސްފައި ޒިޔާންއިނީ ކަޅިޖަހައިނުލައި ބަލާށެވެ. މާޔާގެ ކޮންމެ އެސްފިޔައަކަށްވެސް ޒިޔާން، ފިދާވާން ބޭނުމެވެ. ނަމަވެސް އިޒުނައެއް ލިބޭނެ ހެއްޔެވެ؟

"ކިހިނެއްވެފައިތަ ތިއިންނަނީ ބަލަހައްޓައިގެން؟" މާޔާ ހިތްހަމަނުޖެހުނީއެވެ. މާޔާ ދެއްކި އެއްވެސް ވާހަކައެއް ޒިޔާންއަށް އަޑުއިވުނުހެން ހިއެއްނުވެއެވެ.

"ހާދަ ރީއްޗޭ! ތަންކޮޅެއް ގިނަގިނައިން ތިހެން އާދެބަލަ.. ވާހަކަދައްކަނީވެސް ހާދަހައި ލޯބިންނޭ.. ތިހެން އާދޭތޯ ގެއަށްނުގޮސް މިއިންނަނީވެސް.." ޒިޔާންގެ އިޝްގީ ރާގު މާޔާއަށް ކަމަކުނުދިޔައެވެ.

"އޮފީސްތަކުގެ ވެރިންގެ ފެންވަރަށް ތިކަހަލަ ޖާހިލުން ލައިގެން މުވައްޒަފުންގެންގުޅޭނެ ގޮތެއް ބުނެބަލަ.. ހީކުނުރައްޗޭ، އަހަރުމެން އަންހެނުންނާއި ތިވައްތަރަށް މައްލަވަކުރެވިދާނެކަމަށް! އަހަރެންގެ މަގާމު ބަދަލުނުވިޔަސް، ޒިޔާންގެ މަގާމު ވަރަށް އަވަހަށް ބަދަލުވެދާނެ..! މިހުރީ ފައިލްތައް.. ނިންމާފައި ހުރި ހުރިހައި އެއްޗެއް ފޯލްޑަރއަށް ލައިފައި ހުންނާނެ.. އަހަންނަށް އަންގާފައި އޮންނަ ގޮތަށް، މިމަހުގެ ފަނަރައިގެ ކުރީން ދެންހުރި ހުރިހައި އެއްޗެއް ނިންމާފައި އެ ފޯލްޑަރއަށް ލާނަން.. މީގެފަހުން އިތުރުގަޑީގައި އަހަރެން މަޑުކުރުވުން ހަނދާންނައްތާލާ!" މާޔާގެ އަތުގައި ހުރި ފައިލްތައް ޒިޔާންގެ މޭޒުމައްޗަށް ހޫރުވައިލިއެވެ. އޭރުވެސް ޒިޔާންއިނީ ހިނިއައިސްފައެވެ.

"އަދި މަޑުކޮށްބަލަ! އަހަރެންގެ އަޑުވެސް އަހަންވާނެނުން.. އަހަރެންމިއީ މާޔާގެ ބޮސް!" ދެއަތްފުޅާކޮށްލާފައި ޒިޔާންބުނެލިއެވެ. ކުރިއަށް ނެގި ފައިވެސް މާޔާ ހަމަހިމޭންކޮށްލިއެވެ. ނަމަވެސް އޭރުހުރީ ފުރަގަސްދީގެންނެވެ. ޒިޔާންއާއި ދިމާއަށް ނުބަލަން މާޔާ އެހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ.

"ތިހެން ނުދެވޭނެ!" ފުރަގަހުން މާޔާގެ އަތުގައި ހިފާފައި ޒިޔާން ލުއްކިއެއްޖެހިއެވެ. ވިސްނައިގެން ނުހުރީތީވެ، ޒިޔާންގެ ގައިގައި މާޔާޖެހުނީ ނުރައްކާތެރިގޮތަކަށެވެ. ބީހިގެން ނުވާނެ ގުނަވަންތައް ޒިޔާންގެ ގައިގައި ބީހުނެވެ.

"އަހަންނަކީ ގައިބާރުހުރި ފިރިހެނެއް.. ހިތައް އައިހައި އެއްޗެއް ކިޔާފައި، ތިހެން ނުދެވޭނެކަން އިނގެންވާނެ" ޒިޔާންގެ އަޑާއި ރާގު މުޅީންބަދަލުވެއްޖެއެވެ. ނަމަވެސް އޭރުވެސް ހުރީ ހިނިއައިސްފައެވެ. ދުރައްދާން މާޔާ ކުރިމަސައްކަތް ކާމިޔާބެއް ނުވިއެވެ. ހިފަހައްޓާފައިހުރިތަނުން ޒިޔާން ދޫނުކުރުމުން މާޔާއަށް އަތުޖެހުނު ދިމާއެއްގައި ނިކަން ބާރަށް ދައިގަތެވެ. ވީތަދުން ޒިޔާން ދުރައްޖެހުނެވެ. މާޔާ މިނިވަންވިއެވެ. ލިބުނު ކާމިޔާބުގައި ނިކަން ބާރަށް ހިނގައިގަތީ ދޮރުން ނިކުންނާށެވެ. އެއްފައި ބޭރަށް އަޅާފައިވެސް އަނެއްކާ ދޮރުން އެތެރެވިއެވެ. އެއްޗެކޭ ބުނެނުލައި ދާން ބޭނުންނުވީއެވެ.

"ދެނެހުރިންތަ، މި ދިވެހިރާއްޖޭގައިވެސް މީޓޫ ކެމްޕެއިން ކުރިއަށް ދާކަން؟ ތިކަހަލަ ޖާހިލުންނަށް ފަހަރެއްގައި ނޭގިދާނެ.. އަހަރުމެން އަންހެނުންނަކީ ކަލޭމެން އަތްފޮހެން ގެންގުޅޭ ޓިޝޫކޮޅެއްނޫން އިނގޭ! އަހަރެންގެ ވަޒީފާއިން ކަނޑާލީމައި ދާނެތަންތަންވެސް އެބަހުރި! އެކަމަށް ފަރުވާލެއް ނެތް! އަދި ބުނަންތަ ވާހަކައެއް! މާދަމާ ހެނދުނު އިރުއެރުމުގެ ކުރީން، ޒިޔާންގެ ނަން މި އުދަރެހުގައި ވިދާލާނެ، ނޫނޭ! މުޅި ދުނިޔޭގައިވެސް... ސޯޝަލްމީޑިއާ ޗެކްކުރައްޗޭ! ވަރަށް ސަލާމް" ޒިޔާން ބުނެފާނެ އެއްޗެއް މާޔާ އަޑުއެހުން އޭނާއަށް މުހިއްމެއްނޫނެވެ. ނިކަން ބާރަށް ދޮރުލައްޕާފައި ނުކުމެއްޖެއެވެ. ޒިޔާންއަށް ބަލައިލެވުނީ މާޔާ ދަތްއެޅިތަނަށެވެ. ވަރަށް ތަދުވެއްޖެކަން އެނގެނީ ޒިޔާންގެ މޫނަށް ބަލައިލުމުންނެވެ. އިތުރަށް ވިސްނައިލަން ޖެހުނީ މާޔާގެ އިންޒާރުތަކަށެވެ. ތެދެކެވެ. މީޓޫ ކެމްޕެއިންގެ މައުލޫމާތު ޒިޔާންއަށްވެސް އެނގެއެވެ. މުވައްޒަފުންނަށް ޖިންސީފުރައްސާރަކުރުމުގެ ސީރަޔަސްކަމާއި ނުރައްކާވެސް އިހުސާސްވެއްޖެއެވެ. ނަމަވެސް ޒިޔާން ގަބޫލުކުރާގޮތުގައި އޭނާ ކުށެއް ނުކުރެއެވެ. ލޯބިވުމަކީ ކުށެއްނަމަ، އެ ކުށް ނުކުރާ އިންސާނަކު ނުހުންނާނެއެވެ. މާޔާދެކެ ޒިޔާން ނުހަނު ލޯބިވެއެވެ. އިތުރުގަޑީގައި އޮފީހަށް ނެރުމާއި އެހެންމީހުންނަށްވުރެން ގިނައިން މާޔާއަށް މަސައްކަތް ހަވާލުކުރަނީ ފެންނަހިސާބުގައި ގިނައިރު މާޔާ ބޭންދުމަށެވެ. ނަމަވެސް މިރޭ ހިނގާ އެދިޔަ ކަންކަމާއި މެދުގައި ޒިޔާން ވިސްނާލުން މަޖުބޫރުކޮށްފިއެވެ. ވަޒީފާ ބޭނުމެވެ. އަބުރާއި މަޤާމުވެސް ބޭނުމެވެ. މާޔާގެ އެންމެ ފިޔަވަޅަކުން ޒިޔާންގެ އަބުރު ވެއްޔާއިމޮޑެވި ސުންނާފަތިވުމަށް ގިނަ ވަގުތުތަކެއް ނުނަގާނެއެވެ. ފުލުފުލުގައި މާޔާއަށް މެސެޖްކުރަންފެށުނެވެ. ވަގުތު ފާއިތުނުވަނީސް، މަޢާފަށް އެދެން ބޭނުމެވެ. މާޔާ އިންޒާރުދިން ކަންތައްތައް ނުކުރުމަށް އާދޭސްކުރެވުނެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ގުޅުމުން، ފޯނެއްވެސް ނުނެގިއެވެ.

-- ނުނިމޭ --
ހިޔާލު

ދިޔެ

ފުނަމާގެ ވާހަކަތައް ކިޔާކިޔާ ފޫއްސެއްނުވޭ ހާދަ ރީއްޗޭ..ފުނަމާއަށް އިތުރު ކާމިޔާބީއަށް އެދެން..ވާހަކަ ލިއުން ދުވަހަކުވެސް ނުހުއްޓާނެ ކަމަށް އުއްމީދުކުރަށް..

އަންޔާ

ޕިސް ޕިސް ހާދަ ކުރޭ.. އެހާ ދިގު އިންތިޒާރަކަށް ފަހު ތަންކޮޅެއް ކިޔާލަން މި ލިބެނީ.. އެކަމު ވާހަކަ ވަރަށް ވަރަށް ރީތި.. 3> 3>

އިންތިޒާރު

ހާދަ ކުރޭ އެހާ ގިނަ ދުވަސް ފަހުން ކިޔާލަން ލިބުނު އިރު😞