China dharaneege olhunbolhun: Negikan engey loanthah 1.2 Billion Dollar Araa!
image
ޗައިނާ ރައީސް ޝީ ޖިން ޕިން (ކ) އަދި ރައީސް ޔާމީން.
3 ކޮމެންޓް
 

ޗައިނާ ދަރަނީގެ އޮޅުންބޮޅުން: ނެގި ކަން އެނގޭ ލޯނުތައް 1.2 ބިލިޔަން ޑޮލަރަށް އަރާ!

ޗައިނާ އަކީ އިގްތިސާދީ ގޮތުން ނާޒުކު އަދި ކުދި ގައުމުތަކުގެ މައްޗަށް އަތް ގަދަކުރުމަށް ނުބައި އުކުޅެއް ގެންގުޅޭ ގައުމެއްކަން ގިނަ ބަޔަކަށް އެނގެ އެވެ. ޗައިނާ އިން އާންމުކޮށް އެކަން ކުރަނީ، ހެޔޮއެދޭ ބައެއްގެ ގޮތުގައި އެ ގައުމެއްގެ ތަރައްގީ އަށް ހިންގޭ ބިޔަ މަޝްރޫއުތަކަށް ލޯނު އެހީ ދީގެންނެވެ. މީގެ ތެރެއިން ބައެއް ލޯނުތަކާއި އެކު އެ ގައުމުން ހިލޭ އެހީތައް ވެސް ދެ އެވެ.
ނަމަވެސް ކަން ނިމޭއިރު އެ ހުރިހާ އެއްޗެއް އެނބުރި ދާނީ ޗައިނާ އަށެވެ. މާނަ އަކީ އެ ގައުމުން ލޯނު ދީގެން ހިންގާ ޕްރޮޖެކްޓުތައް ހަވާލު ކުރަން ޖެހެނީ އެ ގައުމުގެ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ނުވަތަ އަމިއްލަ ކުންފުންޏަކަށެވެ. އެހެންކަމުން އެ ލޯނު އަދި އެ ލޯނާއި އެކު ހިލޭ އެހީއެއް ދީފިނަމަ އެ ފައިސާ ވެސް އާހިރުގައި ގޮސް ނިމޭނީ ޗައިނާގެ އިގްތިސާދުގެ ތެރެއަށެވެ.

މިއީ ޗައިނާގެ މަޝްހޫރު ޑެޕްޓް ޓްރެޕް ޑިޕްލޮމަސީ އެވެ. ޗައިނާގެ ލޯނުތަކާއި އެކު ގައުމުތައް ދަރަނިން ބަރުހެލިވުމުން، ޗައިނާ އިން ނޭދޭ ގޮތަކަށް އެ ގައުމެއް އަމަލު ކޮށްފިނަމަ ލޯނުތައް ދެއްކުމަށް "ފިއްތާލަނީ" އެވެ. އަޅުގަނޑުމެންނާ އެންމެ ކައިރިން ސްރީ ލަންކާ އަށް ދިމާވެގެން މި އުޅެނީ މި މައްސަލަ އެވެ.

ދެން މިއޮތީ ރާއްޖޭގެ ވާހަކަ އެވެ. ޗައިނާ އާ ގާތް ގުޅުމެއް ބޭއްވި ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަން ނިމި އާ ސަރުކާރާއި ބާރުތައް ހަވާލުވުމުގެ މަގުމަތީގައި އޮތް އިރު، ޗައިނާ އަށް ދަރާފައިވަނީ ސީދާ ކިހާވަރެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ކުރިން އާންމުވެފައިވާ މައުލޫމާތު ތަކަށް ބަލައި، ގިނަ ބަޔަކު ލަފާކޮށްގެން ތިބީ ރާއްޖޭން ޗައިނާ އަށް ދަރާފައިވާ އަދަދު 1.5 ބިލިޔަން ޑޮލަރަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ. ނަމަވެސް އޭރުވެސް ބައެއް ފަރާތަތްކުން އެ އަދަދާ މެދު ސުވާލު އުފެއްދި އެވެ. އެ ސުވާލުތަކަށް އެންމެ ބޮޑު ބާރެއް ލިބުނީ ރައީސް މުހައްމަދު ނަޝީދު ރާއްޖޭން ބޭރަށް އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވުމަށް ފަހު، ރާއްޖެ ވަޑައިގެން އާޓިފިޝަލް ބީޗުގައި ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ ލޯނު އަދަދު 3.2 ބިލިޔަން ޑޮލަރަށް އަރާ ކަމަށް ވިދާޅުވުމުންނެވެ.

އެ މަނިކުފާނު އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެކަން ތަކުރާރުކޮށް، އެ މައުލޫމާތުތައް ހާމަކުރަން ޖެހޭ ކަމަށް ވިދާޅުވާން ފެއްޓެވި އެވެ. އަދި އަނބުރާ ދެއްކޭނީ ޗައިނާ އިން ދީފައިވާ ފައިސާ ކަމަށާއި، ނުދޭ ފައިސާ އެއް އަނބުރާ ނުދެއްކޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ޔާމީނުގެ ސަރުކާރުން ޗައިނާ އާ އެކު ސިއްރު ޑީލްތަކެއް ހެދި ކަމަށް ވެސް ރައީސް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

ނަމަވެސް ރައީސް ނަޝީދުގެ ވާހަކަތައް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވަނީ ދޮގު ކުރައްވާފަ އެވެ. ބައެއް މީޑިއާ ތަކަށް ސަފީރު ވިދާޅުވެފައިވަނީ ދިވެހި ސަރުކާރުން ޗައިނާ އަށް ދައްކަން ޖެހެނީ 600 މިލިޔަން ޑޮލަރު ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ. އަދި އޭގެ އިތުރުން ކޮމާޝަލް ލޯނުގެ ގޮތުގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކަށް ޖުމްލަ 900 މިލިޔަން ޑޮލަރުގެ ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ޖަންގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދޫކުރަން ނިންމާފައިވާ 900 މިލިޔަން ޑޮލަރުގެ ބޮޑު ބައި، ޕްރޮޖެކްޓުތައް ނުފެށޭތީ އަދި ދޫކޮށްފައި ނުވާ ކަމަށެވެ. އޭގެތެރެއިން ދޫކުރީ ކިހާވަރެއް ކަމެއް ސަފީރު ވިދާޅެއް ނުވެ އެވެ.

ރާއްޖެ އަށް ދީފައިވާ ލޯނު ތަކަކީ ދެ ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ދޫކޮށްފައިވާ ލޯނުތަކެއް ކަމަށް ސަފީރު ވިދާޅުވި އެވެ. އަދި އެ ލޯނުތައް އަނބުރާ ދައްކަން ޖެހޭނީ ފަސް އަހަރުގެ ގްރޭސް ޕީރިއެޑަކަށް ފަހު، 20 އަހަރުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ދެން މިއޮތީ ސަފީރު އެ ވިދާޅުވި 600 އަދި 900 މިލިޔަން (900 މިލިޔަނުގެ ތެރެއިން ދިން ވަރު ސާފެއް ނުވޭ) ޑޮލަރުގެ ތެރެއިން އާންމުކޮށް އެނގެން ހުރި އެގްރީމަންޓްތަކުގެ ވާހަކަ އެވެ.

ޗައިނާ އާ އެކު ރާއްޖޭން ހެދި އެންމެންނަށް އެނގޭ އެއްބަސްވުމަކީ ސިނަމާލެ ބްރިޖް އެއްބަސްވުމެވެ. އެގޮތުން ބްރިޖް ޕްރޮޖެކްޓަށް ޖުމްލަ 200 މިލިޔަން (ހައުސިން މިނިސްޓްރީން ބައެއް ފަހަރު އެ ޕްރޮޖެކްޓުގެ އަގަކީ 210 މިލިޔަން ޑޮލަރު ކަމަށް ބުނެފައިވޭ) ޑޮލަރުގެ ޕްރޮޖެކްޓެވެ. އޭގެ ތެރެއިން ހާމަވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި 116 މިލިޔަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ އެވެ. ޗައިނާ ކޮމިއިނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އާ ހަވާލުކޮށްގެން ހެދި ބްރިޖަށް 12 މިލިޔަން ޑޮލަރު ސަރުކާރުން ހަރަދު ކުރި އިރު، ބާކީ 72 މިލިޔަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ތެރެއިން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ތަރައްގީކުރި އާ ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. ރަންވޭއާ އެކު 45 މިލިއަން ލިޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ތަރައްގީ ކުރުން ވެސް ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އަށް ޖުމްލަ ހިނގާނެ ކަމަށް ބެލެވެނީ، އާ ރަންވޭ ހެދުމުގެ ހަރަދާއި އެކު 800 މިލިޔަން ޑޮލަރު ކަމަށް ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް ރައީސް ޔާމީނުގެ ކެމްޕޭން ތެރޭގައި އެ އަދަދު އެއް ބިލިޔަން ޑޮލަރަށް އަރާކަމަށް ބުނެފައިވާއިރު، އޭގެ ބޮޑު ބައެއް ވެސް ހަމަޖައްސާފައި އޮތީ ޗައިނާ އިންނެވެ.

އޭގެ އިތުރުން ހުޅުމާލޭގައި އެއާޕޯޓް އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރުމަށް ޗައިނާ އާއި ރާއްޖެއާ ދެމެދު ޑިސެންބަރު 7، 2017 ވަނަ ދުވަހު ބޮޑު އެއްބަސްވުމެއްގައި ސޮއި ކުރި އެވެ. ރާއްޖޭގެ ފަރާތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އޭރު ހުންނެވި މުހައްމަދު ސައިމަން ސޮއިކުރެއްވި އެއްބަސްވުމުގެ އަގަކީ 373 މިލިޔަން ޑޮލަރެވެ.

ރައީސް އަބްދުﷲ ޔާމީނާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި ސޮއި ކުރި އެއްބަސްވުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެއްސީ ޗައިނާ އެގްޒިމް ބޭންކުގެ ލޯނަކުން ކަމަށް އޭރު އޮތީ ބުނެފަ އެވެ. އެ މަސައްކަތް ހަވާލުކުރީ ރަންވޭ މަސައްކަތް ކުރި ބީޔޫސީޖީ އަށެވެ. ފަހުން އެ ވާހަކަ ފަނޑުވެ، ގިނަ ބަޔަކު ހަނދާންނެތިގެން ގޮސްފައިވާއިރު މިހާރު އެ މަސައްކަތްތައް ކުރިއަށް ގޮސްފައިވަނީ ކިހާ ވަރަކަށް ކަމެއް ސާފެއް ނުވެ އެވެ.

ހުޅުމާލެ އާއި މާލެއާ ދެމެދު ހައިވޮލްޓޭޖް ކޭބަލެއް އަޅަން 44.6 މިލިއަން ޑޮލަރަށް، ޗައިނާގެ ޑޮންފެންގް އިލެކްޓްރިކް ކޯޕަރޭޝަން (ޑީއީސީ) އާ ސްޓެލްކޯ އިން ފެބްރުއަރީ 12، 2018 ގައި ސޮއި ކުރެވުނު އެއްބަސްވުމުގެ ވާހަކަ ވެސް ފާހަގަ ކޮށްލުން މުހިންމެވެ. ބަނގުރޫޓުވުމާ ކައިރިވެފައިވާ ސްޓެލްކޯ އިން މި ޕްރޮޖެކްޓަށް ފައިސާ ހަމަޖެއްސި ގޮތެއް ސާފެއް ނުވެ އެވެ. ނަމަވެސް ލަފާކުރެވެނީ އެ ފައިސާ ވެސް ހަމަޖެއްސީ ޗައިނާ އެގްޒިމް ބޭންކުން ކަމަށެވެ.

ޑޮންފެން އިން ހުޅުމާލޭގައި ކުރިއަށް ގެންދާ ސްޓެލްކޯގެ ފަސް ވަނަ ޕަވާ ޕްރޮޖެކްޓްގެ އަގު 1.2 ބިލިޔަން ރުފިޔާ (778 މިލިޔަން ޑޮލަރަށް ވުރެ ބޮޑު) އަށް އަރާނެކަމަށް ކުރިން ވަނީ ހާމަކޮށްފަ އެވެ. ތިން ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮޖެކްޓަށް ފައިސާ ހަމަޖެއްސީ ކިހިނެއް ކަމެއް ސާފެއް ނުވެ އެވެ. އަދި އެ ޕްރޮޖެކްޓުގެ މަސައްކަތްތައް މިހާރު ގޮސްފައި އޮތީ ކިހާ ހިސާބަކަށް ކަމެއް ވެސް ނޭގެ އެވެ.

ދެން އޮތީ ހުޅުމާލޭގައި 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ފަށާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުގެ މަސައްކަތް، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންއާ ހަވާލުކުރި އަގެވެ. ޗައިނާ ނޫސްތަކުން ހަމާކޮށްފައިވާ ގޮތުގައި އެ މަސައްކަތް، ޗައިނާ ސްޓޭޓަށް ހަވާލު ކޮށްފައި ވަނީ 434 މިލިއަން ޑޮލަރަށެވެ.

ސާފުކޮށް އެނގެން ހުރި ދަރަނި:

- ބްރިޖް ޕްރޮޖެކްޓުގެ ލޯނު 72 މިލިޔަން ޑޮލަރު.
- އާ ރަންވޭ ހެދުމަށް 400 މިލިއަން ޑޮލަރު.
- ހުޅުމާލޭގައި އެއާޕޯޓް އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރުމަށް 373 މިލިޔަން ޑޮލަރު.
- ޗައިނާ ސްޓޭޓަށް ހަވާލުކުރި ފްލެޓް އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 434 މިލިއަން ޑޮލަރު.

- ޖުމްލަ: 1.2 ބިލިޔަން ޑޮލަރު.

* ހުޅުމާލެ އާއި މާލެއާ ދެމެދު ހައިވޮލްޓޭޖް ކޭބަލެއް އަޅަން 44.6 މިލިއަން ޑޮލަރަށް ޑީއީސީއާ ހަވާލުކުރީ ލޯނު އެއްބަސްވުމެއްގެ ދަށުންކަމެއް ޔަގީނެއް ނުވޭ. އަދި ސްޓެލްކޯގެ 1.2 ބިލިޔަން ރުފިޔާގެ (778 މިލިޔަން ޑޮލަރަށް ވުރެ ބޮޑު) ފަސް ވަނަ ޕަވާ ޕްރޮޖެކްޓް ހިންގަން ފައިނޭންސް ހޯދި ގޮތެއް ވެސް ސާފެއް ނުވޭ.

މީއީ ހަމައެކަނި ހާމަވާން ހުރި ދަރަންޏަށް ވާއިރު، އާންމު ނުކޮށް ޕްރޮޖެކްޓްތައް ހިންގަން ނަގާފައިވާ ފައިސާގެ އަދަދު އަންދާޒާ ކޮށްލުން މުހިންމެވެ. އަދި ޗައިނާ އަށް ދަރާފައިވާ ހަގީގީ އަދަދު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ އެވެ. އޭގެ އިތުރުން ދެން އަންނަ ސަރުކާރުން އެ ލޯނުތައް އަދާކުރުމަށް ހަރުދަނާ ފިޔަވަޅުތައް ނާޅައިފިނަމަ ރާއްޖޭގެ އިގްތިސާދު ފުނޑިގެން ހިނގައިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ހިޔާލު

ގެރި މޯދީ

ލަންކާ އަށްވީ ގޮތް އެނގޭ ވަރަށް ރަނގަޅަށް! މިލިޔުނު މީހާ ގޫގުލް ކޮށްގެން ލިޔެފަ މިހިރީ. މަމީ އެތާ 12 އަހަރު އުޅެފަ ހުރި މީހެއް. ލާރި ދެއްކެން އޮތީ. އިންޑިއާގެ ނުފޫޒު އޮތް ސަރުކާރެއް އެރީމަ ވާނެ ގޮތް އެނގޭނެ ގެރިއަކަށްވެސް.

ކަނި

ސަރުކާރު ހިންގަން ނޭގޭ ބަޔަކު ހަވާލުވެގެން ދައްކާނީ ތިޔަކަހަލަ ފިތުނަ އުފެދޭ ވާހަކަ. ނާގާބިލް މީހުންތީ

ލޮނުމެދު

ސިކުނޑީގަ ތެތްކަމެއްނެތް ކުރަފިބޮލުގެ ވިސްނުން....