Budget nukoh feshi masahkaithah anna aharuge budget ah!
image
ހއ. މާފިނޮޅު (ހޯރަފުށި) އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ހަމަޖެހިފައިވާ ގޮތް.
0 ކޮމެންޓް
 

ބަޖެޓް ނުކޮށް ފެށި މަސައްކަތްތައް އަންނަ އަހަރުގެ ބަޖެޓަށް!

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ރިޔާސީ އިންތިހާބާ ދިމާކޮށް އަވަސް އަރުވާލައިގެން ފެށި ބައެއް ޕްރޮޖެކްޓް ތަކަކީ ބަޖެޓް ނުކޮށް ފެށި މަޝްރޫއުތައް ކަމުން އެ މަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައީސް ޔާމީން ވަނީ ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން ކެޕްމޭނާ ދިމާކޮށް ފެށި ޕްރޮޖެކްޓްތަކުގެ ތެރެއިން ގިނަ ޕްރޮޖެކްޓްތަކަކީ މި އަހަރުގެ ބަޖެޓުގައި އެ ކަމަށް އެއްވެސް ފައިސާއެއް ހިމެނިފައި ނުވާ ޕްރޮޖެކްޓްތަކެކެވެ.

އެ ޕްރޮޖެކްޓްތައް ފެށުނު އިރު ސަރުކާރާއި އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް އެކަން ފާހަގަ ކުރި އެވެ. އަދި އެގޮތަށް ޕްރޮޖެކްޓްތައް ފެށުމުން އާ ސަރުކާރެއް އަންނަ އިރު، އެ ކަންކަން ބަޖެޓުގައި ހިމަނަން ޖެހި، އާ ސަރުކާރުން ބޭނުންވާ ޕްރޮޖެކްޓްތައް ހިންގަން ފުރުސަތު ހަނިވުމުގެ ބިރު އޮތް ކަމަށް ބައެއް ފަރާތްތަކުން އޭރު ބުންޏެވެ.

މިއަދު ރައްޔިތުން މަޖިލީހަށް، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ހުށަހެޅުއްވި ރެކޯޑް 29.6 ބިލިޔަން ރުފިޔާގެ ބަޖެޓުގައި އެ ފަދަ ބައެއް ޕްރޮޖެކްޓްތައް ހިމަނާފައިވާކަން މިހާރު ވަނީ ހާމަވެފަ އެވެ.

އެގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ބިން ހިއްކުމަށް އެމްޓީސީސީ އަށް ހަވާލުކޮށްފައިވާ ހއ. މާފިނޮޅު (ހޯރަފުށި) އެއާޕޯޓާއި ގަލްފް ކޮބްލާ އަށް ބިން ހިއްކަން ހަވާލުކޮށްފައިވާ ގދ. ފަރެސްމާތޮޑާ އެއާޕޯޓް ޕްރޮޖެކްޓެވެ. އެ ޕްރޮޖެކްޓުތައް، ކެމްޕޭނު ދުވަސްވަރު ފެށި ނަމަވެސް އެ ކަމަށް މި އަހަރުގެ ބަޖެޓުގައި އެއްވެސް ފައިސާއެއް ހިމަނާފައެއް ނުވެ އެވެ.

މާފިނޮޅު އެއާޕޯޓަށް ބޭނުންވާނެ ބިން ހިއްކަން އެމްޓީސީސީ އަށް ހަވާލުކުރީ ޖީއެސްޓީއާ ނުލާ 64 މިލިޔަން ރުފިޔާ އަށެވެ. ނަމަވެސް ހަމަ އަގު އެނގޭނީ ސާވޭއަށް ފަހު ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ފަރެސްމާތޮޑާ އެއާޕޯޓް ހިއްކަން ގަލްފް ކޮބްލާ އަށް ހަވާލުކުރީ 2.5 މިލިޔަން ޑޮލަރު (38.6 މިލިޔަން ރުފިޔާ) އަށެވެ.

މި އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ ފ. ނިލަންދޫ އެއާޕޯޓަށް 100.9 މިލިޔަން ރުފިޔާ އާއި ހދ. ކުޅުދުއްފުށީ އެއާޕޯޓަށް 92.6 މިލިޔަން ރުފިޔާ އާއި ށ. ފުނަދޫ އެއާޕޯޓަށް 88.7 މިލިޔަން ރުފިޔާގެ އިތުރުން ގދ. މާވަރުލު އެއާޕޯޓަށް 54 މިލިޔަން ރުފިޔާ އެވެ.

އެހެންކަމުން މާފިނޮޅު އެއާޕޯޓާއި ފަރެސްމާތޮޑާ އެއާޕޯޓް ހިންގަން ހަވާލުކޮށްފައިވާ މަޝްރޫއުތަކަށް ފައިސާ ހިމެނީ މި އަހަރުގެ ބަޖެޓުންނެވެ. އެނގިފައިވާ ގޮތުގައި އެމްޓީސީސީން ހިންގި މިފަދަ ގިނަ ޕްރޮޖެކްޓަކުގެ މަސައްކަތް ކޮށްފައިވަނީ ކްރެޑިޓް އުސޫލުން ފަހުން ފައިސާ ދޭ ގޮތަށެވެ.

މި އަހަރުގެ ބަޖެޓުގައި އަލަށް ހަދަން ބަޖެޓް ކޮށްފައިވަނީ މ. މުލީގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓެވެ. އެ އެއާޕޯޓަށް 39.8 މިލިޔަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ. އަދި ހދ. މަކުނުދޫގައި އެއާޕޯޓްގެ މަސައްކަތް ފެށުމުގެ ގޮތުން ހަދަންޖެހޭ ދިރާސާތަކަށް ފަސް ލައްކަ ރުފިޔާ ހިމަނާފައި ވެއެވެ.

މި އަހަރުގެ ބަޖެޓުގައި ކުޅުދުއްފުށީ އެއާޕޯޓް ނިންމަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ޖެހޭނެ ކަމަށް ލަފާކޮށްފައި އޮތީ 64.8 މިލިޔަން ރުފިޔާ އެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ 5.8 މިލިޔަން ރުފިޔާ އެވެ. އަދި ފުނަދޫ އެއާޕޯޓަށް އަނަން އަހަރުގެ ބަޖެޓުގައި 88.7 މިލިޔަން ރުފިޔާ ހިމަނަން، މި އަހަރުގެ ބަޖެޓުގައި ލަފާކޮށްފައި އޮތް އިރު، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 2.6 މިލިޔަން ރުފިޔާ އެވެ.

މާވަރުލު އެއާޕޯޓް ޕްރޮޖެކްޓް މި އަހަރު ނިންމޭނެ ކަމަށް ބަލާ އެ ޕްރޮޖެކްޓަށް މި އަހަރުގެ ބަޖެޓުގައި 54 މިލިޔަން ރުފިޔާ ހިމެނި އެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެ ޕްރޮޖެކްޓް ނިންމަން 3.5 މިލިޔަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ބަޖެޓް ނުކޮށް މިފަދަ އިތުރު ޕްރޮޖެކްޓްތައް ވެސް ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެފަދަ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތް ރިޔާސީ އިންތިހާބަށް ފަހު ހުއްޓިފައިވާއިރު، އާ އަހަރުގެ ބަޖެޓުގައި އެ ޕްރޮޖެކްޓްތަކަށް ފައިސާ ހިމެނުމުން، އަލުން މަސައްކަތްތައް ފެށިގެން ދާނެ ކަމަށް ބެލެވެ އެވެ.
ހިޔާލު