Velezine hayyaru kurun: Hiyaaluthah dhekafi vefai!
image
ވެލެޒިނީ އިއްޔެ ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.-- ފޮޓޯ: ސޯޝަލް މީޑިއާ
0 ކޮމެންޓް
 

ވެލެޒިނީ ހައްޔަރު ކުރުން: ހިޔާލުތައް ދެކަފިވެފައި!

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި ދިރިއުޅުމަށް ފަހު އިއްޔެ، ރާއްޖެ އައުމާ އެކު ފުލުހުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ ހައްޔަރު ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ރަސޫލު ކަމަށް ދައުވާކޮށް އިސްލާމް ދީނުގެ އުސޫލުތަކުން ބޭރުން އެތައް ވާހަކަތަކެއް، ސޯޝަލް މީޑިއާގައި ދެއްކުމުން، މުރުތައްދުވެފައިވާ މީހެއް ކަމަށް އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ މަޖިލީހުން ކަނޑައަޅާފައިވާ ވެލެޒިނީ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގަ އެވެ.

އޭނާ ރާއްޖޭން ބޭރުގައި ދިރިއުޅުނު އިރު، ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އޭނާ އަށް ތަކުރާރުކޮށް އެންގި އެވެ. ފުލުހުން ބުނީ އޭނާ ރާއްޖެ އައުމާ އެކު ހައްޔަރު ކުރީ، ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ވެލެޒިނީ ހައްޔަރު ކުރުމާ ގުޅިގެން ކަންބޮޑުވާ ގިނަ މީހުން ބުނަނީ، އޭނާ އަކީ ކުއްވެރިއެއް ނޫން ކަމަށާއި، ނަފްސާނީ ބައްޔަށް ބޭސް ކުރަން ޖެހޭ މީހެއް ކަމަށެވެ. އެގޮތުން ފުލުހުން އޭނާ ހައްޔަރު ކުރި އިރު، ފުލުހުންގެ ތެރޭގައި އެފަދަ ބަލި މީހުންނަށް އަޅާލެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތް ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.

ސޯޝަލް މީޑިއާއި، ވެލެޒިނީ ހައްޔަރު ކުރުމާ ދެކޮޅަށް އަޑު އުފުލާ މީހުންގެ ތެރޭގައި މަޝްހޫރު ގާނޫނީ ވަކީލުންނާއި، ޑޮކްޓަރުންގެ އިތުރުން ސިޔާސީ ބޭފުޅުން ވެސް ހިމެނެ އެވެ.

"ސިކުނޑީގެ ބަލި ހުންނަ މީހުންނަށް ބެލެހެއްޓޭނެ ވަސީލަތެއް ވެސް އަދި ގާބިލު ކަމެއް ވެސް ފުލުހުންގެ ކިބާގައި ނުހުންނާނެ. މުޖުތަމައުގެ ރައްކާތެރިކަމަށް އެކަހެރި ކުރަން ޖެހޭނަމަ އެފަދަ މީހުން މީހުން ބެލެހެއްޓުމަށް ހަދާފައި ހުރި ދައުލަތުގެ ތަންތަނުގެ ބޭނުން ހިފަންޖެހޭ ކަމަށް ދެކެން،" ވެލެޒިނީ ހައްޔަރު ކުރުމުން، ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ޓްވިޓާގައި ވިދާޅުވި އެވެ.

މަޝްހޫރު ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް ޓްވިޓާގައި ވިދާޅުވެފައިވަނީ، ކްލިނިކަލް ސައިކޮލޮޖިސްޓެއްގެ ގޮތުގައި ތަފާތު ސަގާފަތްތަކާއި، ސަރަހައްދު ތަކުގައި މަސައްކަތް ކުރެއްވި އިރު ދީނީ ގޮތުން ތަފާތު ގޮތްގޮތަށް ދެކުނު މީހުންނާ ދިމާވި ކަމަށެވެ. ނަމަވެސް އެ މީހުންނަކީ މުރުތައްދުވެފައިވާ މީހުން ނޫން ކަމަށާއި، އެ އެންމެން ވެސް ބޭނުންވީ ސިއްހީ އެހީތެރިކަން ކަމަށާއި، ޖަލު ނޫން ކަމަށް ޑރ. ނާޒް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ވެލެޒިނީ ހައްޔަރު ކުރުމާ ދެކޮޅު މީހުން ބުނާގޮތުގައި، ހައްޔަރު ކުރުމުގެ ކުރިން އޭނާ ބުއްދި ސަލާމަތުން ހުރިތޯ ބަލަން ޖެހޭ ކަމަށެވެ. އަދި އެފަދަ އެސެސްމަންޓެއް ހެދެންދެން، އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ މަޖިލީހުން ވެލެޒިނީއަކީ މުރުތައް ދުވެފައިވާ މީހެއްކަމަށް ނިންމާފައިވާ ނިންމުން އުވާލުމަށް ވެސް އެ މީހުން ދަނީ ގޮވާލަމުންނެވެ.

އޭނާ ހައްޔަރު ކުރުމަށް ތާއީދު ކޮށް ވާހަކަ ދައްކަނީ ވަރަށް މަދު ބައެކެވެ. ހައްޔަރު ކުރުމާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ދެކޭގޮތުގައި ވެލެޒިނީ އަކީ ނަފްސާނީ މައްސަލައެއް ހުރި މީހެއް ކަމަށް "ދެއްކިގެން" އުޅޭ މީހެކެވެ.

ނަމަވެސް ކުރީގައި އަޑުގަދަ ގާނޫނީ ވަކީލު، ވެލެޒިނީ ރާއްޖެ އައިސް އެއާޕޯޓުގައި ހުންނަ ފޮޓޯތަކަށް ބަލާލުމުން ވެސް އޭނާގެ ސިއްހީ ބޮޑު މައްސަލައެއް އުޅޭކަން ފާހަގަވާ ކަމަށް ބައެއް މީހުން ބުނެ އެވެ. އެގޮތުން އޭނާ ވަރަށް ބޮޑަށް ހިކިފައިވާ ކަމަށް އެ މީހުން ފާހަގަ ކުރެ އެވެ.
ޕޮލިސް ސިއްހަތު
ހިޔާލު