Firumaaladheyshey, Episode 62
image
ފިރުމާލަދޭށޭ..
ފުނަމާ
6 ކޮމެންޓް
 

ފިރުމާލަދޭށޭ..

62 ވަނަބައި
"ކީއްވެ މަންމަ ފަހަތައް ޖެހެނީ؟ އާދެބަލަ! މަންމަ ފެނުނީމައި ވަރަށް އުފާވާނެ.. އަހަރެން ހުންނާނަން ތަންކޮޅެއް ފަހަތުގައި.. ފުރަތަމަ ވަންނާނީ މަންމަ.. ދެން އާންޔާ، އެންމެފަހުން އަހަރެން ވަންނާނަން.. ޔާދު އެބައަންނަމޯ މަންމައަށް އެއްޗެއް ގަނެގެން" ހައްވާފުޅުގެ ކޮޓަރިއާއި ކައިރިވެވުމާއެކު ގައިސަރު ފަހަތައް ޖެހިލުމުން އެލީ ބުންޏެވެ.

ގައިސަރުގެ ހިތް ކިތަންމެ ހެވަސް، އެގެއަށް އައުމުން އުނދަގޫތަކެއްވަނީ، ފުރަތަމަ އެގެއަށް އައިދުވަހުގެ ހާދިސާގެ ހަނދާންތައް އުނދަގޫކުރާތީއެވެ. އެއީ ގިނަބައެއްގެ ކުރިމަތީގައި ލަދުގަނެ، އިސްޖަހައިލަން ޖެހުނު ދުވަހެކެވެ. ނުކުޅެދޭމީހެއްގެ ގޮތުގައި ރައްދުވި މަލާމާތްތައް އަދިވެސް އާވަނީއެވެ. ދިފާޢުގައި އެއްޗެއް ބުނެލާނެ ދުލެއްވެސް އެދުވަހު ނެތެވެ. ހިމާޔަތަށް އެދި އަތްދިއްކޮށްލާންހުރީވެސް ޔާދުއެވެ. އެދުވަހު އެންމެންގެ ތެރޭގައި މަންމަ، އެކަނިވެރިކޮށްލާފައި ޔާދު ފަސްއެނބުރި ދިޔަގޮތް މަންމަގެ ލޯކުރިމަތީގައި ނިއުޅެލީ، މޯޅިވެފައިވާ މަލަކަށް ދެވަނަފަހަރަށް ތާޒާކަން ލިބުމުން ބާރުޖެހިލާނެފަދަ ގޮތަށެވެ.

ހައްވާފުޅު އުމުރާވުމަށް ފުރުމުގެ އުފަލުގައި ބޭއްވި ކެއުމެކެވެ. ޔާދުގެ މަންމަވެސް ދެކިލަން ބޭނުންކަމަށް ހައްވާފުޅު ބުނެފައިވުމުން، ގައިސަރު ނުގެންގޮސް ނުކެރުނީއެވެ. ހަގީގަތުގައި މަންމަ ގޮވައިގެން މީހުންގެ ތެރެއަށް ދިއުމަކީ އޭރު ޔާދު ލަދުގަންނަކަމެކެވެ. ގޭތެރެއަށް ވަދެގެން އައިއިރުވެސް ގައިސަރުހުރީ ވަރަށް އެކަނިވެރިވެފައެވެ. އާއިލާއާއި ގާތް ރަޙްމަތްތެރީން އެތަނުގައި ތިއްބެވެ. އެކަކުވެސް ގައިސަރު ނުދަނެއެވެ. ހައްވާފުޅާއި ދިމާވީ ތަށިތަކަށް ކާއެއްޗެހިއަޅާން ތިބި މީހުންނާއި ހިސާބުންނެވެ. ސަލާމްކޮށްލުމަށް ގައިސަރުގެ އަތް އުފުލާލިވަގުތު ހައްވާފުޅުގެ އަތް ދަމައިގަތީ އެލީއެވެ.

"ވަރަށް ފަކުރު އިނގިލިގަނޑެއް އިންނާނެ.. ސަލާމްނުކުރިޔަސް ކެވިދާނެ.. މިތަނަށް ގެނައީ ކާން.. ކައިގެން ހިނގައިދާނެ!" ގައިންގަޔަށް އަރައި ނުރައްކާތެރި ބައްޔެއް ހުރި މީހެއްގެ ކިބައިން، އެހެންމީހަކު ސަލާމަތްކުރާން އުޅުނުހެންވެސް ހީވިއެވެ.

އެއީ އެރޭގެ އެވަގުތެވެ. މިއީ މިރޭގެ ހަމަ އެވަގުތެވެ. ގައިސަރުގެ ގައިން ހީނބިހި ނެގިއެވެ. ދެލޯ ފެންކަޅިވިއެވެ. ހައްވާފުޅުވެސް، އޭނާގެ އަންހެންދަރީގެ ނުރަގަޅު ސިފައަށް އެރޭ ފަޚުރުވެރިވިފަދައެވެ. އާއެކެވެ! ސަލާމްއަށް ދިއްކޮށްލި އަތް ތިރިކޮށްލުމަށްފަހު ސިއްރުގޮތަކަށް ހެނދުމުގައި އަތް ފޮހެލި މަންޒަރު ގައިސަރު ދުއްޓެވެ.

"މަންމަ ވަދެބަލަ! ދޮރުހުޅުވާލަބަލަ" ފަހަތުގައި ހުރެފައި އެލީ ބުންޏެވެ. ގައިސަރުގެ ބުރަކަށީގައި ފިރުމާލާފައެވެ. ނިކަން ސިއްރުން އަނގަމަތީގައި އަތްއަޅާފައި އާންޔާ ހީލިއެވެ. އެއީ ގައިސަރުގެ ލޮލުގެ ނޫރެވެ. އާންޔާގެ ހިނިތުންވުމުން ހިތައް ތަސައްލީ ނުލިބޭ ހަމަ އެންމެ ވަގުތެއްވެސް ނާދެއެވެ.

"ޙަމްދާއި ޝުކުރުހުރި.. މަންމަ ވަންނާނަން ދަރިފުޅުގެ ފަހަތުން، ފުރަތަމަ ދަރިފުޅު ވަދޭ.. މަންމަ އުފާވާނީ ދަރިފުޅު ފެނުނީމައި" ގައިސަރުގެ ބުނުމަށް، މިފަހަރު އެލީ ކިޔަމަންވިއެވެ.

ދޮރުހުޅުވާލާފައި އެތެރެއަށްވަނެވެ. ގައިސަރުގެ ފުންނޭވާ، އެކަކަށްވެސް ފާހަގައެއް ނުކުރެވޭނެއެވެ. އެކަމަށް އޭނާ ކުޅަދާނައެވެ. އާއެކެވެ. މިނޫނަސް ހައްވާފުޅަށް ގޮވައިލާން ގައިސަރު އަތުވެއްޖެއެވެ. ނަމަވެސް އެލީއާއެކު އާދެވުމާއި، އެރޭގެ އެވަގުތާއި މިރޭގެ މިވަގުތު ދިމާވުމުން ހިތައް އަސަރުކުރީއެވެ.

*****
ސައިކަލަށް އެރީންސުރެން މާޔާ ވާހަކައެއް ނުދައްކައެވެ. ދެތިންފަހަރަކު އީތަން ސަމާސާކޮށްލުމުންވެސް މާޔާ އަޅާނުލިއެވެ.
"ރުޅިއައިސްފައި އިންދައި ގެއަކަށް ނުގެންދާނަން.. ރުޅި މަޑުވީމައި ދޯ ގެއާއި ކައިރިކުރެވޭނީ.. ނިކަން ލޯބިން ބައްދާލީމައި މިރޭ ގެއަށް ގެންދެވޭނީ" އީތަން ބުނެލިއެވެ. އޮފީހުގައި ހިނގާދިޔަ ހާދިސާއަށްފަހު ނުތަނަވަސްވެފައި އިނދެވެސް މާޔާ ހިނިއައެވެ.

"ނުދެނަހުރީން، އައިކޮޅަށް އަނބުރާލާފައި ދާން، މިތަނުގައި ހުއްދަ ދީފައި އޮތްކަމެއް" އީތަން ބުނި ރާގުގައި މާޔާވެސް ބުންޏެވެ. މިފަހަރު ހިނިއައީ ދެމީހުންއެކުގައެވެ. ހިނިތުންވުމާއެކު ނުހަނު ލޯބިން އީތަންގެ އުނަގަނޑުގައި މާޔާގެ ދެއަތް ވަށައިލިއެވެ. ބްރިޖް ހުރަސްކޮށް ހުޅުމާލެއާއި ދާދި ގާތްވެއްޖެއެވެ. އީތަން ބޭނުންވީ މާޔާއާއެކު ހަމަހިމޭން ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ތޮއްޖެހިފައިވާ މާލެގައި ދިހަ ބުރި ގެއެއްގެ އިމާރާތުގެ ޓެރަސްގައި ތިއްބަސް، ބަރުގޮނުގެ އަޑުން މިންޖުނުވެވެއެވެ. މަސައްކަތުގައި ބުރަ ދުވަހެއްނަމަ، ހުޅުމާލެއަށް ނުވަތަ ވިލިމާލެއަށް ގޮސް، ގޮނޑުދޮށުގައި ހިނގާލުމަކީ އީތަން ވަރަށް ސަމާލުކަންދީގެން ކުރާކަމެކެވެ. އެއީ މާޔާގެ އެންމެ ހިތްގައިމު މެހެފިލްއެވެ.

***
ފުލުފުލުގައި ލިބެމުންދިޔަ މެސެޖްތައް ނުބަލައި ފޯނު ބާއްވަންވެސް ރާނިޔާއަށް ފަސޭހައެއް ނޫނެވެ. ނަމަވެސް މާޔާ ބުނެފައިވާގޮތަށް ކަންތައްކުރާން ރާނިޔާގެ ހިތް އެދޭތީ، އެންމެ މެސެޖަކަށްވެސް އިޖާބަ ނުދެއެވެ. އިންމައަށް ފޮނުވާ މެސެޖްތަކާއި، ރާނިޔާގެ މެސެޖްތައް މިވަގުތައް، އެމީހުންނަށް ވަރަށް މުހިއްމެވެ. ފޮހެނުލައި ބަހައްޓާން ޖެހެއެވެ.

***
"މިހާރު މަންމަ އެކަންޏެއްނުވާނެ ދޯ.. މިރޭ މާޔާ އަދިވެސް ނާންނަނީތަ؟" އެލީ ބުނެލިއެވެ.

ހައްވާފުޅުގެ ހިނިތުންވުން ވަރަށް އުޖާލާއެވެ. ހިތްހަމަ ޖެހިފައިވާ އިންސާނަކު އެހެންމީހުންގެ ކުރިމަތީގައި އެކަން އިއުލާންކުރާން ނުޖެހޭނެކަން އޭނާގެ ހަރަކާތްތަކުންވެސް މިރޭ ސާބިތުވެއެވެ.

"ދުރޫހީގެ ހިތްހެޔޮކަމަށްޓަކައި ޝުކުރުކުރަން.. އެކަމަކު ދެމީހުންކުރެ އެކަކު ކިޔާއެއްޗެއްވެސް އަނެކަކަށް ނޭގޭ.. މިދުވަސްކޮޅު ދެން މިތިބެނީ ބަސް ދަސްކުރާން.. އަހަންނަކަށް އަދިވެސް ދަހެއްނުވޭ.. ހަތަރެސްފައިން މިޖެހެނީ ވާހަކަދައްކަން.. އެކަމަކު ހިންދީބަސް އޭނާއަށް ކޮންމެވެސް ވަރަކަށް އިނގޭތީ ކުޑަކޮށް ފަސޭހަ.. އޭނާ މިހާރު ދިވެހިބަހުން ބައެއް އެއްޗެހި ބުނެލާނެ.. ހާދަ އަވަހޭ ދަސްކޮށްލަން.. އަހަރެން ހިތައްއަރާ މިއުޅޭ ބޭރު މީހުން އެހައި ފަސޭހައިން ދިވެހި ބަސް ދަސްކުރަނީ ކިހިނެއްބާވޭ.." ގައިސަރުގެ ބުރަކަށީގައި ހައްވާފުޅު ފިރުމައިލާގޮތުން އެންމެ ބާރަށް ހިނިއަންނަނީ އާންޔާއެވެ.

"ތަންކޮޅެއް ގިނައިން ދަރިފުޅުމެން އަންނައްޗޭ.. އޭރުން މަންމަ ވަރަށް އުފާވާނެ.. މާޔާ ގަބޫލެއްނުވޭ މަންމަ ތިގެއަށް ގެންދާކަށް.. އެހެންވީމައި ދެން ދަރިފުޅުމެން ދޯ މާމަ ކައިރިއަށް އަންނާންވާނީ.. ކޮންމެ ކުއްޖަކު އަޔަސް، ގައިސަރުމާމަ ގޮވައިގެން އަންނާންވާނީ" ހައްވާފުޅު އެއޮތީ ވަރަށް ހިތްހަމަޖެހިފައެވެ.

ގައިސަރުގެ އަތުގައި ދޭތެރެއަކުން ފިރުމާލައެވެ. ހަގީގަތުގައި މާޔާ ގަބޫލުނުވުމުގައި ސަބަބުތައް ގިނައެވެ. މަންމަ ގެންގޮއްސިނަމަ އެލީއަށް އުނދަގޫވެއެވެ. ގެ ބެހުމުގެ ވާހަކަ ނޫނީ ނުދައްކާނެއެވެ. ހިނިތުންވެފައި މަންމައާއި އެލީ، އަނގައިން ނުބުނުމަކީ މާޔާއަށް ނިކަން ތުރާލިބޭ ކަމެކެވެ. ނަމަވެސް މިހާރުމިވަނީ މަގުތާއި ހާލަތު މުޅީން ބަދަލުވެފައެވެ.

"މާމާ.. އާނީ މިއުޅެނީ ބުރުގާ އަޅަންވެގެން.." އާންޔާގެ ޚަބަރާއެކު އެންމެންގެ ލޯތައް އަމާޒުވީ އެލޯބިލޯބި ބުނެލުމަށެވެ. އެވާހަކަ އާންޔާ ބުނުމުގެކުރީން އެލީއަށްވެސް އެކަން އެނގިފައި ނުވެއެވެ.

"އެކަމަކު ދެން ސްކޫލް ހުޅުވޭ އިރަކަށް ތައްޔާރުވާނީ" ޔާދު ބުނެލިއެވެ. އެންމެންނަށް އެއްފަހަރާ ބަލައިލެވުނީ ދޮރާއި ދިމާއަށެވެ. މާމާއާއި އާނީގެ މަޝްވަރާގެ މަލާފަތް ހުޅުވާލީ، ޔާދުވެސް ކޮޓަރިއަށް ވަން ވަގުތުއެވެ.

"ކޮންމެހެން، ލަސްކުރާނެކަމެއް ނެތް.. ދަރިފުޅު އެކަން ކުރާން ބޭނުމިއްޔާ، ސްކޫލްހުޅުވުމުގެ ކުރީންވެސް ހަމަޖައްސައިދެވިދާނެ.. ބައްޕަ ވަރަށް އުފާވާނެ އެދުވަހަކުން" ޔާދު ވާހަކަދެއްކީ އާންޔާއަށް މުޚާތަބުކޮށެވެ.

ނަމަވެސް ލޮލުގެ މިސްރާބުން ފެންނަނީ އެލީއެވެ. އެލީގެ ކަނދުރާގައި އޭނާއަށް އަތް ހާކައިލެވުނެވެ. އިސްޖަހައިލެވުނީ، ޔާދުގެ މޫނުމަތީގެ އަސަރުތައް ތަރުޖަމާކުރާން އެލީއަށް އެނގުނީތީއެވެ. ކިތަންމެ ބޭނުންވިޔަސް، އަނބިމީހާގެ ކިބައިން ޔާދުއަށް އެކަމަށް އެދެން ނުކެރިފައިވާކަމުގެ އިހުސާސް އެލީއަށް ކުރެވުނީއެވެ. މިހާރަކަށް އައިސް، އަތްކުރު ހެދުމެއްވެސް ނުވަތަ ޓޮޕްކޮޅެއްވެސް އާންޔާ ނުލެއްވެއެވެ. ކޮންމެ ވަގުތެއްގައިވެސް ބޭނުންވަނީ މާމަ ފަހާފައި ހުންނަ ހެދުމެވެ. ނުވަތަ ޓޮޕްކޮޅެކެވެ. އެކަމަކު އެލީ މުޅިން ތަފާތެވެ. ހެދުން އެޅުމާއި، އުޅުންވެސް ތަފާތެވެ.

"މިހާރު މާމައާއި ދެމީހުންގެ ކަމަކީ، އިންޓަނެޓުން ޑިޒައިންތައް ބަލައިގެން ރީތި ގޮތްގޮތަށް ހެދުމާއި ޓޮޕް ފެހުން.." ވަރަށް ހިނިއައިސްފައި އެލީ ބުންޏެވެ.

"އަހަރެން ހިތައް އަރާ، ގައިސަރަށް ޝުކުރުވެރިވާނި އަހަރެންގެ ކޮން ދުލަކުންބާއޭ.. އަހަރެންގެ ދަރިފުޅަށް ހެޔޮމަގު އިޚްތިޔާރުކުރުމަށް ބާރުއަޅާން ތިޔަކުރި މަސައްކަތާއި ގައިސަރުގެ ގުރުބާނީ، އަހަރެން ކިހިނެއް އަގު އަދާކުރާނީ" ހައްވާފުޅު ބުނެލީ ދެރަވެލާފައެވެ.

"މައިންބަފައިންދަރީންނަށް ކޮށްދޭ ކަންކަމަކީ އަގު އަދާކުރާންޖެހޭ ކަންކަމެއްނޫން.. އަހަރެންގެ އެލީއަކީ މިއަދު ވަރަށް ހެޔޮ އަންބެއް.. ފަޚުރުވެރި މަންމައެއް.. އޯގާތެރި ޅީދަރިއެއް.. މިއަންވުރެން ބޮޑު އަގެއް އަހަރެން ބޭނުންވާނެތަ؟" ހިތުގެ އަޑީން ގައިސަރުގެ އަޑު އިއްވާލިއެވެ. ވަރަށް ލޯތްބާއެކު އެލީއާއި ޔާދު، އެކަކު އަނެކަކަށް ބަލައިލިއެވެ. ދްރޫހީ އައީ އެވަގުތުއެވެ. ރޭގަނޑުގެ ނާސްތާ ތައްޔާރަށް ހުރިކަމަށް ބުންޏެވެ.

****
ވައިމަޑު ރެއެކެވެ. ކަނޑުގެ ރާޅުތައް ހަމަހިމޭންކަމާއެކު ފޮނުވާލާ ލޮނުގަނޑު، ހިމުން ދޮންވެލިމަތީގައި ދެމިލާފައި އެދަނީ ލޯބިވެރިންގެ ފިޔަވަޅުތައް އާކޮށްލާފައެވެ. ހަނދުގެ އަލި، ލޮނުގަނޑު ތެރެއިން ފުރޭނިގެން ތޮޅިލައި މަންޒަރު ނުހަނު ޗާލެވެ. ތަރިތަކުގެ ވިދުވަރާއެކު މާޔާގެ އެސްފިޔަތައް ނަށާލާ ގޮތް އީތަންގެ ހިއްސުތަކަށް ނުހަނު ބާރުފޯރުވައެވެ.

"ކޮންމެ ރެއަކު މިހެން އާދެވޭނަމަ..! މާލޭގައި މިހެން، ފައިތެންމާލަން އޮންނަނީ ރަސްފަންނު ދޯ.. އެކަމަކު ރައްޔިތުންނަށް ޖާފަތެއް ހަދާފައި އޮންނަތަނެކޭ އެތަނެކޭ ތަފާތެއް ނޯވޭ.. އަބަދު މީހުން ފުރިފައި.. މިނިވަންކަމެއް ނުލިބޭ.." އެކަކު އަނެކަކުގެ ގައިގައި ބީހެމުން ރާޅުޖަހައިފަށުގައި ހިންގާލަމުން މާޔާ ވާހަކަދެއްކިއެވެ. ލޯބީގެ ޞަފްޙާތަކުން ޢިބާރާތްތަކެއް އިޚްތިޔާރު ނުކުރެވިގެން އުޅެނީ، އޮފީހުގެ ހާދިސާއިން އަދިވެސް މިންޖުނުވެވިގެންނެވެ.


"އަހަރެން ނޫޅެމޭ، މަގޭ ޕްރިންސެސް ގޮވައިގެން ރަސްފަންނު ޖަންގައްޔަށް ނުދެވިގެން.. އަހަރުމެންނަށް ލޯބިލޯބި ދަރިޔަކު ލިބުނީމައި، ހަވީރު އެތަނަށް ދާނީ، ވެލިކުޅެން.. މިގަޑީގައި މިކަހަލަ އިޝްޤީ ވަގުތެއްގައި މިއަށްވުރެން އުފާވެރި މަންޒިލެއް ވަކި ކޮބައި؟" މާޔާގެ ކުރިމައްޗަށް ހުއްޓިލާފައި އީތަން ބުނެލީ ލޯބިވެރިޔާގެ ގައިގައި މަޑުމަޑުން ބައްދާލަމުންނެވެ. ދެމީހުންގެ ފައިވާން އޮތީ މާޔާގެ އަތުގައެވެ. ދެމީހުންގެ ޖީންސް ކަށިމައްޗާއި ހަމައަށް އޮޅާލާފައިވުމުން، މަންޒަރު އިތުރަށް ފުރިހަމަވެއެވެ.

"ވަރަށް ހިތްހަމަނުޖެހިފައި ހުރިހެން ހީވި މިރޭ.. އައެމް ސޯ ސޮރީ މައި ޕްރިންސެސް.. އެހައި ގިނަވަގުތު އޮފީސް މަސައްކަތުގައި މާޔާ ބައިންދަން ބޭނުންނުވާތީ އެހެން ބުނީ.. ހަރުކަށިވުމުގެ އެއްވެސް މަޤްޞަދެއް ނެތް.. ޔަގީންކަންއޮވޭ، އެވަރުގެ އެއްޗެއް ބުނެފިއްޔާ ނިކުންނާނެކަން.. އެހެންވެ ގަދަކޮށްލީ އިނގޭ .. ބިކޯޒް ޔޫ އާރ މައިން.. އޮންލީ މައިން.. މިކަހަލަ ރެއެއްގައި ޒިޔާން އެތަނަށް، ވަންނަމަ ކިހިނެއް ހަދާނީ؟ އަހަރެން މިހާރު އޭނާއަށް އިތުބާރެއް ނުކުރަން.. އެއީ ރަގަޅު މީހެއްނޫން" ކުރިއަށްވުރެން ބޮޑަށް ދެހަށިގަނޑުގެ ހޫނުކަން އިހުސާސްވާން ފަށައިފިއެވެ.

ޒިޔާންގެ ނަން އެވަގުތުގައި އީތަން ބުނެފާނެކަމަށް މާޔާ ހީވެސް ނުކުރެއެވެ. ކަންތައް އެވީ، މާޔާ ހީކުރިގޮތަކަށްނޫނެވެ. އޭނާގެ މަސައްކަތައް ވަރަށް ބޮޑަށް ފަސޭހަވީއެވެ. މިރޭ ހިނގާދިޔަ ހުރިހައިކަމެއް އީތަންއަށް މާޔާ ކިޔައިދީފިއެވެ.
ރުޅިއައެވެ. އިންތިހާއަށް ރުޅިއައެވެ. ޒިޔާންފަދަ ގޮތެއް ނެތް މީހަކަށް އެފަދަ މަގާމެއްގައި ހުރެވިގެންވާނެކަމަށް އީތަންއަށްވެސް ގަބޫލެއް ނުކުރެވުނެވެ. މާޔާގެ ނިންމުމަށް މަރުހަބާކިޔެވެ. ލޯބިވެރިޔާގެ ހިތްވަރަށް ފަށްފަށުން ތަޢުރީފުކުރިއެވެ. އެފަދަ ކަންކަމަށް އެންމެ އެކަށީގެންވާ ވަގުތުގައި ފިޔަވަޅުއެޅުމުގެ މުހިއްމުކަން މާޔާއަށް ބުނެދިނެވެ. ކުރިއަށް ދާންވީ މިސްރާބުގައި ހިތްވަރުދިނުމަށް އެންމެ ގާތުގައި އަބަދުވެސް ހުންނާނެކަމުގެ ޔަގީންކަން އީތަންގެ ފަރާތުން ލިބުނެވެ.

"އެކަމަމު ބޭނުމެއްނޫން، ތިހައި ނުތަނަވަސްކަމުގައި މުޅި ރޭ ހޭދަކުރުވަން ދޫކޮށްލާކަށް.. ލެޓް މީ ސްޓޭ ވިތް ޔޫ!" ދެމީހުން އެކުގައި މެންދަން ވެއަތުކޮށް، މާޔާއަށް އެހީވުމަށް އީތަން ހުރުމުގެ ހުއްދަ ދިނުމަށް އީތަން އެދުނެވެ. ނަމަވެސް މާޔާގެ ޚިޔާލް ތަފާތެވެ.

"ހޭލައި ހުރެފިއްޔާ ހެނދުނު އޮފީހަށްވެސް ނުދެވޭނެ.. އަހަރެން ނުދާންވީ ސަބަބެއް ނެތް.. މިރޭ ޒިޔާން ބޭޒާރުކޮށްލާނަން.. ފަހަތައް ޖެހެންޖެހޭނީ ޒިޔާން! މަންމަގެ ކަންތަކުގައިވެސް މިރެއަކީ ވަރަށް މުހިއްމު ރެއެއް.. ސަވާނާގެ ވަރަށް ގިނަ މައުލޫމާތު އަހަރުމެން ހޯދައިފިން.. މާލޭގައި އޭނާ ހައްޔަރުކުރުމަށް އަހަރެން ފަހަތަކަށް ނުޖެހޭނަން.. ބިރުދެއްކުމާއި ބްލެކްމެއިލްކުރުމަކީ ތަހުޒީބު މާހައުލެއްގައި ޖާގަލިބިގެންވާނެ ކަންކަމެއްނޫން.. އެކަންކަމަށް ޤާނޫނުތަކާއި ގަވާއިދުތައް އެބަހުރި.. ނުޖެހޭނެ ބިރުން، ހިމޭނުން ތިބޭކަށް! ވަރަށް ދުވަހު މަންމަވެސް އެ ބިރު، ތަހަންމަލްކޮށްފި ދޯ.. އެކަމަކު ދެން އެމީހުންނަށް އެންމެ ފުރުސަތެއްވެސް ނުދޭނަން.. ހަސަދަވެރީން، އެމީހުންގެ ހޫނުގަދަ އަލިފާނުގައި އަމިއްލައަށް އަޅިއަށްވެ ހިނގައިދާނެ" މާޔާ ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ. ނުހަނު ލޯބިންނެވެ. އީތަންގެ ހިތް ޝުކުރުން ފުރެނީއެވެ. ލޯބިން އިހްސާސްތައް ބަންޑުންވަނީއެވެ.

"ދުނިޔެ އުޖާލާކުރާން ތިހަކަލަ އަންހެނުންގެ ބޭނުން ވަރަށް ބޮޑު.. އައި އެމް ސޯ ޕްރައުޑް އޮފް ޔޫ މައި ޕްރިންސެސް" އީތަންގެ ލޮލުން ކަރުނައެއް އެ ވެއްޓުނީ އޭނާގެ މަންމައަށްޓަކައެވެ. ސަވާނާގެ އުނދަގުލާއި ތުރާލުގައި ދުވަސްތަކެއް މަންމަ ހޭދަކޮށްފިއެވެ. ބިރުވެރިކަމާއި ދުނިޔޭގެ ލަދައްޓަކައި އެތައްކަމެއް ސިއްރުކުރީއެވެ. ނަމަވެސް އީތަންއަށް މިވަގުތު ދުނިޔެފެންނަނީ މާޔާގެ ލޯގަނޑުންނެވެ. ނުހަނު ސާފެވެ. ރޭގަނޑުގެ އަނދިރިކަމުގައިވެސް އެއީ އަލިކަމެކެވެ. އެލޯގަނޑުން ފެންނަ، އަމާންކަން ހަމަހިމޭންވެފައި އުޖާލާއެވެ. އެއީ އުއްމީދާއި އުފާވެރިކަމުގެ މުސްތަޤްބަލެވެ.

***
ދެމަފިރީންގެ ދެމެދު އުފެދުނު ޚިޔާލުތަފާތުވުމާއި ހިތްހަމަނުޖެހުން ފިލައި ދިޔައީ ގިޔާދާގެ މަސައްކަތުންނެވެ. ނަވީން ހަމަޔަކަށް އަޅުވައިލުމަކީ ފަސޭހަކަމެއްނޫނެވެ. ރުޅިގަދަ، ރުންކުރު މީހަކަށްވާތީއެވެ. ގިޔާދާއަށް މިވަގުތު ނަވީންގެ އެހީތެރިކަން ވަރަށް މުހިއްމެވެ. ސަވާނާގެ ހައްޤުގައެވެ.

-- ނުނިމޭ --
ހިޔާލު

ފާތުން

މި އަޕް ނުވާ ވާހަކަ އެއްތަ؟

ދިޔެ

ފުނަމާގެ މައްސަލައެއްތަ ނޫނީ މިނޫހުގެ މައްސަލައެއްތަ ދިމާވެގެން މިއުޅެނީ؟؟ކޮންމެ ދުވަހަކު24ގަޑިއިރު ފާއިތުމިވަނީ މިކަމުގެ އިންތިޒާރުގައި😡 ފުނަމާ ލޯބި!! އެފްބީ ޕޭޖް މެދުވެރިކޮށް ކިޔުންތެރިންނަން ވަނުވާ އަންގާލަދީބަ..އާދޭސްކޮށްފައި މިބުނަނީ😢

ޒޫ

މިވާހަކަ އެންމެ ފަހުން ހުއްޓުނީ ދޯ.. ދެން މިވަރުން ކީއްކުރަންތަ ލިޔަނީ.. ލިޔާހިތުން އުޅޭ ބައިވަރު ކުދިން އުޅޭ މިފުރުސަތު އެކުދިންނަށް ދޭނަމަ މާ ރަނގަޅު ވީސް ކަން ނޭގެ..

އައިޝަތު ޒީތު

މީ މަހަކު އެއްފަހަރު އަޕުލޯޑު ކުރާ ވާހަކަ އެއްތަ؟ މިކަން ނުވަންނާ ހުއްޓާލަންވި އެއްނުން

ޒީ

މީ އަޅެ ކޮންދުވަހަކު އަޕްލޯޑް ކުރާ ވާހަކައެއްތަ؟ ކުރިން ހަފްތާއަކު 3 ދުވަހުވެސް އެބަހުރި އަޕްލޯޑް ކޮއްޕަ

ދިޔެ

މަޔާ މިހާރު އެބަރަނގަޅުވޭ..ވާހަކަ ވަރަށް ރީތި