Aa Sarukaaruge Vaudhuthah Fuhdhumah Eheetherivaanan: Modi
image
އިބްރާހިމް މުހައްމަދު ސޯލިހާއި މޯދީ
0 ކޮމެންޓް
 

އާ ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެހީތެރިވާނަން: މޯދީ

އާ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އެހީތެރިވެވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް އޮފީހުގައި މިއަދު ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މޯދީ ދެއްކެވި ވާހަކަފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވެފައިވީ ނަމަވެސް އާ ސަރުކާރުގައި ދެގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މޯދީ ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން އިބްރާހިމް މުހައްމަދު ސޯލިހާއި މޯދީ ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމުގައި ދެގައުމުން އެއްބާރުލުން ދިނުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެ ބައްދަލު ކުރެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަގާމާއި ހަވާލުވެވަޑައިގަންނަވާއިރު ގައުމުގެ އިގްތިސާދީ ހާލަތާއި ގުޅޭ ގޮތުން މޯދީއަށް މައުލޫމާތު ދެއްވާފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުކުރެއްވުމުގައި ހައުސިން އަދި އިންފްރާސްޓްރަކްޗާ ދާއިރާ އާއި ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގައި އިންޑިއާގެ އެހީތެރިކަން ބޭނުންވާކަން ފާހަގަ ކުރެއްވިއެވެ. އަދި ވިސާގެ ކަންކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި މޯދީ ދެއްކެވި ވާހަކަފުޅުގައި އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާއިން ރާއްޖެ ބޭނުންވާކަންކަން ހާސިލުކުރުމުގައި އެހީތެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފަސޭހަފުޅު ވަގުތެއްގައި އިންޑިއާއަށް ޒިޔާރަތްކުރެއްވުމަށް ދައުވަތު އަރުވާފައެވެ.
މޮޑީ
ހިޔާލު