Modi Enburi India ah Furaavadaigenfi
image
ރައީސް އިބޫ، މޯދީ އާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

މޯދީ އެނބުރި އިންޑިއާ އަށް ފުރާވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް މިއަދު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އެނބުރި ގައުމަށް ފުރާވަޑައިގެންފި އެވެ.
މޯދީ އަކީ ރައީސް އިބޫގެ ހުވާ ކުރެއްވުމަށް ބޭރު ގައުމަކުން ވަޑައިގެންނެވި އެންމެ އިސް ވެރިޔާ އެވެ. މޯދީ ރާއްޖެ އަށް ވަޑައިގެންނެވި ގޮތަށް، ވަޑައިގަތީ ރައީސް އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ.

އެ ރަސްމިއްޔާތަށް ފަހު، މޯދީ ވަނީ ރައީސް އިބޫ އާ، ރައީސް އޮފީހުގައި ބައްދަލު ކުރައްވާފަ އެވެ. މޯދީ އަކީ އިބޫ ރައީސް ކަމާ ހަވާލުވެ ވަޑައިގެން އެންމެ ފުރަތަމަ ބައްދަލު ކުރެއްވި ބޭރުގައުމެއްގެ ލީޑަރެވެ.

މިރޭ 18:00 ހާއިރު ރައީސް އޮފީހުގައި ރައީސް އިބޫ އާއި މޯދީ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އާ ސަރުކާރުގެ ވައުދުތައް ފުއްދުމަށް އިންޑިއާ އިން އެހީވާނެ ކަމަށް، މޯދީ ވިދާޅުވި އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވީ ނަމަވެސް އާ ސަރުކާރުގައި ދެގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ދެ ލީޑަރުން ވަނީ ވިދާޅުވެފަ އެވެ.

އެ ބައްދަލު ވުމުގައި ރައީސް އިބޫ ވަނީ، ސަރުކާރާ ހަވާލުވެ ވަޑައިގެންނެވި އިރު ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތާއި ގުޅޭ ގޮތުން މޯދީ އަށް މައުލޫމާތު ދެއްވާފަ އެވެ. އަދި ވިސާގެ ކަންކަން އިތުރަށް ފަސޭހަ ކުރުމަށް ވެސް ދެ ލީޑަރުން މަޝްވަރާ ކުރެއްވި އެވެ.

ދެ ލީޑަރުންގެ ބައްދަލުވުމުގައި ގިނަ ދާއިރާތަކުން އިންޑިއާ އިން ރާއްޖެ އަށް އެހީތެރިވުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.
ހިޔާލު