Deepika Ranbir ah Jahaidhin Tattoo Filuvalitha?
image
ދީޕިކާ އާއި ރަންބީރު---
0 ކޮމެންޓް
 

ދީޕިކާ ރަންބީރަށް ޖަހައިދިން ޓެޓޫ ފިލުވާލީތަ؟

ބޮލީވުޑް ކާމިޔާބު ބަތަލާ ދީޕިކާ ޕަޑުކޮން ރަންބީރު ކަޕޫރަށް ޖަހައިދިން ޓެޓޫ ފިލުވާލައިފި ކަމަށް އިންޑިއާގެ ބައެއް ނޫސަތްކުން ބުނެފިއެވެ.
މިމަހު 15 ވަނަ ދުވަހު އިޓަލީގެ ލޭކް ކޯމޯގެ ވިލާ ޑެލް ބަލްބިއާނެއްލޯގައި ދީޕިކާ ރަންވީރު ސިންގް އާއި ކައިވެނިކޮށްފައިވާއިރު އެދެމީހުން ވަނީ މިދިޔަ އާދިއްތަ ދުވަހު އެނބުރި މުމްބާއީ އަށް އައިސްފައެވެ. ރޭ ދެމީހުން ރިޝެޕްޝަން ޕާޓީ ބެންގަލޫރުގައި ބާއްވާފައިވާއިރު ދެފަންނާނުން ވެސް ވަނީ އިއްޔެ އެއާޕޯޓު ތެރެއިން ގިނަ ބަޔަކަށް ފެނިފައެވެ.

ނަމަވެސް، ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ދީޕިކާގެ ކަންދުރާ ގައި ޖަހާފައި އިން ޓެޓޫ ނެތް މަންޒަރަށެވެ. އެޓެޓޫ އަކީ ދީޕިކާ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެކްޓަރ ރަންބީރަށް ޖަހާފައިވާ ޓެޓޫއެކެވެ.

ރަންބީރުގެ ނަން ރަމްޒުކޮށްދޭ ދެއަކުރު ކަމަށްވާ 'އާރްކޭ' ޖަހާފައިވާ އެޓެޓޫ ފިލުވާފައިވާ ކަން ނުވަތަ ނޫން ކަން ދީޕިކާ އަދި ހާމަކޮށްފައެއް ނުވެއެވެ.



ބެންގަލޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީއަށް ފަހު ބޮލީވުޑުގެ ފަންނާނުންނަށާއި ހާއްސަ ރަހުމަތްތެރިންނަށް ހާއްސަ ޕާޓީއެއް މުމްބާއީގައި ދިނުމަށް ވަނީ ނިންމާފައެވެ. އެޕާޓީއަށް ގިނަ ފަންނާނުންނަށް ދައުވަތު ދޭނެ ކަމަށާއި އޭގެ ތެރޭގައި ކެޓްރީނާ އާއި ރަންބީރު ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

އިޓަލީގައި އޮތް ދީޕިކާ އާއި ރަންވީރުގެ ކައިވެނީގައި ބައިވެރިވެފައިވަނީ އެމީހުންގެ އާއިލާ މީހުންނާއި ގާތް ރަހުމަތްތެރިން އެކަންޏެވެ. ކައިވެނީގެ ފޮޓޯތައް ދެފަންނާނުންވެސް މިހާރު ހިއްސާކޮށްފައިވާއިރު ދެ ތަރިން ކައިވެނި ކޮށްފައި މިވަނީ ހަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހުއެވެ.
ހިޔާލު