Fahathun Araa Maziya Inn TC Huttuvaifi
image
ޓީސީއާ މާޒިޔާ ބައްދަލު ކުރި މެޗުގެ ތެރެއިން. --ފޮޓޯ: ނިޝާން އަލީ
0 ކޮމެންޓް
 

ފަހަތުން އަރާ މާޒިޔާއިން ޓީސީ ހުއްޓުވައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން މާޒިޔާއިން ފަހަތުން އަރާ 2-4 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށްފި އެވެ.
މިއަދުގެ މެޗަށް ނުކުތް އިރު، ލީގު ކަށަވަރު ކުރުމަށް ޓީީސީއަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލީގު ތަށި އުފުލާލުމުގެ އުއްމީދުގައި މިއަދުގެ މެޗަށް ނިކުތް ޓީސީން ވަނީ މެޗުގެ ކުރީ ކޮޅު ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. އެ ގޯލަށް މާ ގިނައިރެއް ނުވެ، ޓީސީން ލީޑު ފުޅާވެސް ކުރިއެވެ. ޓީސީގެ ދެވަނަ ލަނޑު ޖަހާ އެޓީމަށް ލީޑު ފުޅާކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ބޮޑުބައެއްގެެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެއެވެ. ނަމަވެސް، މާޒިޔާއިން ވަނީ ހާފް ނިމެން ދަނިކޮށް ފުލުފުލުގައި ދެ ގޯލް ޖަހައި، މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. މާޒިޔާގެ ފުރަތަމަ ލަނޑު ޖެހީ ބިދޭސީ ފޯވާޑް ވިންސެންޓް ފޯވަޑް ކޯނެލިއަސް ސްޓެވާޓް އަދި އެޓީމަށް ދެވަނަ ލަނޑެއް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ.

މެޗުގެ ކުރީކޮޅު ޓީސީން ނެގި ލީޑު ގެއްލުވާލާ މެޗުގެ ނަތީޖާ އެއްވަރު ކުރެވުމާއެކު ދެވަނަ ހާފަށް މާޒިޔާއިން ނިކުތީ މެޗުގެ ނަތީޖާ އަނބުރާލުމުގެ އުއްމީދާއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 61 ވަނަ މިނެޓުގައި މާޒިޔާއިން ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. މާޒިޔާއަށް ލީޑު ނަގައިދިނީ މޫސާ ޔާމީން (ޔާމްބެ) އެވެ. މެޗުގައި މާޒިޔާއިން ކާމިޔާބު ކުރި ހަތަރު ވަނަ ލަނޑާއެކު ޓީމުގެ ލީޑު ފުޅާކޮށްދިނީ ދާދު އެވެ.

މިއަދުގެ މެޗުން ބަލިވެ ޓީސީއަށް ތަށި ކާމިޔާބު ކުރުމުގެ އިންތިޒާރު ދިގުލައިގެން ގޮސްފައިވާއިރު މާޒިޔާ އާއި ޓީސީއަށް ވެސް ލީގުގައި ބާކީ ދެން އޮންނާނީ އެންމެ މެޗެކެވެ. ޓީސީ އެއް ވަނައިގައި 39 ޕޮއިންޓާ އެކު އަދިވެސް އޮތްއިރު މާޒިޔާ ވަނީ 37 ޕޮއިންޓާއެކު ޓީސީއާ ދެ ޕޮއިންޓަށް ގާތަށް ޖެހިލާފައެވެ. މާޒިޔާއަށް މިއަދުގެ މޮޅާއެކު ލީގު ކާމިޔާބު ކުރުމުގެ ހަނި ފުރުސަތެއް އެބައޮތެވެ. އެއީ ފަހު މެޗުން އީގަލްސް އަތުން ޓީސީ ބަލިވެ މާޒިޔާއަށް ފަހު ތިން ޕޮއިންޓު ކާމިޔާބު ކުރެވުމެވެ.
ހިޔާލު