Firumaaladheyshey, Episode 63
image
ފިރުމާލަދޭށޭ..
ފުނަމާ
2 ކޮމެންޓް
 

ފިރުމާލަދޭށޭ..

63 ވަނަބައި
އުޑުމަތީގައި ވިލާ މަދު، އަވިގަދަ ދުވަހެކެވެ. ވައިރޯޅިއެއްވެސް ނުވާތީ ނުހަނު ހޫނުގަދައެވެ. އިރުގެ ގަދަ ހޫނުން، ލޯ ސަލާމަތްކުރުމަށްޓަކައި ފެންވަރު ރަގަޅު އަވިއައިނެއް އީތަން ގެނެސްދިނުމުން ޔާދު މިއަދު އެހުރީ އެ އައިނުވެސް އަޅައިގެންނެވެ. ގެ ހެދުމުގެ މަސައްކަތް، ވަރަށް ހަލުވިކޮށް ކުރިއަށްގެންދެވޭތީ ޔާދު ހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ. އީތަންއާއި މަޝްވަރާކޮށްފައި ނޫނީ އެއްވެސް ކަމެއް ނުނިންމައެވެ. ފެންނަ ފެނުމަށް ދެބޭންނެކޭ ތަފާތެއް ނުހުރެއެވެ.

"މިގަޑީގައި ގުޅީމައި ހިތައްއެރީ ކަމެއް ގޯސްވެގެން އަންނާށޭ ބުނީކަމަށް" ސައިކަލުގެ ހަރުޖައްސައިލަމުން އީތަން ބުނެލިއެވެ.

"ކަމެއް ގޯސްނުވިޔަސް ގުޅޭނެ ދޯ! ނިކަން ދެކިބަލަ މިއޮތް ބޮޑު ތަނެއް.. މިމީހުންގެ މަސައްކަތް ހާދަހައި އަވަހޭ.. ވަރަށް ހިތްހަމަޖެހޭ އިނގޭ.. ހުރިހައި ޝުކުރެއް އީތަންއާއި އީތަންގެ ބައްޕައަށް.. އަމިއްލަ ކަމެއް ބަލަހައްޓާ ފެންވަރަށް އީތަންގެ ބައްޕަވެސް މިތަނުގެ ކަންކަން ބަލަހައްޓާ" ވަރަށް ހިތްހަމަޖެހިފައި ޔާދު ބުންޏެވެ.

"ބައްޕައަކީ ވަރަށް ތެދުވެރިމީހެއް.. ޒިންމާ އަދާނުކުރެވޭވަރު ކަމަކާއި ބައްޕަ ހަވާލެއް ނުވާނެ" އީތަންއަކީ ބައްޕައަށްޓަކައި އަބަދުވެސް ފަޚުރުވެރިވާ ދަރިއެކެވެ.

"ހިނގާ ކޮފީއަކަށް ދާން.. ވަރަށް ފައްކާތަނެއް އިހަށްދުވަހު ހުޅުވައިފި" އީތަންގެ ކޮނޑުގައި ޖަހައިލަމުން ޔާދު ބުންޏެވެ. އޮފީހުގެ މަސައްކަތުން ހުސްވަގުތުކޮޅެއް ލިބުނަސް، މިހާރަކަށްއައިސް ޔާދު ކޮފީއަކަށްވެސް ދަނީ އީތަން ގޮވައިގެންނެވެ.

****
ސަވާނާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ކުރަންއައި އެއްކަމެއްވެސް ނުނިމުނެވެ. މަޤްޞަދު ހާޞިލެއްނުވިއެވެ. ރަށުތެރެއަށް ގިނަވެއްޖެއެވެ. އީތަންއާއި ހަމައަށް ދިޔުމަކީވެސް ސަވާނާއަށް ކުޅަދާނަކަމެއްނޫނެވެ. އެގެއަށް ވަދެވެން ނެތުމުން އެތައް ކަމަކަށް ހުރަސްއެޅެއެވެ. ނިކަން ހިތްވަރުކޮށްފައި މާޔާއަށް ޖެއްސުންކުރާންފެށީ، އެދެމީހުން ދުރުކުރެވޭނެކަން ޔަގީންކޮށްފައެވެ. ނަމަވެސް މިހާތަނަށް ސަވާނާގެ އެންމެ ކޯލަކަށްވެސް އަދި އެންމެ މެސެޖަކަށްވެސް މާޔާ އިޖާބަދީފައި ނުވެއެވެ. މިހުރިހައި ކަމަކަށްޓަކައި ސަވާނާ ރުޅިގަދަވަނީ އަމިއްލަ ނަފުސަށެވެ. މަންމައާއި ބައްޕައަށް އެތައް އާދޭހެއް ކުރުމުންވެސް އޭނާއަށް ފައިސާ ހަމަޖެހޭނެ ގޮތެއްނުވިއެވެ. ހުންނަ ކޮޓަރިއަށް އިތުރަށް ދައްކާންޖެހޭވަރެއްވެސް ސަވާނާއަށް ނޭގެއެވެ. އެކަމާއި ކަންތައްބޮޑު ނުވިޔަސް، އޭނާ އުޅެންބޭނުން ގޮތްގޮތަށް އުޅުމަށް އެތައް ހުރަހެއް ދިމާވަނީ ފައިސާ ނެތުމުންނެވެ. މިހާރު ސަވާނާއަށް މުހިއްމީ ހަމައެކަނި ފައިސާއެވެ.

އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ސަވާނާ ބޭނުންވާ ކަންތައްތައް އޭނާ އެދަނީ 'ފުއްދަމުން'ނެވެ. ނުދަންނަ އެތައްމީހަކު ސަވާނާއާއި ނުހަނު ގާތް ވެއްޖެއެވެ. އެމީހުންގެ ބޭނުންތައް ފުއްދައިދިނުމުން ސަވާނާގެ ބޭނުން ފުދެންފެށިއެވެ. އެގޮތްވެސް ސަވާނާއަށް އެންމެރަގަޅެވެ. ލިބޭ ހިތްހަމަޖެހުމަކީ ރާނިޔާއަށް ކޮށްލެވޭ އުނދަގޫތަކެވެ. އިންމައަށް މަސައްކަތްކުރުމަށް އުނދަގޫވާވަރަށް ފޮޓޯތަކާއި މެސެޖްތައް ފޮނުވުމެވެ.

"އަހަންނަށްވުރެން ބޮޑަށް ލޯބިވާ މީހަކުވެސް ހުރޭތަ؟" ސަވާނާގެ މޫނުގައި ތުންފަތް ބީއްސައިލަމުން ކަޔާން އަހައިލިއެވެ. އަތުގައި އޮތް ފޯނު އެނދުމައްޗަށް އެއްލާލާފައި ކަޔާންގެ މިއުޒިކާއި އެއްވަރަށް ސަވާނާގެ ހަރަކާތްތައް އެއްހަމަކޮށްލެވޭތޯ އޭނާ މަސައްކަތްފެށިއެވެ.

"އަހަރެންގެ ސުވާލަށް ޖަވާބެއް ނުދެމެއްނުން.. ދެކަންތައް އެއްފަހަރާ ނުކުރެވެނީތަ..؟" ދެވަނަ ފަހަރުވެސް ކަޔާންގެ ސުވާލު ތަކުރާރުކުރާން އޭނާ ބޭނުންވީއެވެ.

"ކަޔާންދެކެ އަހަރެން ލޯތްބެއް ނުވޭ.. އަދި ކަޔާން އަހަރެން ކައިރިއަށް ފޮނުވާ އެކަކުދެކެވެސް އަހަރެން ލޯތްބެއްނުވޭ.. އެންމެ އިންސާނަކުދެކެ އަހަރެން ލޯބިވީ! އެއީ ކިބުރުވެރި ބޮޑާ މީހެއް! އޭނާގެ މުޅި ދިރިއުޅުން ސުންނާފަތިކޮށްލާންވެގެން އަހަރެން މާލެއައީ" ވަރަށް އަޒުމުގައި ސަވާނާ ބުނެލިއެވެ. ކަޔާންގެ މޭމަތީގައި ހުރި އިސްތަށިތަކުގައި ފިރުމައިލަމުން، ސަވާނާގެ ދޫ އޭނާގެ ތުންފަތުގައި ހާކައިލިއެވެ. އެހަރަކާތުގެ މާނަ ދެނެގަންނާން ކަޔާންއަށް ސިކުންތެއްވެސް ބޭނުންނުވިއެވެ. ސަވާނާގެ ހުރިހައި ބޭނުމެއް އޭނާ ފުއްދަމުންއެދަނީ އެކި ފިރިހެނުންގެ، އެކި ތަންމަތިތަކުގައެވެ. މެންދަންވުމުން ނުވަތަ އިރުއެރުމުންނޫނީ އޭނާ އުޅޭ ތަނަށް ވަދެނުލައެވެ.

***
އޮފީހުން އައިގޮތަށް މާޔާ އުޅުނީ ގޭތެރެ ސާފުކުރާށެވެ. ދޭތެރެއަކުން މަންމައަށް ކާއެއްޗެއް ނުވަތަ ޖޫސްކޮޅެއް ދިނުމަށް މަންމަ ގާތަށް އާދެއެވެ. ދުރޫހީގެ ރައްޓެހިންނާއެކު އޭނާ ޕާކަށް ދާން ބޭނުންވުމުން މާޔާވަނީ އޭނާއަށް އެފުރުސަތު ދީފައެވެ. މިވަގުތު ގޭގައިއުޅެނީ މާޔާއާއި ހައްވާފުޅެވެ. މާޔާގެ ފޯނު އޮތީ ހައްވާފުޅުގެ އެނދުމަތީގައެވެ. ފޯނު ރިންގުވާންފެށީ، މޮޕްބާލިދީއަށް ފެން އަޅާން ދިޔަވަގުތުއެވެ. ފޯނު ހިއްލައިލުމަށްފަހު ހައްވާފުޅު ބަލައިލިއެވެ. އެއްވެސް ނަމެއް ޖަހައިފައެއްނެތެވެ. ކާކުކަން ނޭގޭ ކޯލެއް ނެގުމަކީ އެންމެ ރަގަޅުކަމަކަށް ނުވާތީ ފޯނު ބާއްވާލިއެވެ. އޭރުވެސް ރިންގުވެއެވެ. ދެފަހަރު ކެނޑިފައިވެސް އަނެއްކާ ރިންގުވާންފަށައިފިއެވެ. ފޯނު ނަގަން ހިތް އެދުނީތީވެ، އެކޯލަށް ޖަވާބުދޭން ހައްވާފުޅު އިސްނެގިއެވެ. ހެލޯ އޭ ބުނެވުމާއެކު އެކޮޅުން ބުނެލި އެއްޗަކުން ހައްވާފުޅު ތުރުތުރުއަޅައިގަތެވެ. ވަށައިގެންވީ ހަތަރުފާރު އޭނާގެ ހަށިގަނޑު ފިއްތައި ބާރުކޮށްލިފަދަ އިހުސާސެއް ކުރެވުނެވެ.

****
އުޑުމަތީގައި ވިލާ ބޯ، ހޫނުގަދަ ރެއެކެވެ. ބަނަކޮށްލާފައިވުމުން ހަނދުގެ ނަލަކަމެއް ފާޅެއްނުވެއެވެ. ތަރިތަކުގެ ވިދުން ގެއްލި، ރޭގަނޑެއްގެ އެންމެ ފުރިހަމަ މަންޒަރު މިރޭވަނީ ފަރުދާކުރެވިފައެވެ. ދުރުދުރުން ފެންނަ އަލިކަމެއްގެ ހިތްގައިމުކަމަށް ނަޒަރު ހުއްޓައިލުންފިޔަވައި އިތުރު މަންޒަރެއް ކުރަހާލެވޭކަށް މިރޭ ނެތެވެ. މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއްގެ ޓެރަސްއެވެ. ހުރަހަކާއި ނުލައި ކަނޑުފެންނާން އޮތެވެ. ފަޅުތެރޭގައި ބަނދަރުކޮށްފައިވާ އުޅަންދުތަކުގެ އަލިކަން ބައެއްފަހަރު ފަނޑުވާހެން ހީވަނީ އެސްފިޔަތައް ވަރުބަލިވެފައި ވާތީކަމަށް ހިތުން ގަބޫލުކުރުން ނޫންގޮތެއްނެތެވެ.

ރެޑްބުލް ދަޅަކާއެކު ސަވާނާ ހޭދަކުރަމުން އެގެންދަނީ ފޫހިވަގުތުކޮޅެކެވެ. އިންތިޒާރުކުރާން މޫޑެއް ނެތެވެ. މީހުންގެ ތެރޭގައި އިނުމަށް ފަސޭހައެއްނޫނެވެ. ފުލުފުލުގައި ސިގިރެޓް ހުލިކުރަމުންގެންދާ އަންހެން ކުއްޖަކާއި ދިމާއަށް ގިނަބަޔަކު ބަލާނެއެވެ. މިއީ ދިވެހީންނެވެ. ދިވެހީންގެ ދިވެހިވަންތަ ސަގާފަތާއި ކާބަފައިން ދަސްކޮށްދިން އަބުރުވެރި ދިރިއުޅުމަށް ލޯބިކުރާ މުޖުޠަމައުއެކެވެ. މަދު ބަޔަކު، ހުޅަނގުގެ ސިފަތަކަށް އުޅުނަސް، އެކަމަކީ މުޖުޠަމައު އެއްބާރުލުން ނުދޭކަންތައްތައްކަން ފާހަގަކުރެވެނީ، އެފަދަ މީހުންނާއި ދިމާއަށް ބަލާލާ ނުސީދާ ބެލުމުންނެވެ. އަޑު ނީވޭވަރަށް ބުނެލާ، ނުރަގަނޅު ވާހަކަތަކުންނެވެ. ސަވާނާއާއި ދިމާއަށް ގިނަ ބަޔަކު އެބަލަނީވެސް ސަބަބުތަކެއް އޮވެގެންނެވެ. ވަށައިގެންވާ މޭޒުތަކުގައި ސަވާނާ ދަންނަ މިހަކު ނުވަތަ ބަޔަކު ތިބެދާނެކަމަށް އޭނާގެ ޚިޔާލަށްވެސް ނުގެނެވެއެވެ.

"ދުވަހަކުވެސް އަހަރެންގެ އިންމަ ދޫކޮށްލާފައި އެހެން ފިރިހެނަކާއި ދިމާއަށް ތަފާތު ނަޒަރަކުން ދެން ބަލައިވެސްނުލާނަން.. އަހަރެންގެ އަމިއްލަ އަތުން އަހަރެންގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލީ.. އަމިއްލަ ނަފުސަށް ދުވަހަކުވެސް މަޢާފުނުކުރެވޭނެ" ރާނިޔާގެ ތަޢުބާއާއި އޭނާގެ މިޒާޖަށް ގެނެސްފައިވާ ބަދަލަކީ އިންމައަށް ލިބުނު އެންމެ ބޮޑު އުފަލެވެ. ލޯބިން ނޫނީ އަނބިމީހާއަށް އެންމެ ފަހަރަކުވެސް އިންމަ ބަލައިނުލައެވެ.

"އަހަރެން އެންމެ ބިރުގަންނަނީ އަހަރެންގެ ފޮޓޯތަކާއި..." ދެރަވެލާފައި ރާނިޔާ ބުނަންއުޅުނު ޖުމުލަ ހުއްޓުވީ އިންމައެވެ. އެފަދަ އެއްޗެއް ދެން ނުބުނުމަށް އިންމަ އެދުނެވެ.

"އަހަރެން ވަރަށް ވަރަށް ލޯބިވޭ ރާނީދެކެ.. ފުރަތަމަ ދުވަހު އަހަރެންގެ ހިތުގައި އުފެދުނު ލޯތްބަށް އަދިވެސް ބަދަލެއް ނާދެ.. އެކަން ގަބޫލު ނުކުރެވ..؟" އިންމަ ބުނާން އުޅުނުއެއްޗެއް ފުރިހަމަކުރެވޭގޮތެއްނުވިއެވެ.

ރެސްޓޯރެންޓަށް ވަދެގެންއައި މީހަކު އިންމަ އިށީންދެ އިން ގޮނޑީގައި މާބާރަކަށް ޖެހިގެންގަތީނުން، ސިއްސައިގެން ދިޔައީއެވެ. ހިތްހަމަ ނުޖެހިފައި އެމީހަކާއި ދިމާއަށް ބަލައިލެވުނީ، ރާނިޔާގެ އަތުގައި ފިރުމާލަން އުޅުނުވަގުތު އެކަންވެސް ނުވީމައެވެ. އެމީހެއްގެ ގައިން ދުވި ނުބައިވަހުން، މޫނުމައްޗަށް ވައްތަރެއް ޖައްސައިލެވުނީ، އެފަދަ ތަނަކަށް އެމީހަކު އެކަނި އެއައީ ކީއްކުރަންތޯ ސުވާލު އުފެދުނީމައެވެ. އެއް ކަންފަތުގައި ބޮޅެއް އެލުވާފައި ހުރިއިރު އެ ފިރިހެންކުއްޖާގެ ތުންފަތުގައިވެސް ބޮޅެއްލާފައި ހުއްޓެވެ. ދެއަތުގައިވެސް އަނގޮއްޓިއާއި ފާޑުފާޑުގެ ޕެކިން އަޅާފައިއޮތެވެ. ލާފައި ހުރި ޖީންސުން ނިވާނުވާ ބައި މާބޮޑެވެ.

"އޭއް! އެއީ ސަވާނާތަ؟ އެމީހާގޮސް އެ އޮޅުލައިގަތީ ސަވާނާ ގައިގައި ދޯ" ވަރަށް ސިއްރުންކަހަލަގޮތަކަށް ރާނިޔާ ވާހަކަދެއްކިއެވެ. ޝައުގުވެރިކަމެއް ނެތަސް، އިންމައަށްވެސް އެދިމާއަށް ބަލައިލެވުނެވެ. ފަނޑު އަލިކަމުގެތެރެއިންވެސް ސަވާނާ ފާހަގަކުރެވުނެވެ. އާއެކެވެ! އެއީ ސަވާނާއެވެ.

ރާނިޔާއަށް އުނދަގޫވިއެވެ. އެފަދަ މީހަކާއެކު ސަވާނާ ފެނުމުން އުނދަގޫވީ، ރާނިޔާއަކީވެސް މަންމައަކަށް ވާތީއެވެ. އަދި ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް އެއީ ގިޔާދާގެ ދަރިއެކެވެ. ރަޙްމަތްތެރިކަމަށްޓަކައި ރާނިޔާވަނީ އެތައް ގުރުބާނީއެއްވެފައެވެ.

"ލައިގެން އެހުރީ ކޯންޗެއްތަ؟ ލަދެއްވެސް ނުގަނޭދޯ!" ހިތްހަމަނުޖެހޭ ގޮތަކަށް ސަވާނާއާއި ދިމާއަށް ބަލައިލަމުން ރާނިޔާ ވާހަކަދެއްކީ ވަރަށް މަޑުންނެވެ.

"ރެއާއި ދުވާލު އެކުރާ އުނދަގޫތަކުން މަށަށްވެސް އިނގޭ އޭނާހުރީ މާލޭގައިކަން.. އެކަމަކު މިވަރު ދަށުދަރަޖައަކަށް ވެއްޓިގެން އުޅެފާނެކަމަށް މަށެއް ހިއެއްނުކުރަން.. އޭނާ މައިންބަފައިންނަށް އެގޮތްވެސް އެންމެ ރަގަޅެއްނުން.. އުޅޭނެގޮތަކަށް އުޅެން މިނިވަންކަން ދީފައިކަންނޭގެނުން" ތުންފަތް އޮރިކޮށްލާފައި ރާނިޔާބުނެލިއެވެ. އިންމަ އެއްޗެއް ބުނަންދެން މަޑުކުރާން ނީންދެ ރާނިޔާ ވާހަކަދެއްކިއެވެ.

"ކޮންމެވެސް ނުރަނގަޅުކަމެއް ކުރަންއެއުޅެނީ.. އެމަންޒަރުބަލަން އަހަންނަށް ފަސޭހައެއްނޫން.. އެކަމަކު އަހަރެން ގަބޫލުކުރަނީ އެމީހުންނާއި އަހަރުމެންނާއި މިހާރު އެއްވެސް ގުޅުމެއް ނެތްކަމަށް" މުސްތަގުބަލުގެ ރަނގަބީލު އިންމައަށް އަޑުއިވުނުފަދައެވެ. މާޒީއަކީ ބަދަލުނުވާނެ ފިލާވަޅުތަކެކެވެ. އެއިން ޢިބްރަތް ލިބިގަންނާން އިންމަވަނީ ދަސްކޮށްފައެވެ.

"އަހަރެން މިއަދު ގުޅިން މާޔާއަށް.. ވަރަށް ވާހަކަދެއްކި.. އަހަރެން އޮޅުންފިލުވަން ބޭނުންވި ހުރިހައި އެއްޗެއް މާޔާ އަހަންނަށް ބުނެދިން" މައުޟޫއު ބަދަލުކޮށްލުމަށް އިންމަ ބޭނުންވީ، ޖައްވުގެ ބަނަކަމުން ދެމަފިރިންގެ ދެމެދަށް ފުސްކަމެއް އަޔަނުދިނުމަށެވެ. އޯޑަރުކުރި ކާތަކެތި ލިބުމުން، އެއަށް އިންސާފުކުރަމުން ދެމަފިރިންގެ މައުޟޫއުއަކަށްވީ މާޔާއާއި އީތަންއެވެ.
****
ގައިސަރުގެ އެނދުމަތީގައި އާންޔާ ބަންޑުން އޮތީ ވާހަކަފޮތެއް ކިޔާށެވެ. އިސްތިރިކޮށްގެން ގެނައި އަންނައުނުތައް އަލަމާރިއަށް ލަމުން، ގައިސަރު ބަލައިލީ ނުހަނު ލޯބިންނެވެ.

"މާމަ، މިހާރު އެންމެ ބޭނުމީ އާނީއަށް ލައިބްރަރީއެއް ހަދައިދޭން.. ހުރިހައި ވައްތަރެއްގެ މައުލޫމާތު ލިބޭ ފޮތްތައް އެ ލައިބްރަރިގައި ބަހައްޓަން މާމަ ބޭނުން" ގައިސަރު ބުންޏެވެ. ވަރަށް ހިނިއައިސްފައި އާންޔާ ބަލައިލިއެވެ.

"އާނީގެ ޑްރީމް ރޫމް މާމައަށް ކުރަހައިދިނިން.. އެތަނުގައިވެސް ކުޑަކުޑަ ލައިބްރަރީއެއް ކުރެހީން.. އެއީ އާނީ ވަރަށް ބޭނުންވާތީ.. އެދުވަހު މަންމަ ބުނީ، ނުވާނެކަންކަމަށް ޑްރީމް ނުކުރާށޯ.. އަބަދު ކުއްޔަށް އުޅެމުން އާނީއަށް ލައިބްރަރީއެއް ހަދާށޭކިޔާފައި އެހާބޮޑުތަނެއް ނުނެގޭނެޔޯ" ދެރަވެލާފައި ތުންކޮޅުދަމާލާފައި އާންޔާ ބުންޏެވެ. ލުއި ހިނިތުންވުމަކުން، މާމަ ދިން ޖަވާބު މިފަހަރު އާންޔާއަށް ކަމަކު ނުދިޔައެވެ.

"މާމަވެސް ހިނިއަންނަނީ! އާނީ ވަރަށް ދެރަވެފަ މިބުނަނީ، އެކަހަލަ ލައިބްރަރީއެއް ބޭނުން" ގައިސަރުގެ މަސައްކަތް ކުރުކޮށްލާފައި އައީ އާންޔާ ގާތަށެވެ.

"ކުއްޔަށްވިޔަސް، އެނޫން ގޮތަކަށްވިޔަސް މާމަގެ ދަރިފުޅަށް ކޮންމެވެސް ދުވަހަކުން ލައިބްރަރީއެއް ލިބިދާނެ" އެނދުގެ މަގަތުން އިށީންދެފައި އާންޔާގެ ބުރަކަށީގައި ފިރުމާލާފައި ގައިސަރު ބުންޏެވެ. މާމަދަރިފުޅުގެ ހިނިތުންވުމުން ގައިސަރަށް ފެނުނީ، ޔަގީންކަމެވެ. މާމަގެ ކޮންމެ ވަޢުދަކަށް އާންޔާގެ އުއްމީދެވެ. ޔަގީންކަމާއި އިތުބާރެވެ.

"އިންޝާﷲ ވަރަށް އަވަހަށް ދަރިފުޅުގެ ހުވަފެންތައް ސީދާވެ، ހަގީގަތަކަށްވާނެ" އެއީ ޔަގީންކަމުން ފުރިގެންވީ އުފާވެރި ބުނެލުމެކެވެ.
****
މެންދަމުން އަލިވެ ދޭއްޖަހައި ފަސްދީފިއެވެ. ކޮޓަރީގެ އެއްކަނެއްގައި ސަވާނާގެ ފޯނުއޮތީ ފުނޑުފުނޑުވެފައެވެ. އެނދުމަތީގެ ބާލީސްތައް ކޮޓަރީގެ އެތައް މިތާގައެވެ. ބެޑްޝީޓުގެ ބޮޑުބައެއް އޮތީ އެނދުން ބޭރުގައެވެ. ކޮޓަރީގައި އުޅެންޖެހޭނީ ސަވާނާ އެކަންޏެވެ. ނަމަވެސް އެނދުމަތީގައި އިތުރުމީހަކު މިރޭ އެބައޮތެވެ. ކޮޓަރި ދޮރުގައި ތަޅާއަޑު އެއްގޮތަކަށްވެސް ނީވެއެވެ. ދެމީހުންވެސް ތިބީ އެވަރުގެ އަޑެއް އިވޭ ހާލަތެއްގައެއްނޫނެވެ. ކޯޓްއަމުރު އޮތުމުން، ފުލުހުންނަށް ހުރަހެއްނެތެވެ. މުއައްސަސާއިން ކުރަންޖެހޭ މަސައްކަތްތައް ގަވާއިދާއި އެއްގޮތަށް ކުރުމަށް ފުލުހުން ފަހެއްނުޖެހުނެވެ.

-- ނުނިމޭ --
ހިޔާލު

ދިޔެ

ފުނަމާ މާފަށްއެދެފި އެހެންވީމާ ވަރަށް ލޯބިން މާފުކޮށްފިން😆ދެން އެހާ ބޮޑަށް ލަސްވާނަމަ އަންގާލާތި އިނގޭ ތަންކޮޅެއްކުރީގައި.

ދިޔެ

ވަރަށް ދުވަސްކޮށްފަވެސް ވާހަކަ ކިޔާލަން ލިބުނީތީ ޝުކުރުވެރިވަން🙂