Firumaaladheyshey, Episode 64
image
ފިރުމާލަދޭށޭ..
ފުނަމާ
1 ކޮމެންޓް
 

ފިރުމާލަދޭށޭ..

64 ވަނަބައި
ނިދިފައި އޮތް ގިޔާދާ ތެދުވީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ލޯ ހުޅުވާލެވުމާއެކު، ނާންމާން ޖައްގައްޔެއްގެ ތެރެއިން ނިކުމެވުނުފަދަ އިހުސާސެއް ގިޔާދާއަށް ކުރެވުނެވެ. ބިރުވެރިއަޑަކުން ނިކަންބާރަށް ހަޅޭއްލަވައިގަތްއަޑަށް ނަވީންއަށް ހޭލެވުނެވެ. ހިތްހަމަނުޖެހުނީ އެފަދަގޮތަކަށް ގިޔާދާ ހަޅޭއްލަވައިގަތީމައެވެ. ރަގަޅަށް ލޯ ނުހުޅުވުނަސް ނަވީންގެ ހިތްހަމަނުޖެހުން ބޭރުކޮށްލިއެވެ.

"ކިހާދެރަކަމެއް މިއޮތީ.. އެހެންމީހުންނަށް ނޮހޮރޮއްޕާންނުކޮށް މިތަނުން ނިކުމޭ.. ނިދާލެވެންވެސް ނެތީއޭ" ގިޔާދާއަށް ކަމެއްވީތޯ ނުވަތަ ނޫންތޯވެސް ސުވާލުކުރުމެއްނެތެވެ.

ނަވީންގެ ނުރުހުމުގެ ބަސްތައް ގިޔާދާއަށް މިވަގުތު ހިތްދަތިކަމަކަށްވިއެވެ. ބޭނުންވީ ފިރިމީހާގެ ދެއަތުގެތެރޭގައި ރައްކާތެރިކަން އިޙްސާސްކުރުމަށެވެ. ފުރަގަސްދީގެން އޮތް ނަވީންއާއި ދިމާއަށް ބަލައިލަމުން، ގިޔާދާގެ ދެއަތް އުފުލާލިއެވެ. އިނގިލިތައް ހަރަކާތްކުރޭތޯ ތަކުރާރުކޮށް ޗެކްކުރިއެވެ. ނޭފަތައް ރޫއަރުވާލާފައި ނޭފަތްދަމަންފެށިއެވެ. ނުބައިވަސް ދުވަނީ ގިޔާދާ ލައިގެންއިން ހެދުމުންތޯވެސް، ވަސް ބަލައިފިއެވެ. ބޯއަޅައިގެން އޮތް ބާލީހުންނާއި ގައިމަތީގައި އަޅާފައި އޮތް ރަޖާގަނޑުންވެސް ވަސްބަލައިފިއެވެ. ނަމަވެސް ކުރިއެރުމެއް ނުލިބުނެވެ. ހުވަފެނުގައި ދުވިވަސް، އަދިވެސް އިހްސާސްކުރެވެނީއެވެ. ގިޔާދާއަށް ބަލައިލެވުނީ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށެވެ. މެންދަމުން އަލިވެ ތިނެއް ޖެހީއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ސަވާނާ ބިޑިއަޅާފައި ބައިންދާފައިއިނީ، އޭނާ ގޮވަމުންދިޔަ ހަޑިހުތުރު އެއްޗެހިގޮވުން ހުއްޓައިނުލައިގެންނެވެ. ދުލައް އައިހައި އެއްޗެއް ގޮވަނީއެވެ. ކިޔަމަންވެ ހަމަހިމޭންވުމަށް، އިންޒާރުދިނުމުންވެސް މައިތިރިވާން ހިތައްވެސް ނާރައެވެ. ތަކުރާރުކޮށް ހަޅޭލަވަމުންދިޔައީ ފައިސާ ދިނުމަށް އިންކާރުކޮށް، އެނާގެ މަންމައާއި ބައްޕަ ފުލުހުންނަށް ރިޝްވަތުދީގެން ސަވާނާ ހައްޔަރުކުރުވީކަމަށެވެ. ހައްޔަރުން ދޫކޮށްލައިފިނަމަ، އެތަނުގައި ތިބި މީހުންނަށް ސަވާނާ ކޮށްދޭނެ ކަންކަމާއި އޭނާގެ ކުޅަދާނަކަމުގެ ވާހަކަ އަޑުހަރުކޮށް ގޮވަމުންދިޔައެވެ.

****
ދެލޮލުން ކަރުނަގަނޑު ފައިބަނީއެވެ. ކުޑަކޮޓަރިއެއްގައި ތޭވީހުގައި އެއާކޯންގެ ފިނިކަންހުރިއިރު މުޅިމީހާ ދާހިއްލާންޖެހޭ ހެއްޔެވެ؟ ނިއްކުރިމައްޗާއި މޫނުމަތީގައި ގިޔާދާގެ އަތް ހާކާލަމުން ދާ ފޮހެލިއެވެ. ފެނުނު ހުވަފެނުގެ އަސަރު އަދިވެސް ލޮލުގައި އެބަހުއްޓެވެ. ފޯނު ކޮބައިތޯ ހޯދައިލެވުނެވެ. އަތުޖެހޭ ހިސާބުގައި ނެތެވެ. ފެންނާކަށްވެސް ނެތެވެ. މެއަށް ތަދުވާހެންހީވުމުން މޭގައި އަތްއެޅިއެވެ. ހިންދިރުވާލާފައި ކުޅުކޮޅަކުން އަރުތެރެ ތެތްކޮށްލެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އެކަމެއްވެސް ނުވިއެވެ. ނިދަމުން ކޮޓަރިއަށް ފެންފުޅިއެއް ނުގެންނާތީވެ، ފެން ނުހުންނާނެކަން ގިޔާދާއަށް އެނގެއެވެ. ހުރިހައި ކަމަކަށްވުރެން ގިޔާދާއަށް ބޮޑުވީ ގާތުގައި ފޯނު ނެތް މައްސަލައެވެ. ކުރިއަށްވުރެން ބޮޑަށް ލޮލުން ކަރުނަފައިބާން ފެށިއެވެ. ފެނުނު ހުވަފެން ލޮލުގެ ކުރިމަތީން ފެންނަހެންވެސް ހީވަނީއެވެ. އެހީއަށްއެދި ސަވާނާއަށް ގިޔާދާގެ އަތް ދިއްކޮށްލާފައި އޮތް މަންޒަރު މިހާރުވެސް ފެނެއެވެ.

ނަވީންގެ ފޯނުގެ ލޮކްކޯޑް ނޭގޭތީ އެފޯނުން ގުޅާލުމަކީވެސް ކުރެވެން އޮތް ކަމެއްނޫނެވެ. އެނދުން ތެދުވީ ވަރަށް ބިރުންހުރެއެވެ. ނަމަވެސް ގިސްލުމުގެ އަޑެއްވެސް ނަވީންއަށް އިއްވާކަން މިވަގުތު ބޭނުމެއްނޫނެވެ. ގިޔާދާގެ ހިތް މަޖުބޫރުކުރަނީއެވެ. ސަވާނާއަށް ގުޅުމަށެވެ. ދަރިފުޅުގެ ހާލު ބެލުމަށެވެ. ކޮންމެވެސް ކަމެއްވެއްޖެއެވެ. ބޮޑުކަމެއް ވެއްޖެކަމުގެ އިހުސާސް ގިޔާދާއަށް ކުރެވެނީއެވެ. ހިތްނުތަނަވަސްވެއްޖެއެވެ. ހުވަފެނުގައި ފެނުނު ބިރުވެރިސޫރައިގެ ފަހަތުގައި ފޮރުވިފައިވަނީ ސަވާނާއެވެ. އަނދިރިކަމުގެތެރެއިން ގޮތް ނޭންގޭތާކުން ގިޔާދާ ކޮށްޕާލާ، ވައްޓާލީ ސަވާނާއެވެ. ސަވާނާގެ ބިރުވެރި ހިނިގަނޑާއެކު ގިޔާދާ ވެއްޓި ޒަޚާމުވީއެވެ. އެހީއަށް އެދި އާދޭސްކުރުމުންވެސް ސަވާނާގެ ހިތައް ރަހުމެއް ނުވަނެވެ. ކުރި އަނިޔާގައި ގިޔާދާގެ މުޅިގައިން އޮހޮރެންފެށީ ލެޔެއްނޫނެވެ. އެއީ ކުނިވަސްދުވާ، ދޮހެކެވެ. ނޭފަތައް ކުޅަދާނަނުވާވަރުގެ ނުބައިވަހެއް ދުވައެވެ. ހަޔާތުގައިވެސް އެފަދަ ބިރުވެރި ހުވަފެނެއް ގިޔާދާއަށް ފެނިފައެއް ނުވެއެވެ.

****
އާދުވަހަކަށް ފެނުން ތޮޅިލި އިރާއެކު މާޔާ މޯޅިއަކަށް ދެމިލިއެވެ. ނިދީގެ ބަރުހެލިކަމެއް ނުވަތަ ހަށިގަނޑުގެ ލޮޑުކަމެއްވެސް ބަނިޔާދަން ހަށިގަނޑުގައި ނުވެއެވެ. އުމުރުން އިތުރު ދުވަހެއް ދެއްވިކަމަށްޓަކައި ﷲއަށް ޙަމްދާއި ޝުކުރުކުރިއެވެ. ގައިމަތީން ކުއިލްޓް އުފުލާލާފައި އެއް އަރިއަކަށް ޖައްސައިލުމަށްފަހު ތެދުވިއެވެ. ފާޚާނާއަށް ވަދެލީ ނަމާދުކުރުމަށް ތައްޔާރުވެލުމުގެ ބޭނުމުގައެވެ.

****
ނަމާދުން ނިމުމާއެކު ރާނިޔާގެ މުސައްލަ އެއްކަނަކުން ފައްޖަހައިލިއެވެ. ނަމަވެސް ބޭނުންވާ ދުޢާތައް ނިންމާފައި ނޫނީ މުސައްލަމަތީން ތެދުވާންބޭނުންނުވާތީ، އޭނާގެ ވާޖިބުއަދާކުރުމައިގެން ކުރިއަށް ދިޔައެވެ. ފަނަރަވަރަކަށް މިނެޓްނުވަނީސް، ފޯނު ރިންގުވާންފަށައިފިއެވެ. އާންމުކޮށް ފޯނުކޯލްތައް ލިބޭ ވަގުތަކަށްނުވާތީ ނުތަނަވަސްވިއެވެ. ފޯނު ނަގަންތެދުވާންޖެހުނީވެސް ކޮންމެވެސް ވަރަކަށް ހިތް ބިރުގަތީމައެވެ.

"މަންމާ.. ސަވާނާ ހައްޔަރުކޮށްފި" ނުހަނު އުފަލުން ބުނާންޖެހުނަސް، މާޔާއަށް އެވާހަކަބުނެވުނީ ތަންކޮޅެއް އުނދަގުލުންނެވެ.

އެތައް ދުވަހެއްވާންދެން ނުހަނު ދުއްތުރާކޮށްފިއެވެ. ބިރުދެއްކިއެވެ. އިންޒާރުދިނެވެ. ލަދުވެސް ގެންނުވިއެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް އުނދަގޫކުރެއެވެ. ނަމަވެސް ސަވާނާ ހައްޔަރުކުރި ޚަބަރު އުފުލާން މާޔާއަށް އުނދަގޫވިއެވެ. އަންހެނަކަށްވާތީއެވެ. ކުށްކުރެވޭނީ އިންސާނުންނަށް ކަމަށްވާތީއެވެ. އެކުށަށް ތަޢުބާވެ، އެމީހަކަށް ހެޔޮވިސްނުމުންވެސް، އުނދަގޫތައްކޮށް ބިރުދައްކާ، ދިރިއުޅެން އުނދަގޫވާހިސާބަށް ކަންތައްތައް ދުއްވާލުމަކީ ބަލައިގަނެވޭނެ ކަމަކަށް ނުވާތީ، މާޔާއަށް މަޖުބޫރުވީ އޭނާގެ އާއިލާގެ ހިމާޔަތުގައި ތެދުވުމަށެވެ.

ސަވާނާ ރަގަޅުވޭތޯ ވަގުތުދީފިއެވެ. ވިސްނައި ފިކުރުކުރުމަށް ފުރުސަތު ދިނެވެ. ކުރަމުންދިޔަ އުނދަގޫތަކާއި ބިރުދެއްކުން ހުއްޓާލުމަށް ފުރުސަތުދިނެވެ. ނަމަވެސް އެކަމަށް ބަދަލެއްވެސް ނައެވެ. މާޔާ ރިޕޯޓްކުރީ ސަވާނާގެ ފަރާތުން އެމީހުންނަށް ކުރިމަތިވެފައިވާ ނުރައްކާތަކެވެ. ނަމަވެސް ފުލުހުން އޭނާ ގެންގޮސްފައިއެވަނީ ގިނަ ކުށްތަކެއްގެ މައްޗަށް ޝައްކުކުރެވިގެންނެވެ. ރިޕޯޓްކުރެވުނު މައްސަލަތަކަށްވުރެން، ސަވަނާގެ ކޮޓަރީން ފެނުނު ކަންކަމުގެ އަދަބު ކުޑައެއްނުވާނެއެވެ. ރަލާއި މަސްތުމާތަކެއްޗާއި ބަދުއަޚްލާގީ މައްސަލަތައްފަދަ ބޮޑެތިކުށްތަކުގެ ޝިކާރައަކަށް ސަވާނާ އެވަނީވެފައެވެ. ހައްޔަރުކޮށްފައިވަނީ، މަސްތުގެ ހާލުގައިވަނިކޮށެވެ. ނޫސްތަކާއި ޓީވީތަކުގެ އެންމެ ފަލަސުރުޚީގެ ގޮތުގައި ހެނދުނު ހެނދުނާއި އެވާހަކަ ފެތުރިއްޖެއެވެ.

"ދަރިފުޅަށްޓަކައި މަންމަގެ ހިތުގައި އޮތް ލޯބި އެތައްގުނައެއް އިތުރުވެއްޖެ.. ތިޔައީ މިޢާއިލާއަށް ލިބުނު ބޮޑު ނިޢުމަތެއް.. ދަރިފުޅުގެ ހިތްވަރާއި ކުޅަދާނަކަމާއި އިސްނެގުމަށް، މަންމަގެ ހިތުގެ އެންމެ ފުންމިނުން ފަޚްރުވެރިވަން.. ތިޔައީ މަންމަގެ އީތަންއަށް ލިބިފައިހުރި ޖަވާހިރެއް.. މަންމަ ވަރަށް ލޯބިވޭ ދަރިފުޅުދެކެ.. ޝުކުރިއްޔާ ދަރިފުޅާ" ރާނިޔާގެ ކޮންމެ ޖުމުލައެއްގައި އުފާވެރިކަންވިއެވެ. މާޔާއަށްޓަކައި އެތައްގުނައެއް ލޯބި އިތުރުވެއްޖެއެވެ. އީތަންއާއި ދެކުދިންގެ ކައިވެނިކުރުމުވަށް އެންމެބޮޑަށް މިވަގުތު އެދެނީ ރާނިޔާއެވެ. އެކަމަށްޓަކައި ކުރިމަތިވެފައިހުރި ހުރަސްތައް ގިރާކޮށް، އެ މަގު އަމާންކުރާނެކަމަށް ރާނިޔާގެ އަމިއްލަ ނަފުސަށް ވަޢުދުވިއެވެ.

****
އޮފީސްދޮރުމަތީގައި ސައިކަލް ޕާކުކުރުމަށްފަހު ޒިޔާންގެ ކޮނޑުގައި އޮތް ލެޕްޓޮޕް ދަބަހުގެ ވާގަނޑު ރަގަޅުކޮށްލިއެވެ. ރިންގުވާތީ ފޯނު ސައިލެންޓްކޮށްލުމުގެ ބޭނުމުގައި ޖީބުން ފޯނުނެގިއެވެ. ދުވަހުގެ މަސައްކަތްތަކަށް ފެށުމުގެކުރީން ލިބޭ ކޯލްތައް ނުނެގުމަކީ ޒިޔާންގެ އާދައެކެވެ. ސްކްރީންއަށް ބަލައިލީ ވަރަށް ފަރުވާކުޑަ ގޮތަކަށެވެ. ނަމަވެސް ގުޅަނީ ކާކުކަން އެނގުމުން ނިކަން އަވަހަށް ޖަވާބުދިނެވެ.

"އޮފީހަށް އައީތަ؟" މިނިސްޓަރގެ ކޯލެކެވެ.

ޒިޔާންއާއި މާބޮޑު ގުޅުމެއްނެތަސް، އޮފީހުގެ ސެކްޝަނެއްގެ ވެރިއަކަށްވާތީ، މުއާމަލާތުކުރަންޖެހޭ ކަންކަމުގައި ކޮންމެވެސްވަރަކަށް ގުޅުއްވައެވެ. މިހައި ހެނދުނާ، އެފަދަ ކޯލެއް ލިބުމުން ޒިޔާންގެ މޫނުމަތި އުޖާލާވިއެވެ. ފަޚުރުވެރިކަމާއެކު ހަށިގަނޑު ސީދާކޮށްލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ސުވާލުގެ ޖަވާބު ބުނެލީ، ވަރަށް އުފަލުންނެވެ.
ވަގުތުން ކެބިންއަށް އައުމަށް އެދިވަޑައިގަތުމަށްފަހު ފޯނު ބޭއްވެވީ ޒިޔާންގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތިއެވެ. އެގޮތްވެސް ޒިޔާންއަށް އެންމެ ރަގަޅެވެ. މިނިސްޓަރ ގުޅުއްވައިފިއެވެ. އެހެންމީހަކު މެދުވެރިކުރެއްވުމަކާއިނުލައެވެ. ވިދާޅުވާން ބޭނުންފުޅު އެއްޗެއް ވިދާޅުވުމަށްފަހު ފޯނު ކަނޑާލެއްވުމަކީ ވަޒީރުންގެ އާދައެކެވެ. އެހެންމީހުންގެ އަޑުއެއްސެވުކީ އެބޭބޭފުޅުންނަށް މާފަސޭހަފުޅުކަންކަމެއް ނޫންކަން ޒިޔާންއަށްވެސް އިނގެއެވެ.

އޮފީސްތެރެއަށް ވަނުމާއެކު ތަފާތުކަމެއް ފާހަގަކުރެވުނެވެ. އެހެންދުވަސްދުވަހާއި ތަފާތުކޮށް އޮފީސްތެރޭން، ބައެއް މީހުން އޭނާއާއި ދިމާއަށް ބަލަމުންދާކަމެވެ. ބައެއް މީހުން ސިއްރުގައެވެ. އަނެއްބަޔަކު ބޯޖަހާލާފައި ނިއްއަރުވާލައެވެ. އާންމުކޮށް ވާހަކަނުދައްކާމީހުންވެސް މިއަދު ޒިޔާޏްއާއި ދިމާއަށް ބަލައިފިއެވެ.

ހިތައް އެރިއެވެ! ޔަގީނެވެ. މާޤާމުގެ ކުރިއެރުން ލިބެނީއެވެ. ސަރުކާރުގެ ހިނގުމަށްއައި ބަދަލާއެކު އެތައް ވެރިންނެއް ބުރައިގެން ދިޔައެވެ. ހަމައެގޮތަށް ގިނަބަޔަކަށް މަގާމުގެ ކުރިއެރުންވެސް ލިބެއެވެ. އާމަގާމުތަކަށް ބަދަލުވުމަށް ފުރުސަތުތަކެއް ހުޅުވިފައި އޮތް ވަގުތެއްގައި ޒިޔާންގެ ސިކުނޑީގައި ތަފާތު އެކިކުލަތައް އެނބުރެނީއެވެ. ސެކްޝަނާއި ހަމައަށް ދެވޭނެ ވަގުތެއްގެ އިންތިޒާރުގައި ލިފްޓުގެ ކުރިމަތީގައި ހުއްޓުނީ ގިނަބަޔަކާއެކުއެވެ. އެއްމިޔަކަނުން ހިނިއައިސްފައި ހުރެ، ބަކުރު ކައިރިވެލިއެވެ.

"އޭ ޒިޔާން! ކަލޭވެސް..؟" ލިފްޓުގެ ދޮރުހުޅުވުނީ އެވަގުތުއެވެ.

އެއިގެތެރެއިން ނިކުތް މީހުންނާއި ވަންނާން ތައްޔާރަށް ތިބިމީހުންގެ ތެރެއިން ޒިޔާންއަށް ބަކުރާ އެކުގައި އެރޭވަރެއް ނުވިއެވެ. މާދުރުދުރުގައި ތިބެގެން ދެއްކޭ ކަހަލަ ވާހަކައަކަށް ނުވާތީ ޒިޔާންވެސް ހިމޭންވިއެވެ. ބަކުރަކީ އޮފީހުގެ އައިޓީ ޑިޕާޓްމެންޓުގެ އިސްވެރިޔާއެވެ. ޒިޔާންއަށް ޔަގީންވި ކަމަކީ، ބަކުރަށް ކޮންމެވެސް އެއްޗެއް އެނގިފައި ވާކަމެވެ. އިރުއިރުކޮޅުން ބަކުރާއި ދިމާއަށް ޒިޔާންއަށް ބަލައިލެވެނީވެސް ވާހަކަދައްކާން ބޭނުންވާތީއެވެ. ނަމަވެސް ލިފްޓުގައި ތިބި ގިނަމީހުން ޒިޔާންއާއި ދިމާއަށް ބަލައިލާ ގޮތް ޒިޔާންއަށް ކަމަކު ނުދިޔައެވެ.

****
"އައި އެމް ސޯ ޕްރައުޑް އޮފް ޔޫ މައި ޕްރިންސެސް.. ވަރަށް ލޯބިވޭ.. ބީ ސޭފް! އެއްވެސް މީހަކަށް އިނގިލިކުރިވެސް ޖައްސާލެވިގެން ނުވާނެ.. ތިއީ ހަމައެކަނި އަހަރެންގެ ޙައްޤެއް" އީތަން ބުނެލިއެވެ.

މާޔާ ވާހަކަދައްކަމުންދިޔައީ އީތަންއާއެވެ. ފާއިތުވެގެންދާ ސައްވީސްގަޑީރަކީ މާޔާގެ ހަޔާތުން ފަވާލެވޭނެ ދުވަހެކެވެ. ބިރުވެރިކަމާއި ބިރުދެއްކުމަށް ޖެހިލުން ނުވާނެކަން، މާޔާގެ އަމަލުން ދުނިޔެއަށް ސާބިތުކޮށްދިން ވަގުތުތަކެކެވެ. ލޯބީގެ ކޮންމެ ލަފުޒަކީ ލޭގެ ވިންދާއި ގުޅިފައިވާނެ އުފާވެރިކަމެކެވެ. މާޔާގެ މޫނުމަތީން ފެންނަނީ ހަމަޖެހުމެވެ. ހިތްވަރާއި އަޒުމުގެ ވަރުގަދަކަމެވެ. ލޯބިވެރިޔާގެ ކޯލުގައި މާޔާ އިންދައި ސެކްޝަނަށްވަނީ ޒިޔާންއެވެ. ރަސްމީގަޑީގައި މާޔާ ފޯނުގައި ހޭދަކުރާނީ މަދުވަގުތެކެވެ. މިއަދުގެ މިގަޑީގައި ލޯބިވެރިޔާއާއި ވާހަކަދައްކާންޖެހުނީ ހާލަތުގެ ސަބަބުންނެވެ. ސެކްޝަނުގެ ގިނަ މުވައްޒަފުން މިއަދު އިސްޖެހީ ޒިޔާންގެ މޫނަށް ނުބަލަންވެގެންކަން ދެނެގަތީ މާޔާއެވެ. ދޮރުން ވަދެގެންއައިގޮތަށް ޒިޔާންއައީ މާޔާއާއި ދިމާއަށެވެ. ޒިޔާން އެވަރަށް ހެފިވައި ހުއްޓައި މިއިންދުވަހަކު މާޔާއަށް ފެނިފައެއް ނުވެއެވެ.

"ވަރަށް އަވަހަށް އަހަރެންގެ މީހަކަށް ހަދާނަން.." މާޔާއާއި ދިމާއަށް ޒިޔާން ގުދުވެފައި އެއްޗެއްބުނެލިކަން އެތާގައިތިބި މީހުންނަށް އެނގުނެވެ. ނަމަވެސް ބުނީ ކީކޭކަން އެނގުނީ ހަމައެކަނި މާޔާއަށެވެ.

"މިވަގުތު ފޯނު ބާއްވާލާނަން އިނގޭ.. ބްރޭކްއަށް މިއަދު ދާނީ އާންޔާ ކައިރިއަށް.. އީތަންއަށް އާދެވޭގޮތަށް ހުރިއްޔާ އަންނަށްޗޭ" މާޔާގެ އެދުމަކަށް ނޫނެކޭ ބުނުމަކީ އީތަންއަށް ފަސޭހަކަމެއް ނޫނެވެ.

ކެބިންއަށް ވަންގޮތަށް ޒިޔާން ނިކުމެއްޖެއެވެ. މާޔާ ޖެހިލުންވިއެވެ. އެންމެން ކުރިމަތީގައިވެސް ޒިޔާން ގޮތެއް ހަދަފާނެތީއެވެ. މާޔާއަށް ބަލައިލެވުނީވެސް ޖެހިލުންވެ އިނދެއެވެ. ހަމައެވަގުތު ޒިޔާން އެއް ލޯ މަރާލިއެވެ.

-- ނުނިމޭ--
ހިޔާލު

ދިޔެ

ޒިޔާންގެ ދުވަސް ދިޔައީދޯ..