Firumaaladheyshey, Episode 65
image
ފިރުމާލަދޭށޭ--
ފުނަމާ
1 ކޮމެންޓް
 

ފިރުމާލަދޭށޭ..

65 ވަނަބައި
މާޔާ އިށީންދެގެން އިން ގޮނޑީގައި ޖެހިގެންފައި ޒިޔާން ހުރަސްކުރި މަންޒަރު އެތައް ލޮލެއްގައި މިއަދު އަޅައިގެންފިއެވެ. މީގެކުރީން އެފަދަ ކަންކަމާއިމެދުގައި މާބޮޑު ސަމާލުކަމެއް ނުބެހެއްޓިއަސް، ޒިޔާންގެ ކޮންމެ ހަރަކާތަކަށް މިއަދު ފާރަވެރިވާ މީހުން މަދެއްނޫނެވެ.

މިނިސްޓަރގެ ކެބިންއަށް ޒިޔާން ވަނުމާއެކު، މިނިސްޓަރ ވާހަކަދައްކަވަމުންދިޔަ ކޯލް ކުރުކޮށްލެއްވުމަށްފަހު ޒިޔާންއަށް ސަމާލުކަންދިނެވެ.

"ކިތަންމެ ރީތި ސިފައެއް ގުދުރަތުން ދެއްވާފައި ހުއްޓަސް، އޭގެ އަގެއް ނެތް ދޯ" ޒިޔާންގެ އިސްކޮޅަށް، މަތިން ތިރިއަށް ބަލައިލަމުން މިނިސްޓަރ ޖަލީހު ވިދާޅުވިއެވެ. ދޭހަ ނުވިފަދަ މޭރުމަކުން ޒިޔާން ބަލައިލުމުން ދެންވެސް އެއްޗެއް ވިދާޅުވީ މިނިސްޓަރ ޖަލީހުއެވެ.

"ދުރޫސުލް އަޚްލާގާއި ތަޢުލީމްދިޔާނާއިން އެއްޗެއް ދަސްކޮށްގެން ވަޒީފާއަކާއި ކުރިމަތިލައިފިއްޔާ ފަހަރެއްގައި ޒިޔާންއަށް ފައިދާއެއް ކޮށްފާނެ.. ދިފާޢުގައި ބުނަން ބޭނުން އެއްޗެއް އެބައޮތްތަ؟" ވެރިޔާގެ ސުވާލުން ޒިޔާންގެ މޫނުމަތީގެ ކުލަ ބަދަލުވެއްޖެއެވެ. ކެބިންގެ ދޮރުގައި ޒިޔާން ޓަކިޖެހި ވަގުތު، ޕްރޮމޯޝަންގެ ވަސް ނޭފަތުގައި ޖެހުނެވެ. ނަމަވެސް މިވަގުތު ޒިޔާން އެއިނީ ވާނުވާ ނޭގިފައެވެ. ދެކޮނޑުއަރުވާލާފައި އަތުން އިޝާރާތެއްކޮށްލީ، 'ތިޔަ ވިދާޅުވިއެއްޗެއް ނޭގުނޭ' ބުނެލާފަދަ ގޮތަކަށެވެ.

"އަހަރެންގެ ހަގީގީ އުސޫލަކީ ތިޔަފަދަ ދަށުދަރަޖައިގެ މީހަކު، ވަގުތުން ވަޒިފާއިން ކަނޑާލާފައި ގޭގައި މަޑުކުރަން އެނގުން! ނަމަވެސް ކަމުގެ ބާވަތުން ބޭނުންވީ، ކުޑަ ނަމަވެސް ނަސޭހަތެއް ދޭން.. އަހަރެން އެންމެ ހިތްހަމަނުޖެހެނީ ޒިޔާންކަހަލަ މީހެއްގެ ސަބަބުން މި މިނިސްޓްރީގެ ނަން، ކިލަންބުވެގެންދިޔާމަ! އެމީހެއްގެ އިއްޒަތައް އެމީހަކު ނުބެލުން އެއީ ވަޒީފާދޭ ފަރާތުން ޒިންމާވާންޖެހޭ ކަމެއްނޫން.. ޒިޔާން ތިކުރިފަދަ ދަށުދަރަޖައިގެ އަމަލަކަށް މި މިނިސްޓްރީގައި ޖާގައެއް ނެތްކަން އަހަރެން ސާބިތުކޮށްދިނުމުގެ ގޮތުން ޒިޔާން ފަޒީފާއިން ވަކިކުރާންޖެހުނީ" ޖަލީހުގެ ވާހަކަފުޅުން ޒިޔާންގެ ސިކުނޑި ހާސްވެއްޖެއެވެ. އެއްޗެއްނުބުނެ އިނދެވުނީ ކުޑައިރުކޮޅަކުއެވެ. ވެރިޔާއާއި ޒިޔާންއާއި ދެމެދުގައި ހިތްހަމަނުޖެހުމުގެ އިބާރާތްތަކެއް ބަދަލުކުރެވެމުންދާކަން، ޖަލީހުގެ ސެކްރެޓްރީ އަމްނާއަށް ފެންނަ މަންޒަރުން ސާފުވެއެވެ.
****

ހެނދުނުގެ ކަސްރަތަށްފަހު ފެންވަރައި ތާޒާވެލައިގެން ރާނިޔާ ނިކުތީ ފިރިމީހާއަށް ސައި ތައްޔާރުކުރުމަށެވެ. ނުވައެއްގެ ފެރީއަށް ދާން ބޭނުންކަމަށް ރޭގައި އިންމަ ބުނެފައިވެއެވެ. ސައިގެ ވަގުތުގައި މުހިއްމު ވާހަކައެއް ދައްކާން ބޭނުންވާތީ ރާނިޔާ މިއަދު އެހުރީ ވަރަށް ތައްޔާރުވެގެންނެވެ. ބޮލު މެދަށް ހުޅިޖަހާލާފައި ހުރުމުން ރީތި ކަނދުރާ އެއޮތީ ހާމައަށެވެ. ކުރު ޝޯޓަކާއި ހުދު ޓޮޕްކޮޅެއްލައިގެން ހުރުމުން ރާނިޔާގެ ރީތިކަން ހާމަވެއެވެ.

***
ސެކްޝަނަށް ޒިޔާން ވަނުމާއެކު އެންމެން އިސްޖެހިއެވެ. ނަމަވެސް އެކަކު އެއިނީ ވަރަށް ހިތްވަރާއެކު ވަރުގަދަ އަޒުމެއްގައި ދަތްދޮޅި އުފުލައިލައިގެންނެވެ. މަގާމުގެ ނުފޫޒުބޭނުންކޮށްގެން އަންހެނުންނަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ތަކުރާރުކުރުމަށް ފުރުސަތު ނުލިބޭނެކަން ސާބިތުކޮށްދޭން މާޔާ ބޭނުމެވެ. ރުޅިއައިސް ރަތްވެގެން ޒިޔާން މާޔާއާއި ދިމާއަށް ބަލައިލިހިނދު ހިނިތުންވުމަކުން މާޔާ ޖަވާބުދިނެވެ. މިއަދު ކާމިޔާބު ލިބުނީ ބޮޑު މަގާމަކަށް ނޫނެވެ. ނަމަވެސް ހައްޤަށެވެ.

***
މެންދަމުންފެށިގެން ހޭލާއުޅެފައި ގިޔާދާއަށް ނިދުނީ ހައެއްޖަހަން ގާތްވެފައި ހުއްޓައެވެ. ފޯނުވީކޮންތާކުކަން އޭރުވެސް ހަނދާނަކަށް ނައެވެ. ނަވީންއަށް ގޮވާފައި، އޭނާގެ ފޯނު ދިނުމަށް އެދުމުންވެސް ނަވީންގެ ރުޅިގަނޑު އިތުރުވީއެވެ. ގިޔާދާއަށް ނިދުނީ މާޔޫސްކަމުގައި އެކަނިވުމުގެ ސަބަބުންނެވެ.

"މިއަދުވެސް ސައި ނުބޮއެތަ ދާންވީ.. ވަރަށް އަވަހަށް ދާންޖެހޭވާހަކަ ރޭގައިވެސް ބުނިން" ތަންކޮޅެއް ބާރަށް، ހަރުކަށިގޮތަކަށް ނަވީން ބުނެލިއެވެ. މަސައްކަތައް ދިއުމުގެ ކުރީން ގެއިން ސައިފޮދެއް ލިބެނީ މަދު ދުވަހަކުއެވެ. ނިދިފައި އޮތް ގިޔާދާގެ ދެފައި ކޮޅަށް ޖެހުނުހެން ހީވިއެވެ.

"ދީބަލަ ފޯނު! އަހަރެންގެ ފޯނު ނުފެނިގެން މިއުޅެނީ.. ސަވާނާއަށް ކޮންމެވެސް ކަމެއް ވެއްޖެކަމުގެ ބިރުވެރި އިހްސާސް އަހަރެންގެ ހިތަކުން ދުރަކަށް ނުދިޔަ.. މައިމީހާގެ އިހުސާސްތައް އެހެންމީހަކަށް ނޭގޭނެ" ދެލޯ ހުޅުވުމާއެކު ގިޔާދާގެ ނުތަނަވަސްކަން ހާމަކުރިއެވެ.

"މުސްކުޅިވެގެން ދިޔަދިޔައިނުން، އެވަރުގެ ކަމެއްވެސް ހަނދާނުގައި ނުހުންނަނީތަ؟" ނަވީންކޮށްލީ މަލާމާތެކެވެ.

"އަހަރެން ކިތަންމެ މުސްކުޅިވިޔަސް، ސިފަ ހުތުރަސް، ހަނދާންނެތޭބަލިޖެހުނަސް، އަހަރެންގެ ދަރިއާއި ފިރިމީހާގެ މަތީން އަދި ހަނދާނެއް ނުނެތޭ.. ނަވީންގެ ހުރިހައި ހިއްސެއް ހަމަމީހާގެ ހާލު މާބޮޑުހެން މަށަށް ހީވަނީ" ގިޔާދާވެސް އޭނާއަށް ފެންނަ އެއްޗެއް ބުނެލިއެވެ.

"އަހަރެންގެ ފޯނަކުން ސަވާނާއަށް ނުގުޅާނަން.. ރޭގައި ގިޔާދާގެ ފޯނު ޗާޖައްޖެހީ ސޯފާގެ ބިއްދޮށަށް! އެތަނުން ނުނަގަންޏާ އެތަނުގައި އޮންނާނެ" އިތުރަށް ގޯސްކުރާން ބޭނުންނުވާތީ ނަވީންވެސް ތަންކޮޅެއް ހިމޭންވިއެވެ. ފޯނު އޮތްތަން ބުނުމާއެކު އެންދުން ފުންމާލައިގެން ގިޔާދާ އެދިޔައީ އޭނާގެ ފޯނު ބަލައެވެ.

***
ހެނދުގެ ނާސްތާއަށް މާޔާ އަންނާނެ ވާހަކަ ބުނީއްސުރެން ގައިސަރުގެ މަސައްކަތަކީ މާޔާއާއި އީތަންއަށް މީރުވާނެހެންހީވާ އެއްޗެހި ކައްކާފައި މޭޒުމަތި ފަޅުފިލުވުމެވެ. ދޮޅުގަޑީރުތެރޭގައި ގައިސަރު ހިތްހަމަޖެހޭވަރަށް އެއްޗެހި ތައްޔާރުކޮށްލެވިއްޖެއެވެ.

"މާމާ! މީރުވަސް ދުވާތީ، އާނީ ބަނޑުހައިވެއްޖެ.. އެކަމަކު އެކުދިން ނާންނަނީސް ކާކަށްވެސް ނުވާނެދޯ"
ހިފައިގެން އިން ވާހަކަ ފޮތާއެކު މޭޒު ކައިރީގައި ހުއްޓިލާފައި އާންޔާ ބުންޏެވެ. ހިނިތުންވުމާއެކު އެދަރިފުޅުގެ ބޮލުގައި ގައިސަރު ފިރުމާލިއެވެ.

"އެކުދިން އައީމައިވެސް ދަރިފުޅު ކާނީ! މިހާރުވެސް ކާނީ! އޭރުން މާއަވަހަށް ބޮޑުވާނެ.. މާމާއާއެކު ކައްކަން ބަދިގެއަށް ވަދެވޭނީ ދަރިފުޅުވެސް މާމައާއި އެއްވަރަށް ބޮޑުވީމަނޫންތަ؟" ވަރަށް މަޖާވެލާފައި ލޯބި ގޮތަކަށް ގައިސަރު ބުންޏެވެ.

"އާނީގެ ކްލާސްގައި މިހާރުވެސް އެންމެ ބޮޑުކޮށް ހުންނަނީ އާނީ.. ހުރިހާ ޓީޗާރސްއަށް ހީވަނީ އާނީއަކީ މާބޮޑު ކުއްޖެއްހެން.. އެކަމަކު އެންމެ ކުޑައީ އަސްލު އާނީ" މާމައާއި ހުރިހައި ވާހަކައެއް ހިއްސާކުރުމަކީ އެދަރިފުޅު ނުހަނު އުފަލުން ކުރާކަމެކެވެ. ތެދެކެވެ. އާނީއަކީ އުމުރު ހަގުކޮށް ކްލާސް ބަދަލުކޮށްފައިވާ ކުއްޖެކެވެ.

"މާމަގެ ލޯބިލޯބި ދަރިފުޅަކީ ހަމަ އަބަދުވެސް އެންމެ މޮޅު، އެންމެ ލޯބި، އެންމެ ފުރިހަމަ ދަރިފުޅު! އެހެން އެވަނީ ދަރިފުޅު ބަސްއަހާތީއޭ.. އަވަހަށް ހިނގާ މާމައާއެކު ސައިބޯލަން" ތައްޓަށް ކާއެއްޗެހި އަޅަމުން ގައިސަރު ވާހަދެއްކިއެވެ.

"ބޮޑުދައިތަމެންނާއެކު މަންމައާއި ބައްޕަވެސް މިއަދު އަންނާންވީއޭ ގެއަށް، މިގަޑީގައިވެސް ކުޑަކޮށް ސައިބޯލަން.. ހިނގާ އެކުދިންނަށްވެސް ގުޅަމާ!" ގައިސަރު ބޭނުންވީ ފުރިހަމަ އާއިލީ ސައެކެވެ

***
"އެވަރުގެ ހިތްވަރެއް މާޔާ ހޯދީ ކިހިނެއް؟" އެއް ސެކްޝަނެއްގައި ވަޒީފާ އަދާކުރާ ނާދިޔާ ސުވާލުކޮށްލިއެވެ.
މާޔާގެ ހިނިތުންވުމާއެކު މަންޒަރު ބަދަލުވެގެންދިޔައީ ފަތިހުގެ ފިނިފިނި ވައިރޯޅިއާއެކު އާދުވަހަކަށް އަލިވިލުނު ވަގުތަށެވެ.
ފަތިހުގެ އިރު ފެނުންތޮޅެލުމާއެކު މާޔާގެ މަސައްކަތްފެށިއެވެ. ދުނިޔެއަށް ފޮނުއްވީތީ ޝުކުރުވެރިވުމުގެ ގޮތުން އަދާކުރަންޖެހޭ މަސްޢޫލިއްޔަތަށްފަހު، މާޔާއަށް މިއަދު މުހިއްމުވީ އޭނާގެ ފޯނެވެ. ސޯޝަލް މީޑިއާގައި ހަރަކާތްތެރި 'ނަމަކަށް' ނުވިޔަސް، ކަންތައްތައް ކުރާންޖެހޭގޮތާއި އަމިއްލަ ނަފުސު ދިފާޢުކުރާނެ ގޮތް މާޔާއަށްވެސް އެނގެއެވެ. އެހީއަށް އެދި އަތްދިއްކޮށްލާނެ ދިމާއެއް ނެތިފައި ތިބެންނުޖެހޭކަން، މުޖުޠަމައަށް ލޯހުޅުވިފައިވާ ކޮންމެ މީހަކަށް މިއަދު އެނގޭނެއެވެ. ނުހައްޤުން ލިބޭ އަނިޔާތައް ހުއްޓުވާނެ އެތައް ޖަމްއިއްޔާއެއް މިއަދު ވުޖޫދުގައި ވެއެވެ. ބޭނުންވަނީ އިސްނެގުމާއި ކެރުމެވެ. ފޯނު ކޯލަކުން އިންސާފުގެ މަގަށް ވާސިލްވާނެ އެތައް ދޮރެއް ހުޅުވިފައި ވެއެވެ. ސޯޝަލްމީޑިއާގެ ބޭނުން އިންތިހާއަށް ބޮޑެވެ. އާންމުކޮށް ބޭނުންކުރާ ހުރިހާ ވަސީލަތެއް މާޔާވަނީ ބޭނުންކޮށްފައެވެ. ހެއްކާއެކު ޒިޔާންގެ ފޮޓޯވެސް މާޔާވަނީ އާންމުކޮށްފައެވެ. ހަތަރުގަޑީރު ފާއިތު ނުވަނީސް، މާޔާއަށް އެވަނީ އިންސާފުގެ ރަހަ ލިބިފައެވެ.

***
ފޯނު ފެނުމާއެކު ގިޔާދާގެ މޭގައި އަތްއެޅުނެވެ. ރޭ މެންދަމުންފެށިގެން ގިޔާދާ ނުތަނަވަސްވެފައިވަނީ އޭނާގެ ފޯނު ނުފެނިގެންނެވެ. ނިކަން އަވަހަށް ފޯނު ނެގިއެވެ. މިސްކޯލް ބައިވަރު އެބައޮތެވެ. ނުދަންނަ ނަންބަރުތަކުން ލިބިފައި އޮތް ކޯލްތަކަށްވުރެން ގިޔާދާއަށް މުހިއްމުވީ ސަވާނާ ހުރި ހޮޓަލުގެ ނަންބަރަށް ގުޅުމަށެވެ. އެތަނުން ދެތިންފަހަރަކު ގުޅާފައި އެބައޮތެވެ. އެހުރިހައި ކޯލް އައިއިރުވެސް އަޑެއް ނީވުނީތީ، އަމިއްލަ ނަފުސުދެކެ ގިޔާދާ ނަފުރަތު ކުރިއެވެ. ފޯނުގެ އަރިމަތީ ބަޓަންއަށް ބަލާލެވުމާއެކު ކުރިއަށްވުރެންބޮޑަށް ދެބުމަ ގޮއްޖަހައިލެވުނެވެ. މުހިއްމު ކޮންމެ ވަގުތެއްގައި އެފަދަ ކޮންމެވެސް ކަމެއް ވާނެއެވެ. ސައިލެންޓް ކުރުމަކީ މަދުންނޫނީ ގިޔާދާ ކުރާކަމެއްނޫނެވެ. ނަމަވެސް ރޭގައި އެއޮތީ އެކަންވެސް ކުރެވިފައެވެ. މުޅި ރޭ ފޯނު ރިންގްވިޔަސް އަޑެއް ނީވޭނެތާއެވެ.

***
ފިރިމީހާއަށް އެހީތެރިވެދިނުމަށްފަހު ރާނިޔާވެސް އިށީނީ ސައިގައި ބައިވެރިވެލުމަށެވެ. މިއަދުން މިއަދަށް ގޮތްނިންމަށް އޮތް މުހިއްމުކަމެއް އޮތީއެވެ.

"ޔޫ އާރ ސޯ ބިއުޓިފުލް! އެއްޗެކޭ ބުނަންއުޅޭހެން އެބަހީވޭ؟ ރަގަޅަށްތަ މި ހީކުރެވެނީ؟" ނުހަނު ލޯބިން ރާނިޔާގެ ނިއްކުރީގައި ކިސްކޮށްލަމުން އިންމަ ބުންޏެވެ. އެހަރަކާތަކީ ބުނަން ނޭގޭފަދަ ހިތްހަމަޖެހުމެއް ރާނިޔާއަށް ލިބުނު އިހްސާސެކެވެ.

"އަބަދުވެސް އަހަރެންދެކެ ތިޔަހައި ލޯބިވާނަންތަ؟" ޖަޒުބާތުން ފުރިގެންވީ ބަލައިލުމަކުން އިންމަގެ ލޮލަށް ބަލައިލާފައި ރާނިޔާ ސުވާލުކޮށްލިއިރު ލޮލުން ކަރުނަ ވިދާލައިފިއެވެ.

އިންސާނަކަށްވީތީ، ހިތައް ކުރާ އަސަރުތަކެއްވެއެވެ. ހަގީގީ ލޯތްބަކީ ލޮލަށްފެންނަ ދަޅައެއް ނޫންކަން ރާނިޔާއަށްވުރެން ބޮޑަށް ގަބޫލުކުރާނެ އަންހެނަކު މިދުނިޔޭގައި އުޅެފާނެކަމަށް އޭނާއަށް ގަބޫލެއްނުކުރެވެއެވެ. އިންމައަކީ ރާނިޔާއަށް ލިބިފައިވާ އަގުހުރި ޖަވާހިރެއްކަމަށް ރާނިޔާގެ ލޮލުން ބޮލުން މިއަދު ގަބޫލުކުރެއެވެ. މާޒީވި އެންމެ ސިކުންތެއްވެސް އަލަކުން އިޔާދަނުކުރެވޭނެއެވެ. ނަމަވެސް މުސްތަޤްބަލް އޮތީ ރާނިޔާއަށް މަރުޙަބާކިޔުމަށެވެ. ހަޔާތުން އެންމެ މިނެޓެއްވެސް ފިރިމީހާއަށް ބޭވަފާތެރިވުމަށް ރާނިޔާ ދެނެއް ފުރުސަތެއް ނުދޭނެއެވެ. ފިރިއެއްގެ ހިތް، ލޯބިން ފުރާލަދިނުމަށް އަންބަކު އެވަނީ އަޒުމުކަނޑައަޅާއި އެކަމަށް މަސައްކަތްފަށާފައެވެ.

"ތިހައި ޔަގީންކަން ކުޑަކޮށް ތިސުވާލު ކުރާކަށްވެސް ނުވާނެނުން.. ތިއީ އަހަރެންގެ ހިތް.. މިހިތުގައި ދިރުމެއް ހުރިހައި ހިނދަކު، ތިޔަލޯތްބައި ނުލައި ނޫޅެވޭނެ.. ވަރަށް ވަރަށް ލޯބިވޭ.. ފެނިލާކޮންމެ ފަހަރަކު، އަހަރެންގެ ހިތައްކުރާ އަސަރުތައް ބުނެދޭނަމަ، ރާނީއަށް އެކަން ޔަގީންކުރެވޭނެތަ؟" މޫނުގެ ދެފަރާތުން ހިފަހައްޓައިލާފައި އިންމަ ބުންޏެވެ.

"އަމިއްލަ ނަފުސަށްވުރެން ބޮޑަށް އިތުބާރުކުރަން.. ޒައްރެއްގެ މިންވަރުވެސް ޝައްކެއްނުކުރަން.. ވަރަށް އިތުބާރުކުރަން.. ވަރަށް ލޯބިވޭ" ދެމަފިރިންގެ ލޯބި ވަގުތުކޮޅެކެވެ. ކުޑަގޮތަކަށް ބައްދައިލީ ކައްކަން ގެންގުޅޭމީހުންވެސް ކާގެ ސަރަހައްދުގައި އުޅޭނެތީއެވެ. ދައްކަން އުޅުނުވާހަކަމަތީން ހަނދާންކޮށްދިނީވެސް އިންމައެވެ. ވަރަށް ޖެހިލުންވެފައި ނަމަވެސް ރާނިޔާ އެދުނީ ބޮޑުކަމެއްގައެވެ.

****
ލިބުނު ޚަބަރާއެކު ގިޔާދާގެ ފައިބުޑުން ތަޅުންގަނޑު ދެމިގަތްހެން ހީވިއެވެ. ބޮލަށް އެނބުރުން އެރިއެވެ. ލޯމައްޗަށް އަނދިރިވިއެވެ. ނޭވާވެސް ހާސްވިހެން ހީވިއެވެ. ކަރުން އަޑުބޭރުވިނަމަ އަޑުގެ ކޮޅަށް ރޮއެގަތީހެވެ. ހަދާނެގޮތް ހުސްވެ، އެހީއަކަށްއެދި އަތްދިއްކޮށްލާނޭ މީހެއްގެ ނަންވެސް ގިޔާދާގެ ސިކުނޑިއާއި ހަމައަކަށް ނައެވެ. ގިޔާދާއަށްޓަކައި ހުރި މީހަކީ ހަމައެކަނި ނަވީންއެވެ. މިހާރަކަށްއައިސް ނަވީންގެ ކިބައިގައި އެހުންނަ ގަދަ ރުޅިގަނޑެއްގެ ސަބަބުން އޭނާއާއި ވާހަކައެއް ދެއްކުމަކީ ފަސޭހަކަމެއްވެސް ނޫނެވެ. ދެލޮލުން ކަރުނަފައިބާ ހާލުގައި ގިޔާދާ ގުޅާލީ ނަވީންއަށެވެ. ފޯނު ނެގީވެސް ދެތިންފަހަރު ގުޅިފަހުންނެވެ.

"ސަވް ހައްޔަރުކޮށްފި.. ހެޔޮނުވާނެ އަހަރެންގެ ދަރިފުޅު އަހަރެން ކައިރިއަށް ގެނެސްދީ.. މަށަށް ޔަގީން އެއީ ރާނިޔާގެ ރޭވުމެއްކަން" ގިސްލުމުގެ އަޑު ސިއްރުކުރާން ކުރިމަސައްކަތް ބޭކާރެވެ. ނަވީންގެ އަޑު އިވުމާއެކު ރޮވިއްޖެއެވެ.


-- ނުނިމޭ --
ހިޔާލު

ދިޔެ

ދަރިންނަން ތައުލީމު ދިނުމަކުން ނުފުދޭ ތައުލީމާއި އެއްވަރަށް ތަރުބިއްޔަތުވެސް ދޭންޖެހޭ..ކުދިން މަގު އޮޅިގެންދަނީ އެކުދިންނަން އެކަށީގެންވާ ތަރުބިއްޔަތު ނުލިބުމުގެ ސަބަބުން މިކަމަކީ މައިންބަފައިން ވިސްނަންވެއްޖެ ކަމެއް..ސަވާނާއަށް ހުރިހާ ކަމެއްކުރުމަށް ހިއްވަރުދިނީ ރަނިޔާއާއި ގިޔާދާ..މިއަދު ހިތައްއަރާނެ......😡