Raajjeyge Thaareehaai Saqaafathuge Mauloomaathu Ehkurumuge Masaikaiy Fashaifi
image
ދިވެހި ބަހުގެ އެކަޑަމީ-- ފޮޓޯ: ޗެނަލް13
0 ކޮމެންޓް
 

ރާއްޖޭގެ ތާރީހާއި ސަގާފަތުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ ތާރީހާއި ސަގާފަތް އަދި އާދަކާދައާ ގުޅޭ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ދިވެހި ބަހުގެ އެކެޑަމީ އިން ފަށައިފި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން ތަރީހީ މައުލޫމާތުތައް އެއްކުރުމަށް ބަހުގެ އެކެޑަމީގެ ތާރީހު ސެކްޝަނާއި ކަމާއި ގުޅޭ އެހެނިހެން މުވައްސަސާތަކުން ވަނީ ހާއްސަ ކޮމެޓީއެއް އުފައްދަވާފައެވެ. އެގޮތުން އެކޮމެޓީން އަންނަނީ ރާއްޖޭގެ ވަކިވަކި ރަށްރަށުގައި ހުރި ތާރީހީ ތަންތަނާއި ތަކެއްޗާއި، ރަށްރަށާއި ގުޅޭގޮތުން ދެކޭވޭ ވާހަކަތަކާއި އިހު ދިވެހިންގެ ދިރިއުޅުން އަދި އެމީހުން ވާހަކަ ދައްކަމުން އައި ބަހުރުވައިގެ އިތުރުން އިހުގައި ކުޅެ އުޅުނު އެކިއެކި ކުޅިވަރުތަކާއި ގުޅޭގޮތުން މައުލޫމާތު އެއް ކުރަމުންނެވެ.

ދިވެހި ތާރީހު ގެއްލުނަނުދީ ރައްކާތެތިކުރުމުގެ މަގުސަދު ކުރިއަށް ގެންދާ އެ މަސައްކަތުގެ ދަށުން މިހާރު ވެސް ބައެއް ރަށްރަށުގެ މައުލޫމާތު ބަހުގެ އެކަޑަމީން ވަނީ އެއްކޮށްފައެވެ. އޭގެ ތެރޭގައި، ގއ. ވިލިނގިލި، ދ. ކުޑަހުވަދޫގެ އިތުރުން ކ. ކާށިދޫ ހިމެނެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން ތާރީހާއި ތަރިކަ ސެމިނާއެއް ވެސް ބޭއްވުމުގެ މަސައްކަތް ބަހުގެ އެކަޑަމީން ކުރަމުން އަންނައިރު ރަށު ފެންވަރު ގައި އާއި ކައުންސިލުތަކުން އިސްނަގައިގެން ރަށްރަށުގެ ތާރީހާއި ގުޅޭ މައުލޫމާތު އެއް ކުރުމަކީ މުހިއްމު ކަމެއް ކަމަށް އެކަޑަމީން ބުނެއެވެ.

އޭގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވެސް ރާއްޖޭގެ ތާރީހާއި ސަގާފަތް ރައްކާތެރިކުރުމަކީ މުހިއްމު ކަމަކަށްވާއިރު އެކަޑަމީން މިހާރު އެއް ކުރަމުންދާ މައުލޫމާތުތައް ފޮތެއްގެ ޒަރިއްޔާގައި އާއްމުންނަށް ފެންނާނެހެން ބެހެއްޓުމަށް ވަނީ ނިންމާފައިވެއެވެ.
ހިޔާލު