Priyanka Nashaafaivaa Lava Akah Mifaharu Neshee Nick
image
ޕްރިޔަންކާ އާއި ނިކް ޖޯނަސް--
0 ކޮމެންޓް
 

ޕްރިޔަންކާ ނަށާފައިވާ ލަވައަކަށް މިފަހަރު ނެށީ ނިކް

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިޔާ އަދި ހޮލީވުޑުގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އަކީ މިހާރު ދެމަފިރިންނެވެ.
މީގެ ދެ ދުވަސް ކުރިން ވެސްޓާން ސްޓައިލަކަށް ޕްރިޔަންކާ އާއި ނިކް ކައިވެނިކޮށްފައިވާއިރު އިއްޔެ ވަނީ އިންޑިއަން ސްޓައިލަށް ކައިވެނިކޮށްފައެވެ.

ކައިވެނީގެ ހަފުލާތައް އިންޑިއާގެ ޖޯދްޕޫރުގެ އުމައިދު ބާވަން ޕެލަސްގައި އޮތްއިރު އެތަނަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އެކަމަކު، މިދިޔަ މަހުގެ 29 އިން ފެށިގެން އިއްޔެގެ ނިޔަލަށް އެތަން ވަނީ ފަތުރުވެރިންނަށް ބަންދުކޮށްފައެވެ.

ހަބަރުތައް ބުނާ ގޮތުގައި، ނިއު ޔޯކަށް އުފަން ނިކް ވަނީ ސަންގީތު ހަފުލާ އޮތް ރޭ ޕްރިޔަންކާއަށް ސަޕްރައިޒެއް ދީފައެވެ. އެގޮތުން 2015 ވަނަ އަހަރު ޕްރިޔަންކާ މަސައްކަތް ކުރި ފިލްމު "ދިލް ދަޅަކްނޭ ދޯ" ގެ ލަވައެއް ކަމަށްވާ "ގަލަން ގޫޑިއާން" އަށް އުމުރުން 25 އަހަރުގެ ނިކް ވަނީ ނަށާފައެވެ. އަދި ނިކްގެ އެ ލަވައަށް ނެށި ނެށުން ޕްރިޔަންކާއަށް ވަރަށް ބޮޑަށް ކަމުގޮސްފައިވެއެވެ. މިއީ ނިކް ގިނަ ބައެއްގެ ކުރިމަތީގައި ޕްރިޔަންކާ ފެނިގެންދާ ލަވައަކަށް ނެށި ފުރަތަމަ ފަހަރު ވެސް މެއެވެ. އެކަމަކު އޭނާ ނަށައި ވީޑިއޯ އަދި ސޯޝަލް މީޑިއާއާއި ހިއްސާކޮށްފައި ނުވިނަމަވެސް އޭނާ އެލަވައަށް ނަށާއި ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާއްމުވެފައެވެ.

އެލަވައަކީ އެފިލްމުން ގިނަ ބަޔަކަށް ކަމުދިޔަ ލަވައެކެވެ. އެލަވައި ގައި ޕްރިޔަންކާ އާއި އާއެކު މަޝްހޫރު ބަތަލު ރަންވީރު ސިންގް އާއި ފަރްހާން އަކްތަރުގެ އިތުރުން އަނިލް ކަޕޫރު ފަދަ ކުޅަދާނަ ތަރިންތަކެއް ފެނިގެންދެއެވެ.

މީގެއިތުރުން އެރޭ އޮތް އެ ސަންގީތު ހަފުލާގައި ޕްރިޔަންކާގެ އާއިލާއަށް ނިސްބަތްވާ ފަރާތްތަކާއި ނިކްގެ އާއިލާއަށް ނިސްބަތްވާ ފަރާތްތަކުގެ ހާއްސަ ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ. އެގޮތުން އެމީހުން ވަނީ ހިންދީ އަދި އިނގިރޭސި ލަވަތަކަށް ނަށާފައެވެ.
ހިޔާލު