Talibanunge Iss Commandereh Maraalaifi
image
ހެލްމަންޑް ޕްރޮވިންސްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައި.-- ފޮޓޯ: އީޕީއޭ
0 ކޮމެންޓް
 

ތާލިބާނުންގެ އިސް ކޮމާންޑަރަކު މަރާލައިފި

ތާލިބާނުންގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ މުއްލާ އަބްދުލް މަންނާން އަހުންދު މަރާލާފައިވާ ކަމަށް، އެމެރިކާ އިން ބުނެފި އެވެ.
އެމެރިކާ އިން ބުނީ އޭނާ މަރާލީ، އެ ގައުމުން އަފްގާނިސްތާނުގެ ހެލްމަންޑްގެ ނައުޒާދު ޑިސްޓްރިކްޓަށް އަމާޒުކޮށް ރޭ ދިން ވައިގެ ހަމަލާއެއްގައި ކަމަށެވެ. އޭނާ މަރުވި ކަން އެ ސަރަހައްދުގެ އޮފިޝަލުން ކަށަވަރު ކޮށްދޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ތާލިބާނުންގެ ގަވަރުނަރުގެ ގޮތުގައި މަޝްހޫރުވެފައިވާ މަންނާނަކީ ހަނގުރާމަވެރިންގެ ބާރާއި ނުފޫޒު ގަދަ ހެލްމަންޑް ޕްރޮވިންސްގައި ހަރަކާތްތެރިވާ އެ ޖަމާއަތުގެ މިލިޓަރީ ޗީފެވެ. ތާލިބާނުން ވެސް ވަނީ އޭނާ މަރުވެފައިވާ ކަމަށާއި، މިއީ އެ ޖަމާއަތަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް ބުނެފަ އެވެ.

އަފްގާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީން ބުނީ މަންނާން މަރާލެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި އެއާ އެކު ހެލްމަންޑް ޕްރޮވިންސްގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ހިތްވަރު ވަރަށް ބޮޑަށް އެލުވާލާފައިވާ ކަމަށް އިންޓީރިއާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މަންނާނުގެ މަރަށް ބަދަލު ހިފުމުގެ ގޮތުން ތާލިބާނުން ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުން، އެ ސަރަހައްދުގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައިވާ ކަމަށް އަފްގާނިސްތާނުން ވަނީ ބުނެފަ އެވެ.
ހިޔާލު