Firumaaladheyshey, Episode 66
image
ފިރުމާލަދޭށޭ--
ފުނަމާ
2 ކޮމެންޓް
 

ފިރުމާލަދޭށޭ..

66 ވަނަބައި
"ރާނިޔާގެ ކަމެއްކަން މަށަކަށް ޔަގީނެއްނޫން.. އެހެންވީމައި ގިޔާދާއަށް ޔަގީންވަންޏާ، ރާނިޔާއަށް ގުޅާލާފައި އަހައިލާ" ނަވީންގެ ފަރުވާކުޑަކަމާއި ސަވާނާގެ ކަންކަމުގައި ގެންގުޅޭ އުސޫލުތައް ގިޔާދާއަށް އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. ދެމީހުންގެ ދެމެދުގައި ކޮންމެވެސްވަރަކަށް ދެބަސްވުންތަކެއް ބަދަލުކުރެވުނެވެ. ގިޔާދާއަށް ވިސްނުނީ ރާނީޔާއާއި ނަވީންގެ 'ކަންތައްގަނޑު' އަނެއްކާވެސް ފެށިގެން އުޅެނީކަމަށެވެ. އިތުރަށް ހަމަނުޖެހުން އުފެދުނީ ހީއެއްގެ މައްޗަށް ތުހުމަތުކުރި ކަންކަމުގެ ސަބަބުންނެވެ.

***
އެކަނިމައިއެކަނި އެއްފަޅިއެއްގައި ހުންނާންޖެހުނަސް، މާޔާހުރީ ދޫކުރާގޮތަކަށްނޫނެވެ. ހީކުރެވުނުގޮތާއި ޚިލާފަށް އެކަނިވެރިވެ ބޭޒާރުވީ، ޒިޔާންއެވެ. މާޔާއަށް އެއްބާރުލުން ދިނުމުގައި މުޅި އޮފީސްއޮތީ މަރުޙަބާއަށް އަތް އުފުލާލައިގެންނެވެ. ސޯޝަލްމީޑިއާގައި ތަޢުރީފު އުތުރެނީއެވެ. ލިބުނު ހިތްހަމަޖެހުން ބުނެދޭންވެސް ނޭގުނެވެ. އެންމެ ބޮޑު އުފަލެއް ލިބުނީ ދުވަހެއްގައިވެސް އަޑެއް އަރާފައިނުވާ އެތައް މުވައްޒަފެއްގެ ޝަކުވާތައް ޒިޔާންގެ މައްޗަށް ހުށަހެޅުމުންނެވެ. އެމީހެއްގެ ޙައްޤުގައި އަޑުއުފުލުގެ ހިތްވަރު ކޮންމެ އަންހެނަކަށް ލިބެންޖެހެއެވެ. އެއީ ކުރަންޖެހޭކަމެއްކަން މާޔާ ސާބިތުކޮށްދީފިއެވެ.

"މިއަދު ހާދަހައި އުފަލަކުން ހުރި ދުވަހެކޭ.. މައި ޕްރިންސެސް ހީނލާގޮތުން ހީވަނީ، އަނދިރި ރެއެއްގައި އުޑުމަތީގައި ފިޔަޖަހައިލާ ނަލަނަލަ ތަރިއެއްގެ ވިދުންހެން.." އުނަގަނޑުގައި ހިފަހައްޓާލާފައި އިން، ލޯބިވެރިޔާގެ އަތުގައި ފިރުމާލަމުން އީތަން ބުނެލިއެވެ.

"ޔެސް! ވަރަށް އުފާވެފައި.. އެންމެ އުފާވީ، އޮފީސް އެންމެންގެ އެއްބާރުލުން ލިބުނީމައި.. އަދި ހުރިހައި ކަމަކަށްވުރެން އުފާވީ ސަވާނާގެ ކުޅިގަނޑު ނިމުމަކަށް ގެނެވުނީމައި.. އިންސާފުގެ ކުރިމައްޗަށް އެކަހަލަ މީހުން ގެނައުމަށް ހާދަހައި ހިތްވަރެއް ކުރާންޖެހެއޭ.. އަހަންނަށް މިކަނން ކުރާން މިހައި ފަސޭހަވީ އީތަންގެ ލޯބީގެ ސަބަބުން.. އެހެންނޫންނަމަ ވާނެގޮތް، އިޙްސާސްކުރެވޭތަ ؟" ލޯބިވެރިޔާއަށް މާޔާ އަމާޒުކުރީ ސުވާލެކެވެ.

"ހަގީގަތުގައި މާޔާއަށްވުރެން ބޮޑަށް މިއަދު އުފާވާނީ އަހަރެން ދޯ.. އެއްކޮޅުން މަގޭފުރާނނަ! އަނެއްކޮޅުން މަގޭ މައިންބަފައިން.. ޚާއްޞަކޮށް މަންމަ.. އެހެންދުވަސް ދުވަހުވެސް ހެނދުނު ކަސްރަތު ނިންމާލާފައި މަންމަ ހުންނާނީ ވަރަށް ހަމަޖެހިލާފައި.. އާންމުކޮށް، މިފަހަކަށްއައިސް އަބަދުވެސް ބަލާނެ ހިނިތުންވެގެން ހުރެވޭތޯ.. އެއީ ބައްޕަ މަންމައަށް އެންމެ ތަޢުރީފުކުރާ އެއްސަބަބު! އެއާއެކުވެސް، މިއަދު މަންމަގެ މޫނުމަތީގައި އެހުރި ހިނިތުންވުން އަހަންނަކަށް ނޭގޭނެ ސިފަކޮށްދީފައި އެހެންމީހަކަށް ބުނެދޭކަށް.. ހާދަ އުފަލަކުންނޭހުރީ.. އަދި މަގޭ ކޮޓަރީގެ ދޮރުގައި ތަޅާފައި ގޮވަނީ، މާޔާ ގުޅި ހެއްޔޯ! މަންމައަކަށް ނޭގޭތަ މިއީ އެއްފުރާނައެއް ކަމެއް، ދެހަށިގަނނޑުގައި ޖަހަނީ އެއް ވިންދެއް ކަމެއް!" ދެލޯބިވެރިން އެކުގައި ހީނގަތެވެ. އީތަން ވާހަކަދެއްކީ ވަރަށް އުފާވެފައެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. މަންމައާއި ބައްޕަގެ އެތައް ދުވަހެއްވީ ބިރުވެރިކަމަކާއި ނުތަނަވަސްކަމުން ސަލާމަތްކުރެވުނީއެވެ. އެކަން ކޮށްދިނީ އީތަންގެ ރީތި، ލޯބިވެރިޔާއެވެ.

"ހާސްނުވޭ ލޯބިވާ.. މިއީކީ ބިރުދެއްކޭނެ ޒަމާނެއްނޫން.. ތަންދޮރު ނުދަންނަ ބަޔަކަށް ގޮތްގޮތްހެދިދާނެ.. އެކަމަކު އަހަރުމެންނަކީ އެއަށްވުރެން ރޯފިލާފައި ތިބި ބައެއް.. އެމީހުން ހީކުރާވަރަށްވުރެން މާ ބާރުގަދަ ގުޅުމެއް މިއީ.. އެކަކަށްވެސް މިގުޅުން ފުނޑުފުނޑުކޮށްލާކަށް ފުރުސަތެއް ނުދޭނަން" ގޭ ދޮރުމައްޗަށް ސައިކަލު ހުއްޓައިލުމުން މާޔާ ފޭބީ އީތަންގެ އުނަގަނޑު ވަރަށް ލޯބިން ހިފަހައްޓާލާފައެވެ.

"ތެދެއް ތިބުނީ، މިއަދު އެކަން ސާބިތުކޮށްދިނީ އަހަރެންގެ ލޯބިވެރިޔާ.. ތޭންކް ޔޫ މައި ޕްރިންސެސް.. ޔޫ އާރ އެމޭޒިންގ" އަތުގައި ހިފައިލައިގެން ދެމީހުން އެކުގައި މިސްރާބުޖެހީ ގެއަށްވަނުމަށެވެ. ނަމަވެސް ގޭތެރެއަށް ނުވަދެވެނީސް އެއިވުނީ އާންޔާގެ އަޑެވެ.

"އަދިވެސް އެކަކުވެސް ނާދޭ، މާމާ" ތަންކޮޅެއް ދުރުގައި ހުއްޓައި، މާއަށް އަޑުއިއްވާލަން ގގޮވައިލާފަދަ ގޮތަކަށް އާންޔާގެ އަޑު އިވުނެވެ. ލަފާކުރެވޭ ގޮތުގައި ސިޓިންރޫމްގައި ގައިސަރު ނެތީއެވެ.

ސަލާމް ގޮވައިލުމާއެކު އާންޔާ ދުވެފައި ދިޔައީ ގައިސަރު ހޯދާށެވެ. މާޔާގެ އަތުގައި އެގޭގެ ތަޅުދަނޑި އޮންނާތީ ވަންނާކަށް ހުރަހެއްނެތެވެ. އާންޔާ އެތަނުގައި ނެތީސް ވަދެވުނީވެސް އެހެންވެއެވެ.

"މިގޭގައި އެއްވެސް ކުއްޖަކު ނޫޅެނީތަ؟" ސަލާމް ގޮވައިލުމުން އާންޔާގެ އަޑު ނީވުނީތީ މާޔާ ބުނެލިއެވެ.

'ތިއީވެސް މިގޭ ކުދިންނެއް ނޫންތަ! އަވަހަށްވަދޭ!" ފަހަތުގައި އެލީއާއި ޔާދު ތިބިކަމެއް އއެމީހުންނަކަށް ނޭގެއެވެ. ހަތަރުމީހުން އެކުގައި ގެއަށްވަދެ، އާންޔާއާއި ގައިސަރަށް ގޮވައިނުލެވެނީސް މާމަ ގޮވައިގެން އާންޔާ އަތުވެއްޖެއެވެ. އާދައިގެމަތީން އަދަބުވެރިކަމާއެކު ގައިސަރުގެ ގައިގައި އީތަން ބައްދާލިއެވެ. ހެޔޮ ހާލުގައި އަބަދުވެސް ހުރެވޭތޯ ބެލުމަށް ގައިސަރަށް ނަސޭހަތްތެރިވިއެވެ.

"ޔާދުމަންމަގެ އުމުރަށް އަހަރުމެންއަޅާއިރު ތިބޭނީ ތާންގީބުރިތަކެއްހެން ކަންނޭގެ.. ޔާދުމަންމަގެ ސީކްރެޓް ބުނެދެއްޗޭ" މާޔާވެސް އެއް އަރިމައްޗަކުން ގައިސަރުގެ ގައިގައި ބައްދާލިއެވެ. ގައިސަރުގެ ރީތިކަމަށް މާޔާ ތަޢުރީފުކުރުމަކީ އާންމުކަމެކެވެ. މިވަގުތު އެންމެންގެ މޫނުމައްޗަށް އެންމެ އުފފާވެރި ހިނިތުންވުމެއް ގެނުވައިދިނީ އެލީއެވެ.

"އަހަރެންގެ އޮފީސްކުދިންވެސް ކިޔާނެ، މަންމަގެ ރީތި ވާހަކަ! އާންޔާވެސް އެންމެ ފަޚުރުވެރިވެލާފައި ބުނާނެ، އާނީގެ މާމައަކީ އެންމެ ރީތި މާމައޭ! އަސްލުވެސް މަންމަ ހާދަ ރީއްޗޭ! އަބަދުވެސް ހުންނަނީ ތިހެންތަ؟" އެލީގެ ތަޢުރީފުން ގައިސަރުގެ އިތުރަށް ޔާދުވެސް ފެންކަޅިވިއެވެ.

ނުރަނގަޅު އެތައް ކަންތައްތަކެއްގެ ސަބަބުން ހީނަރުވެފައިވީ ގުޅުމަށް ދިރުންލިބި ލޯބީގެ ކުރިތައް ފަޅައިގެން ނުހަނު ތެދުވެރިކަމާއި އިތުބާރުގައި ޔާދުއާއި އެލީގެ ގުޅުން މިއަދު ބާއްޖަވެރިއެވެ..

އާއިލީ އުފާވެރިވަގުތުކޮޅެކެވެ. ކުޑަވަގުތުކޮޅެއްގައިވެސް ގައިސަރު ކައްކާލާފައިހުރި ތަކެތި ގިނަކަމުން އެކަން އެންމެ ފުރަތަމަ ފާހަގަކުރީ އީތަންއެވެ. ފެންތައްޓެއް އަޅަންވިޔަސް އެހެންމީހަކަށް ފުރުސަތުނުދީ، އެކަމެއް ކޮށްލަނީ ގައިސަރެވެ. ހުރަސްކޮށްލާ ކޮންމެ ފަހަރަކު އީތަންއާއި ޔާދުގެ ބޮލުގައި ފިރުމާލައެވެ. ފެންނަފެނުމަށް އެއީ ގައިސަރުގެ ދެ ފިރިހެންދަރީން ނޫނޭ ބުނަން އުނދަގޫވާނެއެވެ.

"ދުވަހަކުވެސް އަހަރެން ނުބުނާ އެއްޗެއް މިއަދު ބުނަން ބޭނުން" އެންމެންގެ ތައްޓަށް އެއްޗޗެހި އަޅާ ނިމި، ކާން ފެށުމުން ޔާދު ބުންޏެވެ. ހުރިހައި އެންމެންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ބުނަން އުޅޭއެއްޗެއް އަޑުއަހާލުމުގެ ޝައުގުވެރިކަން އެންމެބޮޑަށް ފެނުނީ ގައިސަރުގެ ކިބައިންނެވެ.

"ވަރަށް އަޑުއަހައިލާ ހިތްވޭ، މާބޮޑަށް ސިއްރުކޮށްގެން ހުރީމައި އޭގެ ގެއްލުމެއްވެސް އޮވެދާނެ.. އަވަހަށްބުނޭ ދަރިފުޅާ!" ގައިސަރު ބުންޏެވެ.

"އެންމެ ފުރަތަމަ މަންމަ މިގެއަށް ގެނައި ދުވަސްވަރުގެ ވާހަކަތައް އިޔާދަކުރާކަށް ބޭނުމެއްނޫން.. އަހަރެންގެ ޕޮއިންޓަކީ އީތަން!" ސައިތަށީގައި ތުންޖެހިވަގުތާއި ދިމާވިއެވެ. އީތަން ކޮށިއެރީ، ހީވެސްނުކޮށް އިންދައި އޭނާގެ ނަން އައުމުންނެވެ. ކޮށިއެރުމާއެކު ގައިސަރު ނިކަން ހަލުވިކޮށް ގޮސް، ބުރަކަށީގައި ފިރުމާލާފައި ފެންފޮދެއް ބޯލުމަށް ބުންޏެވެ. އީތަންގެ އަތުގެ އިޝާރާތުން ބުނެލި ވާހަކަ ކުރިއަށް ގެންދިއުމަށެވެ.

"އަހަރެން ވަރަށް ޖެހިލުންވޭ އޭރު އީތަން މިގެއަށް އަންނާތީ.. އަސްލު ޖެލަސްވީ އިނގޭ.. ސޮރީ ބްރަދަރ މިހާރަކު ނޫނޭ! އޭރުގައޭ ދޯ މިބުނަނީ..! އެންމެންގެ ހަރަކާތް ހުއްޓިފައިވީ ޔާދުގެ ވާހަކައާއިމެދު ބުނާނެއެއްޗެއް ނެތީމައެވެ. އީތަންދެ ދެބުމަ މައްޗަށް ހިއްލާލާފައި އިންއިރު ދެލޯވަނީ ބޮޑުކޮށްލެވިފައެވެ.

"ހަމަތެދެކޭ މިބުނީ! އޭރު އަބަދު ހިތައްއަރަނީ އަހަރެންގެ މަންމައޭ.. އެކަމަކު އީތަންދެކެ ހާދަ ލޯބިވެޔޭ! ދެން އަނެއްކާ އީތަން ހާދަވަރަކުންނޭ އުޅެނީ.. ބަލަން ވަރަށް އުނދަގޫ އެމަންޒަރުތައް އޭރު..! އިހްސާސްކުރެވެނީ އަހަރެންގެ މަންމަ އެހެންމީހަކު ފޭރިގަނެގެން އުޅޭހެން" ލަދުން ނަމަވވެސް އިސްޖަހައިލެވުނީ ޔާދުގެ މޮޔަކަން އަމިއްލައަށް އިހުސާސްވީތީއެވެ. އީތަން މައާފަށް އެދުނީ ހަގީގަތުގައިވެސް ޔާދުގެ ވާހަކައިން އީތަންއަށް ނުތަނަވަސްކަމެއް ލިބުނީމައެވެ. ދުވަހަކުވެސް އެފަދަ ގޮތަކަށް އީތަން ވިސްނާފައި ނުވާތީއެވެ.

"ނޫނޭ އީތަން..! ދުވަހަކުވެސް އެކަމަށް މަޢާފަށް ނޭދެއްޗޭ! ފިރިހެންދަރިއަކާއި މަންމައެއްގެ ލޯބީގެ ރީތި މަންޒަރު އަހަންނަށް ފެނުނީ އީތަންގެ ސަބަބުން.. މަންމައަށް އަހަރެންގެ ހިތުގައި މާތް ގަދަރަކާއި އިންތިހައި ލޯބި އުފެދުނީވެސް އީތަންގެ ސަބަބުން.." ޝުކުރުވެރިކަމާއެކު އީތަންއަށް ޔާދު ބަލައިލިއެވެ. އަނގަޔަށް ރޮށިކޮޅެއްވެސް ލާން ނޭގިފައި އިނީ އެލީއެވެ.

"އަހަރެން ހީކުރީ ދުނިޔޭގައި އަހަންނަށްވުރެން ސްޓްޕިޑް މީހަކު ނޫޅޭކަމަށް.. އެކަމަކު ދެކިބަލަ! މަގޭ ފިރިމީހާގެ ކަންތައް ހުރިގޮތް.. ކުޑަކުއްޖަކުވެސް ތިހެން ނޫޅޭނެ" އެންމެން އެކުގައި ހީންގަތެވެ. ކުޑަކުޑަ އާންޔާ އައިސް ގައިސަރުގެ ގައިގައި ބައްދައިލިއެވެ.

"މިހާރު އަހަންނަކަށް އިހުސާސެއް ނުކުރެވޭ، އީތަންއަކީ އަހަންނާއި ދުރުމީހެކޭ.. އެއްބަންޑު އެހެން ފިރިހެންކުއްޖެއް ހުރިނަމަވެސް ހަމަ މިވަރަށް ކަންނޭގެ އަހަރެން ލޯބިވާނީ.. އަސްލު މިހާރު ވަރަށް ލޯބިވޭ! ހަމަ ތެދެއްމިބުނީ.. ވަރަށް އުނދަގޫވާނެ ތިދެމީހުން ދުރުވެގެން، އީތަންއާއި އަހަރެންގެ ގުޅުން ހީނަރުވެއްޖިއްޔާ" މާޔާއާއި އީތަންއަށް ބަލައިލުމަށްފަހު އިސްޖަހާލާފައި ޔާދު ބުންޏެވެ.

"ސުބުޙާނަﷲ މިގުޅުން ދުރުވެދާނޭވެސް ހީނުކުރައްޗޭ.. މިހުރީ ވިއްދާފައި، ދެނެއް ދުރެއް ނުކުރެވޭނެ.. ވަރަށް އަވަހަށް އަމިއްލަކޮށްލާނަން" ޔަގީންކަމާއެކު އީތަން ބުނެލިއެވެ. ލަދުން އިސްޖަހައިލީ މާޔާއެވެ.

***
ފުލުހުންގެ ބެލުމުގެ ދަށުގައި އިނަސް، މާޔާގެ އުނދަގުލެއް ކުޑައެއްނޫނެވެ. އެތަނުން ފެނިލާ ކޮންމެ މީހަކާއި މައްލަވަކުރެއެވެ. އިންޒާރު ދިނުމުންވެސް އަޅައެއްނުލިއެވެ. ކުރިމަތިކުރާ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއެވެ.

***
"މަންމަ ވަރަށް އުފާވޭ، މަންމަގެ ލޯބިވާ ދަރިފުޅު ހިނިތުންވެފައި ހުންނަތަން ފެންނާތީ.. މަންމަގެ ދުޢާއަކީ ތިހުރިހައި ކުދިންވެސް ހަމަ ތިގޮތުގައި އުފަލުގައި އަބަދުވެސް އުޅުން.. ހުރިހައިކުދިން ދެކެވެސް މަންމަ ލޯބިވޭ" މިފަހަރު ގައިސަރު ފިރުމާލީ އެލީގެ ބުރަކަށީގައެވެ.

****
ނިކަން ނަލަވެލައިގެން ރާނިޔާ ނިކުތީ ބޭރަށެވެ. ނުތަނަވަސްކަމެއް ހުއްޓަސް، ފަޚުރުވެރިކަމާއެކު ހިނގާލާފައި ގޮސް، ކާރަށް އެރިއެވެ. ދުވަހެއްގައި ވަދެފައި ނެތް ގެއަކަށްވިޔަސް ރާނިޔާ އެގެއަށް އެދަނީ އެކަނިމައި އެކަނިއެވެ.
ފޯނާއި ކުޅެން އިންދައި ދާދި އަވަހަށް އެގެއަށް ދެވިއްޖެއެވެ. މާޔާ އަތުން ހޯދި ފޯނު ނަންބަރަށް ރާނިޔާ ގުޅައިލިއެވެ. އީތަންގެ މަންމަކަމާއި އެތެރެއަށް ވަދެލެވިދާނެތޯ ރާނިޔާ އަހައިލީ ވަރަށް އަދަބުވެރިކަމާއެވެ.

"ދޭބަލަ ދޮރުހުޅުވާލަން.. އެތާގައި އެހުރި ބޭފުޅަކު ގޮވައިގެން އާދެބަލަ" ދްރޫހީއަށް އިޝާރާތްކޮށްލުމާއެކު އޭނާގެ 'މެޑަމް' ބުނިފަދައިން ކަންތައްކުރާނެކަމުގެ ޔަގީންކަން ދިނީ ހިނިތުންވުމަކުންކެވެ.

****
"މަންމަގެ އެބައޮތް ވަރަށް ބޮޑު ވާހަކައެއް.. ހުރިހައިކުދިން އެކުގައި ދިމާވާނީ ވަރަށް މަދުފަހަރަކު ދޯ.. އެހެންވީމައި ލަސްނުކޮށް އެވާހަކަ ބުނަން މަންމައަށް ފެންނަނީ" ގައިސަރު ބަލައިލީ އާންޔާއަށެވެ.

"މާމަ މިއުޅެނީ ބޮޑެތިކުދިންގެ ވާހަކައެއް ދައްކަންވެގެން.. ދަރިފުޅު، އިރުކޮޅަށް ވާހަކަކިޔާލަން ދާންވީނުން.. އެންމެ ރަގަޅުތަ އެގޮތް" އާންޔާގެ މޫނުގައި ދެފަރާތުން ހިފަހައްޓާލާފައި ގައިސަރު ވާހަކަދެއްކިއެވެ.

****
ސަލާމް ގޮވައިލުމާއެކު ރާނިޔާއަށް ހައްވާފުޅު އިޝާރާތްކޮށް އެތެރެއަށް ވަނުމަށެވެ. ދެއަތުގައި އޮތް ކޮތަޅުތައް ދްރޫހީއާއި ހަވާލުކުރުމަށްފަހު ރާނިޔާ ދިޔައީ އޮށޯވެގެން އޮތް ހައްވާފުޅުގެ ގާތަށެވެ.

"މާޔާ މަންމަ، މިއަދު މާބޮޑަށް ބަލީތަ؟ މާޔާ ބުނި، މަންމަ އޮށޯވެ އޮންނާނީ ވަރަށް ބަލިވީމައޭ.. އެހެންވެ މިއަހާލީ" ހައްވާފުޅާއި ސަލާމްކޮށްލަމުން އަތުގައިވެސް ފިރުމާލިއެވެ.

"ބަލީކީ ނޫން.. އެކަމަކު މިއަދު ތަންކޮޅެއް ވަރުދެރައީ.." ބަލިއަޑަކުން ހައްވާފުޅު ބުންޏެވެ. ރާނިޔާގެ އަތުގައި ދެއަތުން ހިފާލާފައި ހައްވާފުޅު އެދުނީ އެނދުގެ މަގަތުން އިށީނުމަށެވެ.

"މާޔާ ނަންވެސްނުގަނޭ، އީތަންގެ މަންމަ އައިސްފާނެއޭވެސް.. އަޅެ ކިހައި ލާނެއް ކުއްޖެއް! ދްރޫހީ، އަވަހައްދޭ ކާއެއްޗެއް ތައްޔާރުކޮށްލައިގެން މިތަނަށް ގެނޭ.. ރޭގައި ގަތް ކަރައެއްވެސް އޮންނާނެ.. ހަކުރު ނާޅާ ފަނިތައްޓެއްވެސް ގެންނާތި.. އަވަހަށްދޭ" ހައްވާފުޅުގެ ވާހަކަދެއްކުމުގައި ހުރި ގާތތްކަން ރާނިޔާއަށް އިހުސާސްކުރެވުނެވެ. ގެންގުޅޭ މީހާއަށް އޯގާތެރިކޮށް މުއާމަލާތުކުރުމާއި މެހެމާންދާރީގެ ފުރިހަމަކަން ރާނިޔާއަށް ކަމުދިޔައެވެ. ދައްކަން ބޭނުންވި ވާހަކަ ފަށާނެ ގޮތަކާމެދުގައި ވިސްނާލަން ރާނިޔާއަށް ވަގުތުކޮޅެއް ބޭނުންވިއެވެ.
****

ހަދަމުންދާ ގެއާއި ބެހޭގޮތުން އެންމެންވެސް ވާހަކަދައްކަމުންދިޔައީ އެކަމުގެ ތަފްސީލެއް އާންޔާއަށް އޮޅުންނުފިލާނެ ގޮތަށެވެ. އެގެއަކީ އާންޔާއަށް ޚާއްސަކުރާ، ގައިސަރުގެ ހަދިޔާއެކެވެ. މަޝްވަރާކޮށްފައިވާ ގޮތުން ގެ ނިމުމުން، ދުނިޔޭގައި ހުރިހައި ދުވަހެއްގައި، ގައިސަރަށް އެއް ފްލޯރ، ޔާދުއާއި އިނދެގެން އެލީ އުޅޭހާ ދުވަހެއްގައި، އެލީއަށް އެއް ފްލޯރ، ޔާދުއަށް ދެ ފްލޯރ، އީތަންއާއި މާޔާ އިނދެގެން އުޅޭހާ ދުވަހަކު، އެކުދިންނަށް އެއް ފްލޯ އަދި އާންޔާއަށް ފަސް ފްލޯރއެވެ. އެއިން އެއްވެސް ތަފްސީލަކީ މިވަގުތުގެ ކުރީން، ގައިސަރާއި ޔާދު ފިޔަވައި އެހެންމީހަކަށް އަދި އެނގިފައިވާ ކަންކަމެއް ނޫނެވެ. އެގްރީމެންޓް ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ ގައިސަރާއި އޭނާގެ އެކުވެރި ވަކީލެކެވެ.


--ނުނިމޭ--
ހިޔާލު

އިޒޫ

އަސްލުވެސް މިވާހަކަ ކިތަމެ ރީޗަސް މާލަހުން ގެނެސް ދޭތީ ދެރަވަނީ .. އުއްމީދު ކުރަން ދެން އަވަހަށް ގެނެސް ދޭނެ ކަމަށް .. ވާހަކަ ވަރަށް ރީތި

މައުރިޝް

ޢަވަހަށް އަޕް ކުރާތި އަނެއް ބައި..........މި ބައި ވ.ރީތި😊