Priyanka Ge 75 Foot Dhigu Bolu Fothigandu Thahyaaru Kuran 1826 Gadiiru Heydhavi
image
ޕްރިޔަންކާ އާއި ނިކް ޖޯނަސްގެ ކައިވެނީގެ ހަފުލާގެ ތެރެއިން--
0 ކޮމެންޓް
 

ޕްރިޔަންކާގެ 75 ފޫޓު ދިގު ބޮލު ފޮތިގަނޑު ތައްޔާރުކުރަން 1826 ގަޑިއިރު ހޭދަވި

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ ކައިވެނި ކުރިއިރު އެމީހުންގެ ކައިވެނީގެ ގިނަ ފޮޓޯތައް އާއްމު ކުރީ ރޭގެ ވަގުތެއްގައެވެ.
އިންޑިއާގެ ޖޯދްޕޫރުގެ އުމައިދު ބާވަން ޕެލަސްގައި އެދެތަރިން ކައިވެނިކޮށް އާއްމު ކުރި ފޮޓޯތަކާއެކު އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައީ ވެސްޓާން ސްޓައިލަށް އެމީހުން ކުރި ކައިވެނީގައި ޕްރިޔަންކާ ލާފައިވާ ހެދުމާއި ބޮލުގައި އަޅާފައިވާ ބޮލު ފޮތިގަނޑަށެވެ.

ޕްރިޔަންކާގެ ފެނިފައިވާ ހުދުކުލައިގެ އެ ހެދުން ޑިޒައިން ކުރީ އެމެރިކާގެ މަޝްހޫރު ޑިޒައިނަރު ރާލްފް ލޯރެން އެވެ. ދިގު މިނުގައި 75 ފޫޓު، ޕްރިޔަންކާގެ ބޮލުގައި އަޅާފައިވާ ފޮތިގަނޑު ހުރިއިރު އެ ފޮތިގަނޑު ތައްޔާރު ކުރުމަށް 1826 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. އެގޮތުން ޕްރިޔަންކާގެ ކައިވެނީގެ ހެދުމުގައި ދެ މިލިއަނަށް ވުރެ ގިނަ މުތް ބޭނުންކޮށްފައިވާ ކަމަށް ވެއެވެ.

ރާލްފް ޑިޒައިންކޮށް ތައްޔާރު ކުރި އެ ހެދުމަށް ގިނަ ބައެއްގެ ކަޅިތައް ހުއްޓިފައިވާއިރު ރާލްފްއަކީ ރަސްމީކޮށް ވެޑިން ޑްރެސް ފަރުމާ ކުރާ ޑިޒައިނަރެއް ނޫނެވެ. އެކަމަކު، އޭނާ ވަނީ ޕްރިޔަންކާގެ ވެޑިން ޑްރެސް ޑިޒައިން ކުރުމުގެ ކުރިން ތިން ފަރާތަކަށް ކައިވެނީގެ ހެދުން ފަރުމާ ކޮށްދީފައެވެ. އެއީ އޭނާގެ އަންހެން ދަރިފުޅާއި ދަނބިދަރީގެ އިތުރުން ދެބެއިންގެ ދެދަރި ކުއްޖެއްގެ ކައިވެނީގެ ހެދުމެވެ.

ޕްރިޔަންކާ އާއި ނިކް ވަނީ އިންޑިއަން ސްޓައިލަކަށް ވެސް ކައިވެނި ކޮށްފައެވެ. އެގޮތުން އެ ކައިވެނީގައި ޕްރިޔަންކާ ފެނިފައިވަނީ ރަތް ކުލައިގެ ހެދުމެއްގައެވެ. އެހެދުމަކީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ސަބްޔަސާޗީ މުކަރްޖީ ތައްޔާރު ކުރި ހެދުމެކެވެ. އޭނާ ވަނީ ބޮލީވުޑުގެ ތަރިން ކަމަށްވާ ދީޕިކާ އާއި އަނުޝްކާގެ ވެސް ކައިވެނީގެ ހެދުން ޑިޒައިން ކޮށްފައެވެ.
View this post on Instagram

And forever starts now... ❤️ @nickjonas

A post shared by Priyanka Chopra (@priyankachopra) on


އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި 26 އަހަރުގެ ނިކް އެންމެ ފުރަތަމަ އެކުގައި އާއްމުންގެ ތެރެއަށް ނުކުފައި ވަނީ މިދިޔަ އަހަރުގެ މެޓް ގާލާ އިވެންޓުންނެވެ. އެގޮތުން އެތަނުން ވެސް ދެމީހުން ފެނިފައި ވަނީ ރާލްފް ލޯރެންގެ ޑިޒައިނެއްގައެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑު ފެތުރުނީ މިއަހަރުގެ ކުރީކޮޅެވެ.

ދެހާސް ވަނަ އަހަރު މިސް ވޯލްޑްގެ ލަގަބު ހޯދި ޕްރިޔަންކާ ވަނީ ބޮލީވުޑުގެ 50 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައެވެ. ބޮލީވުޑުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އަންހެން އެކްޓަރުންގެ ތެރޭގައި ހިމެނޭ ޕްރިޔަންކާ ހޮލީވުޑަށް ތައާރަފުވީ، ޓީވީ ސީރީޒް، ކުއަންޓިކޯ އިންނެވެ.
ހިޔާލު