Firumaaladheyshey, Episode 68
image
ފިރުމާލަދޭށޭ--
ފުނަމާ
2 ކޮމެންޓް
 

ފިރުމާލަދޭށޭ..

68 ވަނަބައި
އުއްމީދާއެކު ރާނިޔާ ބަލައިލީ ހައްވާފުޅުގެ މޫނަށެވެ. ފެނުނީ ބަލަން ބޭނުންވި މަންޒަރެއް ނޫނެވެ. ހައްވާފުޅު ހިތުގައިޖެއްސުމަކީ ރާނިޔާގެ މަގުޞަދެއްނޫނެވެ. މާޔޫސްކަމުގެ ކުލައެއް ހައްވާފުޅުގެ މޫނުން ފެންނާން ރާނިޔާ ބޭނުމެއްނޫނެވެ.

"ވަރަށް ބޮޑަށް މަޢާފުކުރޭ މަޔާމަންމާ.. އަހަރެންގެ މަގުޞަދަކީ މާޔާމަންމައާއި މާޔާ ނިކަމެތިކޮށް، ދަށްކޮށްލުމެއްނޫން.. އަހަރެން ދެކެނީ މިއީ އެއްއާއިލާއެއްކަމަށް.. އަހަރެން ބޭނުމީ އަހަރުމެންގެ ދަރީން ވަރަށް އުފަލުގައި ދިރިއުޅުން.. އީތަން ބައްޕަ އަހަރެން މިއަދު މިގެއަށް ފޮނުވީ ވަރަށް އުއްމީދުގައި.. މިކަމުގައި އަހަރެން ފެއިލްވެއްޖެނަމަ، އޭނާ ވަރަށް ބޮޑަށް މާޔޫސްވާނެ.. އެހެން ނުހަދާނަން ދޯ މާޔާމަންމާ" ރާނިޔާވެސް ދެރަވިއެވެ. ނަމަވެސް ކުރަންއައި މަސައްކަތުގައި ފަހަތައްޖެހޭކަށް އަދިނުވާކަމަށް ރާނިޔާ ނިންމިއެވެ.

"އަހަރެން ރެއާއިދުވާލު މާޔާކައިރީގައި މިދައްކާވާހަކައަކީ، އަހަރެންގެ ބައްޔަކީ އެކުދިންގެ ބަލިކަށިކަމެއްކަމުގައި ނުހަދާށޭ.. މާޔާކައިރީގައިބުނަން، މަންމައަކީ ދަރީންގެ ލޯބި ލިބިގެން ދުނިޔޭގައި އުޅެ، ނިމިދާނެމީހެކޭ! އެއީ މިފަދަ ޒަމާނެއްގައި ކޮންފަދަ ނިޢުމަތެއް.. އެހެންވީމައި އެކުދިންވެސް އަހަރެންވެސް އެކަމަށް އުފާކުރަންވާނެ! އަހަރެންނާއި ހެދި، އެކުދިންގެ އުފަލަށް ހިޔަންޏެއްއެޅޭކަށް ބޭނުމެއްނޫން.. އަހަރެންގެ އޮޕަރޭޝަނަށް މާޔާ، ވަރަށް ހިތްވަރާއެކު މަސައްކަތްކުރާކަން އަހަންނަށްއިނގޭ.. ތަންތަނަށް ނުދުވެ، މީހެއްގެ ފައިބުޑަށް ނުވެއްޓި މިކަންކޮށްދެވޭތޯ އެމަންޖެ އެއުޅޭނީ" ހައްވާފުޅު ރޮނީއެވެ.

"ތިއީވެސް ވަރަށް ވިސްނޭ މަންމައެއް.. އެހެންވީމައި މިކަންކުރާން އެއްބަސްވެބަލަ! އަހަރެން މިބުނަނީ ހުރިހައި ޚަރަދެއްކުރާނީ އަހަރުމެން ދެމަފިރިންނޭ.. މިންވަރުފުޅުގައި ކޮންފަދަ ކަންތައްތަކެއް ހުރެގެންކަމެއް ނޭގެ، އަހަރެންނަށް އެހީތެރިކަމެއް އެންމެ ބޭނުންވި ވަގުތު، މާޔާގެ އެހީތެރިކަން ލިބުނީ.. އެއީ ކިތަންމެ ފައިސާއެއް ހުއްޓަސް، ހިތްވަރެއް ނެތިއްޔާ ހާސިލްވާނެކަންކަމެއްނޫން.. އެކަމަކު ދެކިބަލަ! ދެކިބަލަ މާޔާގެ ކުޅަދާނަކަން.. އެމީހުން އެތިބީ ކަކޫމައްޗަށް ތިރިކޮށްފައި.. އެކަން އަހަރެންގެ ހަށީގައި ވިންދުހުއްޓައި ހަންދާންނުނެތޭނެ.." ރާނިޔާގެ އަޑުގައިހުރި ޔަގީންކަމާއި ހިތްވަރުން ހައްވާފުޅުވެސް ޢިބްރަތް ލިބިގަތެވެ.

"ކޮންމެއަކަސް، މިކަމައިގެން ކުރިއަށްދާންހިނގާ... މިހާރުވެސް މާގިނަދުވަސްވެއްޖެ! ދެން އިތުރަށް ތިކަމުގައި ވޭންއަޅަން ބާއްވާކަށް އަހަރެންނަށް ގަބޫލެއް ނުވެވޭނެ.." ޔަގީންކަމާއެކު ރާނިޔާ އެބުނަނީ ހުރިހައި ޚަރަދެއްކޮށްދޭނެކަމަށެވެ. ހައްވާފުޅަށް ދަތިވަނީ ގޮތެއް ނިންމާށެވެ. މާޔާއަކީ ތަފާތު މިޒާޖެއްގެ ކުއްޖެކެވެ.

"މާޔާއާއި ވާހަކަދައްކާލާފައި ވަކިއެއްޗެކޭ ބުނަންތަ؟" ވަރަށް ނުކެރިފައި ހައްވާފުޅު އަހައިލިއެވެ.

"ނޫނޭ! މާޔާއާއި ވާހަކަދެއްކުމަކީ އަހަރެންގެ ކަމެއް.. މާޔާމަންމަ ކޮށްދޭންވީކަމަކީ މިކަމާއި އެއްބަސްވުން.. ދެންހުރި ހުރިހައިކަމެއްގެ ޒިންމާއަހަރެން އުފުލާނަން" ރާނިޔާގެ އަޑުގެ އޯގާތެރިކަން ހައްވާފުޅުގެ ފަރުވާއަށް ޝިފާއެއްކަމުގައި ފުދެއެވެ. ހައްވާފުޅުގެ ލޮލުންބޮލުން އެކަމާއި އެއްބަސްކަމަށް ބުންޏެވެ.

"ދެންއޮތީ މިއަށްވުރެން ބޮޑު ކަމަކު އެދުން.. މިކަމަށްވެސް ރުހެންވާނެ" ކަރުނައިގެ ތެރެއިންވެސް ރާނިޔާ ހީނލިއެވެ.

"އެއީ..! އެކުދިންގެ ކައިވެންޏަށްފަހު ހައްވާފުޅު އުޅެންވާނީ އަހަރެންނާއި އެއް ފުރާޅެއްގގެ ދަށުގައި.. އޭރުން އަހަރުމެން ދެމީހުންވެސް އެކަނިވެރިނުވާނެ.." ހައްވާފުޅަށް ބަލައިލެވުނީ ވަށައިގެންވީ ހަތަރުފާރަށެވެ. ގެއާއި ގޯތި ދޫކޮށްލާފައި އެހެންތާކަށް ދާނެ ޚިޔާލެއް ހުރިހެން ހިޔެއްނުވެއެވެ.

"ތިބުނީ..!" ހައްވާފުޅު ބުނަން އުޅުނުއެއްޗެއް ރާނިޔާއަށް އެނގުނެވެ. ލޮލުންބޮލުން އާއެކޭބުނުމަށް އިޝާރާތްކުރީ އެހެންވެއެވެ. ވަރަށް މަސައްކަތުން، ރާނިޔާ ބޭނުންވި ހުރިހައި ކަމަކަށް ހައްވާފުޅު އެއްބަސްކުރުވިއެވެ.

"ހޫމް.. މިބުނަނީ އެކުދިންގެ ކައިވެންޏަށްފަހު އަދި ހައްވާފުޅުގެ އޮޕަރޭޝަނަށްފަހު ދެން ބަދަލުވާންވާނީ އަހަރުމެންގެ ގެއަށޭ.. އޭރުން އިރާދަކުރެއްވިއްޔާ، މި ގެ ހެދުމުގެ މަސައްކަތް އަހަރުމެންނަށް ފަށައިގަނެވޭވަރުވާނެ.. އަހަރެން ދުވަހަކުވެސް ނޭދެން، އީތަންއާއި މާޔާ ވަކިވާކަށް! އެއްއާއިލާއެއްގެ ގޮތުގައި އަހަރުމެންނަށް ދިރިއުޅުން ކުރިއަށްގެންދަން އެއްވެސް ހުރަހެއް އޮތްކކަމަކަށް އަހަރެން ގަބޫލެއްނުކުރަން.. މިއަދު މިވާހަކަ މިދެއްކީ ވަރަށް ބޮޑަށް މަޝްވަރާކޮށްފައި.. އަހަރެންގެ ފިރިމީހާ ބޭނުންވާ ގޮތް މިއީ.." ހައްވާފުޅުގެ ލޮލުގެ ހިމަކޮޅުންވެއްޓުނު ކަރުނަތިކި ފޮހެލައިދިނީ ރާނިޔާއެވެ.

"އުރަމަތީގެ ކެންސަރަކީ ވޭންބޮޑު، ނުރައްކާތެރިކަމެއް.. ވީއެންމެ އަވަހަކަށް ތިކަމުން ސަލަމާތްވުމަށް އަހަރުމެން އެންމެން މަސައްކަތްކުރަންވީ ވަގުތަކީ މިއީ.. އިންޝާﷲ އެއްވެސް މީހެއްގެ ގާތަށްގޮސް ސަލާމްނުޖެހިޔަސް، އަހަރުމެންނަށް މިކަންކުރެވޭނެވަރުގެ ތަނަވަސްކަން މިވަގުތު ﷲމިންވަރުކުރައްވައިފި.. ތިން ރިސޯޓެއްގެ މަސައްކަތްނިމި، އެ ތިންތަނުންވެސް އެއްފަހަރާ ފައިސާ ލިބިއްޖެ! އިންމަ ގަބޫލުކުރީ އެކަން އެގޮތަށް އެހައިފުރިހަމަކޮށް އެދިމާވީ، އެހެންމީހުންގެ ރިޒްޤުވެސް އޭގައި ހިމެނޭތީކަމަށް.. އެހެންމީވައި އަހަރެންގެ މަސައްކަތް އަހަރެން މިއަދުން ފެށިގެން ކުރިއަށްގެންދާނަން.. ދަތުރަށް ތައްޔާރުވާންވީ!" އޯގާތެރިކަމާއެކު ހައްވާފުޅުގެ އަތުގައި ފިރުމާލަމުން ރާނިޔާ ވާހަކަދެއްކިއެވެ.

"އަދި ނޭގެ ކޮންތާކުންކަމެއް! އެކަމަކު މާލެއަކުން އޮޕަރޭޝަން ނުކުރާނަން.. އަހަންނަށްއިނގޭ މިހުރިހައި ދުވަހުވެސް މާޔާ އިންތިޒާރުއެކުރަނީ ރާއްޖެއިން ބޭރުން ރަގަޅު ތަނަކުން ތި އޮޕަރޭޝަން ކުރެވޭނެވަރު ވަންދެން.. އެހެންނޫންނަމަ، އެހައި ބުރަކޮށް މަސައްކަތްކޮށް، މަންމައަށްޓަކައި އެވަރުގެ ޤުރުބާނީއެއް މިޒަމާނުގައި ދަރިޔަކު ނުވާނެ.. އެއީ ވަރަށް އަޚްލާގު ރަގަޅު ދަރިއެއް.. އެއީ އަހަރުމެންގެ އުއްމީދު!" ވަރަށް ފަޚުރުވެރިކަމާއެކު ރާނިޔާ ބުނެލިއެވެ.

***
ގަދައަވީގައި މަސައްކަތްކުރުމަށްފަހު، ލިބުނު ބްރޭކް ވަގުތުގައި އިންމަ އޮށޯތީ، ބީޗް ޗެއަރއެއްގައެވެ. ރާނިޔާއަށް ގުޅާލުމުން ފޯނަށް ޖަވާބުނުދޭތީ މެސެޖްކޮށްލީ، އަރާމުކޮށްލުމަށް ކުޑަވަގުތުކޮޅަކަށް ޖައްސައިލަނީކަމުގައެވެ. އަޅައިގެން އޮތް ތޮފި މޫނުމަތީގައި ބާއްވާލާފައި އިންމަ ހަމަޖެހިލިއެވެ. ވެފައިހުރި ވަރުބަލިކަމުގެތެރެއިން ގަދަ ނިދީގެ ދުނިޔެއަށް ދަތުރުކުރެވުނުގޮތްވެސް ނޭގުނެވެ. ވަށައިގެންވީ ގަސްތަކުގެ ހިޔަލުގައި، ގުދުރަތީ ސާފުވައިގެތެރޭގައެވެ. ހިމުން ދޮންވެލިގަނޑާއެކު ރާޅުތައް ކުރަމުންދިޔަ ސަމާސާގެ އަޑެއް އިންމައަކަށް މިހާރަކު ނީވެއެވެ. އަސުރުނަމާދުވެސް ކޮންގެން އޮތަތީވެ، ބޮލަށް އުނދަގޫވެދާނެ އެއްވެސް ޒިންމާއެއް މިވަގުތަކު ނެތެވެ. އަރާމު ނިދިކޮޅު ނުހަނު ބޭނުމެވެ. މާފަސޭހައިން ގަދަނިންޖަށްދެވުނު ސަބަބަކީވެސް އެއީއެވެ.

***
ހައްޔަރުކުރެވުނުފަހުން ދެދުވަސްވީއެވެ. ސަވާނާގެ ބެލެނިވެރިއެއްގެ ގޮތުގައި މީހަކު ނެތުމުން، ޒަރޫރީ ބޭނުންތަކަށް ނުހަނު ދަތިވެއެވެ. ލައިގެން އައި އަންނައުނު ނޫނީ ނެތެވެ. ކުޑަމިނުން ދަތް އުނގުޅާލެވޭނެ ގޮތެއްވެސް ނެތެވެ. ހަޑިހުތުރުއެއްޗެހިގޮވުން ހުއްޓާނުލައެވެ.

ގިޔާދާ ދުވަހެއްގެކޮޅުންވެސް ދަންނަހެންހީވާ އެންމެންނަށްވެސް އޭނާ ގުޅައިފިއެވެ. ސަވާނާ ޖަލުންނެރެވޭނެ ހަމައެއްގޮތެއްވެސް ނުވިއެވެ. ކޮލޮމްބޯއިންބޭރަށް ދިޔަގޮތަށް ނަވީން އަދިވެސް ނާދެއެވެ. ފޯނު އަތުންދޫކޮށްނުލައި ގިޔާދާގެ ކަމަކީ ފަހަރަކު މީހަކަށް ގުޅުމެވެ. އެންމެ ފަހުން ގިޔާދާ މަސައްކަތްފެށީ މާލެއަށް އާދެވޭނެ މަގެއް ހޯދޭތޯއެވެ. ނަވީންގެ ކާޑުތައްވެސް ގިޔާދާގެ އަތުން އަތުލާފައިވުމުން ފައިސާ ބޭނުންކުރެވޭނެ ވަސީލަތެއްނެތެވެ. އުމުރަށް ގުޅުން ކަނޑާލާފައިހުރި ބައްޕަގެ ފޯނުނަންބަރު އަދިވެސް ގިޔާދާގެ ފޯނުގައި ވެއެވެ. އެނަންބަރަށް ޑައިލްކުރަން ވަރަށް މަސައްކަތްކޮށްފިއެވެ. ހަމަ ހިތްވަރެއް ނުލިބެނީއެވެ. ދޭނެޖަވާބު ގިޔާދާއަށް އެނގޭތީއެވެ. ކޮންމެއަކަށް ލޯމަރާފައި ގުޅައިފިއެވެ.

"ބައްޕާ!" ގިޔާދާގެ އަޑު ނިކުތީ ވަރަށް އުނދަގުލުންނެވެ. ހަތާވީހަކަށް އަހަރުފަހުން، ބައްޕޕައަށް ގޮވާލި ފުރަތަމަ ފަހަރެވެ. ފޯނުގައިހުރީ ބައްޕަކަން ގިޔާދާއަށް ޔަގީންވީ ބައްޕަ އެއްޗެކޭ ނުބުނުމުންނެވެ.

"ބައްޕާ! މިއީ ގިޔާދާ.. އަހަރެންގެ ދަރިފުޅު މާލޭޖަހުގައި ހައްޔަރުކޮށްފައި އެބައިން.. އަހަރެންގެ އެކަކުވެސް ތިތާގައި ނެތް.. އަހަންނަށް މާލެއަށް ދެވޭނެ ގޮތެއްވެސް ނެތް.. ހެޔޮނުވާނެ އަހަންނަށް އެހީވެދީ! ދޮންމަންމަގެ ރުހުމުގައިވިޔަސް ނުވަތަ ނުރުހުމުގައިވިޔަސް މިކަމުގައި އަހަރެން އެކަނިވިޔަނުދީ ބައްޕާ.. އަހަރެންގެ އެކަކުވެސް މިއަދު ނެތް.. ނަވީންވެސް އަޅާނުލި.. އަހަރެންގެ ދަރިފުޅުގެ ގާތަށް އަހަރެން ގެންގޮސްދީ.. ނޫނީ އެދަރިފުޅު އަހަރެންގެ ގާތަށް ގެނެސްދީ.. ޕްލީޒް ބައްޕާ!" ފޯނު ކަނޑާނުލީތީ، ގިޔާދާ ބޭނުންވީ ހުރިހައި އެއްޗެއް ކިޔައިފިއެވެ. އެހީއަށްއެދި އާދޭސްކޮށްފިއެވެ. ގިސްލަގިސްލާފައި ރޮއެފިއެވެ. ވިއްސަކަށް މިނެޓް ފޯނުގައި ހޭދަކުރިއެވެ. ނަމަވެސް ނޭވާއެއްގެ އަޑުވެސް ނީވުނެވެ.

ގިޔާދާއަށް ނޭގުނުއެއްޗަކީ، ބައްޕާއޭކިޔާފައި ގިޔާދާ ގޮވައިލިއަޑާއެކު އެފޯނު އެއޮތީ މޭޒެއްގެ މަތީގައިކަމެވެ. ފޯނުން ދެއްކިވާހަކައެއް އަޑުއިވޭނީ އެވާހަކަދެއްކި މީހަކަށެވެ. ޖަމާލު ފޯނުގައި އަތްލީވެސް އެފޯނު ބާއްވައިފިކަން ޔަގީންކޮށްފައެވެ.

***
އީތަން އޮފީހުން އައުމުން ކާންހަދައިދޭން އުޅެފައި ފޯނުމަތީން ހަނދާންވެގެން ރާނިޔާގޮސް ފޯނު ބަލައިލިއެވެ. އިންމަގެ މެސެޖްފެނުމުން ހިނިތުންވެވުނީ ފިރިމީހާއަށްޓަކައި ހިތުގައި ލޯބި އޮތީތީއެވެ. އަރާމުކޮށްލަން ޖައްސާލާނީ، ވަރަށް ވަރުބަލިވެފައި ހުރީމައިކަން ރާނިޔާއަށް ޔަގީނެވެ. ފަހުން ގުޅާލާނީކަމަށްބުނެފައި ރާނިޔާވެސް އިށީނީ އީތަންއާއެކު ކާށެވެ.

"މިހައި ލަސްވަންދެން މަންމަ ނުހުންނަށްޗޭ އަހަރެންގެ އިންތިޒާރުގައި.. އޮފީހުގައި އުޅޭއިރު އިރުކޮޅުކޮޅުން ކޮފީއަށް ދާނެ.. އެކަމަކު ގޭގައި މަންމަ ހުންނާނީ އެކަނި، އެހެންވީމައި ވަރަށް ބަނޑުހައިވާނެ.. އަހަރެން އައިމަ، ބައިވެރިވެލަން އޯކޭ! އެކަމަކު މަންމަ ކައިގެންހުންނާންވާނީ" ހަގީގަތުގައިވެސް މަންމަދެކެ އީތަން ލޯބިވެއެވެ. ބަނޑުހައިކަމުގައި އިންތިޒާރުކުރުވަން ބޭނުމެއްނޫނެވެ.

"ދެދުވަސްވީ، މަންމަ ދަރިފުޅާ ވާހަކައެއްދައްކަންއުޅޭތާ.. މިނޫން ގޮތަކަށް މަންމަގެ ދަރިފފުޅެއް ނުލިބޭ! އެހެންވީމައި މިއަދު ހިތައްއެރީ އީތަން އައިއިރަކުންނޭ ކާނީ.. އެހެންވެ މަންމަ މެސެޖްކުރީވެސް" ދެމަންމައިންގެ ދެމެދު ދެކެވުނު ވާހަކަތައް ހިއްސާކޮށްލަން އެވަގު ރާނިޔާ ބޭނުންކުރިއެވެ.

***
ފޯނު ރިންގުގެ އަޑަށް އިންމަ ދިޔައީ ސިއްސައިގެންނެވެ. ރަގަޅަށް ލޯވެސް ނުހުޅުވޭތީ، ގުޅަނީ ކާކުތޯވެސް ބަލައިނުލެވުނެވެ. ހެލޯއޭ ނުބުނެވެނީސް އަޑުއިވުނީ އަންހެނެއްގެ ރުއިމުގެ އަޑެވެ. ދެބުމަގޮއްޖަހައިލާފައި އެއަޑަކަށް ސަމާލުކަންދެވޭތޯ އިސްމާއިލްއުޅުމެވެ.


--ނުނިމޭ--
ފިރުމާލަދޭށޭ ފުނަމާ
ހިޔާލު

ޙަމް ތެރޭ

އެއީ ގިޔާދާ ދޯ؟؟

ދިޔެ

ޔަގީން އެއްކަލަ ގިޔާދާ އިންމައަށްވެސް އެގުޅީ ސަވާނާ ސަލާމަތްކުރަން😡