Mahsaru tax negun miadhun feshigen huhtaalaifi
image
ދައުލަތުގެ ޓެކްސް އިދާރާ މީރާ.-- ފައިލް ފޮޓޯ
0 ކޮމެންޓް
 

މައްސަރު ޓެކްސް ނެގުން މިއަދުން ފެށިގެން ހުއްޓާލައިފި

މައްސަރު ކަންތައް ދިމާވުމުން އަންހެނުން ބޭނުންކުރާ ޕެޑު ފަދަ ތަކެތިން ނަގާ ޓެކްސް ނުވަތަ މައްސަރު ޓެކްސް އުވާލުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގު ކުރައްވައިފި، ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމާ އެކު މިއަދުން ފެށިގެން އެ ޓެކްސް އުވާލާފައިވާ ކަމަށް މީރާ އިން ބުނެފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ އިން މިއަދު ނެރުނު ޓެކްސް ރޫލިންއެއްގައި ވަނީ، މައްސަރު ދުވަސްވަރު އަންހެނުން ބޭނުންކުރާ ސެނިޓަރީ ޓަވަލް އާއި ސެނިޓަރީ ޕެޑާއި ޕޭންޓީ ލައިނާސް އާއި ޕެޑު ނުވަތަ ޓަވަލްއާ އެކީ ބޭނުން ކުރުމަށް އުފައްދާފައި ހުންނަ ސެނިޓަރީ ބެލްޓްގެ އަދި އިންޓާނަލް ޑިވައިސް (ކީޕާސް) އަދި މެޓާނިޓީ ޕެޑުން ޓެކްސް ނެގުން ހުއްޓާލާފައިވާ ކަމަށެވެ.

އެހެންކަމުން މުދަލާ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނެވުނު 24 ވަނަ އިސްލާހާ އެކު، މިއަދުން ފެށިގެން އެއިން އެއްވެސް އެއްޗަކުން ޓެކްސް ނެގުމަކީ މަނާކަމެކެވެ.

މީގެ ކުރިން، ޕެޑު ފަދަ ސާމާނުން ދިޔައީ ޖީއެސްޓީގެ ގޮތުގައި ހަ ޕަސެންޓް ނަގަމުންނެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު އޮންނަ ގޮތުން އެ ތަކެއްޗަކީ ޖީއެސްޓީ ނުނެގޭ މުދަލުގެ ލިސްޓުގައި ކުރިން ލިސްޓް ކޮށްފައެއް ނެތެވެ.

އެހެންކަމުން އެފަދަ ތަކެތިން ޓެކްސް ނުނެގޭނެ ގޮތަށް ހެދަން އެ ގާނޫނަށް އިސްލާހު ގެނައީ، ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ ހުށަހަޅުއްވައިގެންނެވެ.

މި މަހުގެ ތިން ވަނަ ދުވަހު ރައީސް ސާލިހު އެ ބިލް ތަސްދީގު ކުރި އިރު، ސޯޝަލް މީޑިއާގައި އެކަމަށް ބޮޑު ކެމްޕޭނެއް ކުރަމުން ދަނިކޮށް، ރައީސް ސާލިހުގެ ރިޔާސީ ވައުދެއްގެ ގޮތުގައި އެކަން އިއުލާނު ކުރެއްވި އެވެ. އަދި މައްސަރު ޓެކްސް އުވާލުމުގެ ކަންކަން ރައީސްގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކުރެއްވުމަށް ވަނީ ކަންޑައަޅާފަ އެވެ.
ހިޔާލު