100 Dhuvahuge vaudhuthah fuhdhumah 16 bileh hushahalhan jehey: AG
image
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު (މ).-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

100 ދުވަހުގެ ވައުދުތައް ފުއްދުމަށް 16 ބިލެއް މަޖިލީހަށް ހުށަހަޅަން ޖެހޭ: އޭޖީ

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން 100 ދުވަހުގެ ތެރޭގައި ހާސިލް ކުރަން ވައުދުވެފައިވާ ކަންކަން ފުއްދުމަށް 16 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފި އެވެ.
ބަންޑާރަނައިބުގެ އޮފީހުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ ވައުދުތައް ފުއްދުމަށް މަގުފަހި ކޮށްދިނުމަށް އެ އޮފީހުން ކުރަންޖެހޭ މަސައްކަތްތައް ފަށައި، އޭގެ ތެރެއިން ބައެއް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަލަށް އެކުލަވާލަންޖެހޭ ގާނޫނުތަކާއި، އަމަލު ކުރެވެމުންދާ ގާނޫނުތަކުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ ގާނޫނުތައް ފާހަގަކޮށް، އެކަންކަން އެ ވައުދުތައް ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަ ކުރުމަށް މަގުފަހި ކުރުމަށް ކަމާގުޅޭ ބިލުތައް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކަމާބެހޭ ވުޒާރާތަކުގެ މަޝްވަރާއާ އެކު ކުރަމުން އަންނަ ކަމަށް އެ ނޫސްބަޔާނުގައި ބުނެ އެވެ.

އެގޮތުން މުޅިން އަލަށް އެކުލަވާލަން ޖެހޭ ފަސް ބިލަކާއި، އަމަލު ކުރަމުންދާ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި އެކުލަވާލަންޖެހޭ 11 ބިލާއެކު ޖުމްލަ 16 ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށް ފާހަގަކުރެވޭ ކަމަށް އެޓާނީ ޖެނަރަލްގެ އޮފީހުން ބުނެ އެވެ. އޭގެ ތެރެއިން ހަ ބިލެއް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި، ދެންހުރި ބިލުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.

ދިވެހި ދައުލަތް ދަރަނިވެރިވާ ގޮތަށް ނުވަތަ ގައުމުގެ ސިޔާދަތަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކާއި ކޮންޓްރެކްޓްތައް މުރާޖައާ ކުރުމަށް ކޮމިޓީއެއް އެކުލަވާލައި، އެ މަސައްކަތްތައް ވެސް އެޓާނީ ޖެނަރަލްގެ އޮފީހުން ފަށާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދައި ދިނުމަށް، ފާސްކޮށްފައިވާ ގާނޫނުތައް ބަލައި މުރާޖައާ ކުރުމަކީވެސް ސަރުކާރުގެ ވައުދަކަށް ވާއިރު، އެ މަސައްކަތް ކުރުމަށްޓަކައި ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެ އެވެ.

ގާނޫނުތައް މުރާޖައާ ކުރުމުގެ އިތުރުން، ރާއްޖޭގައި އަމަލުކުރެވޭ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތައް ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާ ތަކާ އެއްގޮތް ކުރުމަށް އެ ގާނޫނުތައް މުރާޖައާކޮށް، އިސްލާމް ދީނުގެ އަސްލުތަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ފާހަގަކޮށް، ކަމާގުޅޭ ބިލުތައް އެކުލަވާލުމުގެ މަސައްކަތްތައް ވެސް އެ ކޮމެޓީން ކުރާނެ ކަމަށް އެޓާނީ ޖެނަރަލްގެ އޮފީހުން ބުނެ އެވެ.
ހިޔާލު