Feevakah Adhives Currenteh Nulibey, Halaakuvaa Zaathuge Mudhaathah Kairi Rahrashugai
image
ށ. ފީވައް ބަނދަރު މަތި-- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ފީވަކަށް އަދިވެސް ކަރަންޓެއް ނުލިބޭ، ހަލާކުވާ ޒާތުގެ މުދާތައް ކައިރި ރަށްރަށުގައި

ށ. ފީވަކަށް ކަރަންޓުގެ މައްސަލަ ބޮޑުވެ، ރަށުގައި ހުރި ހަލާކުވާ ޒާތުގެ މުދާތައް ބައެއް މީހުން ކައިރި ރަށްރަށަށް ގެންގޮސްފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
"ސީއެންއެމް" އާ ވާހަކަ ދައްކަވަމުން ފީވަކު ކައުންސިލުގެ ރައީސް ހަސަން ސުޖާއު ވިދާޅުވީ، އެރަށުގައި ތިން ޖަނަރޭޓަރު ހުރި ނަމަވެސް ސަލާމަތުން ހުރީ އެންމެ ޖަނަރޭޓަރެއް ކަމަށެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތަށް އެ ރަށަށް ކަރަންޓް ނުލިބޭ ކަމަށް ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަބަދު ވެސް ކަރަންޓްގެ މައްސަލަ ދިމާވަމުން އަންނަ ކަމަށާއި، ނަމަވެސް އެ މައްސަލަ އިތުރަށް ބޮޑުވީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކަމަށެވެ.

"މިހާރު އިރުއިރުކޮޅާއި ކަރަންޓު ކެނޑެނީ. ވަރަށް އުނދަގޫވޭ، ރަށުގެ ވިޔަފާރިވެރިން ކުކުޅު ފަދަ ހަލާކުވާ ޒާތުގެ އެއްޗެހި ކުނިވާކަމުގެ ޝަކުވާތައް ގިނަ. މިހާރު މިތާ ކައިރީ ރަށްރަށަށް ބައެއް މީހުން އެމީހުންގެ އެ ކަހަލަ މުދާތައް ގެންގޮސްފި،" ސުޖާއު ވިދާޅުވި އެވެ.

އާބާދީގައި 1100 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ފީވަކަށް ކަރަންޓު ފޯރުކޮށްދެމުން އަންނަނީ 150 އާއި 160 ގެ އިތުރުން 170 ކިލޯވޮޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެންނެވެ. އެކަމަކު މިހާރު އެރަށުގައި ރަނގަޅަށް ހުރީ 150 ކިލޯވޮޓުގެ ޖަނަރޭޓަރު އެކަންޏެވެ.

ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވެ، އެރަށަށް 24 ގަޑިއިރު ކަރަންޓު ޔަގީން ކޮށްދެވިފައި ނުވާއިރު ނ. ހެނބަދޫން ޖަނަރޭޓަރެއް ގެނެސް، މައްސަލަ ހައްލު ކުރުމަށް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ހެނބަދޫން ޖަނަރޭޓަރެއް ގެންނަ ވާހަކަ ދެއްކި. އެކަމަކު އެރަށު ރައްޔިތުން އެއްބަސް ނުވެގެން ނުގެނެވިގެން އުޅޭ ވާހަކަ އަޑުއެހިން. އެހެންވީމަ، ޖަނަރޭޓަރެއް ލިބޭނެ ދުވަހެއް ނޭނގޭ،" ސުޖާއު ވިދާޅުވި އެވެ.

ހެނބަދޫ އިން ފީވަކަށް ޖަނަރޭޓަރެއް ގެންދަން އެރަށު ރައްޔިތުން އެއްބަސް ނުވި ނަމަވެސް އިއްޔެ އެރަށު ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ދައުލަތުން ބޭނުންވެއްޖެ ނަމަ އެ ޖަނަރޭޓަރު، ދައުލަތުން ބޭނުންވާ ތަނަކަށް ގެންދިއުމަކީ ކައުންސިލަށް އަދި ރައްޔިތުންނަށް ވެސް ގާނޫނީ ގޮތުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ. ފީވަކަށް ގެންދަން މަސައްކަތް ކޮށްފައި ވަނީ ހެނބަދޫއަށް ސޯލާ ޕްރޮޖެކްޓުގެ ދަށުން ގެނެސްފައިވާ ތިން ޖަނަރޭޓަރުގެ ތެރެއިން 160 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ.

އެރަށު ކައުންސިލުގެ ނައިބް ރައީސް ހުސެއިން އަބޫ ބަކުރު ވިދާޅުވީ، ފީވަކަށް އެރަށުން ޖަނަރޭޓަރެއް ގެންދިއުމަށް ކައުންސިލުން އެއްބަސްވި ނަމަވެސް މިހާތަނަށް އެރަށުން ޖަނަރޭޓަރެއް ގެންގޮސްފައި ނުވާ ކަމަށެވެ.

އާބާދީގައި 757 މީހުން ދިރިއުޅެމުން އަންނަ ހެނބަދޫއަކީ ވެސް މީގެ ކުރިން ކަރަންޓުގެ މައްސަލަ ބޮޑު ރަށެކެވެ. ކަރަންޓު 24 ގަޑިއިރު ޔަގީން ނުވުމުގެ ސަބަބުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ހެނބަދޫ ރައްޔިތުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
ހިޔާލު