MMC in Sharafuge Award Dhinee Kon Usoolakun Kameh Saafeh Nuvey
image
ރައީސް މައުމޫނަށް އަލިމަސް ގަލަމުގެ ޝަރަފު ދެއްވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
2 ކޮމެންޓް
 

މީޑިއާ ކައުންސިލުން ޝަރަފުގެ އެވޯޑް ދިނީ ކޮން އުސޫލަކުން ކަމެއް ސާފެއް ނުވޭ

ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމަށާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރިކަމުގެ އެވޯޑްތައް ދިން އުސޫލު ސާފުވާގޮތެއް ނުވި އެވެ.
ރޭގެ ރަސްމިއްޔާތުގެ އެންމެ ޝަރަފުވެރި އެވޯޑުގެ ގޮތުގައި ފާހަގަ ކުރެވުނު ނޫސްވެރިކަމުގެ އަލިމަސް ގަލަމާއި އަލިމަސް ޝަރަފުގެ ގަލަން ވަނީ އަށް ބޭފުޅަކަށް އަރުވާފަ އެވެ.

އެގޮތުން ނޫސްވެރިކަން ކުރިއަރުވައި އެ ދާއިރާ އިން ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާތީ އެކަމުގެ އަގު ވަޒަންކުރުމަށް އަލިމަސް ގަލަމުގެ ޝަރަފު އަށް ބޭފުޅަކަށް އެރުވި އެވެ. އަދި ނޫސްވެރިކަން ކުރިއަރުވައި ދެމެހެއްޓުމުގެ އަގު ވަޒަންކޮށް، އަލިމަސް ޝަރަފުގެ ގަލަން ވެސް ވަނީ އަށް ބޭފުޅަކަށް އަރުވާފަ އެވެ.

އެ އެވޯޑްތައް އެރުވީ، އެމްއެމްސީން އެކަމަށް ޚާއްސަކޮށް އެކުލަވާލާފައިވާ ކޮމެޓީ އަކުން ކަނޑައެޅި އުސޫލެއްގެ ދަށުން އެ ކޮމެޓީން ކަމަށް މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް އަބްދުލް މުއީދު ހަސަން ވިދާޅުވި އެވެ. ނަމަވެސް އެ އުސޫލުގެ ތަފްސީލު އެނގިލައްވާނީ ކޮމެޓީގެ މެމްބަރުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް ބޭފުޅެއްގެ އަގު ވަޒަން ނުކޮށް ދޫކޮށްލަނީ އެއް ނޫން. އަޅުގަނޑުމެން ހުންނާނެ ހުރިހާ ބޭފުޅުންގެ އަގު ވަޒަން ކުރުމަށް ވެސް ރާވާފައި. އަދި އެ ހިސާބަށް ނުދާތީ [ބައެއް ބޭފުޅުންނަށް އެވޯޑް] ނުދެވެނީ،" މުއީދު ވިދާޅުވި އެވެ.

ނަމަވެސް ރޭ އަލިމަސް ގަލަމުގެ ޝަރަފުދިން ބޭފުޅުންގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވި ބައެއް ބޭފުޅުންނަށް އެ އެވޯޑް ނުދެއްވީ ކީއްވެގެންތޯ އާއި އެކަމަށް، ކޮމެޓީން ބެލި އުސޫލުގެ ދަށުން ހުރަސް އެޅެނީތޯ ސުވާލު ކުރުމުން މުއީދު ވިދާޅުވީ އެކަމުގެ މައުލޫމާތު އެނގޭނީ ކޮމެޓީގެ ބޭފުޅުންނަށް ކަމަށެވެ.

އާންމުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެ އެވޯޑް ދިން އިރު ރައީސް ނަޝީދުގެ ނަން އޭގެ ތެރޭގައި ހިމެނިފައި ނުވާތީ އެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި މިނިވަން ނޫސްވެރިކަން ކުރުމަށް ސަރުކާރާއި އެއްބަސްވެގެން ބޮޑެތި ޖަރީމާތަކެއް ހިންގި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބަށް ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބުމެވެ.

ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް ފުރުސަތު ހުޅުވާލި ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ރައީސް މުހައްމަދު ނަޝީދަށް އެ ޝަރަފު ނުލިބުނީ، ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެމަނިކުފާނަށް ރަން ގަލަށް ލިބިފައި ނުވުމާއި، އެ މަނިކުފާނަކީ ކެރިއަރެއްގެ ގޮތުން ނޫސްވެރިކަން ކުރެއްވި ބޭފުޅަކަށް ނުވުމުން ކަމަށް، މްއެމްސީ އެވޯޑް ކޮމެޓީގައި ހިމެނޭ ބޭފުޅަކު ވިދާޅުވި އެވެ.

ނަމަވެސް އެ ޝަރަފު ރޭ ލިބުނު ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް އާއި ކެރިއަރެއްގެ ގޮތުން ނޫސްވެރިކަން ނުކުރައްވާ ބައެއް އެހެން ބޭފުޅުން ވެސް ހިމެނެ އެވެ. އެ ބޭފުޅުންނަށް އެވޯޑް ދިނީ "އެހެން ގޮތްގޮތުން ބެލުމަށް" ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިއާ ކައުންސިލުން ޝަރަފުގެ އެވޯޑް ދިނުމަށް އުސޫލެއް އެކުލަވާލައިގެން، އެވޯޑް ދިނީ އެ އުސޫލުގެ ތެރެއިން ކަމަށް ބުނާ އިރު މިހާތަނަށް އެ އުސޫލު ހާމަކޮށްފައެއް ނެތެވެ. އެ ކޮމިޝަނުގެ ވެބްސައިޓުގައި ނޫސްވެރިންގެ އެވޯޑް އުސޫލު ހާމަކޮށްފައި ވީނަމަވެސް ޝަރަފުގެ އެވޯޑާ ގުޅޭ އުސޫލެއް ހާމައެއް ނުކުރެ އެވެ.
ހިޔާލު

ނޫނު

ނަޝީދު ނޫނިއްޔާ މިރާއްޖެ އަކު އެވޯރޑް ޙައްޤު މީހެއްނެތް، ޒާތީ ގޮތުން ދޭ އެއްޗެއް ކަމަށް ވަންޏާ ދެވޭކަށް ނޯންނާނެ، އަދި ތަންދޮރު ނުދަންނަ ގަމާރު ކަން މާބޮޑު މީހުނަށް ދޭންވީ ސަބަބު ހަމަ ނުވިސްނޭނެ

އަލިމަސް

ވިސްނާ ވިސްނާވެސް މުހައްމަދު ނަޝީދުއަށް ނޫސްވެރިކަމުގެ ޝަރަފުވެރި ކަމުގެ އެވޯޑް ދޭންވީ ސަބަބެއް ނޭންގުނު. މުހައްމަދު ނަޝީދުއަށް ދޭން ޖެހޭނީ ގޮނޑި ދުއްވުމުގެ އެވޯޑް.