Kuriah Oiy Dholhu Aharehhaa Dhuvahuge Thereygai Mifco Kolhah Jeheyne
image
މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ---
0 ކޮމެންޓް
 

ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މިފްކޯ ކޮޅަށް ޖެހޭނެ: ރައީސް

ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ދައުލަތުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަކީ ފައިދާ ލިބޭ ކުންފުންޏަކަށް ހެދޭނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގއ. ގެމަނަފުށީގައި ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިންނަށް ރަނގަޅު އަގެއް ދިނުމަށް ކުރާ މަސައްކަތުގެ ސަބަބުން މިފްކޯގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށައި އެގޮތުގައި އެކުންފުނި ހިންގުމަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަ ށެވެ.

"މި ސަރުކާރުގެ އަމާޒަކީ މިފްކޯއަކީ ފައިދާއާއެކު ހިންގާ ކުންފުންޏަކަށް ބަލަކުރުން. އަޅުގަނޑުމެން މިހާރު މިދަނީ އެކަމުގެ މަޝްވަރާތައް ކުރަމުން. އިރާދަކުރެއްވިޔާ ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް އަޅުގަނޑުމެން ހަދާނަން." ރައީސް ވިދާޅުވި އެވެ.

ދައުލަތުގެ މަސް ކުންފުނި ބަނގުރޫޓު ވެދާނެ ކަމުގެ ބިރުހީވެ، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ވަނީ އެކުންފުނީގެ ހިންގުން އެސްޓީއޯގެ ދަށަށް ބަދަލުކޮށްފަ އެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މިފްކޯ ހިންގުމަށް 90 މިލިއަން ރުފިޔާ އެސްޓީއޯއަށް ދިނުމަށް ބަޖެޓުކޮށްފައި ވެއެވެ.

ގިނަ އަދަދެއްގެ މަސްވެރިން ބައިވެރިވި އެޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ހަމަ އަގު ދިނުމަށް ދައުލަތުގެ މަސްކުންފުނީގެ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަ ށެވެ. އަދި ކިރުވާ މަހަށް ވަގުތުން ފައިސާ ނުލިބުމަކީ ވެސް މަސްވެރިންނަށް ކުރިމަތިވަމުން އަންނަ ދައްޗެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ވަގުތުން ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މިފްކޯގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަ ށެވެ.

"އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުގެ އިންވެސްޓްމަންޓުތަކެއް ކުންފުންޏަށް ހޯދަން ޖެހޭ." ރައީސް ވިދާޅުވިއެވެ.

މަސްވެރިންގެ އަތުން މިފްކޯ އިން ގަނެފައިވާ މަހަށް ނުދީ ހުރި 68 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން މިހާރު ދޫކޮށްފާއިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެފައިސާ ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި މަސްވެރިންނާއި ހަވާލުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވެސް ވިދާޅުވި އެވެ.

ޑިސެމްބަރު މަހުގެ ދިހަ ވަނަ ދުވަސް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްމުން އަންނައިރު މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާ އޮތީ ގެމަނަފުށީގައެވެ. މިއީ އެރަށުގައި މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާ ބޭއްވި ދެވަނަ ފަހަރެވެ.
ހިޔާލު