Firumaaladheyshey, Episode 69
image
ފިރުމާލަދޭށޭ--
ފުނަމާ
3 ކޮމެންޓް
 

ފިރުމާލަދޭށޭ..

69 ވަނަ ބައި
ނިދިބަރުވެފައި އޮތުމުން، އެއަޑެއް ފާހަގަކުރާން ފަސޭހައެއްނުވިއެވެ. ރޯވަރުން ކިޔާނުކިޔާއެއްޗެއް ސާފެއްވެސް ނުވެއެވެ.

"ހަލޯ ކާކަށް ތިގުޅަނީ..؟" ބޮލަށް އުނދަގޫވުމުން އިންމައަށް ކޮށްލެވުނީ ސުވާލެކެވެ. ގުޅައިގެންއުޅެނީ އަންހެނަކަށްވާތީ، ވާނުވާ އޮޅުންފިލުވައިނުލައި ފޯނުބާއްވަން އިންމައަށް ނުކެރުނީއެވެ.

"ނިދަނީތަ؟ ނޭގުނީތަ؟ ނޫނީ އިންމަވެސް ނޭގޭކަމަށްހެދީތަ؟ އަހަރެންމިއީ ޔާދާ! އިންމަ ނޫނީ އަހަރެންގެ ކާކުހުރީ؟ އިންމަ ނޫނީ ދެންތިބީ ބޭވަފާތެރީން! އަހަރެންގެ ހުރިހައިވެސް މީހަކީ މިވަގުތު ތިއީ.. އައި ނީޑް ޔޫ ސޯ ބޭޑްލީ.. ހެލްޕް މީ ޕްލީޒް" ގިޔާދާގެ މަޅީގައި އިންމަ ޖައްސަން މަސައްކަތްކުރިއެވެ.

ޔަގީނުންވެސް އިންމައަށް ފޯނުބާއްވަން ނުކެރޭވަރުކުރާނަމޭ ގިޔާދާގެ ހިތުގައި އޮތެވެ. ރާނިޔާއާއި ގިޔާދާގެ އެކުވެރިކަމުގައި ބޭނުންކުރާނަމުން، އަމިއްލައަށް މުޚާތަބުކުރީވެސް ގާތްކަން އޮތްވަރު އިންމައަށް އިހުސާސްކޮށްދިނުމަށެވެ. އިންމަގެ މިޒާޖު އެނގޭތީ އެކަމުގެ ފައިދާ ނެގެން އޮތް ހުރިހައި ގޮތަކާއިމެދުގައި ގިޔާދާވަނީ ވިސްނާފައެވެ.

"ޔާދާއޭ؟ އެއީ އަހަރެންގެ އަންހެނުންގެ ތަންކޮޅެއް ކުރީގެ ރައްޓެއްސެއްގެ ނަން..! އަހަންނަށް އެނގިގެން އަހަރެންގެ ލޯބިވާ އަންހެނުންނާއި ތިޔަބުނާ މީހަކާދެމެދު މިހާރަކު ގުޅުމެއް ނޯވޭ..! އޮތްނަމަ، ތިޔަ ޔާދާއެއް ގުޅާނީ މަގޭ އަންހެނުންނަށް.. މަށަކަށް ނޫން! އަހަރެންގެ އަންހެނުންގެ ތިބޭނީ ވަރަށް ތެދުވެރި އެކުވެރިން.. ހީލަތްތެރި މަކަރުވެރިން އޭނާގެ އެކުވެރިންގެ ލިސްޓުން މިހާރު ޑިލީޓްކޮށްލައިފި.. އެ ލިސްޓުގައި މިހާރު ތިބޭނީ، އަހަންނާއި، އަހަރުމެންގެ ދަރިފުޅާ އަދި އެދަރިފުޅުގެ ވާންއުޅޭ އަނބިމީހާ.. އިތުރުބަޔަކު ނުތިބޭނެ! އެހެންވީމައި ތިޔަބުނާ ޔާދާއެއްވެސް މަށަކަށް މިހހާރަކު ގުޅާކަށް ނުޖެހޭނެނުން!"

ގަސްތުގައި ގިޔާދާ ލަދުގަންނަވާލުމަށް އިންމަ ބޭނުންކުރީ ބާރުގަދަ އުކުޅެކެވެ. އެތައް ކަމެއްގެ މައްޗަށް ގިޔާދާއާއި ނަވީންއަށް އިންމަގެ ހިތުގައި ޝަކުވާތައް އޮތީ ފުނިޖެހިފައެވެ.

"އިންމަ ބޭނުންކޮށްމެ އެއްޗެއް ކިޔަސް މަށަށް ހެޔޮ.. ތިއީ ވަރަށް ހިތްހެޔޮ އެންމެންނަށް އެންމެ އޯގާތެރި އިންމަ.. ހެޔޮނުވާނެ އަހަންނަށް އެހީތެރިވެދީ.. އިންމަބުނި ކޮންމެކަމެއް ކުރުމަށް އަހަރެން މިހިރީ ތައްޔާރަށް.. އިންމައަށްވެސް އިނގޭނެ، އަހަންނަކީ އަބަދުވެސް ފިރިމީހާއަށް ވަފާތެރި އަންބެއްކަން.. ރާނިޔާ އުޅޭވައްތަރަށް ދުވަހަކުވެސް އަހަރެން ނޫޅެން.. އެހެންވީމައި އިންމައަށްވެސް ވަރަށް ފަސޭހަވާނެ އަހަންނަށް އިތުބާރުކުރަން ދޯ! އަހަރެންގެ ހިތުގައި އަބަދުވެސް ޚާއްޞަ ގަދަރެއް އޮވޭ އިންމަގެ މައްޗަށް.. އިންމަ އެދުނު، ކޮންމެ ކަމެއްވެސް ކޮށްދޭނަން.. ބަދަލުގައި އަހަންނަށްކޮށްދޭންވީކަމަކީ، އަހަރެންގެ ދަރިފުޅާއި ހަމައަށް ދެވޭނެގޮތް ހަދައިދިނުން.. އަހަރެން މޮޔަވެދާނެ މިހާލުގައި.. ޕްލީޒް ހެލްޕްމީ.. ނަވީންވެސް އަހަންނަކަށް އެހީއެއްނުވި.. އެއީ އަބަދުވެސް ނަވީން ހަދާގޮތް! އަތުން ފައިސާފޮއްޗެއް ހިނގައިދާނެ ކޮންމެކަމެއް ދިމާވިޔަސް، އަހަރުމެން އިގްނޯރކޮށްލާނެ.. އެކަމަކު މިވަރުގެ ބޮޑުކަމެއް ދިމާވީމައި، އަހަރެންނާއި ވާހަކަދައްކަންވެސް އޭނާ ފަސްޖެހެނީ ކީއްވެކަމެއް ނޭގުނު.. އަހަރެން ދެން ދާނީ ކާކު ކައިރިއަށް؟ އިންމަނޫނީ އަހަރެންގެ ހުރީ ކާކު؟ އަހަރެންވެސް މިއީ އަންހެނެއް! ހިތުގައިވެސް ރިއްސާނެ ދޯ" ރޮމުން ރޮމުން ގިޔާދާ ވާހަކަދެއްކިއެވެ.

ތެދެކެވެ. އިންމައަކީ ކޮންމެ މީހަކަށްވެސް އެންމެ ހިތްހެޔޮ، އެންމެ އޯގާތެރި، އެންމެ ދީލަތި އެހީތެރިޔާއެވެ. ނަމަވެސް މިފަހަރު އިންމަ ކަންތައްކުރާނީ އޭނާއަށް ކުރެވުނު ތަޖުރިބާގެ އަލީގައއެވެ.

"އަހަރެން މަޅީގައި ޖައްސަން، ވަރަށް މޮޅަށް ރާވައިލައިގެންދޯ ގިޔާދާ ތިގުޅީ! ބުނަންތަ ވާހަކައެއް! މީގެކުރިން ތިޔަހެން ރޮއެލައިގެން އަހަރެންގެ އަތުން ފައިސާތައް ހޯދައިގެން ތިއްބަސް، އެދުވަސް މާޒީވެއްޖެ.. މިހާރަކު މިއީ އެދުވަހެއްނޫން.. އޭރުވެސް ގިޔާދާ ވިއްކީ، ފިރިމީހާ! އަހަރެންގެ އަންހެނުންގެ ސިކުނޑިއަށް ސަވާރުވެގެން އޭނާގެ ދުވަސްދުއްވާލަން ގިޔާދާ ލިޔުނު ތަމްސީލުގެ ސްކްރިޕްޓް ކަތުރުފަނިކައި ހުސްކުރީމައި އަހަރެންނާއި ވިއްދާލަން ނޫޅެއްޗޭ.. މިހާރަކު އަހަރެންގެ އަންހެނުންނަކާވެސް ނުކުޅެވޭނެ.. މަށަކާވެސް ނުކުޅެވޭނެ" ވަރަށް ސާފުކޮށް އިންމަ ބުނެދިނެވެ.
ގިޔާދާގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. އެތައް ވާހަކައެއް ދައްކައިގެންވެސް އިންމަގެ ވިސްނުން ބަދަލުކުރެވޭތޯ ގިޔާދާ ކުރިމަސައްކަތްވީ ބޭކާރެވެ.

"މިބުނަނީ އެންމެފަހު ވާހަކަ.. އަޑުއަހާ!" ވަރަށް ހިތްހަމަނުޖެހިފައި އިންމަ ބުނެލިއެވެ. އޭރުވެސް ގިޔާދާގެ އާދޭސްކުރުމަށް ބަދަލެއް ނާދެއެވެ.

"އަހަރެންގެ އަންހެނުން ބޭނުންކޮށްގެން ކަލޭމެން ދެމަފިރިން އަހަރެންގެ އަތުން ނަގާފައިވާ، ފައިސާއާއި ހުރިހައި ނާޖާއިޒް ފައިދާއަކަށް އަހަރެން މައާފުކޮށްފިން.. މިއަދުގެ މި ފޯނުކޯލްގެ ފަހުން އަހަންނަށް ނުވަތަ އަހަރެންގެ އާއިލާއަށް އެއްވެސް ގޮތަކުން ކަލޭމެން އެކަކުގެ އުނދަގުލެއް ކުރިމަތިވިޔަސް އެހުރިހައި ކަމަކަށް ދަޢުވާކުރާނަން.. ބަދަލުވެސް ހޯދާނަން! އުއްމީދުކުރަން އަހަރެންގެ އަންހެނުންނާއި އަހަރެންގެ ދަރިފުޅާއި އޭނާގެ ލޯބިވެރިޔާއާއި ހަމައަށް ވައިވެސް ނޭޅޭނެކަމަށް! އަހަރުމެންގެ އުފާވެރިކަމަށް ތިޔަފަދަ ކަޅުހިޔަންޏެއް އެޅޭކަށް އަހަރެން ފުރުސަތެއް ނުދޭނަން.. އަހަރެންގެ ރާނިޔާއަކީ އަހަރެންގެ ދުނިޔެ.. އަހަރެންގެ ދުނިޔެއާއި ގާތްނުވާތި" އަމުރުވެރި ގޮތަކކަށް އިންމަ ބުނެލިއެވެ. ރާނިޔާގެ ނަފުސުގެ ކޮންޓްރޯލް ގެއްލުނީ ރާނިޔާއަށް ތަޢުރީފުކުރި އަޑުއިވުމުންނެވެ.

"ކަލޭމެން އެންމެން ހީކުރީ އަހަންނާއި އަހަރެންގެ ދަރިފުޅަށް ބޭނުންހައި ގޮތެއް ހެދިދާނެކަމަށްތަ؟ ނުހެދޭނެ! އެކަކަށް، އެއްކަމެއްވެސް ނުކުރެވޭނެ.. ކަލޭމެން އެންމެން ރާވައިގެން އެކުއްޖާފަކީރު ޖަލަށްލައި ހައްޔަރުކޮށް، އޭނައަށް ނަފުސާނީ އަދި ޖިސްމާނީ އަނިޔާތައް ތިދެނީ! ތިއެންމެންގެ މައްޗަށް ދައުވާކުރާނަން.. ކަލޭމެން އެކަކުވެސް ތިޔަބުނާ އުފަލުގައި އުޅުނަ ނުދޭނަން.. ހުރިހައި އެންމެންގެ ލޮލުން ކަރުނަ އޮހޮރުވާލާނަން.. ބަލަން ހުންނާތި!" ގިޔާދާ ރުޅިގަދަވެގެން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭގެއެވެ. ހިތައް އައިހައި އެއްޗެއް ގޮވަނީއެވެ.

ވަރަށް ހިތްހަމަޖެހިގެން އިންމަ ފޯނު ކަނޑާލިއެވެ. ރާނިޔާ ރުއި، ރުއިން އިންމައަށް ވަނީ ފެނިފައެވެ. އެ ވޭން އިހުސާސްކުރިއެވެ. އަނބިމީހާގެ ކުށަށް އިންމަވަނީ މަޢާފުކޮށްފައެވެ. ފީނައިގެން، މާޒީގެ ކަނޑުގައި ފަތައިގެން ނުތަނަވަސްކަމާއި ނަފުރަތު ނޫން އެއްޗެއް ފެންމަތިނުވެއެވެ. އިންމަގެ ހިތުން، ކަޅު އެ ދުވަސްތައް ފޮހެލައިފިއެވެ. ބޮލަށް ނުހަނު ލުއިވެއްޖެކަން ޔަގީނެވެ.

ހަށިފުރައި ނޭވާއެއް ދޫކޮށްލީ، ހަށިގަނޑުގެ ހުރިހައި ނުތަނަވަސްކަމެއް ވައިރޯޅިއާއި ހަވަލުކޮށް ކަނޑުގެ ރާޅުތަކުގެތެރެއަށް ދޫކޮށްލުމަށެވެ. ހަމައެވަގުތު އިންމަ ޑައިލްކޮށްލީ ރާނިޔާއަށެވެ.
***

މާޔާ އުޅުނީ ބަދިގޭގައެވެ. ތަންކޮޅެއް އަވަހަށް އޮފީހުން އާދެވުނީތީވެ، ރޭގަނޑުގެ ކެއްކުން އަވަސްކޮށްލީއެވެ. މިރެއަކީ މާޔާއަށް ވަރަށް ޚާއްޞަ ރެއެކެވެ. އީތަންއަށްވެސް އެކަންވަނީ ސިއްރުކޮށްފައެވެ. އަވަންގައި ފިހަންލައިފައި އޮތް ކުކުޅުގެ މީރުވަސް މުޅި ގޭތެރޭގައި ހިފާލާފައއިވެއެވެ. ފަރާޓާފިހަން ތައްޔާރުކޮށްފައި އޮތް ފުންގަނޑު މޭޒުމަތީގައި އޮތް ލަކުޑި ކަޓިންގބޯޑްމަތީގައި އޮތެވެ. ދާދި ދެންމެ އުނދުންމަތީން ބޭލި ޑާލްފްރައި ތެލިންދުވާ ހިތްގައިމުވަހުން ކައިގެންހުރި މީހަކުވެސް ބަނޑުހައިވާވަރުވެއެވެ.

މަންމަދެއްކި ވާހަކައާއެކު އީތަން އެއައީ މާޔާ ގާތަށެވެ. ފޯނު ނުނަގާތީއެވެ. ބަދިގެއަށް ކައްކަންދަނީކަމަށް ބުނަންވެގެން ގުޅިފަހުން ފޯނުން އަދި ޚަބަރެއްނުވާތީ، މާޔާއުޅޭނީ ކޮން މަސައްކަތެއްގައިކަން، އީތަންއަށް އިނގެއެވެ.

"ވޮވް.. !" އަނގަ ވަށްކޮށްލާފައި އީތަން ބުނެލިއަޑަށް މާޔާ ބަލައިލިއެވެ.

"ކައިވެންޏަކަށް ކައްކަނީތަ؟" ބަދިގެތެރެއަށް ލޯހިންގާލަމުން އީތަން އަހައިލިއެވެ.

"އޯހް.. ސްވީޓްހާޓް! ކައިވެންޏެއް ކުރެވޭތޯ މިއުޅެނީ.. އެދުވަސް އަންނަންވާއިރަށް ދަސްކުރަނީ!" މަޖާވެލާފައި މާޔާ ބުންޏެވެ.

"މިގަޑީގައި މިތަނުގައި ހުރެއްޖިއްޔާ، ކެއްކި މީހާއެކޭ ހަމައެއްފަދަވާނެ.. މުޅިގައިގަ ވަސްދުވާނެ.. މަންމަ ކައިރިއަށް ގޮސްލަންވީނުން.. އަދި އިރުކޮޅެއްވާނެ" ތުންކޮޅު އޫކޮށްލާފައި ނޭފަތާއި ނިއްކުރިއަށް ރޫއަރުވާލާފައި މާޔާ ބުންޏެވެ.
ހަށަން ބަނދެލައިގެން ހުރެ، އީތަން މާޔާއާއި ދިމާއަށް ބަލަމުންދިޔައީ އިޝްގީ ނަޒަރަކުންނެވވެ. ބޮލު މެދުގައި ޖަހާފައި އިން ބޮޑު ހުޅިން ފެށިގެން ފައިގެ ކުޑަވައި އިނގިއްޔާ ހަމަޔަށް އީތަން ބަލަނީއެވެ. މަތިން ތިރިއަށެވެ. އަދި ތިރިން މައްޗަށެވެ. މާޔާ ލަދުގަތީ ސަބަބެއް ނެތިއެއްނޫނެވެ. އެވަރުގެ ކުރު ސޯޓްކޮޅެއްލައިގެން ހުއްޓައި އީތަންއަށް މިހާތަނަށް ފެނިފައެއްނުވާނެއެވެ. ހާމައަށް ފެންނާން އޮތް، ދޮން ދެފައިގެ އޮމާންކަމުން އީތަންއަށް އަސަރުތަކެއް އެބަކުރެއެވެ. އީތަންގެ ތުންފަތުގެ އިޝްގީ އަސަރުން މާޔާއަށް ގޮތްގޮތް ނުވާވަރެއްނޫނެވެ. އެހެން ދިމާއަކަށް ބަލައިލުމަށް ހިތެއް ނޭދެއެވެ.

"ޕްލީޒް ލަވް! ތިވަރަށް ނުބަލާ! ލަދުގަނޭ" ވަރަށް ލަދުން މާޔާއަށް ބުނެވުނެވެ.

"ލަދުގަތީމައި އަދި މާ ލޯބި! ހެޔޮނުވާނެ ލަސްނުކުރޭ! ބީ މައި ވައިފް.. ޕްލީޒް މައި ލަވް! އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގެން ހިނގައިދާނެ.. ތިއީ މިދުނިޔެމަތީގެ ކަމެއް ނޫން.. ޔޫ އާރ ސޯ ބިއުޓިފުލް! ހިތައް އަރަނީ ހެއްދެވިފަރާތުގެ ފުރިހަމަކަން.. އަހަރެން.. ކިހިނެއް..؟ ކިހިނެއް މައިތިރިކުރާނީ؟" ލޯބީގެ އަސަރުގަދަ ބުނެލުމެކެވެ. އީތަންއާއި ދިމާއަށް ބަލައިލަންވެސް މާޔާއަށް ނުކެރުނެވެ.

އިޝްގުގެ ވައިރޯޅީގައި އީތަންގެ ލޮލުގެ ހަރަކާތުންވެސް ލަދުވެތިކަމެއް ނޫނީ މާޔާއަށް ނުފެންނާނެކަން އެވަގުތު މާޔާއަށް އެގެއެވެ. ހަގީގަތުގައިވެސް ވަރަށްބޮޑަށް ލަދުގަތްފިއެވެ.

"އައިލަވްޔޫ! އެކަމަކު މިވަގުތު ވަރަށް ހަޑ.." މާޔާއަށް ބަލައިލެވުނީ ލައިގެން ހުރި ސޯޓާއި އަމިއްލަ ދެފަޔަށެވެ.

"ޝޫޝޫޝްޝ.. މިވަގުތު ތިހުރީ ވަރަށް ލޯބިކޮށް! އަހަރެން މިވަގުތު ދުރައްދާނީ ކިހިނެއް؟ އައިވޯންޓް އީޓް ޔޫ! ހިއްސުތަކުގައި އަލިފާން ރޯވެއްޖެ!" އީތަންގެ އަޑުންވެސް މާޔާގެ ހަތަރެސްފައިން ހީނބިހިނެގިއެވެ. ލޮލުގެ އެއްސފިޔައެއްވެސް އީތަން ތަޅުވާނުލައެވެ.

"އަލިފާން ނިއްވާލަންވީނުން!" ވަރަށް މަޑުމަޑުން މާޔާ ބުނެލިއެވެ.

ނަމަވެސް ވަގުތަކީ މަންމައަށް ކާންދޭން ދްރޫހީ އަންނާނެ ވަގުތެވެ. ތަނަކީ ބަދިގެއެވެ. އީތަންގެ ހިއްސުތަކުގައި ތަޅުއަޅުވަންޖެހޭނީ މާޔާއެވެ. ތިރީތުންފަތުގައި ދަތް އަޅައިލުމަށްފަހު، ކަނާއަތުގެ ޝަހާދަތްއިނގިލިން މާޔާ އިޝާރާތްކޮށްލީ، ގާތަށް އައުމަށެވެ. ދެޖީބަށް އަތްޖަހައިލައިގެންހުރެ ލލަސް ހިނގުމެއްގައި އީތަން ގާތްވާންފެށިއެވެ. އެކަކު އަނެކެއްގެ ނޭވާގެ އިހުސާސްކުރެވުނުވަގުތު، މާޔާގެ ތުންފަތުގައި ދަތް އަޅާލަމުން ދެލޯ މަރައިލީ އިޝްގީ ގޮތަކަށެވެ. ހަމައެވަގުތު، އަތުޖެހޭ ހިސާބުގގައި ހުރި ފެންތަށި މާޔާ ދަމައިގަތީ ވަރަށް ހުށިޔާރުކަމާއެކުއެވެ. އީތަންގެ ގަޔަށް ފެންތަށި އޮއްސައިލުމާއެކު ދެމީހުން އެކުގައި ހީނގަތީ ވަރަށް ބާރަށެވެ. އެއަޑު ހައްވާފުޅުގެ ކޮޓަރިއާއި ހަމައަށް އިވުނެވެ. ދެލޯބިވެރިންނަށް އިތުރުވަގުތުތަކެއް ލިބުނީ، އެއަޑު އެހެން ކަންފަތްތަކާއި ހަމައަށް ފޯރީތީއެވެ.

"ރޯވި އަލިފާންގަނޑު ނިއްވާލަންވާނެ ނޫންތަ! އެހެންވެ ފެން ޖެހީ.. މިގޭގައި ރޯވެދާނެތީ" ހެމުން، ސަކަރާތްޖަހަމުން މާޔާ ބުންޏެވެ.

"އިންސާފެއްނޫންދޯ..!" އީތަން ބެއްދީ މާޔާގެ މެދުހަށީގައެވެ.

ސިންކާއި ކައިރިކޮށްލުމަށެވެ. ދޮވެފައި ހުރި ތަށިތަކުގެތެރެއިން ބޯތައްޓެއް ނަގާފައި ފެންފުރާލުމަށްފަހު މާޔާގެ ބޮލަށް އަޅައިލިއެވެ. ދެމީހުންވެސް ސަކަރާތްޖެހީ މަޖާ މޫޑްގައެވެ. ނަމަވެސް ހާލަތު ބަދަލުވީ ހިނދުކޮޅެއްގެ ތެރޭގައެވެ. މާޔާ ލައިގެންހުރީ ތުނި ޓީޝާޓެކެވެ. ދޮން ހަށިގަނޑުން ބައެއް ހާމައަށް އޮތްފަދައެވެ. އީތަންގެ ދެލޯ މާޔާއާއި ދުރުކޮށްނުލެވުނެވެ. ބައެއް ގުނަވަންތައް ހާމައަށް ފެނެއެވެ. ހިތްއެދެނީ ގާތްވުމަށެވެ. ލޯބީގެ މީރުކަން މާޔާއަށް އިހުސާސްކޮށްދިނުމަށެވެ. އީތަންއަށް އިތުރަށް ކެތްނުވާނެކަން މާޔާއަށް ހާމަކޮށްދިނުމަށެވެ.

"އަހަރެންވަރުގެ ނަސީބުދެރަ ފިރިހެނަކު އުޅޭނެތަ؟" އީތަންގެ ޖުމުލައިން މާޔާގެ މޫޑް ބަދަލުވިއެވެ. އެކަން އީތަންއަށް ޔަގީންކުރެވުނީ ދެބުމަދޭތެރެއަށް ރޫއަރުވާލާފައި ދެލޯ ވައްކޮށްލިގޮތުންނެވެ.

"ނޫން.. ތިއީ ނަސީބުވެރިއެއް! މަންމައަކާއި ބައްޕައެއްގެ އެންމެ ލޯބިވާ، ދަރިފުޅު! ތިއީ އއެދެމީހުންގެ ފުރާނަ.. އަންހެނަކު މިއޮތް މޮޔަވަނީ ނުލިބިގެން! އެހެން އަންހެނަކު ބަލައިލިޔަސް ހިތް ކުދިކުދިވާވަރުވޭ! ތިޔަށްވުރެން ނަސީބުވެރި ފިރިހެނަކު އަހަރެން ނުދެކެން" މާޔާގެ އަޑުގައި މިވަގުތު ހުރީ ސީރިއަސްކަމެވެ.

"މައިންބަފައިން ގުޅިގުޅިއަށް އަޅާފައި ރައްކާކޮށްފައި ހުރި ލޯބިތަކުން ނުފުދޭތީދޯ، ލޯބިވވެރިން ހޯދައިގެން ލޯބިކޮށްފައި ކައިވެނިކުރަނީ.. ތިޔަބުނާ އަންހެންކުއްޖާއަށް އާދޭސްކޮށްކޮށް އަހަރެން މޮޔަވާވަރުވެއްޖެ"އީތަންގެ އަޑުގައި ހުރި ރާގުން މާޔާގެ ހިނިގަނޑު ހިފަހައްޓައިނުލެވުނެވެ. އުއްމީދުނުކުރާ އެއްޗެއް އީތަން ބުނިތީއެވެ.

"ލޯބިވެސްކުރެވޭނެ.. ކައިވެނިވެސް ކުރެވޭނެ.." ފަޚުރުވެރިކަމާއެކު މާޔާ ބުންޏެވެ.

"އަހަރެންގެ ކުރިމަތީގައި، ދުނިޔޭގެ އެންމެ އަގުބޮޑު ޖަވާހިރު! އޭގައި އަތްލެވޭ.. އިހްސާސްވެސްކުރެވޭ.. އަހަރެން ބޭނުންވާގޮތަށް، ބޭނުމެއް ނުކުރެވޭ! އަހަރެންގެ އަމިއްލަ އެއްޗަކަށް ހެދުމުގެ ގާބިލުކަމެއް އަހަރެންގެ ކިބައިގައި އަދިވެސް ނެތް.. ސޯ؟" މާޔާ ދެރަކޮށްލުމުގެގޮތުން އީތަން ބުންޏެވެ.

"ވަރަށް އަވަހަށް..! ވަރަށް ވަރަށް އަވަހަށް އަމިއްލަ ކުރެވޭނެ! މިހާރުވެސް މިއީ އީތަންގެ ހައްގެއް.. އީތަންގެ މިލްކެއް.. މިކަން ބަދަލެއްނުވާނެ" ވަރަށް ޔަގީންކަމާއެކު މާޔާ ބުނެލިއެވެ. އެވަގުތު ހިތުގައި އޮތީ މިއަދު މަންމަ ދެއްކިވާހަކައެވެ.

"ދޭބަލަ މަންމައާއި ވާހަކަދައްކައިލަން.. އެއްކަލަ ވާހަކަ މަންމަވެސް މިއަދު ދައްކައިފި.. ވަރަށް އުފަލުން އޮތީ.. ދާނަން ބަދިގެ ނިންމާލާފައި.." އީތަންގެ ބުރަކަށީގައި ދެއަތް އަޅާއި ކޮށްޕާލަމުން މާޔާ ބުނެލިއެވެ.

"ހާދަ ވަރަކަށް ތި ކައްކަނީ؟ ނިމޭކަށްވެސް ނޫޅޭތަ؟" ބޮޑާހާކައިލަމުން އީތަން ބުންޏެވެ.

"އަލަމާރީގައި އިންނާނެ އީތަންގެ ދެ ޝީޓް.. ބޭނުމިއްޔާ ބަދަލުކޮށްލާ އިނގޭ! އިރުކޮޅަކުން ދާނަން ނަގައިދޭން.. މަޑުކޮށްލިޔަސް އޯކޭ" ވަރަށް ލޯބިން މާޔާ ވާހަކަދެއްކިއެވެ.


--ނުނިމޭ--
ހިޔާލު

ނަސީ

ވާހަކައިގެ އަނެއްބަޔަށް ހާދަ އިންތިޒާރެއް ތި
ކުރުވަނީ. އަނެއްބައި އަވަހަށް އަޕްކޮށްދީބަލަ.

ދިޔެ

ހާދަ ރޮމެންޓިކޭދޯ ކުދިންކުދިން😍

ރަފޫ❤️

ސޯ ސުވީޓް. ލަދު ގަންނުވާ ލައިފި ހަމަ.. ހަޒް މަތިން ހަދައިން ވީ ހަމަ...