Riyasee Candidatunge Malee Bayaan Hushahalhaifi
image
0 ކޮމެންޓް
 

ރިޔާސީ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅައިފި

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވި ދެ ކެންޑިޑޭޓުންވެސް ގާނޫނުގައި ބުނާ ގޮތަށް އިލެކްޝަން ކޮމިޝަނަށް މާލީ ބަޔާން ހުށަހަޅައިފިއެވެ.
އިލެކްޝަން ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ގާނޫނުގައި ބުނާ ތާރީހުގައި އިލެކްޝަނަށް މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމަށެވެ.

"ދެ ބޭފުޅުންވެސް ގާނޫނުގައި ބުނާ މުއްދަތުގައި ގާނޫނުގައި ބުނާ ގޮތަށް ވަނީ މާލީ ބަޔާން ހުށަހަޅުއްވާފައި. ކޮމިޝަނުން މިދަނީ މާލީ ބަޔާން ދިރާސާ ކުރަމުން. ދިރާސާ ކުރުމަށްފަހު އާއްމުކޮށް ގާނޫނުގައި ބުނާ ގޮތަށް ބެލޭނެ އިންތިޒާމް ހަމަޖައްސާނަން" އަކްރަމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި ބެހޭ ގާނޫނުގައި ބުނަނީ ކޮންމެ ކެންޑިޑޭޓަކު އިންތިހާބަކު ކޮށްފައިވާ މުއާމަލާތްތައް ރަސްމީ އިންތިހާބީ އޮޑިޓަރު ލައްވާ އޮޑިޓް ކުރުމަށްފަހު އިންތިހާބު ބޭއްވި ތާރީހުން ފެށިގެން ގިނަވެގެން 60 ދުވަސް ތެރޭގައި އިލެކްޝަނަށް ހުށަހަޅަން ވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބު ބާއްވާފައި ވަނީ ސެޕްޓެމްބަރު 23 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން 60 ދުވަސް ހަމަވާނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހަށެވެ.

އިލެކްޝަނުން ބުނީ ގާނޫނުގައި ބުނާ ގޮތުގެ މަތިން އަދި މާލީ ބަޔާންތައް ދިރާސާ ކުރަމުން ދިޔަ ނަމަވެސް، ދައުލަތުގެ މުއައްސަސާއަކުން ބޭނުންވެއްޖެ ހާލަތެއްގައި މާލީ ބަޔާންތައް އެފަރާތްތަކަށް ފޯރުކޮސްދެވޭނެ ކަމަށެވެ.
ހިޔާލު