India Ge Raees Aai Boduvazeeru Anna Aharu Raajje ahVadaigannavanee
image
ރައީސް ސޯލިހު އިންޑިއާގެ ރައީސްއާ ސަލާމް ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

އިންޑިއާގެ ރައީސް އާއި ބޮޑުވަޒީރު އަންނަ އަހަރު ރާއްޖެ އަށް ވަޑައިގަންނަވަނީ

އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ އަހަރު ރާއްޖެ އަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ވެރިކަމާ ހަވާލުވުމަށް ފަހު ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިންޑިއާ އަށް ވަޑައިގެން އެ ގަމުގެ ރައީސް ކޯވިންދާއި، ބޮޑުވަޒީރު މޯދީ އާ ރައީސް ސޯލިހު މިއަދު ވަނީ ބައްދަލު ކުރައްވާފަ އެވެ. އަދި އިންޑިއާގެ ދެ ވެރިން ރާއްޖެ އަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވީ މިއަދު އިންޑިއާގެ ބޮޑުވަޒީރު މޯދީ އާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.

ބޮޑުވަޒީރު މޯދީގެ ރަސްމީ އޮފީސް، ހައިދަރުއާބާދު ހައުސްގައި ބޭއްވި މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ވެރިން ދެއްވި ގުޅިފައިވާ ސްޓޭޓްމަންޓެއްގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ އަށް ވަޑައިގެންނެވުމަށް ދެއްވި ދައުވަތު އިންޑިއާގެ ރައީސް އާއި ބޮޑުވަޒީރު ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ތާރީހެއް ހާމައެއް ނުކުރައްވަ އެވެ.

އިންޑިއާ އަށް ރައީސް ސޯލިހު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެގައުމުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސް ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބޮޑުވަޒީރު މޯދީ ބައިވެރިވެ ވަޑައިގެންނެވި އެވެ. އެއީ މޯދީ ރާއްޖެ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރާއްޖެ އަށް 1.4 ބިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ އެއް ދޭން ނިންމާފައިވާ ކަމަށް މިއަދު ދެ ވެރިންގެ މަޝްވަރާތަކަށް ފަހު ބޮޑުވަޒީރު މޯދީ ވަނީ ހާމަކުރައްވާފަ އެވެ. އޭގެ އިތުރުން މިއަދު ވަނީ ދެ ގައުމުން ހަތަރު އެއްބަސްވުމެއް އެކުލަވާލާފަ އެވެ.

އެ އެއްބަސްވުންތަކަކީ، ދިވެހިން އިންޑިއާ އަށް ދަތުރު ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބޭގޮތަށް އެކުލަވާލާފައިވާ ވިސާގެ އެއްބަސްވުމާއި، ސަގާފީ ގޮތުން ދެ ގައުމުގެ ގުޅުންތައް ބަދަހިކުރުމަށް ސޮއިކުރެވުނު ކަލްޗަރަލް ކޯޕަރޭޝަން އެއްބަސްވުމާއި، ދަނޑުވެރިކަމާ ގުޅުންހުރި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ސޮއިކުރެވުނު އެގްރިކަލްޗަރަލް ކޯޕަރޭޝަން އެއްބަސްވުމުގެ އިތުރުން ދެ ގައުމުން ޓެކްނޮލޮޖީގެ ގޮތުން ގުޅުންތައް ބަދަހިކުރުމަށް ސޮއި ކުރެވުނު އައިސީޓީ އެއްބަސްވުމެވެ.
ހިޔާލު