Firumaaladheyshey, Episode 70
image
ފިރުމާލަދޭށޭ--
ފުނަމާ
5 ކޮމެންޓް
 

ފިރުމާލަދޭށޭ..

70 ވަނަބައި
ގިޔާދާގެ ރުޅިގަނޑު މައިތިރިވީ އަތުޖެނުހައި އެއްޗެއް ގޭތެރެއަށް ފުނޑުކޮށްލިފަހުންނެވެ. ގެއަށް އައުން މަދުވެފައިވާ ނަވީންގެ އިންތިޒާރުގައި ގިޔާދާ އިންނަތާ ދެގަޑީރަށްވުރެން ގިނަވެއްޖެއެވެ.

***
އިޝާނަމާދުން ފޭއްބީއްސުރެން މާޔާ އުޅެނީ އަވަދިނެތިއެވެ. އޮފީހުން އައީއްސުރެން ބަދިގޭގައެވެ. އަވަސްއަރުވައިލައިގެން އުޅޭވަރުން އީތަން ޝަކުވާވެސް ކޮށްފިއެވެ. ޖަވާބު ވަރަށް ލޯތްބެވެ.

"މައިދައިތަ ކައިރިއަށް ދިޔައީމައި ބަދިގެއިން ބޭރުނުކުރާނެވަރަށް ކައްކަން ދަސްކުރަނީ.. މުރާލިވާންވެސް ދަސްކުރަންޖެހޭނެއްނުން" ހިނިއައިސްފައި މާޔާބުނެލައެވެ.

"މުރާލިކަން ތަޖުރިބާކޮށްފީމޭ! ކައްކާ އެއްޗެހި އެހައި މީރު.. ކޮންމެ އެއްޗެއް ތައްޔާރުކުރިޔަސް، އެހައި ފުރިހަމަ.. ކެއްކުމުގެ ރަހަތަކާއިމެދުގައި ޝައްކެއްވެސް ނުކުރަން.. ކުރިއަށް އޮތް ދިހަމިނެޓް ތެރޭގައި ކައްކާ ނުނިންމައިފިނަމަ، ހިފަހައްޓާފައި އައްސާނީ.. އެވަރު ނުކުރަނީސް، އަހަރެންގެ ހިއްސުތައް މައިތިރިކޮށްދޭން އާދެބަލަ.. ބަނޑުހައިވެގެންވެސް ބުނެފިން، މިރެއަކު ކާންދޭން އުޅޭހެންވެސް ހިއެއްނުވޭ.. އެކަމަކު ކައިވެންޏަކަށް ކައްކާވަރަށް ބަދިގެ ހަލަބޮލިކޮށްފީމެއްނުން.." އީތަންގެ ޝަކުވާތައް ގިނަވަނީއެވެ.

މާޔާގެ މަސައްކަތްތައް ނުނިންމައިގެން އީތަން ކުދިކިޔަނީއެވެ. މިސްކިތައްގޮސްފައި އެނބުރި އައިއިރުވެސް ސާފުކޮށް ނުނިމެއެވެ. ގޭތެރޭގެ ފާރުތައްވެސް، އިލޮށިފައްޗަކުން މާޔާ ފޮޅައިފިއެވެ.
ހަތްގަޑި ސާޅީސްފަހެއްވީއިރު މާޔާގެ މަސައްކަތްތައް ނިންމާލައިފިއެވެ. މަންމައަށް ކާންދިނުންވެސް މިރޭ ހަވާލުކުރީ ދްރޫހީއާއެވެ.

"ހާދަވަރެއް ތިކުރަނީ؟ ހާދަހައި ބައިވަރު ތައްޓެއް؟ ބަޔަކު އަންނަނީތަ މިރޭ؟" އީތަންގެ ސުވާލުތަކުގެ ރާގު ތަންކޮޅެއް ދިގެވެ.

"ހޫމް.. އަންނަނީ.. މިހާރު އޮންދަވޭ! ވަރަށް އަވަހަށް އެބައަންނަން" މާޔާ ދުވެފައި އެދިޔައީ ފެންވަރާލާށެވެ.

"ނޫން، ނޫން.. އަހަރެން ނޫން އެހެން މީހަކަށް ތިވަރުކޮށްދޭކަށް ނުވާނެނުން.. މިހިތަކަށް ކެތެއްނުވާނެ.. ޔޫއަރ އޮންލީ މައިން" ތުން ދަމާލާފައި އީތަން ބުނެލިއެވެ. ޖަވާބެއްވެސް ނުދީ މާޔާ ދިޔައީ ހެމުންނެވެ.

އީތަންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭގިފައެވެ. މާޔާގެ ހަރަކާތްތައްވަނީ އަވަސްކޮށްލާފައެވެ. ނިކަން ފުރިހަމައަށް ކާންހަދައިފިއެވެ. މޭޒުމަތީގައި އެތައް ވައްތަރެއް އެބަހުއްޓެވެ. އީތަންއަށް ނުވިސްނުނީ، މާޔާ ދައުވަތު ދީގެން އުޅެނީ ކޮންބަޔަކަށް ކަމެވެ. އަދި އެބައެއްގެ ވާހަކަ އީތަންއަށް ސިއްރުކުރަނީ، ނުވަތަ އެބައެއްގެ ވާހަކަ ނުބުނެއޮތީ ކީއްވެތޯ އީތަން ސުވާލު އުފައްދަނީއެވެ.

"މަންމާ! މިރޭ ކޮންބަޔަކު އަންނާތީތަ، މާޔާ އެވަރުކޮށްލައިގެން އެއުޅެނީ.. މުޅި ގެ ސާފުކޮށް، ތަރުތީބުކޮށް، ބަދިގެވެސް ބަލާލަބަލަ.. ! ބުނާނެ އެއްޗެއްވެސް މަށަކަށްނޭގެ.. މަންމަ ގާތުގައި ބުނިތަ؟" ވަރަށް ޝައުގުވެރިކަމާއެކު އީތަން ސުވާލުކޮށްލިއެވެ. ހަމައެވަގުތު އީތަންއަށް އިވުނީ މާޔާގެ ހިނިތުންވުމުގެ އަޑެވެ. ބޭރުން ދޮރު ހުޅުވިއެވެ. ކޮންމެވެސް ބަޔަކު އަތުވެއްޖެއެވެ.
އީތަންއަށް އެންމެ އުނދަގޫވީ ފިރިހެން އަޑެއް އިވުނީތީއެވެ. ހިތހަމަ ނުޖެހުނެވެ. މޯޅިވެފައިވާ މޫނަކާއިއެކު ހައްވާފުޅުގެ ކޮޓަރީން އީތަން ނިކުތެވެ. ކުރިމަތީން ފެނުނީ ގަބޫލުކުރެވޭ ވަރަށް ވުރެން ތަފާތު މަންޒަރެކެވެ.

***
ގޭގެ ކޮޓަރިތައް ޑިޒައިންކުރާ ބޭފުޅާއާއެކު އެލީއާއި ޔާދު ބައްދަލުކޮށް، ބޭނުންވާ ކަންކަން ބުނެފިއެވެ. ހުށަހެޅުނު ޝަރުތުތަކުގެ މައްޗަށް ބިނާކޮށްފައި ތިރީސްދުވަހުގެ ތެރޭގައި ކުރެހުން ހުށަހަޅާނެކަމަށް ޔަޒީދު ޔަގީންކަން ދީފިއެވެ.

"އަހަރެން ހީކުރިވަރަށް ވުރެންވެސް ތަނަވަސްކޮށް އެޕާޓްމެންޓްތައް އެމީހުން އެ ޑިޒައިންކޮށްލަނީ.. ވަރަށް ހިތްހަމަޖެހޭ.. އެންމެ ހިތްގައިމީ އާންޔާގެ ލައިބްރަރީ.. ވަރަށް ރީތި ދޯ، އެއް ފްލޯރްއިން އަނެއް ފްލޯރއަށް ސިޑިއަކުން ދެވޭގޮތަށް އެތަން ހެދީމައި ވަރަށް ތަފާތުވާނެ އިނގޭ" އެލީ އެންމެ ގަޔާވި ކަންކަން އޭނާ ފާހަގަކޮށް ޔާދުއާއި މަޝްވަރާކުރިއެވެ.

"އެއީ އީތަންގެ ޚިޔާލު! އީތަން ބޭނުންވީ އާންޔާއަށް ފުރިހަމަ އެޕާޓްމެންޓެއް ހަދަން.. ދެ ފްލޯރއެއްކޮށްލާފައި އެއޮތީ އެހެންވެ، އެއްބުރިން އަނެއްބުރިއަށް ދެވޭނީ އެތެރޭގައި އިންނަ ސިޑިއަކުން.. އެއީ އާންޔާއަށް ތައްޔާރުކުރާ ވަރަށް ޚާއްސަ، ވަރަށް ފުރިހަމަ ލައިބްރަރީއެއް،، އެދަރިފުޅު ކިތަންމެ ބޮޑިވިޔަސް، އިންޝާﷲ އެތަނާއިމެދުގައި ފޫހިކަމެއް ނުއުފެދޭނެހައި ފުރިހަމަކޮށް އެތަން ހަދަން މި ވިސްނަނީ" ހިތްހަމަޖެހިގެން އަނބިމީހާއާއި ވާހަކަދައްކާލުމަކީ ޔާދުއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ގޭގެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށްދެއެވެ. މަސައްކަތައް ދަތިނުވާނެގޮތަށް ހުރިހައި އެއްޗެއް ހޯދައި މަސައްކަތްތެރީނަން ފަސޭހަކޮށްދިނުމަށް، އީތަންވަނީ ވަކި ސްޕަވައިޒަރެއް ހޯދާފައެވެ.

***
މަންމައާއި ބައްޕަ، މާޔާގެ ގެއިން، އެވަގުތު ފެނިދާނެކަމަށް އީތަން ހަމައެއްގޮތަކަކަށްވެސް ހީނުކުރެއެވެ. މަންމަގެ ބުރަކަށީގައި ފިރުމާލަމުން ބައްޕަ ހިނިތުންވެލީ އީތަންއަށެވެ.

"މިގޭގައި..؟ މަންމައާއި ބައްޕަ؟" ގަބޫލުނުކުރެވޭ ގޮތަކަށް އީތަން ސުވާލުކޮށްލިއެވެ. މަންޒަރުބަލަން ހެވިފައި ހުރީ މާޔާއެވެ.
ކިތަންމެ ވަގުތުނެތި ފެންވަރާލައިގެން ނިކުތްކަމުގައިވިޔަސް، ގަދަ ނޫކުލައިގެ ޖީސްއަކާއި ކަޅު ޓޮޕްކޮޅެއްގައި މާޔާ ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. އިސްތަށިގަނޑު އޮމާންކޮށްލާފައި ބޮލުގައި ޖަހާލާފައިވާ ހުޅީގެ ސަބަބުން، މާޔާގެ ރީތި ކަޅިރަވަ މިރޭ މާ ފުރިހަމައެވެ. އީތަންއަށް މާޔާގެ މޫނުން ނަޒަރު ދުރުކޮށްނުލެވުނެވެ.

"ދަރިފުޅާ! ބައްޕަމެން އެބަތިބިން.." އިންމަ ބުނެލިއެވެ. އީތަން ރަކިވިއެވެ. މާޔާގެ އަތުގައި އޮތް މާ ބޮނޑިއާއި ޕާރުސަލްގެ ޚާއްޞަކަން އީތަންއަށް އިހުސާސްކުރެވެން ވަގުތުކޮޅެއް ނެގިއެވެ.
"ތިޔޯ؟ ކޮބައި އީތަންއަށް؟ އީތަން ސުވާލުކޮށްލިއެވެ.

ހިތުގައި ހިނގަމުންދިޔަ އޮއެވަރު މައިތިރިކުރަން އީތަންގެ ސިކުނޑިބޭނުންކުރިއެވެ. ހަގީގަތުގައިވެސް މާޔާގެ އަތުގައި ހުރި ހަދިޔާތައް އީތަންއަށް ފާހަގަކުރެވެން ވަގުތު ނަގައިފިއެވެ. އީތަންއަށް ހަދިޔާއެއް ނެތް ކަމަށް މާޔާ ބުނުމުން، އެންމެން އެކުގައި ހީނލިއަޑު ގޭތެރޭ އުފާވެރިކޮށްލިއެވެ. ދްރޫހީއާއެކު ހައްވާފުޅުވެސް ކޮޓަރިން ނިކުތެވެ. އީތަންއަށް ނޭގި މަންމައާއި ބައްޕަ އެގެއަށް އައުމުން އީތަން ޝަކުވާކުރިއެވެ. ކާގެއާއި އަރައި ހަމަނުވެވެނީސް ހައްވާފުޅުވެސް އެދެމަފިރީންނަށް މަރުހަބާކިޔައިފިއެވެ. އީތަންގެ ބައްޕައާއި ދިމާވި ފުރަތަމަ ފަހަރުކަމަށްވާތީ ހައްވާފުޅު އުފާކޮށް މަރުހަބާކިޔެވެ.

***
އެކިމީސްމީހުންގެ އަތުން ނެގި ފައިސާއިން ނަވީންގެ ހުވަފެން ހަގީގަތަކަށް ހަދައިފިއެވެ. ނިގަންބޯގައި ބޮޑު މޯލްއެއް ހުޅުވައިފިއެވެ. ތިންބުރީގެ ފިހާރައަކީ ކިތަން މީހުންއަތުން ނަވީން ނެގި ފައިސާކަމެއް ޚުދު އޭނާއަށްވެސް އެނގޭނީ އެހުރިހައި ތަފްސީލެއް ލިޔެކިޔުމަކުން ބެލެހެއްޓިނަމައެވެ. ގިޔާދާއަށްވެސް ޚަބަރެއް ކޮށްލުމެއްނެތި، މޯލް ހުޅުވުމުގެ ހުރިހައި ތައްޔާރިއެއް ވެ ނިންމައިފިއެވެ. މިއަދު ނަވީން ގެއަށް އެވަނީ ވަރަށް ހަމަޖެހިލައިގެންނެވެ. ތުބުންފުމެ، މިއުޒިކާއި އެއްވަރަށް އިނގިލީގައި ތަޅުދަނޑި އަނބުރަމުން އަނެއް އަތް ޖީންސްގެ ޖީބުގައި ފޮރުވާފައި އެއޮތީ ނިކަން ފޮނި ގޮތަކަށެވެ. ގޭޓުން ވަދެގެން ނަވީން އެއަންނަނީ ވަރަށް ފަޚްރުވެރިކަމާއެކުއެވެ. އޭނާ ގަބޫލުކުރަނީ މިއަދު އޭނާއަކީ ވަރަށް ފުދުންތެރި މުއްސަންޖެއްގެ ގޮތުގައެވެ. ނަވީންއަށް އުނދަގޫކަމެއްދިމާވީ، ބޭރު ބޮކި ނުދިއްލާ ހުރުމުންނެވެ. ނަމަވެސް ފޯނު ނުދިއްލާވެސް، ތަޅުހުޅުވާލެވޭހައި އަލިކަމެއް އެވަގުތު އެބަހުއްޓެވެ.

ދޮރުހުޅުވައިލުމާއެކު، ގޭތެރޭގައި ނަވީންގެ ހަރަކާތެއްގެ އަޑު ނޫނީ ނުއިވެއެވެ. ކުރިއަށްނެގި ފިޔަވަޅު ފަހަތައް އެޅުނީ، ގޭތެރޭގެ އަނދިރިކަމުގެ ސަބަބުން ބިރުވެރިކަން ހިތައް ވަނީތީއެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓައި ނަވީން ދިޔައީކުރިއަށެވެ. ފޯނު ދިއްލައިލުމުން މަންޒަރު ސާފުވެއެވެ. ހީވާހީވުމަށް، ނަވީންއަށް މިވަގުތު ރަގަޅީވެސް އެގޭތެރެއިން އެއްވެސް މީހެއްގެ އިޝާރާތެއް ނުވިއްޔާއެވެ. ނެގިފިޔަވަޅާއެކު، ކުއްލިޔަކަށް ބުރައިގެންދިޔައީ ފުނޑުފުނޑުވެފައިވާ ތަށިތަކުގެ އެތިކޮޅުތަކެވެ. ތަޅުންގަނޑަށް ބަލައިލެވުނީ، ދެވަނަ ފަހަރައްވެސް އެކަން ތަކުރާރުވީތީއެވެ. ނަވީންގެ ދެމުބަ ގޮއްޖަހައިލުމާއެކު ދަތްކުނޑިވިކައިލިއެވެ. ވަށައިގެން ބަލައިލިއެވެ. ގޭތެރޭގައި ހަނގުރާމައެއް ކޮށްފައިވާފަދައެވެ. ތެޅިފައިވާ ބިއްލޫރިތަކާއި މުށިތަކުގެމަތީން ހިނގާފައި ނަވީން ދިޔައީ ކޮޓަރިތަކާއި ދިމާއަށެވެ. ފުރަތަމަ ހުޅުވީ ސަވާނާގެ ކޮޓަރިއެވެ. އެތަނަށް މީހަކު ވަދެފައި ނެތްކަން އެނގެނީ އެނދުގައި އަޅާފައި އޮތް ބެޑްޝީޓަށް ރުލެއްވެސް އަރާފައި ނެތުމުންނެވެ. ސަވާނާ ނާންނަކަން ޔަގީންވީއެވެ. ލެއްޕި ދޮރުގެ އަޑު، އެގޭތެރޭގައި ނީވޭނެ ހިސާބެއް ނުވާނެއެވެ. އަމިއްލަ ކޮޓަރީގެ ތަޅުގައި ހިފާލާފައި ވިސްނާލަން ވަގުތުކޮޅެއް ނަވީން ބޭނުންވިއެވެ. އެތެރެއަށް ވަންނާނީތޯ ނުވަތަ ނޫންތޯ ނިންމަން ޖެހުނީއެވެ.

***
"މަންމަ އެންމެ އުފާވަނީ މާޔާގެ މާތް އަޚްލާގުގެ ސަބަބުން.. މާޝާﷲ ޔޫ އާރ ސޯ ބިއުޓިފުލް! ތިވަރުގެ ޕްރިންސެސް އެއް މި ދުނިޔެއިން ދެން ނުލިބޭނެ.." ރާނިޔާގެ ހިނިތުންވުން ވަރަށް އުޖާލާއެވެ. މާޔާގެ އިސްޖަހައިލުން އީތަންއަށް ވަރަށް ކަމުދިޔައެވެ. އާއިލީ ވާހަކައިގައި އެތައް ވަގުތެއް ފާއިތުވީއެވެ. ތަޢުރީފުގެ ސަބަބުން މާޔާގެ ކޯތާފަތް މަޑުފިޔާތޮށިކުލައަކުން ބަބުޅާލައެވެ.

"މާޔާ މަންމަގެ އޮޕަރޭޝަން ކުރުމަށް ހަދަންޖެހޭ ޓެސްޓްތައް ހަދަން ފުރަންވީ.. ވީ އެންމެ އަވަހަކަށް ޓިކެޓް ނަގަންވީ.. ފުރާނީ އެންމެން އެއްދުވަހަކު.. މަންމައާއި ބައްޕައާއި، މާޔާގެ މަންމަ ފުރާނީ ސިންގަޕޫރަށް.. އީތަންއާއި މާޔާ ފުރާނީ ޕެރިސްއަށް.. ދަތުރު އަވަސްކޮށް، ލަސްކުރުމުގެ ހުރިހައި އިޚްތިޔާރެއް އޮތީ ބައްޕަގެ އަންހެން ދަރިފުޅުގެ އަތްމަތީގައި" އިންމަގެ ނިންމުމުގެ ސަބަބުން ހިނިތުންވުން ފެނުނީ ރާނިޔާގެ މޫނުމަތީންނެވެ. ދެންފެނުނީ ހައިރާންކަމާއި ސުވާލުތަކުން ފުރިފައިފި، މޫނުތަކެވެ.

***
ކޮޓަރީގެ ދޮރުހުޅުވާލާފައި ނަވީން އަލިކޮށްލިއެވެ. އެތަނުގެތެރެއިން ދުވާ ވަސް، ނަވީންއަށް ކަމަކު ނުދިޔައެވެ. އަނދިރިކަމުގެ ތެރެއިން އަލިކުރަމުން ދިޔައީ ދޮރުމަތީގައި ހުރެގެންނެވެ. ވަށައިގެން އަލިކުރަމުންގޮސް، އެއްދިމައަކަށް ދެވަނަ ފަހަރަށް އަމާޒުކޮށްލެވުނެވެ. ކޮޓަރީގައި އެއްކަނެއްގައި ބިއްޖެހިފައި އިން ގިޔާދާ ފެނުމުން ނަވީންގެ ފޫހިކަން އިތުރުވިއެވެ. ނަފުރަތާއި ނުރުހުމުގެ ބެލުންތަކުން ގިޔާދާއާއިދިމާއަށް ނަވީން ބަލަމުންދިޔައެވެ. ތޫފާނެއް އައިސްފައި އޮތްތަނެކޭ ކޮޓަރިއެކޭ ތަފާތެއް ނެތެވެ. ތަރުތީބުން އެތަނުގައި އޮތްއެއްޗަކީ ހަމައެކަނި ގޮދަޑިއޭ ބުނެވިދާނެއެވެ. ލަފާކުރެވެނީ ގޮދަޑި ބަރުކަމުން ގިޔާދާއަށް ފަސޭހައިން ހޫރުވައި ނުލެވުނީކަމަށެވެ. ގުޅަވެގެން ކަކުލުގައި ދެއަތުން ބައްދައިގެން އިންއިރު، އިސްތަށިގަނޑު އޮތީ ހޭވި، ގޮއްޖެހިފައެވެ.

"ކޮންފަދަކަމެއް މިއީ؟" ހަރުކަށި އަޑަކުން ނަވީން ސުވާލުކޮށްލިއެވެ.

އަޑުއިވޭކަމަށްވެސް ގިޔާދާ ނުހެދިއެވެ. ކޮޓަރީގެ އެކިދިމަދިމާއަށް ނަވީން އަދިވެސް ބަލަނީއެވެ. ގިޔާދާގެ ކުރިމައްޗަށް ހުއްޓުނުއިރު ނަވީންގެ ދެޖީބަށް އަތްޖަހައިލައިފިއެވެ. އެއްޗެކޭބުނަން އުޅޭހެންވެސް ހީވިއެވެ. ނަމަވެސް ދެންފެނުނީ ރަހުމެއްނެތް އަމަލެކެވެ. ހިއްލައިލި ފައިން ނަވީން އެ ކޮށްޓާލީ ގިޔާދާގެ ގައިގައެވެ. އަނގަޔަކުން ނުބުނެއެވެ. ދެވަނަ ފަހަރަށް ތަންކޮޅެއް ބާރަށް ފައިން އަޅާއި ކޮށްޕާލިއެވެ. އެވަރުންވެސް ގިޔާދާ ގުޑުވާނުލިއެވެ.

ބޯޅައެއްގައި ފައިންޖަހައި ފަދައިން ގިޔާދާގެ ގައިގައި ނަވީން ފައިންޖެހިއެވެ. ބާރަށެވެ. ވަރަށް ބާރަށެވެ. އިވުނު ރުއިމުގެ އަޑަކީ ހިތެއްގައި ރަހުމެއްހުރި ކޮންމެ އިންސާނަކަށް އަސަރުކުރާނެ ހިތްދަތި ރުއިމެކެވެ. އެތައް އިރަކު ހިފަހައްޓައިގެން އިން ރުއިމުގެ އަޑު ފަޅައިގެން ދިޔައެވެ. ނަމަވެސް ނަވީންގެ ހިތައް ރަޙުމަތް ނުވަނެވެ. ދެދުވަސްވަންދެން ފެންނުވަރާ އިނުމުން ގިޔާދާގެ ގައިން ނުބައި ވަސްވެސް ދުވައެވެ. ނުކައި ނުބޮއެ އިނުމުން ހަށިގަނޑުވަނީ ލޮޑުވެފައެވެ. ރޮއެރޮއެ ދެލޯވަނީ ދުޅަވެފައެވެ. ގިޔާދާގެ ސިފަގެއްލި، ފެންނުވަރާ މަގުމަތީގައި ސަލާމްޖަހަންއުޅޭ މީހެކޭ އެއްފަދަކުރެވިދާނެއެވެ.

"ތިއީ ކަލޭގެ އަސްލަކީ! އަހަންނަށް ކަލޭދެކެ ލޯބިނުވެވުނު ސަބަބަކީވެސް ތިއީ.." ހިތްދަތިވެ، ދުނިޔެމަތީން ފޫހިވެފައިވާ އިންސާނަކާއި މުޚާޠަބުކޮށްގެން ނުވާނެ މޭރުމަކުން ނަވީން ގިޔާދާއާއި މުޚާޠަބުކުރިއެވެ. ހިތާމައިގެ މައްޗަށް އިންތިހާ ވޭނެވެ. ފައިންޖެހުމާއެކު ގިޔާދާ ވިއްސައިގެން ދިޔަގޮތަށް، ތެދުވާނެ ހިތްވަރެއް ނުލިބުނެވެ. ތަޅުންމަތީ އޮތީ އޮހޮރެމުންދިޔަ ކަރުނައިގެ ތެރޭގައެވެ. އަތެއް ފަޔެއްވެސް ގިޔާދާ ގުޑުވާނުލައެވެ. ނަވީންއަށް ކުރެވުނު އަނިޔާއެއް ކުރިއެވެ. ތެޅިފައިވާ އެތިކޮޅުތައް ގިޔާދާގެ ހަށިގަނޑު ޒަޚަމުކުރަމުންދިޔަކަން ނަވީންއަށް ނޭގޭކަމަށްވަންޏާއި އެއީ ހޭބުއްދިނުވާ އިންސާނަކީއެވެ. އަޑުއަހާނެ ކަންފަތެއްނެތި، ފެންނާނެ ލޮލެއްނެތި، އަނބިމީހާއަށް ނަވީން އަނިޔާކުރަނީއެވެ. ބަސްމޮށޭނެ އާރެއްބާރެއްނެތް ނިކަމެތި އަންހެނަކު އެހީއަތްއެދި އަތްދިއްކޮލުމަށް ނުކުޅެދިފައިވިޔަސް، ކަރުނައިން ދެލޯ ފުރި އެސްފިޔަތައް ތެމެމުންދިޔައެވެ. ހިމޭންކަމުގެ ކަރުނައިގެ އަޑު އިންސާނެއްގެ ކަންފަތާއި ހަމައަށް ވާސިލްނުވިޔަސް، ވިންދެއް ހުރި ކޮންމެ ހިތަކަށް އެހިތާމައިގެ އަޑު އިވޭނެއެވެ.


--ނުނިމޭ--
ހިޔާލު

ވާހަަކަ

މިވާހަކަ ލިޔުން ހުއްޓާލީތަ. މިވާހަކައަށް ވާގޮތެއް އަންގާލަދީބަަލަ މިނޫހުން

ސަމީ

ހާދަ ލަހުންނޭ ވާހަކަ އަޕްވަނީ

ބަކަޅޭ

ވަރަށް ފޫހިވޭ ވާހަކަ އަޕްވަނީ ފިނިހަކަ ސްޕީޑްގަ..............................ދިސް އިޒް ޓޫމަޗް އިޒަންޓް؟

ދިޔެ

ނަވީންމީ ކޮންކަހަލަ މީހެއްތަ؟؟ މީނަ ސައިޒް ކުރަންއެބަޖެހޭ ފުނަމާ..

ޞާދިގާ

މިބައިވެސް ވަރަށް ރީތި. އެކަމަކު ހާދަލަހުންނޭ ވާހަކަ ގެނެސްދެވެނީ. އެއީ އެންމެ ފޫހިވާކަމަކީ. ވަރަށްރީތި މިބައިވެސް