Jaluthakuge Audit Commissionge Masahkaithah Avahah Niman Edhihje
image
ޝެއިހް އިމްރާން، ޖަލުތަކުގެ އޮޑިޓް ކޮމިޝަނުގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: ހޯމް މިނިސްޓްރީ
0 ކޮމެންޓް
 

ޖަލުތަކުގެ އޮޑިޓް ކޮމިޝަނުގެ މަސައްކަތްތައް އަވަހަށް ނިންމަން ހޯމް މިިނިސްޓަރު އެދިއްޖެ

ޖަލުތަކުގެ ހާލަތު ދެނެގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ، ޖަލުތަކުގެ އޮޑިޓް ހެދުމާއިގުޅޭ ކޮމިޝަނުގެ މަސައްކަތްތައް އަވަހަށް ނިންމެވުމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ މިއަދު އެދިވަޑައިގެންފި އެވެ.
ހޯމް މިނިސްޓަރު އެކަމަށް އެދިވަޑައިގެންނެވީ އެ ކޮމިޝަނުގެ މެމްބަރުންނާ ބައްދަލު ކުރައްވަ އެވެ. އެ ބައްދަލުވުމުގައި ޝެއިހް އިމްރާން ވިދާޅުވީ، އެ ކޮމިޝަނުގެ މަސައްކަތަކީ މުޅި މުޖުތަމައުގެ މަސްލަހަތާ ގުޅުންހުރި ކަމެއް ކަމަށެވެ.

އެހެންކަމުން އެ މަސައްކަތް ވަރަށްބޮޑަށް ފަރުވާތެރި ކަމާއެކު އަވަހަށް ނިންމަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ކޮމިޝަނުގައި ހިމެނެނީ، ފަންނީ ގޮތުން ގާބިލު، ތަޖުރިބާކާރު ބޭފުޅުން ކަމަށާއި އެ ބޭފުޅުންނާ މެދު ފުރިހަމަ އިތުބާރާއި ޔަގީންކަން އޮތް ކަމަށް ސެއިހް އިމްރާން ވިދާޅުވި އެވެ.

ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ އޯޑިޓް ހެދުމުގެ މައިގަނޑު ބޭނުމަކީ، ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި އިސްލާހު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުމެވެ. އަދި އެ ރިޕޯޓަށް ރިއާޔަތްކޮށް ޖަލުތަކުގެ ކަންކަން އިސްލާހުކޮށް ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމާއި، ގައިދީންގެ އިންސާނީ ހައްގުތައް ލިބިދެވޭކަން ކަށަވަރު ކޮށްދިނުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އެކުލަވާލި އެ ކޮމިޝަނުގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ. އެ މެމްބަރުންނަކީ؛ ޝައިހް އަހްމަދު އަބްދުލް ކަރީމް (ކޮމިޝަނުގެ ރައީސް) އާއި ޑރ. ޢަބްދުﷲ އިސްނީން ހިލްމީ އާއި ޝަހިންދާ އިސްމާއިލް އާއި އަހްމަދު މުހައްމަދުފުޅުގެ އިތުރުން އަލްއުސްތާޒާ ޒުލައިހާ ދާއޫދު އަދި އަލްއުސްތާޒާ ޝާދިޔާ އާދަމް އާއި އައިމިނަތު ނާހީން އަހްމަދެވެ.
ހިޔާލު