China ge dharani India ge ehee beynunkohgen nudhahkaanan: Raees
image
ރައީސް ސޯލިހު އިންޑިއާގެ ރައީސް އަދި ބޮޑުވަޒީރާ އެކު.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ޗައިނާގެ ދަރަނި، އިންޑިއާގެ އެހީ ބޭނުންކޮށްގެން ނުދައްކާނަން: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާ އިން ނަގާފައިވާ ލޯނުތައް ދެއްކުމަށް، އިންޑިއާ އިން ރާއްޖެ އަށް ދިން 1.4 ބިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ބޭނުން ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 16-18 އަށް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު، ރައީސް ކަމަށް ހަވާލުވުމަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާ އަށް ބައްދަލުކޮށް ރައީސް ވިދާޅުވީ ޗައިނާ އިން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް އިންޑިއާ އިން ދީފައިވާ ކްރެޑިޓް ފެސިލިޓީގެ އިންޓަރެސްޓް ރޭޓް ވަރަށް ކުޑަ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ޗައިނާ ސަރުކާރާއެކީގަ ވާހަކަ ދައްކަމުން އެބަދަން، އެ ބޭފުޅުން ތިބީ މިހާރު ވެސް ދޫކޮށްފައިވާ ލޯނުތަކާއި އެމްއޯޔޫތަކާ ގުޅިގެން އެކީގައި މަސައްކަތްކޮށް އެއަށް ރަނގަޅު ގޮތް ހޯދައިދިނުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ޕްރޮޖެކްޓްތައް ހިންގުމަށް ޗައިނާ އިން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް 5-8 ޕަސެންޓާ ދެމެދުގެ ހުރި ކަން ރައީސް ފާހަގަ ކުރެއްވި އެވެ. ނަމަވެސް އިންޑިއާގެ ކްރެޑިޓް ފެސިލިޓީގެ އިންޓަރެސްޓް އުޅެނީ 1.5 ޕަސެންޓްގައި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭން ޗައިނާ އަށް ދަރާފައިވަނީ 1.2 ބިލިޔަން ޑޮލަރު ކަމަށް މިހާތަނަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގެ އެވެ.

އިންޑިއާ އިން ރާއްޖެ އަށް ދިން 1.4 ބިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ 200 މިލިޔަން ޑޮލަރަކީ ބަޖެޓް ސަޕޯޓަށް ދޭން ނިންމި ފައިސާ އެވެ. އޭގެ ތެރޭގައި 50 މިލިޔަން ޑޮލަރުގެ ހިލޭ އެހީ ހިމެނެ އެވެ. އަދި ބާކީ 150 މިލިޔަން ޑޮލަރަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ރާއްޖޭގެ ޓީބިލާއި ބޮންޑަށް އިންޑިއާ ސަރުކާރުން އިންވެސްޓް ކުރަން ނިންމި އަދަދެކެވެ. އެއީ ދެ އަހަރުން އަނބުރާ ދައްކާ ގޮތަށް 1.5 ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގަ އެވެ.

މިހާރު ވެސް ސާކް ގައުމުތަކުގެ މެދުގައި 200 މިލިޔަން ޑޮލަރުގެ ކްރެޑިޓް ސްވޮޕް ހެދުމުގެ އެއްބަސްވުމެއް އޮންނަ އިރު، އިންޑިއާގެ ރިޒާވް ބޭންކުން ވަނީ ރާއްޖެ އަށް ކްރެޑިޓް ސްވޮޕް ހެދޭ މިންވަރު ދެ ގުނަ އިތުރުކޮށްދީފަ އެވެ. އެހެންކަމުން މިހާރު ރާއްޖޭން އިންޑިއާ އާ އެކު 400 މިލިޔަން ޑޮލަރުގެ ކްރެޑިޓް ސްވޮޕް ހެދޭނެ އެވެ.

ކްރެޑިޓް ސްވޮޕަކީ ފޮރިން ރިޒާވް ދައްވުމުން، އެ ގައުމެއްގެ ފައިސާ އަނެއް ގައުމަކަށް ދިނުމަށް ފަހު ފޮރިން ރިޒާވަށް ފައިސާ އިތުރު ކުރުމެވެ. މިސާލަކަށް ރާއްޖޭގެ ޑޮލަރުގެ ރިޒާވް ދައްވުމުން، ދިވެހި ފައިސާ އިންޑިއާގައި ބެހެއްޓުމަށް ފަހު އެ ފައިސާ އާ އެއްވަރެއްގެ ޑޮލަރު އިންޑިއާ އިން ރާއްޖެ އަށް ދިނުމެވެ.

ކްރެޑިޓް ފެސިލިޓީގެ ބާކީ 800 މިލިޔަން ޑޮލަރަކީ ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކަށް، އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރާ ފައިސާ އެވެ. ޕްރޮޖެކްޓްތަކުގެ ޕްރޮޕޯސަލް ހުށަހެޅުމުން، ކޮންމެ ޕްރޮޖެކްޓަކަށް ވެސް ލޯނު ދޫކުރާނީ ވަކިންނެވެ. އެގޮތަށް ނަގާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ ވެސް 1.5 ޕަސެންޓެވެ.

ރާއްޖޭ އަށް މިހާތަނަށް ގައުމަކުން އެއްފަހަރާ ހުޅުވާލި އެންމެ ބޮޑު ކްރެޑިޓް ފެސިލިޓީގެ އިންޓަރެސްޓް ރޭޓަކީ ވެސް މިހާތަނަށް ރާއްޖެ އަށް ލިބުނު ފާހަގަ ކޮށްލެވޭ ފަދަ އިންޓަރެސްޓް ރޭޓެކެވެ.
ހިޔާލު