ސިމެންތި ބަސްތާއެއް ވެއްޓި ބިދޭސީ ކުޑަ ކުއްޖަކު ނިޔާވި ހާދިސާ ހިނގި ކޮންސްޓްރަކްޝަން ސައިޓް އަކީ ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުންދިޔަ ސައިޓެއް ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ސިމެންތި ބަސްތާއެއް ވެއްޓި ބިދޭސީ ކުޑަ ކުއްޖަކު ނިޔާވި ހާދިސާ ހިނގި ކޮންސްޓްރަކްޝަން ސައިޓް އަކީ ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުންދިޔަ ސައިޓެއް ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުހައްމަދު އަސްލަމް ވިދާޅުވި ކަމަށް، ވަގުތު.އެމްވީ އަދި މިއަދު.އެމްވީ ގައި މިިދިޔަ ބުރާސްފަތި ދުވަހު ޝާއިއު ކުރި ހަބަރަކީ ހަގީގަތާ ހިލާފު، ދޮގު ހަބަރެއް ކަމަށް އެމިނިސްޓްރީން ވަނީ ބުނެފި އެވެ.
އެ ހަބަރާއި ގުޅިގެން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް، އަދި މިނިސްޓްރީގެ އެހެން އޮފިޝަލަކު ވެސް އެފަދަ ސްޓޭޓްމެންޓެއް ދެއްވާފައެއް ނުވާ ކަމަށެވެ.
"ދޮގު ހަބަރު ފަތުރާއި ރައްޔިތުންނަށް ހަގީގަތް އޮޅޭފަދަ މައުލޫމާތު ގެނެސްދިނުމަކީ ތަހުޒީބު އަމަލެއް ނޫނެވެ. އަދި ނޫސްވެރިކަމުގެ މިންގަނޑުތަކާއި އުސޫލްތަކާ ވެސް ކަނޑައެޅިގެން ހިލާފު އަމަލެކެވެ. އެފަދަ ހަބަރެއް ވަގުތު.އެމްވީ އާއި މިއަދު.އެމްވީގައި ޝާއިއުކުރެއްވުމަކީ މި މިނިސްޓްރީން ނުހަނު ހިތާމަކުރާ ކަމެކެވެ." މިނިސްޓްރީން ނެރުނު އިއުލާނުގައި ވެއެވެ.
އެ މިނިސްޓްރީން ބުނީ ކޮންސްޓްރަކްޝަން ސައިޓުތަކަކީ، މަގުމަތި ބޭނުންކުރާ ފަރާތްތަކަށާއި އެ ސައިޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ސަލާމަތްތެރި އަދި ރައްކާތެރި ތަންތަނަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން ކުރަމުން އަންނަ ކަމަށެވެ.
މީގެއިތުރުން މިނިސްޓްރީން ބުނީ، އެ މިނިސްޓްރީއަކީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ހިނގަމުންދާ މިނިސްޓްރީއެއް ކަމަށެވެ. އެހެންކަމުން، އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވު ވީޑިއޯ މިނިސްޓްރީގެ ފޭސްބުކް ޕޭޖުގައި ޝާއިއުކުރެވިފައި ވާނެ ކަމަށެވެ.