Bhansali Aaeku Masaikaiy Kuran Libumakee Huvafeneh Haqeeqathakah vun: Sara
image
ސަންޖޭ ލީލާ ބަންސާލީ އާއި ސާރާ އަލީ ހާން--
0 ކޮމެންޓް
 

ބަންސާލީއާއެކު މަސައްކަތް ކުރުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން: ސާރާ

ބޮލީވުޑުގެ ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާއެކު މަސައްކަތް ކުރަން ލިބިއްޖެ ނަމަ އެފުރުސަތު ގަބޫލުކުރާނެ ކަމަށާއި އެއީ ހުވަފެނެއް ހަގީގަތަށް ވުން ކަމަށް މިމަހުގެ ކުރީކޮޅު ބޮލީވުޑަށް ތައާރަފުވި ސާރާ އަލީ ހާން ބުނެފި އެވެ.
އަބީޝޭކް ކަޕޫރު ޑައިރެކްޓުކޮށް ނެރުނު ފިލްމު "ކެދާނަތު" އިން ސާރާ ބޮލީވުޑަށް ތައާރަފުވިއިރު އެފިލްމުގައި ސާރާ ދައްކުވައިދީފައިވާ ކުޅަދާނަ އެކްޓިން ގިނަ ބަޔަކަށް ކަމުގޮސްފައިވެއެވެ. އަދި އޭނާގެ ދެވަނަ މަސައްކަތް، "ސިމްބާ" މިމަހުގެ ފަހުކޮޅު ނެރޭއިރު މިހާރު ސާރާ އުޅެމުން އަންނަނީ ފިލްމުގެ ޕްރޮމޯޝަނުގައި އަވަދި ނެތިއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސާރާ ބުނީ، ބަންސާލީއާއެކު ތާރީހީ ޑްރާމާއެއް ކުޅެން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ތާރީހަށް ލޯބިކުރާ ސާރާ ބުނީ، އިންޑިއާއަކީ ވަރުގަދަ ތާރީހެއް އޮންނަ ގައުމެއް ކަމަށެވެ. އަދި ތާރީހީ ހާދިސާތަކަށް ހަދާ ފިލްމުތަކުގައި މަސައްކަތް ކުރަން ޝައުގުވެރިކަން ހުންނަ ކަމަށެވެ.

ބަންސާލީއަކީ މިވަގުތު ބޮލީވުޑުގައި ހުރި އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރެވެ. އޭނާއާއެކު މަސައްކަތް ކުރަން ގިނަ ތަރިންތަކެއް ބޭނުންވެއެވެ. ބަންސާލީ އެންމެ ބޮޑަށް ހާއްސައީ ތާރީހީ ބޮޑެތި ހާދިސާތަކުގެ މައްޗަށް ފިލްމު އުފެއްދުމަށެވެ. އެގޮތުން އޭނާ ވަނީ "ބާޖިރާއޯ މަސްތާނީ" އާއި "ޕަދްމާވަތު" ފަދަ ފިލްމުތައް ޑައިރެކްޓުކޮށް އިންޑިއާގެ ފިލްމީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްފައެވެ.

ނިއުޔޯކުގައި ހުންނަ ކޮލަމްބިއާ ޔުނިވާސިޓީން ޕޮލިޓިކަލް ސައިންސް އިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ސާރާގެ އެންމެ ފިލްމެއް މިހާތަނަށް ނެރެފައި ވީނަމަވެސް އެންމެ ފިލްމަކުން އޭނާ ވަނީ ގިނަ ބައެއްގެ ލޯބި ހޯދާފައެވެ. އަދި ސާރާގެ ކުޅަދާނަ އެކްޓިން ފެނި ފިލްމީ ދާއިރާއިން ވެސް އޭނާ ހުށަހެޅުންތައް ދަނީ ލިބެމުންނެވެ.
ހިޔާލު