Trump ge ''bodu faaru'' mahsalaagai America sarukaaru huttumakah
image
އެމެރިކާ ސަރުކާރުގެ މުހިންމު ގިނަ އިދާރާތައް ވަނީ ހުއްޓުމަކަށް އައިސްފަ.-- ފޮޓޯ: އޭއެފްޕީ
0 ކޮމެންޓް
 

ޓްރަމްޕްގެ "ބޮޑު ފާރު" މައްސަލާގައި އެމެރިކާ ސަރުކާރު ހުއްޓުމަކަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ވައުދެއް ކަމަށްވާ އެމެރިކާ-މެކްސިކޯ ބޯޑަރުގެ "ބޮޑު ފާރު"ގެ މައްސަލާގައި އެ ގައުމުގެ ބަޖެޓް ފާސްނުވެގެން، ގިނަ އިދާރާތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ސަރުކާރު ހުއްޓުމަކަށް އައީ ބަޖެޓުގައި ބޮޑު ފާރަށް ބޭނުންވާ ފަސް ބިލިޔަން ޑޮލަރު ހިމެނުމަށް ސެނެޓުގެ ގިނަ މެމްބަރުން ދެކޮޅު ހެދުމުންނެވެ. ނަމަވެސް އެ ފާރުގެ މަސައްކަތަށް ބޭނުންވާ ފަސް ބިލިޔަން ޑޮލަރު ބަޖެޓުން އުނިކުރުމަށް ރައީސް ޓްރަމްޕް އަދިވެސް ބޭނުންފުޅެއް ނުވެ އެވެ.

ސެނެޓުގައި އެއްބަސްވުމަކަށް ނާދެވުމުން، ބަޖެޓު ނެތުމުން ގިނަ އިދާރާތައް ހުއްޓުމަކަށް އައީ ޖީއެމްޓީ ގަޑިން މިއަދު 5:00ގަ އެވެ. މިއީ މިހާތަނަށް މި އަހަރު އެމެރިކާ ސަރުކާރު ހުއްޓުމަކަށް އައި ތިން ވަނަ ފަހަރެވެ. ނަމަވެސް، މީގެ ކުރީގެ ދެ ފަހަރު ވެސް ހުއްޓުމަކަށް އައީ ކުޑަ ވަގުތު ކޮޅަކަށެވެ.

މިއަދު ހުއްޓުމަކަށް އައިސްފައިވާ އިދާރާތަކުގެ ތެރޭގައި ސްޓޭޓް އާއި ހޯމްލޭންޑް ސެކިއުރިޓީ، ޓްރާންސްޕޮޓޭޝަން އަދި އެގްރިކަލްޗާ އާއި ޖުޑިޝަރީ ހިމެނެ އެވެ. ބޮޑެތި ގިނަ އިދާރާތައް ހުއްޓުމަކަށް އައުމުން އެތައް ހާސް މުވައްޒަފުންނެއް މަސައްކަތް ކުރަން ޖެހޭނީ، ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮންނަ ވަގުތަށް މުސާރަ ނުލިބޭ ގޮތަށެވެ. ނުވަތަ މުވައްޒަފުން ތިބެންޖެހޭނީ ޓެމްޕަރަރީ ލީވެއްގަ އެވެ.

އެމެރިކާގެ ސިޔާސީ މަޝްރަހު ދިރާސާކުރާ ބޭފުޅުންނާ ހަވާލާދީ ބައެއް މީޑިއާ ތަކުން ވަނީ ތިން ވަނަ ފަހަރަށް ސަރުކާރު ހުއްޓުމަކަށް އާ އިރު، މިފަހަރު މި މައްސަލަ އަށް ހައްލު ނުލިބި ދިގުލައިގެން ހިނގާދާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މިކަމަށް ހައްލެއް ހޯދުމަށް އެމެރިކާގެ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ބައްދަލުވުމެއް މިހާރު ވެސް ކުރިއަށް އެބަދެ އެވެ.
ހިޔާލު