America budget mahsala hahlu nuve dhigulanee
image
ދެން ސެނެޓުގެ ޖަލްސާ އެއް އޮންނާނީ އަންގާރަ ދުވަހު.-- ފޮޓޯ: ފޮކްސް 59
0 ކޮމެންޓް
 

އެމެރިކާ ބަޖެޓް މައްސަލަ ހައްލު ނުވެ ދިގުލަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ވައުދެއް ކަމަށްވާ އެމެރިކާ-މެކްސިކޯ ބޯޑަރުގެ "ބޮޑު ފާރު"ގެ މައްސަލާގައި އެ ގައުމުގެ ބަޖެޓް ފާސްނުވެގެން ގިނަ އިދާރާތައް ހުއްޓުމަކަށް އައިސްފައިވާ މައްސަލާގައި އެއްބަސްވުމަކަށް ނާދެވި، އިއްޔެ ބޭއްވި ސެނެޓުގެ ޚާއްސަ ޖަލްސާ ވެސް ނިންމާލައިފި އެވެ.
ސަރުކާރު ހުއްޓުމަކަށް އައީ ބަޖެޓުގައި ބޮޑު ފާރަށް ބޭނުންވާ ފަސް ބިލިޔަން ޑޮލަރު ހިމެނުމަށް ސެނެޓުގެ ގިނަ މެމްބަރުން ދެކޮޅު ހެދުމުންނެވެ. ނަމަވެސް އެ ފާރުގެ މަސައްކަތަށް ބޭނުންވާ ފަސް ބިލިޔަން ޑޮލަރު ބަޖެޓުން އުނިކުރުމަށް ރައީސް ޓްރަމްޕް ބޭނުންފުޅެއް ނުވެ އެވެ.

ސެނެޓުގައި އެއްބަސްވުމަކަށް ނާދެވުމުން، ބަޖެޓު ނެތުމުން ގިނަ އިދާރާތައް ހުއްޓުމަކަށް އައީ ޖީއެމްޓީ ގަޑިން އިއްޔެ 5:00ގަ އެވެ. އެއާ އެކު އިއްޔެ ވަނީ ސެނެޓުގެ އިތުރުން ހައުސް އޮފް ކޮމަންސްގެ ޖަލްސާ އެއް ބޭއްވި އެވެ. ނަމަވެސް އެއްވެސް ކޮޅަކުން ދޫ ނުދިނުމުން އެ ޖަލްސާތަކުން ނަތީޖާ އެއް ނުނެރެވި ނިންމާލީ އެވެ.

އީ މިހާތަނަށް މި އަހަރު އެމެރިކާ ސަރުކާރު ހުއްޓުމަކަށް އައި ތިން ވަނަ ފަހަރެވެ. ނަމަވެސް، މީގެ ކުރީގެ ދެ ފަހަރު ވެސް ހުއްޓުމަކަށް އައީ ކުޑަ ވަގުތު ކޮޅަކަށެވެ.

އެމެރިކާގެ ސިޔާސީ މަޝްރަހު ދިރާސާކުރާ ބޭފުޅުންނާ ހަވާލާދީ ބައެއް މީޑިއާ ތަކުން މީގެ ކުރިން ވެސް ވަނީ މި ފަހަރު އެއްބަސްވުމަކަށް ނާދެވި މި މައްސަލަ ދިގުލައިގެން ދާނެކަމަށް ލަފާކޮށްފަ އެވެ.

އިއްޔެ ބޭއްވި ސެނެޓުގެ ބައްދަލުވުމުގައި ނަތީޖާއެއް ނުނެރެވުނު އިރު، ދެން ބައްދަލުވުމެއް ބާއްވާނީ އަންގާރަ ދުވަހު އެވެ. އެހެންކަމުން އަންގާރަ ދުވަހާ ހަމައަށް ސަރުކާރުގެ ގިނަ އިދާރާތަކުގެ މަސައްކަތްތައް އޮންނާނީ ހުއްޓިފަ އެވެ. އަދި އެ ދުވަހުގެ ޖަލްސާއެއްގައި އެއްބަސްވުމަކަށް ނާދެވި، އިތުރަށް މި މައްސަލަ ދިގުދެމިގެން ދިއުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

ހުއްޓުމަކަށް އައިސްފައިވާ އިދާރާތަކުގެ ތެރޭގައި ސްޓޭޓް އާއި ހޯމްލޭންޑް ސެކިއުރިޓީ، ޓްރާންސްޕޮޓޭޝަން އަދި އެގްރިކަލްޗާ އާއި ޖުޑިޝަރީ ހިމެނެ އެވެ. ބޮޑެތި ގިނަ އިދާރާތައް ހުއްޓުމަކަށް އައުމުން އެތައް ހާސް މުވައްޒަފުންނެއް މަސައްކަތް ކުރަން ޖެހޭނީ، ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮންނަ ވަގުތަށް މުސާރަ ނުލިބޭ ގޮތަށެވެ. ނުވަތަ މުވައްޒަފުން ތިބެންޖެހޭނީ ޓެމްޕަރަރީ ލީވެއްގަ އެވެ.
ހިޔާލު