Afghanistan ge riyaasee inthihaabu laskuranee
image
އަފްގާނިސްތާނުގައި އޮކްޓޫބަރު މަހު ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގެ ތެރެއިން.-- ފޮޓޯ: ރޮއިޓާސް
0 ކޮމެންޓް
 

އަފްގާނިސްތާނުގެ ރިޔާސީ އިންތިހާބު ލަސްކުރަނީ

ދާހިލީ ހަމަނުޖެހުންތައް ބޮޑު، އަފްގާނިސްތާނުގެ ރިޔާސީ އިންތިހާބު ލަސްކުރަން އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށް ބުނެފި އެވެ.
އަފްގާނިސްތާނުގެ އިލެކްޝަންސް ކިމިޝަނުން ބުނީ، އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމި ރިޔާސީ އިންތިހާބު ބޭއްވުން ތިން ވަރަކަށް މަސް ފަސް ކޮށްފައިވާ ކަމަށެވެ. އަދި އާ އިންތިހާބު އޮންނާނީ ޖުލައި މެދުތެގޭގައި ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅުގައި ކަމަށާއި، ސީދާ ތާރީހު މިއަދުގެ ވަގުތެއްގައި އިއުލާނު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އިންތިހާބު ފަސްކުރަން ނިންމީ، ގިނަ ކެންޑިޑޭޓުންތަކަކަށް އިންތިހާބަށް ކުރިމަތިލާން ރެޖިސްޓްރީ ވުމަށް ކުރަންޖެހޭ މަސައްކަތްތައް ނުނިންމުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އޭގެ އިތުރުން އިންތިހާބު ބާއްވަން ކުރިން ނިންމި ދުވަސްވަރަކީ އެ ގައުމުގެ މޫސުން ވަރަށް ގޯސްވާ ދުވަސްވަރެއް ކަމުން، އެ މޫސުމުގައި އިންތިހާބުގެ ކަންކަން ރާވައި ހިންގުމަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އޮކްޓޫބަރު މަހު ބޭއްވި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިވި ފަދަ ކަންކަން ހުއްޓުވޭނެ ގޮތްތަކެއް ރޭވުމަށް އިތުރު ވަގުތު ބޭނުންވުމަކީ ވެސް ރިޔާސީ އިންތިހާބު ލަސްކުރަން ޖެހުނު އެއް ސަބަބު ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އެ އިންތިހާބުގައި ވަނީ ތާލިބާނުންނާއި އިސްލާމިކް ސްޓޭޓްގެ ހަމަލާތައް ވޯޓިން ސްޓޭޝަންތަކަށް އަމާޒުކޮށްފަ އެވެ. ވޯޓު ލީދުވަހުގެ ކުރިން، ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތަކަށް ވެސް ހަނގުރާމަވެރިންގެ ހަމަލާތައް އަމާޒުވި އެވެ. އެފަދަ ހަމަލާތަކުގައި ދިހަ ކެންޑިޑޭޓަކު ވެސް މަރުވި އެވެ.

ސެކިއުރިޓީ ސަބަބުތަކަށްޓަކައި، ގާންޒީ ޕްރޮވިންސްގައި އަދިވެސް އެ އިންތިހާބު ބޭއްވިފައެއް ނުވެ އެވެ. އެ ޕްރޮވިންސްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ހޮވުން އޮންނާނީ، ރިޔާސީ އިންތިހާބުގެ ވޯޓާއި އެކުގަ އެވެ.
ހިޔާލު