PPM ge siyaasi harakaiythah muhdahtheh neiygothah medhukandaalaifi
image
ޕީޕީއެމްގެ ކޮންގްރެސްގެ ތެރެއިން
0 ކޮމެންޓް
 

ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް މުއްދަތެއް ނެތްގޮތަށް މެދުކަނޑާލައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް މުއްދަތެއް ނެތްގޮތަށް މެދުކަނޑާލައިފިއެވެ.
ޕީޕީއެމްގެ އޮފީސް ދޮރުމަތީ މިރޭވެސް އެއްވުމެއް ބޭއްވުމަށް ރާވާ އިއުލާނުކޮށްފައި ވަނިކޮށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް މިރޭ ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް މިވަގުތައް މެދުކަނޑާލާފައިވާ ކަމުގައެވެ. އަދި ދެން ހަރަކާތްތައް އަލުން ފެށޭނެ ތާރީހެއް ފަހުން އިއުލާނު ކުރާނެކަމަށްވެސް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް މެދުކަނޑާލީ ރައީސް ޔާމީންގެ ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް އެހެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމާ މުޅިރާއްޖޭގައި މެމްބަޝިޕް އިތުރު ކުރުމަށް މަސައްކަތް ކުރަމުން ގެންދާތީ ކަމުގައެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވާ އުފެއްދުމަށް މަސައްކަތް ކުރަމުންގެންދާ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއަށް 3000 މެމްބަރު ހަމަކޮށްފިކަމަށް ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިދާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނަމުގައި ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމަށް އަބްދުއްރަހީމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ އިއްޔެއެވެ.

ޕީއެންސީ އުފެއްދުމަށް ފުރަތަމަ އަބްދުއްރަހީމް ހުށަހެޅުއްވިއިރު ޕީޕީއެމްގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވުމުން އިލެކްޝަނުން ހުއްދަ ދީފައެއް ނުވެއެވެ. އެހެންކަމުން ޕާޓީ އުފެއްދުމަށް އަލުން ހުށަހެޅުއްވީ ޕީޕީއެމުން ވަކިވެވަޑައިގެންނެވުމަށް ފަހުގައެވެ.

ހިޔާލު