Current Ge Mahsala Boduvefaivaa Feevakah Generator eh Gengosfi
image
ފީވަކަށް ޖަނަރޭޓަރެއް ގެންދިއުން-- ފޮޓޯ: ފެނަކަ
0 ކޮމެންޓް
 

ކަރަންޓުގެ މައްސަލަ ބޮޑުވެފައިވާ ފީވަކަށް ޖަނަރޭޓަރެއް ގެންގޮސްފި

ށ. ފީވަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ފެނަކައިން އެރަށަށް ޖަނަރޭޓަރެއް ގެންގޮސްފި އެވެ.
ފީވަކު އިންޖީނުގެ ހިންގަމުން ދަނީ ފެނަކައިގެ ދަށުންނެވެ. ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވެ، އެރަށަށް 24 ގަޑިއިރު ކަރަންޓު ޔަގީންކޮށް ނުދެވޭތީ ނ. ހެނބަދޫން ޖަނަރޭޓަރެއް ގެނެސް، މައްސަލަ ހައްލު ކުރުމަށް ފެނަކައިން މަސައްކަތް ކުރިއެވެ. އެކަމަކު ހެނބަދޫން ޖަނަރޭޓަރެއް ގެންދިއުމަށް އެރަށު ރައްޔިތުން ދެކޮޅު ހަދައި އަޑު އުފުލާފައި ވެއެވެ.

ސީއެންއެމްއާ ވާހަކަ ދައްކަވަމުން ފީވަކު ކައުންސިލުގެ ރައީސް ހަސަން ސުޖާއު ވިދާޅުވީ، ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އިއްޔެ އެރަށަށް ގެންގޮސްފައި ވަނީ 128 ކިލޯވޮޓުގެ އައު ޖަނަރޭޓަރެއް ކަމަށެވެ.

އާބާދީގައި 1100 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ފީވަކަށް ކަރަންޓު ފޯރުކޮށްދެމުން އައީ 150 އާއި 160 ގެ އިތުރުން 170 ކިލޯވޮޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެންނެވެ. އެކަމަކު މިހާރު އެރަށުގައި ރަނގަޅަށް ހުރީ 160 ކިލޯވޮޓުގެ ޖަނަރޭޓަރު އެކަންޏެވެ. އެ ސަބަބާއި ހުރެ އެރަށަށް ކަރަންޓުގެ މައްސަލަ ބޮޑުވިއިރު އިއްޔެ އެރަށަށް ގެންދެވުނު ޖަނަރޭޓަރު މިހާރު އިންސްޓޯލް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"މިއަދުގެ ވަގުތެއްގައި ޖަނަރޭޓަރު އިންސްޓޯލް ކުރެވޭނެ." ސުޖާއު ވިދާޅުވި އެވެ.

ފީވަކަކީ އަބަދުވެސް ކަރަންޓުގެ މައްސަލަ ދިމާވާ ރަށެކެވެ. އެކަމަކު، ކަރަންޓުގެ މައްސަލަ ބޮޑުވީ، މިދިޔަ މަހުގެ ފަހުކޮޅެވެ. އެކަމުގެ ސަބަބުން ރަށުގެ އާންމުންނާއި ވިޔަފާރިވެރިންނަށް ބޮޑު ތަކުލީފެއް އުފުލަން ވަނީ ޖެހިފައެވެ.
ކަރަންޓް ފެނަކަ
ހިޔާލު