Firumaaladheyshey, Episode 71
image
ފިރުމާލަދޭށޭ--
ފުނަމާ
4 ކޮމެންޓް
 

ފިރުމާލަދޭށޭ..

71 ވަނަ ބައި
"ކަލޭގެ ތި ބޮޑާހޭކުން އެހެން މީހަކަށް ދައްކަންދޭ.. މަށެއް ނުބަލާނަން! އަހަރެން މިއައީވެސް އަންނައުނުތައް ބަލާ! އެކަމަކު، އެބައޮތް ބުނެދޭންޖެހޭ އެއްޗެއް.. ބުނަންވާނެތާ ދޯ! ނުލަހިކު ކުޅަދާނަ އަންބެއް.. މީހުންއަތުން ފައިސާ ހޯދަން ހަމަ އެއްވަނަ.." މަކަރުވެރި ހިނިގަނޑަކާއެކު ނަވީންގެ ރާގު ހުތުރެވެ.

ގިޔާދާގެ އިނގިލިތަކުގެ ހުޅުތައް ބިންދައިގެންދާހައި ބާރަށް، މުއްކަވައިލިއެވެ. ހިއްވަރު ނެރުނީ މުޅިހަށިގަނޑުގެ އެހީގައެވެ. ނަމަވެސް އެއްޗެއް ނުބުނީ ރުޅިގަނޑުގެ ދިފާއުގައި ކަރުނަ، އައްޑަނައަކަށް ވީތީއެވެ. ދަތްކުނޑިވިކާލެވުނީ އެންމެ ލަފުޒެއްވެސް ބުނެލާނެ ހިތްވަރު އަމިއްލަ ނަފުސުގައި ނެތްކަމަށް އިހުސާސްވީތީއެވެ.

"އަހަރެން ހުޅުވަން އުޅުނު ފިހާރަ ނިމިއްޖެ.. އެސަރަހައްދުގައި ނުހުންނާނެ އެވަރުގެ ޝޮޕިންގމޯލްއެއް.. ދެދުވަހެއްގެތެރޭގައި ރިބަން ކަނޑާލާނަން" ފަޚުރުވެރިކަމާއެކު ނަވީން ބުނެލިއއެވެ.

ފަނޑުއަލިކަމުގެ ތެރެއިންވެސް ގިޔާދާއަށް މިފަހަރު ފެނުނީ ނަވީންގެ މަކަރުވެރިކަމާއި އަމިއްލަ އެދުމުން ފުރިފައިވާ އަގެއްނެތް ހަށިގަނޑެވެ. ހިތައް ތަދުވީ، އެފަދަ އަނިޔާވެރިއަކާއެކު ހަޔާތުގެ ދުވަސްތައް ބޭކާރުކުރެވުނީތީއެވެ. މައިންބަފައިންނާއި އާއިލާ ދޫކޮށް، އެމީހުންނާއި އޮތް ލޭގެ ގުޅުމާއި ރަހިމުގެ ގުޅުން ކަނޑާލެވުނީތީއެވެ. ހަށިގަނޑުގައި ނެތް ހިތްވަރު ކަށީގެ މަދުން ނެރެން، ގިޔާދާއަށް ސިކުނޑި މަޖުބޫރުކޮށް، އަމުރުކުރިފަދައެވެ.

"އަހަރެންގެ ނަމުގައޭ؟ ތިބުނާ އަހަރެންނަކީ ކޮބާ؟ ކަލޭގެ ލަދުހަޔާތް ކޮބައި؟" ސިކުންތަކަށްވެސް ކެތްތެރިނުވެވުނެވެ.
ގިޔާދާގެ ނަފުރަތާއި ސިކުނޑީގެ ބަރުކަން ނަވީންގެ ކުރިމައްޗަށް އޮއްސާލިއެވެ. ބަލިއަޑެކެވެ. ދުލުގައި ބާރެއް ނެތް، ނުކުޅެދޭ އިންސާނެކޭ ތަފާތެއް ނެތެވެ. ނަމަވެސް، ބާރުލިބުނީ ކޮން ގޮތަކަށްކަމެއްވެސް ގިޔާދާއަށް ނޭގުނެވެ. ޔަގީންވަނީ، ލޭ ނާރުތަކަށް ބާރުލިބެމުންދިޔަކަމެވެ.

"އާން! މަގޭ ފިހާރައެއް.. މަގޭ އަމިއްލަ ފިހާރައެއް! މިހާރުވެސް ދުވަނީ ފައިސާގެ ވަސް! ހިނދުކޮޅެއްގެ ތެރޭގައި އަހަންނަކީ ބޮޑު މުއްސަންޖަކަށްވާނެ! " ދެއަތް ފުޅާކޮށްފައި ނަވީންބުނެލީ ކިބުރުވެރިކަމުގެ ސިފަތައް ދައްކައިލަމުންނެވެ. ބޫޓުން ޖަހާފައި ބުރުވާލީ، ކޯއްޗެއް ކަމެއްވެސް ގިޔާދާއަށް ނޭގެއެވެ. ފާރުގައި ޖެހުނު އަޑާއެކު ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. އެއްޗެއް ބުނަން ގިޔާދާ އަނގަހުޅުވާލިވަގުތު، ނަވީންގެ އަޑު އިވުނެވެ.

"ކަލޭގެ ނަމުގައި ހުޅުވާފިހާރައެކޭ އަހަރެންބުނީ، ކަލޭއާއި ގުޅުންހުރި މީހުންގެ އަތުން އަހހަރެން ބޭނުންވާ ފައިސާ ހޯދުމަށް މަގުފަހިކުރާން.. އެކަން އަހަންނަށް ފުދިއްޖެ! ވަރަށް ފުރިހަމައަށް އެކަންކުރިން.. ބޮލެއްހުރި މީހަކަށް އެނގެންވާނެދޯ، އަހަރެންވެސް ކަލޭއަކަށް އަވަރުގެކަމެއް ނުކޮށްދޭނެކަން.. މަގޭ އަބަދުގެވެސް ހުވަފެނަކީ ރާއްޖޭން ބޭރުގައި ވަރަށް ފުޅާކޮށް ވިޔަފާރިއެއް ފެށުން.. މިއަދު އެކަން ނިމިއްޖެ.. މާދަމާ އެތަން ހުޅުވާނަން.. ހެހެހ.." ނިކަން ބާރަށް ނަވީން ހޭންފެށިއެވެ.

ދުލަށް އައިހައި އެއްޗެއް ގޮވަނީއެވެ. ލިބުނު ކުޑަކުޑަ ނިއުމަތަކަށް ކިބުރުވެރިވެ، އޭނާގެ ބާރުގަދަކަން ގިޔާދާއަށް ބުނެދޭން އުޅެނީ އިތުރު ވޭންތަކެއް ދިނުމަށެވެ. ނަވީންގެ ދެއަތް ފުޅާކޮށްފައި ހުރެގެން އަޑުގަދަކޮށް ހެނީއެވެ.

ގިޔާދާއަށް އެ އަޑުތައް އިވެއެވެ. އިހުސާސްވެސްކުރެވެއެވެ. ތަދުވެސް ވެއެވެ. ވޭންވެސް އަޅައެވެ. ނަމަވެސް ހިތްވަރެއް ނެތެވެ. ގުނަވަންތައް ތަޅުލެވިފައެވެ. ދުލެއް ހަރަކާތެއް ނުކުރިއެވެ. ނަވީންގެ ރަހުމުކުޑަ ބަސްތަކުން ހިތް ޒަޚަމުވަމުން ދިޔައެވެ.

***
އިސްޖަހައިލި މޫނު ނިޔަނެތި ހިނިތުންވުމަކުން ފަރިވެއްޖެއެވެ. ރާނިޔާއާއި އިސްމާއީލްގެ ނިންމުން ބުނެދީފިއެވެ. ހައްވާފުޅާއިމެދުގައި ކަންކަންކުރާނެގޮތް ތަފްސީލްކޮށްދީފިއެވެ. ނޫނެކޭ ބުނާނެ ޖާގައެއް މިފަހަރު މާޔާއަށް ދެއްކޭކަށް ނެތެވެ. އީތަންގެ ހިނިތުންވުން މޫނުމަތީން ފަނޑުނުވެއެވެ. ހައްވާފުޅުގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ފޮހެލިއެވެ. އެއީ އުފާވެރިކަމުގެ ރަމުޒެކެވެ.

"އަހަރެން މިރޭ ވަރަށް އުފާވެއްޖެ.. ތިޔަ ދެމަފިރީންނަށް ޝުކުރުއަދާކުރާނެ ޢިބާރާތެއްވެސް ވިސްނުމަކަށް ނާދޭ .. މާޔާއަކީ، މަޔަކަށް މަދުން ނޫނީ ނުލިބޭނެފަދަ އޯގާތެރި ދަރިއެއް.. އަހަރެންގެ ފިރިހެންދަރިއަކު ނެތްކަމުގެ އިހުސާސް ދުވަހަކުވެސް ނުކުރެވޭ.. އެހުރިހައިކަމެއް ފުއްދައިދެމުން އައީ އަހަރެންގެ މާޔާ.. މުޅި އާއިލާގެ ޒިންމާ މިހުރިހާ އަހަރު އުފުލީ އެމަންޖެ އެކަނިމައިއެކަނި.. އެލީގެ މިޒާޖު ހުންނަގޮތުން، އެމަންޖެއާއި އަނގައިން ބުނުމަކީވެސް ދާދި ފަހަކާއި ޖެހެންދެން އަހަންނަށް ދަތިކަމެއް.. އެކަމަކު ގައިސަރުގެ މަސައްކަތުން، އެދަރިފުޅުވެސް މުޅިން ބަދަލުކޮށްލައިފި.. މިހާރު އަހަރެންނަކީ ވަރަށް ހިތްހަމަޖެހިގެންއުޅޭ މަންމައެއް.. އަންހެން ދެ ދަރީންގެ ފަޚުރުވެރި މަންމައެއް.. އަހަރެންގެ ބަލީގެ ސަބަބުން، މިކުދިންނަށް އެއްވެސް އުނ.." ހައްވާފުޅު ވާހަކަދެއްކީ ކަރުނައިން ހިއްވަރުލިބިގެންނެވެ. ރާނިޔާގެ އޯގާތެރި ފިރުމާލުމަކާއެކު ހައްވާފުޅުގެ ޖުމުލަ ފުރިހަމަ ނުކުރިއެވެ. އޯގާތެރިކަން ނޫނީ އިޙްސާސްނުކުރެވެއެވެ.

ހަމަހިމޭން ބަލައިލުމަކުން އެތައް ވާހަކަތަކެއް އަޑު އިއްވާލިއެވެ. ބައްޓަން ރީތި ދެލޮލުގެ އެސްފިޔަތައް ތަޅުވާލާ މަންޒަރު ބަލައި ފޫހި ނުވާކަން އެނގެނީ މާޔާއަށް އީތަން ބަލައިލާ ހިތްގައިމު އަސަރުތަކުންނެވެ. ދެއާއިލާގެ އުފާވެރިކަން އިންމައަށް ހިނިތުންވުން ގެނުވައިފިއެވެ.

"ބައްޕަގެ އެންމެ ބޮޑު އުފަލަކީވެސް އުއްމީދަކީވެސް ތިޔަ ދެކުދިންގެ ފަރާތުން ދެފަރާތުގެ އާއިލާއަށް ހުރިހައި އުފާވެރިކަމަކާއި ހިނިތުންވުން، ނެގެސްދިނުން.. ދުނިޔެއަކީ ދިރިއުޅެން ފަސޭހަތަނެއް ނޫން.. ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އުފަލާއި ހިތާމައާއި އަޑިގުޑަންތަކާއި ކުރިމަތިވާނެ.. އެއިގެތެރެއިން ދަރިފުޅުމެން ބަލަންވާނީ، ހަމައެކަނި، ރަގަޅުކަންކަން.. މައްސަލަތަކާއި ހަމަނުޖެހުންތަކާއި ޝަކުވާތަކުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ.. މަޢާފުކުރުމާއި ގޮތްދޫކކުރުމަކީ އުފާވެރި ދިރިއުޅުމުގެ ތަޅުދަނޑި.. އެއަށް ރައްކާތެރިވާންވާނެ.. އިތުބާރު ފުނޑުފުނޑުވުމަށް އެކަކުވެސް ފުރުސަތުދީގެންނުވާނެ.." ވިސްނުންތެރިކަމާއެކު ދަރިންނަށް ފިލާވަޅެއް ނަގައިދެވޭތޯ އިސްމާއިލް މަސައްކަތްކުރިއެވެ. ހައްވާފުޅާއި ރާނިޔާ އެ އަޑު އެހިއެވެ. ހައްވާފުޅުގެ ހިނިތުންވުން، ކިތަންމެ އުފާވެރިވިޔަސް، ރާނިޔާގެ ލޮލުން ފެނުނީ ކަރުނައިގެ އަސަރެވެ.

"މަންމަ ރޮނީތަ؟" ސުވާލުކުރެވުނީ މާޔާއަށެވެ. ރާނިޔާއަށް ސިއްރުކުރެވުނީ އޭނާގެ މާޒީގެ ވޭންތަކެވެ.

"މަންމަގެ ހަދިޔާގެތެރޭގައި އޮންނާނެ ވަރަށް ކުޑަ ޕާރުސަލެއް.. މިތަނަށް ގެނެސްދީފާނަންތަ ދަރިފުޅާ" ރާނިޔާ މުޚާތަބުކުރީ މާޔާއަށެވެ.
***
ހިތްފުރޭވަރަށް ގިޔާދާއަށް އަނިޔާ ދިނުމަށްފަހު ނަވީން ދޮރުލެއްޕިއެވެ. ދެފައިގެ ބާރުގައި ކޮޅަށް ހުންނާނެވަރު ނެތުމުން ގިޔާދާއަށް ގޮތް ހުސްވިއެވެ. އޭނާގެ ހުރިހައި ފައިސާއަކާއި ގަހަނާތައްވެސް ހިފައިގެން ނަވީން އެ ނިކުތީ، ނުހަނު ނިކަމެތިކޮށްފައެވެ.

ހިނދުކޮޅެއްގެ ފަހެވެ. ގޭގެ ދޮރު ހުޅުވިއަޑު އިވުނެވެ. އޭރުވެސް ގިޔާދާ ރޮނީއެވެ. ހޭވިފައިވާ އިސްތަށިގަނޑާއެކު ތަޅުންމަތީގައި އެނބުރެނީއެވެ. އެވަގުތު ގެއަށްވަންނާނީ ނަވީންކަން ޔަގީނެވެ. ގިޔަދާ އުއްމީދުކުރީ ނަވީންގެ ހިތައް ރަޙުމް ވެއްދެވީކަމަށެވެ. ލޮލުން ފޭބި ކަރުނައާއި ނޭފަތާއި އަނގައިން ފައިބަމުންދިޔަ ދަވަތަކުގެ ސަބަބުން ނުތާހިރުވެފައިވާ ގިޔާދާއަށް މިދުނިޔޭގައި ގޮތް ހުސްވެއްޖެއެވެ. ގިސްލުމުގެ އަޑާއެކު ދެން އިވުނީ ދޮރު ހުޅުވުނު އަޑެވެ. ދެބުމަ ގޮއްޖަހައިލާފައި ވަރަށް އުނދަގުލުން ހިންދިރުވައިލިއެވެ.

"އޭއި.. ނ... ކަލޭ ތިއޮތީ ވަރިކޮށްފައި!" ހުޅުވާލި ދޮރުގެ ބޭރުން އިވުނު އަޑު ގިޔާދާއަށް ނުހަނު ބަރެވެ.

އެފަދަ ނަމަކުން މުޚާތަބުކުރުމަށް އެއްވެސް ނަފުސެއް ނޭދޭނެއެވެ. އަލަތު ފިރިމީހާގެ ގޮތުގައި ގިޔާދާ ނަވީން، ބަލައިގަތީ ނުހަނު ގިނަ އުއްމީދުތަކަކާއި ފޮނި ހުވަފެންތަކެއްގައި ކުލަޖައްސަމުންނެވެ. ނަމަވެސް ހަޔާތުގައި އެންމެ ބޭނުންވި ވަގުތު އެއަޑެއް އަހަން ތައްޔާރުވެވެން ނެތް ވަގުތެއްގައި ނަވީންގެ ދުލުން އެބުނެލި ލަފުޒަކީ ގިޔާދާއަށް ބަލައިގަނެވޭނެ ކަމެއްނޫނެވެ. ހަގީގަތާއި ދެކޮޅުހެދިޔަސް އެކަން ބަދަލުނުވާނެކަން އެނގިހުރެ، އަތް އުފުލާލެވެނީ އުއްމީދުތަކެއް ކުރެވިފައި އޮތީތީއެވެ.

"ހެޔޮނުވާނެ..! އާދޭސް..!" ކަރުނައިގެތެރެއިން އަނގައިން ކޯރުލާފައި ފޭބީ ލެއެވެ. އަނދިރީގެ ތެރެއިން ނަވީންއަށް އެކަން ފާހަގަނުކުރެވުނަސް، ގިޔާދާ އުފުލާލާފައިވާ އަތް އޭނާއަށް ފެންނާނެއެވެ. ރަޙުމުގެ ކަންފުޅެއްވެސް ނެތެވެ. އަނިޔާވެރި ބެލުމަކުން ބަލައިލުމަށްފަހު ނިކުމެގެން އެދިޔައީ ދޮރުވެސް ހުޅުވާލާފައެވެ.

****
ރާނިޔާ ގެނައި ޕާރުސަލްތަކުގެ ތެރެއިން އެންމެ ކުޑަ ޕާރުސަލް ނަގާފައި މާޔާގެ މޭގައި ޖައްސައިލިއެވެ. އުފާވެރި ހިނިތުންވުމެކެވެ. ވަރަށް ލުއި ކުޑަކުޑަ ފޮއްޓެކެވެ. ދެވަނަ ފަހަރަށްވެސް އެއަށް ބަލައިލިއެވެ. ޕާރުސަލްކޮށްފައިވަނީ ނޫ ކުލައިގެ ނަލަ ކަރުދާހަކުންނެވެ. ލަދުވެތި އިސްޖަހައިލުމަކުން އެސްފިޔަތައް ތިރިކޮށްލިއެވެ. އަތުގައި އޮތް ފޯނަށް މެސެޖެއް އައީ އެވަގުތުއެވެ. މާޔާ ބަލައިލިއެވެ. ކެތްތެރިކަން ކުޑަވެގެން އީތަންގެ ލޯބި އިބާރާތްކޮޅެކެވެ.

ހިނދުކޮޅަކަށްވެސް ލޯމަތީން ދުރަށްދާނން ބޭނުންނުވެއެވެ. މާޔާ ފެނުމާއެކު ރާނިޔާގެ ދެއަތް އުފުލާލިއެވެ. ވަރަށް ލޯބި ބައްދައިލުމެކެވެ. ހިނިއައިސްފައި އީތަން ބަލަންއިނީ މަންޒަރު ރީތި ވީމައެވެ. ހައްވާފުޅުގެ ކޮންމެ ކަރުނައެއްގެ އަގު އޭނާއަށް ލިބިއްޖެއެވެ.

ރާނިޔާގެ ބުނުމަށް ޕާރުސަލް ކަނޑައިލީ މާޔާއެވެ. ލިޔެލާޖަހައި، ވަރަށް ނަލަކޮށްލާފައިވާ ފޮއްޓެކެވެ. ހުޅުވާލަން އިޝަރާތްކޮށްލީ ރާނިޔާގެ ލޮލުންނެވެ. އީތަންގެ މޫނަށް ބަލައިލަމުން މާޔާ އެ ފޮށި ހުޅުވައިލިއެވެ. އަނގަމަތީގައި އަތްއެޅުނީ މާޔާއަށެވެ. އީތަންގެ ދެޖީބަށް އަތްޖަހައިލަމުން ފާރުގައި ލެނގިލިއެވެ. ޝުކުރުވެރިވަމުން ރާނިޔާގެ ގައިގައި މާޔާ ބައްދައިލީ، އެއްއަތުން އެ ކުޑަކުޑަ ފޮށި ހިފަހައްޓައިގެން ހުރެގެންނެވެ.

"ދިސް އިޒް ސޯ ކިއުޓް.. ވަރަށް ވަރަށް ލޯބި" އުފަލުން މާޔާގެ ހިތް ފުރިއްޖެއެވެ. ޖަވާހިރުގެ ވިދުން ދުވަހަކުވެސް ހަމަލޮލުން ދެކެފައިނުވާ މީހަކަށް، އެއިގެ އަގު ވަޒަންކުރާން ފަސޭހަވާނެއެވެ. މާޔާއަށް ވަޒަންކުރެވުނީ ޖަވާހިރުގެ ނަލަކަމާއި އަނގޮއްޓީގެ ފުރިހަމަކަމެވެ. އީތަންގެ އަތުން މާޔާގެ އިނގިލީގައި އަގުބޮޑު އަނގޮއްޓި އަޅުވާލިއެވެ. އީތަންގެ މައިންބަފައިންގެ ކުރިމަތީގައި ވިޔަސް މާޔާއަށް ކެތްނުކުރެވުނީ އެދެމެދުގެ ދުރުކަމެވެ.
ލުއިލުއި ބައްދައިލުމަކުން ދެހިތުގެ ތެޅުން އިއްވާލިއެވެ.

ހައެއްކަ މަސް ފާއިތުވެއްޖެއެވެ. ގިޔާދާގެ ނަސީބަކީ ނަވީން ނިކުންނަމުން ގޭގެ ދޮރު ނުލެއްޕުމެވެ. ނެއިބަރހުޑް ޕޮލިސްގެ އެހީއާއެކު ހޮސްޕިޓަލަށް ގެންދެވުނީ ތިން ދުވަސްފަހުންނެވެ. ދުނިޔޭގައި ދިރިއުޅުމުގެ އަޖަލު ހަމަނުވާތީއެވެ. ލިބުނު ގެއްލުމުގައި ސިކުނޑިއަށް ލިބުނު އަނިޔާއަށް ކެތްނުކުރެވުންއެއީ ގަސްދުގައި ގިޔާދާ ކުރިކަމެއްނޫނެވެ. ތޭރިތައް ޖަހާފައިވާ ކުޑަދޮރުން ބޭރުބަލަން ގިޔާދާ ހުރިއިރު ދުނިޔަވީ އެއްވެސް ކަމެއްގެމަތީން އޭނާ ހަނދާންހުރިކަމުގެ އެއްވެސް ލިސާނެއްނެތތެވެ.

ނަވީން ޖަލަށްލެވުނީ އެތައް ކުށެއްގެ ތުހުމަތުގައެވެ. އުމުރަށް ޖަލަށްލެވުނު ހުކުމް ލުއިކުރުމަށް މަސައްކަތްކޮށްދޭނެ އެއްވެސް އެހީތެރިޔަކު މިދުނިޔޭގައި ނެތެވެ. ރާއްޖޭގެ ޖަލުގައި ސަވާނާގެ ހަޔާތް ބަރުބާދުވަނީއެވެ. ނަވީންގެ ހަޔާތުން ކޮންމެ ދުވަހެއް ލަންކާގެ ޖަލުގައި އޭނާއަށް ނަރަކައެއްފަދައެވެ. ގިޔާދާ މިއަދު އެހުރީ ދައުލަތުގެ ބެލުމުގެދަށުގައިހުރި ބަލިމީހެއްގެ ގޮތުގައެވެ.

ކުރަމުންދިޔަ އުއްމީދުތަކާއި ދެކެމުންދިޔަ ހުވަފެންތަކުގައި ކުލަޖައްސާލުމަށް ދުނިޔޭގައި ލިބޭ ފުރުސަތަކީ ނިޢުމަތެކެވެ. މަދު މީހަކަށްނޫނީ އެފަދަ ފުރުސަތެއް ދުނިޔޭގައި ނުލިބެނީ ކެއްތެރިކަމާއި ވޭން، ތަހަންމަލްކުރާނެ ހިއްވަރު ނުހުންނާތީކަމަށް ބުނެއެވެ. ކުރިއަށްދާނެ މަގު ހުޅުވިއްޖެއެވެ. އަމާންކަމުގެ ދޮރު ހުޅުވިއްޖެއެވެ. ނިޢުމަތުގެ އަގު ބޮޑެވެ. ޝުކުރުވެރިކަމުގެ ވަގުތެވެ. އުފާވެރިކަމުގެ މެހެފިލެވެ. ދިއްލާފައިވާ އުއްބައްތިތަކުގެ ހުޅުކޮޅު ކަނިވަމުންދިޔައިރު ހިނިތުންވުމާއި ލޯބީގެ އިބާރާތްތައް ނޫނީ އަޑު ނީވެއެވެ.

ވެލާނާއިންޓަރނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައިޓުގެ ދަތުރުވެރީން ނިކުންނާނެ ވަގުތެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިއްބެވެ. އާންޔާގެ ހިނިތުންވުން އެންމެންގެ ތެރެއިންވެސް ފާހަގަކުރެވުނެވެ. ހިތްއަވަސްވެ، ކެތްތެރިކަން ކޮޅުންލާތީ މާމަގެ އަތުގައި އިރުއިރުކޮޅުން އޮޅުލައިގަނެއެވެ. މާމަ ދަރިފުޅުގެ ކޮނޑުގައި ގައިސަރު ފިރުމާލަނީ އިންތިހައި ލޯތްބާއެކުއެވެ.

ހުޅުވުނު ބިއްލޫރިދޮރުގެ ތެރެއިން ނިކުތް ފަސްމީހަކު ވަރަށް ޚާއްޞައެވެ. ހައްވާފުޅުގެ ޒަމާންވީ ބަލިން މިވަގުތައް މިންޖުވެވުނީއެވެ. ހައްވާފުޅަށް މަހުންމަހަށް ލިބެންޖެހޭ ފަރުވާ ހޯދުމަށް އިންމައާއއި ރާނިޔާ ސިންގަޕޫރަށް ދާނެއެވެ. އަލްޙަމްދުﷲއެވެ. އެލީއަށް ފުރަތަމަވެސް ބަލައިލެވުނީ މާޔާގެ ބަނޑަށެވެ. ދެބުމަ މައްޗަށް ހިއްލާލާފައި އަނގަމަތީގައި އަތްއަޅާފައި ބަނޑާއި ދިމާއަށް އަތް ދިއްކޮއްލިއެވެ. ހަމަހިމޭން ސުވާލެކެވެ. ލިބުނު ޖަވާބުވެސް އެހައި އުފާވެރިއެވެ. އާއެކެވެ. ކުޑަކުޑަކޮށް ބަނޑުންވެސް އެނގެއެވެ. އެއްއަރިމަތީން ބައްދާލައިގެން ހުރެވެސް އީތަން ފިރުމާލީ މާޔާގެ ބަނޑުގައެވެ. ދެއާއިލާގެ ބައްދަލުވުމަކީ ދިގު އިންތިޒާރެކެވެ. އެންމެން އެކުގައި ބަހަށް އަރަން ދަމުންވެސް މާޔާއަށް ބަލައިލެވުނީ އާންޔާއަށެވެ.

"ވަރަށް އުފާވޭ! ވަރަށް މަރުޙަބާ! އިންތިޒާރު މިކުރަނީ ކޮއްކޮއެއް ލިބިގެން ފިރުމާލަން ލިބޭނެ ވަގުތަކަށް"
އާންޔާގެ ލޯބި ލޯބި ބުނެލުމަށް ހުރިހައި އެންމެންގެ ހިނިތުންވުމުގެ އަޑު ވައިގެތެރޭގައި ނަށާލިއެވެ. ހަ މަސް ފާއިތުވެދިޔައިރު ހެންވޭރު އީކުއަލް ހުރި އިމާރާތުގައި ހަދަންފަށާފައިވަނީ ހަތްބުރީގެ އުސް އިމާރާތެކެވެ. ގައިސަރާއި ރާނިޔާގެ އާއިލާއަށް ﷲގެ ހެޔޮ ރަޙްމަތާއެކު އިންތިހާ އުފާވެރިކަމާއި ބާއްޖަވެރިކަން މިންވަރުކުރައްވާށިއެވެ. އާމީން!


= ނިމުނީ=


'ފިރުމަލަދޭށޭ' ވާހަކަ ނިންމާލުމުގެ ތަޢުފީޤު ދެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝުކުރުކޮށް ޙަމްދުކުރަމެވެ.
ހިޔާލު

ދާސާ

ސަޅި.

ދިޔެ

ވ ރީތި ވާހަކައެއް❤️އުއްމީދަކީ ވީހާވެސް އަވަހަކަށް ފުނަމާގެ އާވާހަކައެއް ކިޔާލުމުގެ ފުރުސަތުލިބުން😊

އަޒޫ

އަޅޭ ކީވެތަ މިބައި ރޮމު ކޮއްލަ ނުދިނީ .. އީތަން އެހާ ބޭނުންވާއިރު ވެސް... ހީވަނީ އަވަސް އަވަހަށް ނިމާލަން ބޭނުއްވާހެން .. ވާހަކަ އެހާ ފުރިހަމައެ ނޫން ގަދަކަމުން ނިންމާލި ހެން ހީވާނީ

ރިޒޫ

ވަރަށް ރީތި ވާހަކައެއް މާޝާﷲ