Bollywood in Miaharu Faahagakohlevunu Kaiveni thah
image
ދީޕިކާ އާއި ރަންވީރު، ސޯނަމް އާއި އަނަންދު، ނެހާ އާއި އަންގަދު އަދި ޕްރިޔަންކާ އާއި ނިކް.
0 ކޮމެންޓް
 

2018: ބޮލީވުޑުން ފާހަގަ ކުރެވުނު ކައިވެނި ތައް

ނިމިގެން މި ދަނީ ބޮލީވުޑަށް "ބޮޑު" އަހަރެކެވެ. ބޮލީވުޑުގެ ގިނަ ފަންނާނުން ކައިވެނިކުރި އިރު، ދައްކަން މި އުޅެނީ އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ ހަތް ކައިވެންޏެއްގެ ވާހަކަ އެވެ.
ދީޕިކާ ޕަޑުކޮން އާއި ރަންވީރު ސިންގް


ހަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ބޮލީވުޑުގެ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯނާއި ރަންވީރު ސިންގް ކައިވެނި ކުރީ ނޮވެންބަރު މަހުގެ 14 ގައެވެ. އިޓަލީގެ ލޭކް ކޯމޯގެ ވިލާ ޑެލް ބަލްބިއާނެއްލޯގައި ވަރަށް ޕްރައިވެޓްކޮށް ބޭއްވި އެ ކައިވެނީގެ ހަފުލާގައި ބައިވެރިވެފައި ވަނީ ގާތް އެކުވެރިންނާއި ދެމީހުންގެ އާއިލާގެ މެމްބަރުން އެކަންޏެވެ.

އިޓަލީގައި ކައިވެނި ކުރި ނަމަވެސް ދީޕިކާ އާއި ރަންވީރު ވަނީ އެމީހުންގެ އާއިލާ އަށާއި ގާތް ރަހުމަތްތެރިން އަދި ފިލްމީ ދާއިރާގެ ރައްޓެހިންނަށް އަމާޒުކޮށް ބެންގަލޫރާއި މުމްބާއީގައި ވެސް ޕާޓީއެއް ބާއްވާފަ އެވެ. ކައިވެންޏަށް ފަހު ދެ ތަރިން މިހާރު އުޅެމުން އަންނަނީ ފިލްމީ ދާއިރާގެ މަސައްކަތްތަކުގައި އަވަދި ނެތި އެވެ.

ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް


އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި 26 އަހަރުގެ ނިކް ޑިސެމްބަރު އެއްވަނަ ދުވަހު ކައިވެނި ކުރި އިރު، އެމީހުންގެ ކައިވެނި ހަފުލާ އޮތީ އިންޑިއާގެ ޖޯދްޕޫރުގެ އުމައިދު ބާވަން ޕެލަސްގަ އެވެ. ޕްރިޔަންކާ އާއި ނިކް އެންމެ ފުރަތަމަ އެކުގައި އާއްމުންގެ ތެރެއަށް ނިކުމެފައި ވަނީ މިދިޔަ އަހަރުގެ މެޓް ގާލާ އިވެންޓުންނެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑު ފެތުރުނީ މިއަހަރުގެ ކުރީކޮޅެވެ.

ކައިވެނީގެ ހަފްލާގައި ދެފަރާތުގެ އާއިލާ މެންބަރުންނާއި، ގާތް ރަހުމަތްތެރިން ބައިވެރިވިއިރު ދިއްލީގައި ވެސް ބޮޑު ރިސެޕްޝަން ޕާޓީއެއް ބޭއްވި އެވެ. އަދި މުމްބާއީގައި ވަނީ ބޮލީވުޑު ފަންނާނުންނަށް ހާއްސަ ޕާޓީއެއް ބާއްވާފަ އެވެ.

ސޯނަމް ކަޕޫރާއި އަނަންދު އަހޫޖާ


ސޯނަމް އާއި އަނަންދު ކައިވެނި ކޮށްފައި ވަނީ މެއި މަހުގެ އަށް ވަނަ ދުވަހެވެ. ދެ އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު، އަނަންދު އާއި ސޯނަމް ކައިވެނި ކޮށްފައި ވަނީ މުމްބާއީގަ އެވެ. އެކަން ކުލަ ގަދަކޮށް ފާހަގަ ކޮށްފައި ވާއިރު، އެ ހަފްލާ ގައި ބައިވެރި ވެފައި ވަނީ ދެފަރާތުގެ އާއިލާ މެންބަރުންނާއި ގާތް ރަހުމަތްތެރިންނެވެ. އަދި އެމީހުން ވަނީ ބޮލީވުޑު ފަންނާނުން ނަށް ހާއްސަ ޕާޓީއެއް ބާއްވާފަ އެވެ.

ނެހާ ދޫޕިއާ އާއި އަންގަދު ބޭދީ


ނެހާ އާއި އަންގަދް ކައިވެނި ކޮށްފައި ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ގުރުދްވާރުގައި މެއި މަހުގެ 10 ވަނަ ދުވަހެވެ. ސިއްރުން ނެހާ އާއި އަންގަދު ކައިވެނި ކޮށްފައި ވަނީ، ކައިވެނީގެ ކުރިން ނެހާ ބަލިވެ އިނުމާއި ގުޅިގެންނެވެ. ނަމަވެސް އޭރު އެކަން ނެހާގެ އާއިލާ އިން ދޮގުކުރި ނަމަވެސް ދާދިފަހުން ނެހާގެ ފިރިމީހާ އަންގަދު ވަނީ އެކަމަށް އެއްބަސްވެފަ އެވެ.

އެދެމީހުންގެ ކައިވެނީގެ ހަފުލާގައި ދެމީހުންގެ އާއިލާގެ ފަރާތުންނާއި ގާތް ރައްޓެހިން ބައިވެރި ވެފައި ވެއެވެ.

ކަޕިލް ސަރުމާ އައި ގިންނީ ޗަޓްރަތު


ކަޕިލް އާއި ގިންނީ ކައިވެނިކޮށްފައިވަނީ ދިސެމްބަރު މަހު 12 ވަނަ ދުވަހެވެ. އެ ކައިވެނީގެ ހަފްލާގައި ދެފަރާތުގެ ވެސް އާއިލާ އާއި ރަހުމަތްތެރިން ވަނީ ބައިވެރިވެފަ އެވެ. އުމުރުން 37 އަހަރުގެ ކަޕިލް އާއި 29 އަހަރުގެ ގިންނީ އެންގޭޖު ވެފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެވެ.

ބޮލީވުޑު ފަންނާނުންގެ އިތުރުން؛ އެކްޓަރެސް ޝްވެތާ ބާސޫ އޭނާގެ ލޯބިވެރިޔާ އަދި ޑައިރެކްޓަރު ރޯހިތު މިއްތަލް އަށް ކައިވެނި ކުރި އިރު، ޕާރުލް އާއި ޗިރާގު އަދި ރަގޫ އާއި ނަޓަލީގެ އިތުރުން އިޝާ އަންބާނީ އާއި އަނަންދު، އިޝްކްބާޒުގެ އެކްޓަރެސް އަދިއްތީ ގުޕްތާ އާއި ކަބީރު ކުމާރު ވެސް ކައިވެނި ކުރީ މި އަހަރެވެ.
ހިޔާލު