2 Aharuge lasvumakah fahu Congo ge riyasee inthihaabugai vote lanee
image
ކޮންގޯގެ އިންތިހާބުގައި ވޯޓްލުން ފެށިގެން ކުރިއަށް ދަނީ.-- ފޮޓޯ: އޭޕީ
0 ކޮމެންޓް
 

ދެ އަހަރުގެ ލަސްވުމަކަށް ފަހު ކޮންގޯގެ ރިޔާސީ އިންތިހާބުގައި ވޯޓް ލަނީ

ދެ އަހަރުގެ ލަސްވުމަކަށް ފަހު އެފްރިކާގެ ދެ ވަނަ އަށް އެންމެ ބޮޑު ގައުމު، ޑީއާރު ކޮންގޯގެ ރިޔާސީ އިންތިހާބުގައި ވޯޓްލުން ފެށިގެން ކުރިއަށް އެބަދެ އެވެ.
ބޮޑެތި ދާހިލީ މައްސަލަތަކެއްގެ ތެރޭގައި އުޅޭ ގައުމުގައި ވޯޓުލުން ފެށިފައިވާ އިންތިހާބުގައި 40 މިލިޔަނަށް ވުރެ ގިނަ މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބޭއިރު، ގާތްގަނޑަކަށް 1.3 މިލިޔަން މީހުންނަށް ވޯޓް ލުމުގެ ފުރުސަތު ނެތް މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

އެގޮތުން އިންތިހާބުގެ ކުރިން ހަމަނުޖެހުންތައް ކުޑަ ކުރުމަށް ކެންޑިޑޭޓުން ގުޅިގެން ބަޔާނެއް ނެރެން ހަމަޖެހިފައި ވީނަމަވެސް، ކެންޑިޑޭޓުންނަށް އެއްގަލަކަށް ނޭރިގެން އެކަން ވެސް ވަނީ ކާމިޔާބު ނުވެފަ އެވެ.

މިއަދުގެ އިންތިހާބުގައި އެ ގައުމުގެ ރައީސް ޖޯސެފް ކަބީލާ ވާދައެއް ނުކުރައްވަ އެވެ. ކަބީލާ ވެރިކަމަށް ވަޑައިގެންނެވީ، އޭނާގެ ބައްޕާފުޅު އަވަހާރަ ކޮށްލި ހަމަލާ އަށް ފަހު 2001 ވަނަ އަހަރު އެވެ. މި ފަހަރުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ކަބީލާ އަށް ނުލިބޭ ކަމަށާއި، ގާނޫނު ހުއްދަކުރާ އެންމެ ގިނަ ދުވަހަށް އޭނާ އަށް މިހާރު ވެރިކަން ކުރެވިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކަބީލާގެ ވެރިކަން މީގެ ދެ އަހަރު ކުރިން ނިމެންޖެހުނު ނަމަވެސް، އިލެކްޝަން ފަސްކުރުމުން މިއަދާ ހަމަ އަށް ވެސް ވެރިކަމުގައި ހުންނެވީ އޭނާ އެވެ. އިލެކްޝަން ލަސްކުރީ އެ ގައުމުގެ އިލެކްޓީރަލް ކޮމިޝަނުން، ވޯޓާ ރަޖިސްޓްރީ ތައްޔާރު ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނުމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިއަދު ވޯޓުލުން ކުރިއަށްދާ އިންތިހާބު އެއްވެސް ހަމަނުޖެހުމެއް ނެތި ނިންމާލެވިއްޖެ ނަމަ، މި އިންތިހާބު ވެގެން ދާނީ 1960 ގައި ބެލްޖިއަމްގެ އަތުން އެ ގައުމުގެ މިނިވަންކަން ލިބުނު ފަހުން ސުލްހަވެރިކަމާ އެކު ނިންމާލެވޭ ފުރަތަމަ އިންތިހާބަށެވެ.
ހިޔާލު