Feb 2018: Supreme Court Amuru, Kuhli Haalathu, Fandiyaarun...!
image
ސްޕްރީމް ކޯޓް: ފެބްރުއަރީ މަހު ނެރުނު އަމުރާ އެކު ގިނަ ކަންކަން ހިނގާދިޔަ.-- ފައިލް ފޮޓޯ
0 ކޮމެންޓް
 

ފެބްރުއަރީ 2018: ސްޕްރީމް ކޯޓުގެ އަމުރު، ކުއްލި ހާލަތު، ފަނޑިޔާރުން...!

މިއަދަކީ މި އަހަރުގެ ފަހު ދުވަހެވެ. އެހެންކަމުން މި އަހަރުގައި ރާއްޖޭގައި ހިނގާދިޔަ ބައެއް މުހިންމު ކަންކަމަށް ބަލާލުން މުހިންމެވެ. އެގޮތުން މި ލިޔުމަކީ މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގައި ހިނގާދިޔަ ކަންކަމުގެ ކުރު ހުލާސާއެކެވެ. އެ ކަންކަން ހަނދާން ކުރަން ޖެހެނީ. އެ ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެ، ކުރިއަށް އޮތް އަހަރު އެ ފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ރޭވުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
މި އަހަރުގެ ފެބްރުއަރީ މަހަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑެތި، ގިނަ ކަންކަން ހިނގާދިޔަ މަހެއްގެ ގޮތުގައި ލިޔެވިގެން ދާނެ މަހެކެވެ. ސަބަބެއް ނެތި އެއް ނޫނެވެ؛ ސްޕްރީމް ކޯޓުން ނެރުނު "ވަރުގަދަ، ބޮޑު" އަމުރާއި އެކު ފެށުނު ކަންތައްތަކެވެ.

ފެބްރުއަރީ 1، 2018:

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ސްޕްރީމް ކޯޓުން ކުއްލި ގޮތަކަށް އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް އަމުރެއް ނެރުނީ އެވެ. ނަމަވެސް ސަރުކާރުން ތަފާތު ސަބަބުތައް ދައްކައި އެ އަމުރު ތަންފީޒު ނުކޮށް ފަސްކުރަމުން ދިޔަ އެވެ.

އެގޮތުން އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފު، ރައީސް ޔާމީން ގުޅުއްވުމުން ޖަވާބު ނުދެއްވާތީ، މަގާމުން ވަކި ކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުން އިއުލާނު ކުރި އެވެ. ފަހުން އަރީފް ވަނީ އޭނާ މަސައްކަތް ކުރީ ކޯޓު އަމުރު ތަންފީޒު ކުރަން ކަމަށާއި، ނަމަވެސް ރައީސް ޔާމީނު އެކަމަށް ހުރަސް އެޅުއްވީ ކަމަށް ވިދާޅުވި އެވެ.

އަރީފް ވަކިކުރުމަށް ފަހު އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް އަހުމަދު ސައުދީ އައްޔަން ކުރީ ވެސް ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ.

އެ އަމުރާ އެކު އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކަށް ނިކުމެ އުފާ ފާޅުކުރަމުން ގެންދިޔަ އެވެ. އަމުރު ނެރުނު އިރު ވެސް އެމްޑީޕީން އޭރު ސިލްސިލާކޮށް އެ ޕާޓީގެ ހަރުގޭގައި ބައްވަމުން ދިޔަ އެއްވުން ކުރިއަށް ދިޔަ އެވެ.

ފެބްރުއަރީ 3، 2018:

މުޅި ގައުމު "އެލާޓަށް" ގެނުވި އަމުރާ އެކު، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ފެބްރުއަރީ ތިން ވަނަ ސުވަހު ބާއްވަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކުރި އެވެ. އަދި ހަމަ އެ ދުވަހު، އޭގެ އެއް ދުވަސް ކުރިން އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރި އަހުމަދު ސައުދީ، ރައީސް އަށް ލިބިދޭ ބާރުގެ ދަށުން ވަކި ކުރި އެވެ.

އޭގެ އިތުރުން އެ ރޭ ޕީޕީއެމުން ޖަލްސާއެއް ބާއްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ރިޔާސީ އިންތިހާބުގައި، ދެ ވަނަ ދައުރެއް ހޯއްދެއްވުމަށް ކުރިމަތިލައްވާނެ ކަން އިއުލާނު ކުރި އެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީނު ވަނީ ސްޕްރީމް ކޯޓުން އެފަދަ އަމުރެއް ނެރޭނެ ކަމަށް ކުރިން ލަފާ ކުރެވިފައި ވެސް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެ ރޭގެ ޖަލްސާގައި ރައީސް ޔާމީނު، ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމާ ދެކޮޅެއް ނުހައްދަވަ އެވެ. އޭގެ ބަދަލުގައި ވިދާޅުވީ އެފަދަ ބޮޑު އަމުރެއް، ކުއްލިއަކަށް ނެރުމުން އެ ކަންކަން ތަންފީޒު ކުރަން ކަމާގުޅޭ އިދާރާތަކުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ޕީޕީއެމްގެ ޖަލްސާ ނިމުނުތާ އިރުކޮޅެއް ފަހުން، އެ ރޭ، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ. އަދި އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރުމަށް އެސްއޯ ފުލުހުން އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ދާ ކަމަށް އަޑު ފެތުރުމާ އެކު އެކަމާ ދެކޮޅަށް، އެ ސަރަހައްދަށް އާންމުން އެއްވި އެވެ.

ނަމަވެސް އެ ރޭ އިރު އެރައަރައިގެން ދިޔައިރު ވެސް، އަޑު ފެތުރުނު ގޮތަށް ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރެއް ނުކުރެ އެވެ.

ފެބްރުއަރީ 4، 2018:

އެޓާނީ ޖެނަރަލް މުހައްމަދު އަނިލް އާއިޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމްގެ އިތުރުން ސައުދީ ވަކިކުރުމަށް ފަހު އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރެވުނު އަބްދުﷲ ނަވާޒް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރާނެ ކަމުގެ އިޝާރާތެއް ދިނެވެ. އަދި ސަލާމަތީ ބާރުތަކުން ސަރުކާރާއި އެކު އޮތް ކަން ހާމަކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީނާމް އަހުމަދު މުހައްމަދު "އަމިއްލަ ސަބަބުތަކަށްޓަކައި" މަގާމުން އިސްތިއުފާ ދެއްވީ ފެބްރުއަރީ ހަތަރު ވަނަ ދުވަހު އެވެ.

އިދިކޮޅު މެމްބަރުން، އެޓާނީ ޖެނަރަލް އަނިލް އާއި ޕީޖީ އައިޝަތު ބިޝާމް އަދި ހޯމް މިނިސްޓަރު އަޒްލީން އަހުމަދުގެ އިތުރުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދީ ވެސް ހަމަ އެ ދުވަހު އެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރުމުން ކަމަށް ބުނެ އެވެ.

ފެބްރުއަރީ 5، 2018:

ކްރިމިނަލް ކޯޓުން، އޭރު ޖަލުގައި ހުންނެވި ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ވަގުތުން ދޫކޮށްލަން އަމުރު ކުރިއެވެ.

ހަމަ އެ ދުވަހު ރައީސް ޔާމީން، 15 ދުވަހުގެ މުއްދަތަށް ކުއްލި ހާލަތު އިއުލާނު ކުރެއްވި އެވެ. އަދި އެ މުއްދަތުގައި ގާނޫނުތަކުން ލިބިދޭ 20 ހައްގެއް ހިފެހެއްޓުނެވެ. އޭގެ ތެރޭގައި ފަނޑިޔާރުންގެ ގާނޫނުގެ ބައެއް ބައިތައް ވެސް ހިމެނުނެވެ.

ކުއްލި ހާލަތު އިއުލާނު ކުރުމާ އެކު، ސަލާމަތީ ބާރުތަކުން ސްޕްރީމް ކޯޓު "ވަށައިލި" އެވެ. އަދި ސްޕްރީމް ކޯޓުގެ ގޭޓް، ގަދަކަމުން ހުޅުވަން އެމްއެންޑީއެފުން މަސައްކަތް ކުރި އެވެ.

ސްޕްރީމް ކޯޓު ކައިރީގައި ސަލާމަތީ ބާރުތަކުން ހަރަކާތެރިވަމުން ދިޔަ އިރު، ރައީސް މައުމޫން ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ، އެ މަނިކުފާނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމް ހައްޔަރު ކޮށްގެން ގެންދިޔަ އެވެ.

ފެބްރުއަރީ 6، 2018:

އަދިވެސް ސްޕްރީމް ކޯޓު ސަރަހައްދު އޮތީ "ވަށާލާފައި" ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގަ އެވެ. މީޑިއާ އަށް ވެސް އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި އޮތުމަށް ފަހު، ފެބްރުއަރީ ހަ ވަނަ ދުވަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީހު ހައްޔަރު ކުރި އެވެ.

ސަލާމަތީ ބާރުތަކުން ސްޕްރީމް ކޯޓަށް ވަނީ އެ ތަނުގެ ފުރާޅުން ޓިނު ނަގައިގެން ކަމަށް މިއަދާ ހަމަ އަށް ވެސް ވާހަކަ ދެކެވެ އެވެ. އަނެއްބަޔަކު ބުނާގޮތުން ސިފައިން ސްޕްރީމް ކޯޓަށް ވަނީ ފުރާޅަށް އެރުމަށް ފަހު، ކުޑަދޮރެއް ތަޅާލައިގެންނެވެ.

ފަހުން އެނގުނު ގޮތުގައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑުޔާރު އަލީ ހަމީދު ހައްޔަރު ކޮށްގެން ގެންދިޔައީ، ސްޕްރީމް ކޯޓުގެ "ތަޅުންގަނޑު މަތީގައި ދަމާފައި" އެވެ. އެކަން ހާމަވީ، ކޯޓަށް ހާޒިރު ކުރުމުން އެ ބޭފުޅުން ދެއްކެވި ވާހަކަތަކުންނެވެ.

ކުއްލި ހާލަތު އިއުލާނުކޮށް ހިފެހެއްޓި ހައްގުތަކަށް ބަދަލު ގެނެސް، އިތުރުހައްގުތަކެއް ހިފެހެއްޓީ ވެސް ފެބްރުއަރީ ހަ ވަނަ ދުވަހު އެވެ. ކުރިން ހިފެހެއްޓި ހައްގުތަކުގެ އިތުރުން އެ ދުވަހު ވަނީ، ހަނުހުރުމުގެ ހައްގު އަދި ހައްޔަރު ކުރާތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ބުނާ ހައްގު ހިފަހައްޓާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމްގެ ދަރިކަލުން އަދި ވިލާ ކުންފުނީގެ އެމްޑީ އިބްރާހިމް ސިޔާދު ގާސިމް ހައްޔަރު ކުރީ ވެސް ފެބްރުއަރީ ހަ ވަނަ ދުވަހު އެވެ.

އެހެނިހެން ކަންކަން:

ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ގިނަ ކަންތައްތަކެއް ހިނގާފަ އެވެ. އެގޮތުން ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ސަރުކާރަށް ބޭރުގެ އެތައް ގައުމަކުން ޕްރެޝަރު ކުރަމުން ދިޔަ އެވެ. އަދި އޭގެ އިތުރުން، ކުއްލި ހާލަތުގެ މުއްދަތު އިތުރު ކުރުން ފަދަ ކަންކަން ވެސް ހިނގާދިޔަ އެވެ.

ރައީސް މުހައްމަދު ނަޝީދު އިންޑިއާ އިން ރާއްޖެ އަށް އިންޓަވީން ކުރަން ގޮވާލުމާ އެކު ފާޑުކިޔުން އަމާޒުވީ އިރު، ޓައިމްސް އޮފް އިންޑިއާގައި އެ ގައުމުގެ އަސްކަރިއްޔާ އިން ކުރު ނޯޓިސްއެއްގެ ތެރޭގައި ރާއްޖޭގައި އޮޕަރޭޝަނެއް ހިންގޭ ވަރަށް "ސްޓޭންޑް ބައި"ގަ ތިބި ކަމަށް ރިޕޯޓް ވެސް ކުރީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

މީގެ އިތުރުން ވެސް ފެބްރުއަރީ މަހު އެތައް ކަމެއް ހިނގި އެވެ. އަދި އޭގެ ފަހުން ވެސް ޖެހިގެން އަދި މަސްތަކުގައި އެތައް ކަންތައްތަކެއް ހިނގައިގެން ދިޔަ އެވެ.
ހިޔާލު