Mifco: Gandukuri mas beyrukurun huhtaalai, dhalhu mahah badhaluvanee
image
އަމްރު "ސީއެންއެމް" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

މިފްކޯ: ގަނޑުކުރި މަސް ބޭރުކުރުން ހުއްޓާލައި، ދަޅު މަހަށް ބަދަލުވަނީ

ބޮޑު ގެއްލުމެއްގެ ތެރޭގައި އޮތް ދައުލަތުގެ މަސް ކުންފުނިން ގަނޑު ކުރި މަސް ބޭރުކުރުން ހުއްޓާލުމަށް ފަހު، އެ ކުންފުންޏަށް ކިރާ ހުރިހާ މަހެއް ދަޅުގައި ބަންދު ކުރެވިގެން ރާއްޖޭން ބޭރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
މިފްކޯގެ މައި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު "ސީއެންއެމް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، މިހާރު މިފްކޯ އިން ރާއްޖޭން ބޭރަށް މަސް ބޭރު ކުރާއިރު ބޮޑު ބައެއް ބޭރުކުރަނީ ގަނޑު ކުރި މަހުގެ ގޮތުގައި ކަމަށެވެ.

"ބޮޑު ބައެއް ގަނޑުކޮށްގެން [ރާއްޖޭން ބޭރަށް] ވިއްކާއިރުގަ މަސްވެރިންގެ އަތުން ގަންނަ އަގަށް ވުރެ އަގު ހެޔޮކޮށް ބޭރު މި ކުރަނީ. ދެން އެހެންވީމާ ކުންފުންޏެއް ނުހިނގާނެތާ. މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވެސް ނުދެވި ތާށި ވަނީ ހަމަ އެހެންވެ،" އަމްރު ވިދާޅުވި އެވެ.

ދައުލަތުގެ މަސް ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ޕްލޭން ކޮށްފައިވަނީ އެ ކުންފުންޏަށް ކިރާ ހުރިހާ މަހެއް ދަޅުގަނޑު ބަންދު ކުރެވިގެން ބޭރުކުރުން ކަމަށް އަމްރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭރުން އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުވެގެން ދާނެ ކަމަށެވެ. އަދި މިފްކޯ އަށް އެ ބޮޑު ބަދަލު، ކުރިއަށް އޮތް 10 ވަރަކަށް މަސް ތެރޭގައި ގެނެވޭތޯ ބަލަމުން އަންނަ ކަމަށް އަމްރު ވިދާޅުވި އެވެ.

"އަނެއް ކަމަކީ [ދަޅު މަސް] ބޭރުކުރާއިރު، ޔޫރަޕަށް ދަޅު ބޭރުކުރާއިރު މިހާރު އެބައިން ޑިއުޓީ އެއް ނަގަން. އެ ޑިއުޓީ، އަޅުގަނޑުމެން ވާހަކަ ދައްކައިގެން ކަނޑާލެވޭތޯ ބެލުން. އެއީ އެކޮޅަށް [ޔޫރަޕަށް] އިމްޕޯޓް ކުރީމަ ނަގާ ޑިއުޓީ އެއް. އޭރުން އަދި އަޅުގަނޑުމެންނަށް ދަޅުން އަދި މާ ރަނގަޅު އަގެއް ލިބޭނެ،" އަމްރު ވިދާޅުވި އެވެ.

މިފްކޯ އިން ގަންނަ މަސްތައް ދަޅުގައި ބަންދު ކޮށްގެން ބޭރު ކުރަން ފެށުމަށް، ފެލިވަރުގައި ހުރި ޕްރޮސެސިން ޕްލާންޓް ދެ ގުނަ އަށް ބޮޑުކުރަން ޕްލޭން ކުރަމުން އަންނަ ކަމަށް އަމްރު ވިދާޅުވި އެވެ. އަދި އެއީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި، އާ އަހަރު ފެށިގެން އަންނަ އިރު އެ އިންވެސްޓްމަންޓް ހަމަޖެހިގެން ދާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

"ކުޑައެއް ނޫން އެ އިންވެސްޓްމަންޓް، އެކަމަކު ރިކަވާ ކުރެވޭ ވަރުގެ އެއްޗެއް. އިންވެސްޓްމަންޓެކޭ މިހެން ދެންނެވި ނަމަވެސް އޭގަ ސީދާ އަދަދެއް އަޅުގަނޑު ނުދަންނަވަނީ އެއީ އޭގަ އެބަހުރި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރަންޖެހޭ އިންވެސްޓްމަންޓް،" އަމްރު ވިދާޅުވި އެވެ.

އެގޮތުން އެކަމަށް ކުރެވޭ މަސައްކަތުގެ ނުސީދާ އިންވެސްޓްމަންޓުތަކުގެ ތެރޭގައި، އެ ކަން ކުރެވެންދެން މަސްވެރިންގެ އަތުން ގަންނަ މަސް ގަނޑުކޮށްގެން ބޭރުކުރާއިރު ލިބޭ ގެއްލުން ފޫބެއްދުމަށް ބޭނުންވާ ފައިސާ ހިމެނޭނެ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ. އޭގެ އިތުރުން ފެލިވަރުގެ ޕްލާންޓާއި އެހެނިހެން ފެސިލިޓީތަކުގެ އިތުރުން އިތުރު މުވައްޒަފުން ނެގުމާއި، އެކޮމޮޑޭޝަން ބްލޮކްތައް ހަދަން ޖެހޭ ކަމަށް އަމްރު ވިދާޅުވި އެވެ.

"ކުންފުނި ހިންގުމުގަ ވެސް އެބަހުރި އަޅުގަނޑުމެންނަށް ހަރަދު ކުޑަ ކުރެވޭނެ ބައިވަރު ކަންތައް. ހަމަ ކޮންމެ ޕްރޮސެސް އެއްގަ ވެސް؛ މަސް ކިރުމަށް ފަހު، މަސް ދަޅުގަ ބޭރުވެހެން ބަންދުވާ ހިސާބަށް ނޫނީ ގަނޑުކޮށްގެން ބޭރުވާ ހިސާބަށް އެ ދޭތެރޭގަ އެބަދޭ ގާތްގަނޑަކަށް 10 ވަރަކަށް ޕްރޮސެސް. އެ ކޮންމެ ޕްރޮސެސްއެއްގެ ތެރޭގައި ވެސް އެބަހުރި ހަރަދު ކުޑަކުރެވޭނެ ބައިވަރު ކަންކަން،" އަމްރު ވިދާޅުވި އެވެ.

ނިމި ދިޔަ ސަރުކާރުގައި އެތައް ސަތޭކަ މިލިޔަނެއްގެ ރުފިޔާ ދީފައިވާ މިފްކޯ ހިންގުމުގައި މިހާރުން މިހާރަށް ވެސް، 5-7 ޕަސެންޓާ ދެމެދުގެ ހަރަދުތައް ކުޑަ ކުރެވެން އެބައޮތް ކަމަށާއި، މި ފެށޭ ޖެނުއަރީ މަހުގެ ތެރޭގައި އެ ކަންކަން ކުރައްވާނެ ކަމަށް އަމްރު ވިދާޅުވި އެވެ.

އޭގެ އިތުރުން އާ ސަރުކާރުން ވެސް އެ ތައް މިލިޔަން ރުފިޔާ އެއް ދީފައިވާ ކުންފުނީގެ ހަރަދުތައް 15-20 ޕަސެންޓާ ދެމެދަށް ކުޑަ ކުރެވޭނެ ކަމަށާއި، އެ ކަންކަން ވެސް ވަރަށް އަވަހަށް ކުރިއަށް ދާނެ ކަމަށް އަމްރު ވިދާޅުވި އެވެ.

މިފްކޯ ފުބަނގުރޫޓުވުމުން ސަރުކާރުން އެ ކުންފުނީގެ ހުރިހާ ދަރަންޏެއް އަދާކުރުމަށް ފަހު، އެސްޓީއޯގެ ދަށަށް ކުރީގެ ސަރުކާރުން އެ ކުންފުނި ބަދަލު ކުރީ 2016 ވަނަ އަހަރެވެ. ނަމަވެސް އަނެއްކާ ވެސް އެ ސަރުކާރު ނިމި އާ ސަރުކާރާ ހަވާލުވި އިރު އެ ކުންފުނި އޮތީ ކުރީގެ ހާލަތަށް ވެއްޓި، އެތައް މިލިޔަން ރުފިޔާ އަކުން ދަރަނިވެރި ވެފަ އެވެ.
ހިޔާލު