Raees Yameen ge ''Baarugadha'' Verikan Nimun: Iburai Haasil Kurey!
image
ރައީސް ޔާމީން މަޖިލީހުގައި.-- ފައިލް ފޮޓޯ
2 ކޮމެންޓް
 

2018: ރައީސް ޔާމީނުގެ "ބާރުގަދަ" ވެރިކަން ނިމުން، އިބްރަތް ހާސިލް ކުރޭ!

ރާއްޖޭގެ ސުލްހަވެރި މާހައުލު، ބިރުވެރި ކޮށްލި ވެރިކަމެކެވެ. އިދިކޮޅަށް އެއްޗެއް ބުނެފި ނަމަ ވަޒީފާ އިން ވަކިކޮށްލައި، އެތައް ބަޔަކު ބިކަ ކޮށްލި އެވެ. އިދިކޮޅު ހުރިހާ ލީޑަރުން ހައްޔަރު ކުރި އެވެ. މިނިވަން މުވައްސަސާލަތުގެ ބާރު ކަނޑުވާލާ، އެ ތަންތަން "ނިންދަވާލި" އެވެ.
ތިން ބާރު ވަކިވެފައިވާ ދައުލަތުގެ އަނެއް ދެ ބާރުގެ "ކޮންޓްރޯލް" ވެސް ހޯއްދެވި އެވެ. ސަރުކާރުން ބޭނުންވާ ގޮތްތަކަށް، ބޭނުންވާ އިރަކު، އެ ބޭނުންވާ ބޭނުމަކަށް، ހެޔޮވަރުވާނެ ގޮތަކަށް ގާނޫނުތައް "ކޮށާ ކުދިކޮށްލީ" އެވެ. ސަރުކާރުން ބޭނުންވާ އިރަކު ގާނޫނު ހެދުމުގެ ބާރު ކަމުގައިވާ މަޖިލީހުގެ ޖަލްސާތައް ބާއްވައި އެ ތަނުގެ ތެރޭގައި ވެސް އެތައް "ހަޑިއެއް ހޭވީ" އެވެ.

ކޯޓުތައް ވެސް ސަރުކާރުގެ "ބާރުގެ ދަށަށް" ގެންދެވީ އެވެ. ސަރުކާރުން ބޭނުންވާ ގޮތަކަށް ހުކުމްތައް ނެރޭ ތަނަކަށް އެ ތަންތަން ބަދަލު ކޮށްލުމުގެ ތުހުމަތު ކުރެވެން ފެށި އެވެ. އެންމެ ފަހުން ފެނިގެން ދިޔައީ އެންމެ މަތީ ކޯޓުން ނެރުނު އަމުރަކާ އެކު އެ ކޯޓު ގޯސްވެ، ކޯޓުގައި އިންނަވަނިކޮށް އުއްތަމަ ފަނޑިޔާރާއި، އިތުރު އެހެން ފަނޑިޔާރަކު ކޯޓުގެ "ތަޅުންގަނޑު މަތީގައި ދަމާފައި" ގެންގޮސް ޖަލަށްލާ، ހައްޔަރު ކުރި މަންޒަރެވެ.

އެވަރުން ހުއްޓާލެއްވީއެއް ނޫނެވެ، ސަރުކާރާ ކިރިޔާ ވެސް ދެކޮޅު އެއްޗެއް މީޑިއާ އަށް ތިލަކޮށްލައިފި ނަމަ އެ މީޑިއާ އެއްގެ "ދުވަސް ދުއްވާލަ" އެވެ. ނުވަތަ އެތައް މިލިޔަން ރުފިޔާ އަކުން އެ ތަނެއް ޖޫރިމަނާކޮށް، ބަނގުރޫޓު ކޮށްލަން މަސައްކަތް ކުރި އެވެ. އަދި ބައެއް މީޑިއާ ތަކަށް ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި އަދަދުތަކުން އިސްތިހާރު ދީގެން، ސަރުކާރުގެ ނުފޫޒު އެ ތަންތަނުގައި ފަތުރަން މަސައްކަތް ވެސް ކުރި އެވެ.

އެ ހުރިހާ ކަމެއްގެ މަތިން ރައްޔިތުން ހަނދާން ނައްތާލުމަށް ދެއްކީ، ތަރައްގީގެ ބިޔަ މަޝްރޫއު ތަކެކެވެ. ނަމަވެސް، ޗައިނާ އިން ބޮޑެތި ލޯނުތަކެއް ނަގައިގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުތަކުގެ ފަހަތުގައި ވެސް އޮތީ ކޮރަޕްޝަނާއި، ވައްކަމުގެ ވާހަކަތަކެވެ.

މަތީގައި އެ ވަނީ، ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވި، ކުރީގެ "ބާރުގަދަ" ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ކުޑަ މިންވަރެއްގެ ވާހަކަ އެވެ.

ސަރުކާރުގެ މުވައްޒަފުންނާއި، ކުންފުނިތަކުގެ ވަސީލަތްތައް ބޭނުން ކޮށްގެން ފާޅުގައި ކެމްޕޭން ކުރެއްވި އެވެ. ނަމަވެސް އާހިރުގައި ކަން ހިނގީ ރައީސް ޔާމީނު ބޭނުންފުޅުވި މަގުންނެއް ނޫނެވެ. ރައްޔިތުން ނިކުމެ އެ މަނިކުފާނަށް ނޫނެކޭ ބުނީ އެވެ.

އެތައް ހިސާބެއް ޖައްސަވައި، "ސައިޒް ދައްކާލަން" ބޭއްވި ބޮޑު ޖަލްސާ ވެސް ވީ ބޭކާރެވެ. އަދި ދިވެހި ތާރީހުގައި އެ މަނިކުފާނު ފާހަގަ ކުރެވިގެން ދާނީ، ހުރިހާ ބާރަކާ އެކު ރާއްޖޭގެ ޅަ ޑިމޮކްރަޓިކް ނިޒާމު "ފުނޑާލުމަށް" މަސައްކަތް ކުރެއްވި ހަރުކަށި ވެރިއެއްގެ ގޮތުގަ އެވެ.

ދިވެހި ގިނަ ރައްޔިތުން ނިކުމެ، ރައީސް ޔާމީނަށް ނޫނެކޭ ބުނުމުން ވަރަށް ގިނަ ކަންތައްތަކެއް ދޭހަވެ އެވެ. އެ މަނިކުފާނަށް ރައްޔިތުން ދަސް ނުވި ކަމަށް ފަހުން އަމިއްލަ ފުޅަށް ވިދާޅުވީ ވެސް އެ ސަބަބާ ހުރެ ކަމަށް ވެދާނެ އެވެ.

އެގޮތުން ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ސާބިތު ކޮށްދިނީ ދިވެހިން ބޭނުންވަނީ ހަމައެކަނި "ކޮންކްރީޓް ތަރައްގީ" ނޫން ކަމެވެ. ހިޔާނާތާ ދެކޮޅު ކަމެވެ. ފެނިގެން ދިޔައީ އަނިޔާވެރި ކަމަށް ނޫނެކޭ ބުނި މަންޒަރެވެ. ހާމަކޮށްދިނީ ހަރުކަށި ކަމަށް ދެކޮޅު ކަމެވެ.

މިއީ ކުރިއަށް އޮތް ތަނުގައި ވެރިކަން ކުރައްވާނެ ވެރިންނަށް އެތައް އިބްރަތަކާއި، ފިލާވަޅުތަކެއް ލިބިގެންދާނެ ކަންކަމެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާ އިން، ދިވެހިންނަކީ އަބަދު ވެސް ނާޖާއިޒް ބާރުގެ މައްޗަށް ގަދަކޮށް، އުންމީދު ގެނުވާ ބައެއްކަން، އިތުރަށް ސާބިތު ކޮށްދީފި އެވެ.
ހިޔާލު

އަންނި

ބަލަ ކީއްވެތަ ގަންޖާބޯ ވެރިކަމުގެ 3 އަހަރު ދައުލަތުގެ ހަޒާނާ ދަވާލި ވާހަކަ ނުލިޔަނީ؟ އެ ނުވޭތަ ވައްކަމަކަށް؟ ކޮބާ ޖީ.އެމް.އާރަށް އެއާޕޯރޓު ވިއްކާފަ ކައްވާލި މިލިއަން ޑޮލަރުތަށް،؟ ކޮބައިތަ ލާދިނިއްޔަތު ފަތުރަން، ފައްޅި އަޅާ ދޭނަމޭ ކިޔާ ކުރިސްޓިއަން ޖަމާއަތްތަކުގެ އަތުން ހޯދި ޑޮލަރު ތަކުގެ ބަދަލުގައި ރައްޔިތުންގެ ހަޒާނާއިން އެނީހުނަށް ދިން ފައިސާތައް.ކޮބާތަ އޭރު ވަޒީރުންނަށް ތިބި ގަންޖާބޯގެ ގާތް މީހުނަށް ބަޙާލި މިލިއަން ޑޮލަރުތައް؟ ކޮބާ މެންބަރުން ގަންނަށް ދައުލަތުގެ ހަޒާނާއިން ކައްވާލި ލާރިތައް؟ މިހެން ގޮސް ބައިވަރު. ސިވިލް ސާވަންޓުންނަށް މުސާރަ ދޭނެ ފައިސާ ދައުލަތުގެ ހަޒާނާގެ ނެތި ހުސްވި ވާހަކަ. މާ ތާހިރުވާނެ އެވާހަަކަތައް ވެސް ލިޔުނިއްޔާ.ގުދޯ ގުދޯ ނުގޮވާ

ލޫތު

ޙުސް ބަހަނާ، ޔާމީންގެ ވެރިކަމުގައި ގޮންޖަހާ ސަރުކާރާ ދެކޮޅަށް އަޅުގަޑު ވޯޓް ދިނިން، މިހާރު އަދި ކިރިޔާ މި އެގެނީ ޔާމީން ސިޔާސީގޮތުން އެއްވެސް ގޯސް ފިޔަވަޅެއް ސިޔާސީ މީހުނަށް ނާޅާކަން، އަޅާފައިވާ ފިޔަވަޅުތަކަކީ ހަމަ ކުއްކޮއްގެން އަޅާފައިވާ ފިޔަވަޅުތަޢް