State Ministerakaai, Deputy Attorney ge Magaamah Beyfulhun Ayyah Kohfi
image
މިއަދު މަގާމަށް އައްޔަން ކުރެއްވި ބޭފުޅުންނާ ރައީސް ބައްދަލު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ސްޓޭޓް މިނިސްޓަރު ކަމަށާއި، ޑެޕިއުޓީ އެޓާނީގެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، މިނިސްޓަ އޮފް ސްޓޭޓްގެ މަގާމާއި، ޑެޕިއުޓީ އެޓާނީގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
އެގޮތުން މިއަދު ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ މ. ޖަވާހިރުވާދީ އިފްހާމް ހުސައިނެވެ. އޭނާ އައްޔަން ކުރެއްވީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

ރައީސް އޮފީހުން ބުނީ އިފްހާމަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދާން ކުއީންސްލަންޑުން މާސްޓާސް އޮފް އެޑިއުކޭޝަން އާއި ބެޗެލާސް ޑިގްރީ އިން އާލީ ޗައިލްޑްހުޑް ހާސިލު ކުރައްވާފައިވާ ކަމަށެވެ. އަދި 2015 ވަނަ އަހަރު ދުބާއީ ގައި ދޭ، އިންޓަނޭޝަނަލް އެވޯޑް، ޕްރިންސަސް ހަޔާ ފޯ ސްޕެޝަލް އެޑިއުކޭޝަން ވެސް އޭނާ އަށް ލިބިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އޭގެ އިތުރުން އަދި، 2016 ވަނަ އަހަރު މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީގެ ފަރާތުން ދެއްވި ޑިސެބިލިޓީ އެވޯޑް އިފްހާމަށް ލިބުނެވެ. އަދި މުޖުތަމައުގައި އަންހެނުން ކުރިއެރުވުގެ ރޮނގުން ދެއްވާ ރެހެންދި އެވޯޑް ވެސް 2017 ވަނަ އަހަރު އިފްހާމަށް ލިބުނެވެ.

ސްޓޭޓް މިނިސްޓަރު ކަމަށް ހަވާލުވުމުގެ ކުރިން، އިފްހާމް ހުންނެވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގަ އެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް ޢައްޔަން ކުރައްވާފައި ވަނީ މ. ނިޔަދުރުމާގެ ޚަދީޖާ ޝަބީނެވެ. އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ޚަދީޖާ ވަނީ ސިންގަޕޫރުގެ ނެޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯ އިން މާސްޓާސް އޮފް ލޯސް ހާސިލުކުރައްވައި އަދި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަނުން ބެޗެލާ އޮފް ލޯސް ވިތު އޮނާސް ހާސިލުކުރައްވާފަ އެވެ.

ގާނޫނީ ދާއިރާގައި މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ޚަދީޖާ މީގެ ކުރިން ވަޒީފާ އަދާކުރެއްވި ތަންތަނުގެ ތެރޭގައި ރައީސް އޮފީހާއި، އެޓާނީ ޖެނެރަލްގެ އޮފީހުގެ އިތުރުން އަމިއްލަ ލޯ ފާމް ތަކުގައި ވެސް ގާނޫނީ ދާއިރާއިން މަސައްކަތް ކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ދެ ބޭފުޅުން މަގާމަށް އައްޔަނު ކުރައްވާފައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ހިޔާލު